By: Maaidha Mohamed Rashad
ދ. ހުޅުދެލީ ސްކޫލުގެ ބެލެނިވެރިންގެ ދުވަހު ބިދޭސީ ދެ ޓީޗަރަކު ދިވެހި ބަހުން މަދަހައެއް ކިޔާ ވީޑިއޯއަކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ދިވެހި ބަހަށް އެހާ ފަރިތަވެފައި އަދި ކިޔާލެއް ވެސް ހިތްގައިމީ އެވެ. އެކަމަކުމި ދެ ޓީޗަރުން ކުރެ އެކަކީ ވެސް ދިވެހި ބަހުން ވާހަކަ ދައްކަން ފަރި މީހެއް ނޫނެވެ.
އެކަމަކު އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ 30 އަހަރުގެ އަބްދުލްރަޒަކް އާއި 31 އަހަރުގެ ޝަރޮން ޖޯސްގެ މަދަހައިން ދިވެހިންގެ ހިތްތަކާ ކުޅެލައިފި އެވެ.
ހުޅުދެލީ ސްކޫލުގައި އިނގިރޭސި ބަސް ކިޔަވައިދެމުން އަންނަ ރަޒަކް އަދި އެކައުންޓް ޓީޗަރެއްގެ ގޮތޮގައި މަސައްކަތްކުރާ ޝަރޮން "ދޯ" އަށް ބުނީ އެމީހުންގެ މަދަހައަށް މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ހިތަށް ވެސް ނާރާ ކަމަށެވެ.
ރަޒަކް ރާއްޖެ އައީ 2019 ގައި ތ. ހިރިލަންދޫ ސްކޫލުގައި މަސައްކަތްކުރާށެވެ. އެކަމަކު މާ ގިނަ އަހަރުތަކެއް ނުވެ އޭނާ ހުޅުދެލީ ސްކޫލަށް އެޑިއުކޭޝަނުން ބަދަލުކުރީ އެވެ. އޭރުއްސުރެ އެތަނުގައި އިނގިރޭސި ޓީޗަރަކަށް އުޅެމުން އަންނައިރު އަލަށް ރާއްޖެ އައި ގޮތަށް ވެސް ޝަރޮން މަސައްކަތް ކުރަން ފެށީ ހުޅުދެލީގަ އެވެ.
ރަޒަކް.
މާ ބޮޑަށް ދިވެހި ނޭނގުނަސް ރަށު ސްކޫލުގެ ބެލެނިވެރިންގެ ދުވަހުގެ ޖަލްސާގައި ލަވައެއް ކިޔަންވާނެ ކަމަށް ބުނުމުން އެކަމަށް ރަޒަކް އެއްބަސްވީ އެވެ.
އޭނާ ބުނި ގޮތުގައި ސްޓޭޖުގައި ހުށަހަޅައިދިން "ފުރާނައިގެ ސިއްރެއް އިނގޭހޭ" މަދަހައަކީ ކުރިން އޭނާ މަސައްކަތްކުރި ސްކޫލުގައި ގްރޫޕު ހުށަހެޅުމެއްގެ ގޮތުގައި 2020 ގައި އޭނާ ވެސް ބައިވެރިވެގެން ހުށަހެޅި މަދަހައެއް ކަމަށެވެ. އެހެންވެ، އެ ހުށަހެޅުން ދެ މީހުންގެ އަޑުން ގެނެސްދޭން އެމީހުން ބޭނުންވީ އެވެ.
"އަހަރެން ބޮލަށް ފުރަތަމަ ވެސް އައީ ކުރިން އުޅުނު ސްކޫލުގައި ގްރޫޕު އައިޓަމެއްގެ ގޮތުގައި ހުށަހެޅި މަދަހަ. އެ މަދަހަ ކުޑަކޮށް އެނގޭތީ އެކަމަށް އެއްބަސްވެފައި ޝަރޮން އަހަންނާ އެކީގައި ކިޔާ ގޮތަށް ހަމަޖެއްސީ،"
ރަޒަކް ބުނީ އެ ހަރަކާތަށް ތައްޔާރުވުމުގެ ކުރިން މަދަހައިގެ ރާގު ބޮލަށް ވަންނަންދެން އޭނާ އޭގެ އަޑު އެެހީ ކަމަށެވެ. އޭގެ ފަހުން އެ މީހުންނަށް އެ ކިޔޭނެ ގޮތަކަށް ލިރިކްސް އިނގިރޭސި ބަހުން ލިޔުނީ އެވެ.
"ލޯކަލް ޓީޗަރުންގެ ވެސް އެހީގައި ލިރިކްސް ލިޔުނީ. ލިރިކްސް ނުބައިކޮށް އިނިއްޔާ އެމީހުން ބުނާނެ މިހެން ޕްރޮނައުންސް ކޮށްގެންނޭ އޭގެ އަޑު އަންނާނީ. ދެން އެގޮތަށް ބަދަލުކޮށްގެންނާއި ދަރިވަރުންގެ ފަރާތުން ވެސް އެހީތެރިކަން ލިބުނު،" ރަޒަކް ބުންޏެވެ.
ރަޒަކް ބުނި ގޮތުގައި އެމީހުންނަށް އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވީ ދިވެހި ބަސް ފަރިތަކޮށް ނޭނގުމާއި ބަސްތައް ރަނގަޅަށް ޕްރޮނައުންސް ކުރާނެ ގޮތް ނޭނގުމެވެ.
ޝަރޮންއަކީ ޔުނިވާސިޓީ ދައުރުގައި އެކި ސްޓޭޖުތަކުގައި މަލަޔާލަމް ބަހުން ލަވަ ކިޔާފައި ހުރި މީހަކަށް ވިޔަސް އޭނާއަށް ވެސް އެންމެ ބޮޑު ގޮންޖެހުމަށްވީ ދިވެހި ބަސް ނޭނގުމެވެ. ބަހެއް ޕްރޮނައުންސް ކުރެވޭ ގޮތެއް ގޯސްވެ ނުބައި މާނައެއް ނެގޭ ކަހަލަ ބަހެއް ބުނެވިދާނެތީ އޭނާ ހުރީ ބިރުންނެވެ.
ޝަރޮން.
"އޭނާ [ރަޒަކް] ވަރަށް ބޮޑަށް ކިޔައިދިން ކިހިނެއްކަން ގެންގުޅޭނީ ރާގާ އެއްޗެހި. އަހަރެން ސްޓޭޖުގައި ވެސް ހުރީ ނުބައިކޮށް އެއްޗެއް ކިއިގެން މީހުން ހޭން ފަށާފަނެތީ ބިރުން،" ދިވެހި ބަހުން ފުރަތަމަ ފަހަރަށް ލަވައެއްކި ޝަރޮން ބުންޏެވެ.
އެކަމަކު އެކަމަށް ތައްޔާރުވާން ނެގީ ދެތިން ދުވަހެވެ. ޕްރެކްސްޓިސްތަކަށް ފަހު ބޮޑު އޯޑިއަންސަކާ އެ މީހުން ކުރިމަތިލައިގެން ތިބީ ވަރަށް ކެރިގެންނެވެ.
ޝަރޮން ބުނީ އެމީހުން ހުށަހެޅި މަދަހައަކީ ވެސް ވަރަށް މާނަ ފުން މަދަހެއް ކަމަށާއި މީހާ މަރުވުމާއި އޭގެ ފަހުގައިވާ ކަންކަމުގެ ވާހަކަތައް އޮރިޖިނަލް ހުށަހެޅުމުގައި ގެނެސްދީފައި އޮތީ ވަރަށް ފުރިހަމަައަށް ކަމަށެވެ. އެހެންވެ، އެހާ އަސަރާ އެކު އެގޮތަށް ގެނެސްދޭން ބޭނުންވީ އެވެ.
ހުޅުދެލީ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުރާސްފަތި ދުވަހު މަދަހަ އާންމުކުރުމާ އެކު 50،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. އެތައް ބައިވަރު ކޮމެންޓަކާ އެކު ތައުުރީފް ވަނީ އޮއްސާލައިފަ އެވެ.
ލަވައިގެ ބައިތައް ޓިކްޓޮކްގައި ވެސް ވަނީ ވައިރަލް ވެފަ އެވެ.
ލަވަކިޔަން ޝަރޮން ހުރީ އަބާޔާ އަކާއި ޝޯލްއެއް އަޅައިގެންނެވެ. އެއީ އޭނާ ބުނި ގޮތުގައި މަދަހައެއް ކިޔަން ހުންނަން ޖެހެ އެންމެ ފުރިހަމަ ގޮތަށް، ރަށުގެ އެކުވެރި ދިވެހި ޓީޗަރުން އޭނާ ތައްޔާރުކޮށްދިން ގޮތެވެ.
މަދަހައަށް ފަހު ސްޓޭޖުން ފޭބުމާ އެކު ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބުނީ އެ މީހުން ހީނުކުރާ ވަރުގެ ތަރުހީބެކެވެ. ހުށަހެޅުމަށް ޝަރޮން އަރާ ހުރި ގޮތާއި އެ މީހުންގެ އަޑާއި ރާގު ގެންގުޅުނު ގޮތުގެ ފުރިހަމަކަމުން އެ ވާހަކަ އެވެ. އެހެން ޓީޗަރުންގެ ފަރާތުން ލިބުނު ތަރުހީބުގެ ބަސްތަކުން އެމީހުންނަށް ދިވެހި ދަސްކުރަން އިތުރު ހިތްވަރެއް ލިބިއްޖެ އެވެ.
ދިވެހިންގެ ފަރާތުން އެމީހުން ހީނުކުރާ ވަރުގެ ތަރުހީބަކާއި ލޯތްބެއް ލިބުމުން ތިބީ ވަރަށް އުފަލުންނެވެ.
"އަހަަރެމެން ހިތަކަށް ނާރާ މިހާ ވައިރަލްވާނެއޭ. މިހާ މީހުންގެ ލޯތްބާއި ތަރުހީބު ލިބޭނެއޭ. ވަރަށް އުފާވެއްޖެ." ދެ މީހުން ވެސް ބުންޏެވެ.