1 Oct 2025

ކޮފީއަކީ ކަޅު ކޮފީ!

By: Asima Nizar

މިއަދު ފާހަގަކުރާ ދުނިޔޭގެ ކޮފީ ދުވަހު ކޮށްލަން ރަނގަޅު ބަހުސެކެވެ؛ އަސްލު ކޮފީ އަކީ ކަޅު ކޮފީ އެވެ. އެޔަށް ކިރު އަޅާ ހިސާބުން އެއީ ކޮފީއެއް ނޫނެވެ.

އެކަމަކު އަނެއް ބަޔަކަށް ކަޅު ކޮފީއެއް ނުބޮވެ އެވެ. ކިރު އަޅައިގެން ނޫނީ ދިރޭ ކަމަކަށް ނުވެ އެވެ.

ކޮފީން ލިބޭ ފައިދާތަކުގެ ވާހަކަ ދައްކާއިރު ވެސް ހުސް ކަޅު ކޮފީ އަކީ އެންމެ މޮޅު ކޮފީކަން އެނގެ އެވެ. ހަކުރެއް، ކިރެއް ނާޅަ އެވެ. އެހެންވެ ކޮފީގެ ފައިދާގެ ވާހަކަ ދައްކާއިރު ވެސް މި އަންނަނީ ކަޅު ކޮފީގެ ވާހަކަ ނޫން ހެއްޔެވެ؟

އެސްޕްރެސޯ އާއި އެމެރިކާނޯ އާއި ލޯންގް ބްލެކާއި މިހެން ގޮސް ކަޅު ކޮފީގެ އެތައް ވައްތަރެއް ހުރެ އެވެ. މިއިން އެއްޗަކަށް ކިރު އަޅައިފި ނަމަ އެކި ނަންނަމަށް ބަދަލުވެ ކޮފީގެ އަސްލު ގެއްލެ އެވެ.

ދެން މި ބަހުސް ބާއްވާފައި، ކަޅު ކޮފީއަށް ކިރު އެޅީމާ ވާ ގޮތް ވެސް ބަލައިލަން ޖެހެ އެވެ.

ކޮފީ ސައިންސްގެ ވެބްސައިޓުގައިވާ ގޮތުން ވެސް ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ ކޮފީ ބޯންޖެހޭނީ އެއަށް ކިރު ނާޅަ އެވެ. ކަޅު ކޮފީގައި ކެލޮރީސް ހުންނަ މިންވަރު، ކިރާއި ހަކުރު އަޅައިގެން ބޯ ކޮފީއަށްވުރެ މާ މަދެވެ.

"ކޮންމެ ތައްޓަކުން 4.7 ކެލޮރީސް އެކުލެވޭ ކަޅު ކޮފީ އަކީ ބަރުދަން ލުއިކުރުމުގައި ކެލޮރީ އެތެރެވާ މިންވަރު މޮނިޓާ ކުރުމަށް އެހީވެދޭ އެއްޗެއް. ކިރާއި ހަކުރު އެކުލެވޭ ކޮފީގައި 56.6 ކެލޮރީސް ހުރޭ،" އެ ވެބްސައިޓުގައިވެ އެވެ.

ކަޅުކޮފީ ބުއިމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން އެކި ދިރާސާތަކުން ދައްކަ އެވެ. އެކަމަކު ރޭގަނޑު ނިދަން އުނދަގޫ މީހުން، ހަވީރުވުމުން ކަޅުކޮފީ ބުއިމާ ދުރުވާން ޖެހޭނެ އެވެ. އެއީ ސިކުނޑި ހޭލައްވާލާ ކެފެއިންގެ އަސަރާ ހެދި ނުނިދި އޮންނަން ޖެހިދާނެތީ އެވެ.

އޭގެ ބަދަލުގައި، ކަޅު ކޮފީއަށް ކިރު އަޅައިގެން ކެފެއިންގެ މި އަސަރު ކުޑަކޮށްލެވިދާނެ އެވެ.

ކޮފީ

Popular