29 Sep 2025

By: Maaidha Mohamed Rashad

ހަފްލާއެއްގައި ކޭކެއް ނެތިއްޔާ ފުރިހަމައެއް ނުވާނެ އެވެ. އެއީ އެހާ މުހިންމު އެއްޗެކެވެ. ކުދިކުދި ހަފްލާތައް ފާހަގަކުރުން ވެސް އެހާ އާންމުވަމުން އަންނައިރު މިފަދަ ހަފްލާތަކަށް ބޮޑެތި ކޭކު އެޅުން ވަނީ އިސްރާފަކަށެވެ.

އެކަމަކު އެ ޝަކުވާއަށް ނިމުމެއް މި ގެނައީ 24 އަހަރުގެ އައިމިނަތު ޝައިމާއު މަހްމޫދެވެ.

ގައުމީ ޔުނިވާސިޓީން ބެޗްލާސް އޮފް އިންޓަނޭޝަނަލް ސްޓަޑީޒަށް ކިޔެވިއިރު ކޯހުގެ އެކި މޮޑިއުލްތަކުގައި ކެއްކުމުގެ ކްލާސްތައް ވެސް އޮވެ އެވެ. އެހެން އުފެދުނު ޝައުގުގެ ތެރެއިން ޕޭސްޓްރީއަށް އޮތް ލޯބީގައި ކޭކު ހަދަން ފުރަތަމަ ފެށީ އާއިލާގެ މީހުންނާއި ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންގެ ހާއްސަ ދުވަސްތަކަށެވެ.

ޝައިމާއު އަޅާފައިވާ ކޭކެއް.

ސީދާ ވިޔަފާރިއެއް ގޮތަށް "ދަ ސޮފްޓް ޕީކްސް" ގެ ނަމުގައި ޕޭޖެއް އުފައްދައިގެން އެ މަސައްކަތް ފެށީ 2021 ގަ އެވެ. ކޭކާ އެކު ކެރަމަލް ޓާޓް އާއި ޗީޒް ކޭކް ކަހަލަ އެއްޗެހިން އޭނާގެ މަސައްކަތް ފެށިޔަސް މުޅި ޕޭޖު މިހާރު ހާއްސަ ކޮށްފައި ވަނީ "މިނީ ކޭކް" އަށެވެ.

ޝައިމާއު.

ބެންޓޯ ކޭކާ ހިލާފަށް ޝައިމާއުގެ މި މަސައްކަތް ހާއްސަ ވަނީ ހަމަ ބޮޑެތި ކޭކުތައް ގޮތަށް ތިން ހަތަރު ލޭޔާ ބޭނުންކޮށްގެން އޭގެ ސައިޒު ކުޑަކޮށްލާފައިވާތީ އެވެ. އޭނާ އަޅާ އެންމެ ކުދި ކޭކުގެ ސައިޒަކީ ފުޅާ މިނުގައި ތިން އިންޗި އަދި ދިގު މިނުގައި ހަތަރު އިންޗި އެވެ.

ޝައިމާއު އަޅާފައިވާ ކޭކުތަކެއް.

ޝައިމާއު ބުނި ގޮތުގައި މީހަކު ނަގާ ޑިޒައިނަކާއި ކޭކު ބޭނުންވާ ގޮތެއްގެ ސަބަބުން ކޭކުގެ ސައިޒަށް ވެސް ކުޑަ ބަދަލެއް އަތުވެދާނެ އެވެ. އޭގެ ތެރޭގައި ފަސް އިންޗި އާއި ހަ އިންޗީގެ ކޭކު ވެސް ހިމެނެ އެވެ.

އެކަމަކު ކޭކުގެ ސައިޒު މިހާ ބޮޑަށް ކުޑަކުރުމުގެ ބޭނުމަކީ ވަކި ކޮބައި ހެއްޔެވެ؟

ޝައިމާއު ބުނީ ބޮޑެތި ކޭކު ގަނެފައި ތިން ހަތަރު ދުވަސް ވަންދެން ނުކެވޭ ބައި ފްރިޖުގައި ބާއްވަންޖެހޭ ކަމަށެވެ. އެކަމަކު ރާއްޖޭގައި ކުދިކުދި ސެލެބްރޭޝަންތައް މިހާ ބޮޑަށް އާންމުވަމުން އަންނައިރު އެފަދަ މުނާސަބަތުތަކާ އެއްވަރުގެ ކޭކު ހުންނަންޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ޝައިމާއުގެ ކޭކް ޓްރޭ.

"ބެންޓޯ ކޭކު އާންމުކޮށް މީހުން ހަދަނީ. އެކަމަކު މިނީ ކޭކަށް އަސްލު ފޯކަސްކުރީ ގިނަ މީހުން ބޭނުންވަނީ ސެލެބްރޭޝަނަކަށް ގޮސް ތަނުގައި ހުސްކޮށްލާ ގޮތަށް. މީހުން ބުނާ ގޮތުން ވިއްޔާ ބޮޑު ކޭކެއް ގަނެގެން އޭތި ތިން ހަތަރު ދުވަސް ވާއިރު ވެސް ފްރިޖުގައޭ އިންނަނީ،" މިނީ ކޭކަށް ހާއްސަކޮށް ވިޔަފާރި ޕްރޮމޯޓްކުރަމުން އަންނަ ސަބަބު ކިޔައިދެމުން އޭނާ ބުންޏެވެ.

ޝައިމާއު އަޅާފައިވާ ކޭކެއް.

އެ އިންސްޓަގްރާމު ޕޭޖަށް އެންމެ ގިނަ ބަޔަކު އޯޑަރުކުރަނީ ބަޓާ ކްރީމް ކޭކު އަޅާށެވެ. އެކަމަކު ބްލޫބެރީ ފަދަ އިތުރު ފްލޭވާތައް ވެސް މި ޕޭޖުން ލިބޭއިރު އެފަދަ އެހެން ފްލޭވާއެއް ޓްރައި ކޮށްފި ނަމަ، އެއަށް ހިތްޖެހިގެން ކަސްޓަމަރުން އެ ވާހަކަ ދައްކާ ކަމަށް ޝައިމާއު ބުންޏެވެ.

ސެލެބްރޭޝަނަކަށް އޭނާ އަޅާފައިވާ މިނީ ކޭކެއް.

ވިޔަފާރި ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން މި ފަހުން ވަނީ މިނީ ކޭކް ޓްރޭއެއް ވެސް ތައާރަފުކޮށްފަ އެވެ. ނުވަ ވަރަކަށް މިނީ ކޭކް އިންނަ މި ޓްރޭއަކީ ރައްޓެހިންނާއި އާއިލާގެ މީހުންއާ އެކު ބާއްވާ ހަފްލާތަކަށް ފުރިހަމަ ކޭކް ޓްރޭއެކެވެ.

View this post on Instagram

A post shared by The Soft Peaks (@thesoftpeaks)

ޝައިމާއު ވަނީ ބައިނަލްއަގްވާމީ މުބާރާތްތައް ހިމެނޭ ގޮތަށް ބައެއް މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. އަދި 2022 އާއި މިދިޔަ އަހަރު އޮތް ޝެފުންގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނުއިރު އެ ތަޖުރިބާތަކުގެ ސަބަބުން އޭނާގެ ވިޔަފާރީގެ އިތުބާރު ބޮޑުވެ، ކުރިއެރުން ލިބިފައިވާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ޒުވާން އުމުރެއްގައި ކޭކުގެ ވިޔަފާރީގައި އޭނާ ގަދަކޮށް ހުރިއިރު މިކަމުން ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމަށް ބުންޏެެވެ.

މި މަސައްކަތުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެންމެނަށް އޭނާގެ ހިތުގައި އޮތީ ހާއްސަ ޝުކުރެކެވެ. ވަކިން ހާއްސަކޮށް އޭނާގެ ފިރިމީހާ އާއި ބޭބެ އާއި އާއިލާގެ އެންމެނާއި ރައްޓެހިންނާއި ޓީޗަރުން އަދި ޝެފް ގިލްޑްސް މޯލްޑިވްސް އިން ދެމުންދާ އެހީތެރިކަން އޭނާ ފާހަގަކުރި އެވެ.

ކޭކް ޑެކޮރޭޝަން

Popular