24 Sep 2025

ޕަލާޓީޒް: މިއީ ކޮން ކަސްރަތެއް؟

ޕަލާޓީޒް: މިއީ ކޮން ކަސްރަތެއް؟

By: Asima Nizar

ކަސްރަތުކުރަން އެކި މީހުން ބޭނުންވަނީ އެކި ގޮތަށެވެ. އެއް ބަޔަކު، ދުވާއިރު އަނެއް ބަޔަކު ހިތްހަމަޖެހެނީ ހިނގައިގެންނެވެ. ޖިމަށް ދާ މީހުން ވެސް މަދެއް ނޫނެވެ.

އެ ކަސްރަތުތަކުގެ އިތުރަށް މިހާރު މި އުޅެނީ އެތައް އަހަރެއް ކުރިން ފެށިފައި އޮތަސް މިހާރު މާ ބޮޑަށް ވައިގައި ހިފަމުން އަންނަ "ޕަލާޓީޒް" ފެށިފަ އެވެ ޕަލާޓޭޒްގެ ނަމުގައި ބެލެންސިން އާއި ފްލެކްސިބިލިޓީ ރަނގަޅުކޮށްދޭ ކަސްރަތެއް ތައާރަފްވިތާ ގަރުނަކަށް ވުރެ ދުވަސް ވިޔަސް އަލުން މިކަން މާބޮޑަށް މަގުބޫލުވާން ފެށީ އެވެ.

ރާއްޖެއަށް ވެސް މިހާރު އެކަން ފޯރައިފި އެވެ. ޕަލާޓީޒް ވޯކްއައުޓަށް ހާއްސަ ސްޓޫޑިއޯތައް މާލޭގައި މިހާރު އަންނަނީ ހުޅުވަމުންނެވެ.

ސްޓްރެންތު ޓްރެއިނިންގައި އާއްމުކޮށް ކަސްރަތުކުރާނީ ބަރުދަނެއް ނުވަތަ ބާރެއްގެ މައްޗަށް ހަށިގަނޑުގެ މަސްތައް މަސައްކަތްކުރުވައި ވަރުގަދަކޮށްގެންނެވެ. އެކަމަކު، ޕަލާޓީޒްގައި އެންމެ ބޮޑު ތަފާތަކީ އިތުރު ބަރެއް ބޭނުން ނުކޮށް، ހަމައެކަނި ބޮޑީވެއިޓަށް ބަރޯސާވުމެވެ. އެހެންވެ، މައިންޑު-ބޮޑީ ފިޓްނެސްއަށް ޝައުގުވެރިކަން ހުންނަ މީހުންގެ މެދުގައި މި ކަސްރަތު އާއްމުވި އެވެ. ހާއްސަކޮށް ކޮވިޑް-19 އަށް ފަހުގަ އެވެ.

މިއީ، ނަފްސާނީ ދުޅަހެޔޮކަމާއި ސްޓްރެސް ފިލުވާލަން އިސްކަންދޭ އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް ރަނގަޅު ކަސްރަތެއް ކަމަށް އެ ކަސްރަތާ ގުޅޭ ލިޔުންތަކުގައި ބުނެފައި ހުރެ އެވެ.

ހަށިގަނޑު ވަރުގަދަކުރުމަށް ހަދާ މި ވޯކްއައުޓު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ޕަލާޓީޒް ރިފޯމާ ނަމަކަށް ކިޔާ މެޝިނެއް ނުވަތަ ޔޯގާ މެޓެކެވެ. އޭގެ އިތުރަށް ރެސިސްޓެންސް ބޭންޑަކީ ވެސް ޕަލާޓީޒްގެ ކަސްރަތުގައި މުހިއްމު އެއް އާލާތެވެ.

އެ ކަސްރަތުތައް ކުރުމަށް، ރިފޯމާ ނުވަތަ މެޓު މަތީގައި އިށީނދެ، ގައިގެ އެކި މަސްތަކަށް އެނގުންވާ ވަރަށް ބޭންޑުން ފަޔާއި އަތް އެކި ޕޮޒިޝަނަށް ގެންދާނެ އެވެ.

އޭގައި އެންމެ ބޭސިކް ކަސްރަތުތަކަކީ ބަނޑުގެ މަސްތައް ވަރުގަދަކޮށް ފޯމާއި ކޮންޓްރޯލްގެ އަސާސްތައް ދަސްކުރުމެވެ. އެޑްވާންސް ސްޓޭޖުގައި ބެލެންސް، އަދި ސްޓްރެންތާ ގުޅުން ހުރި ކަންކަން ދަސްކޮށްދޭނެ އެވެ. އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ހެޔޮ އަސަރުތަކެއް ކުރާނެ އެވެ.

ފިޓްނެސް ކަސްރަތު

Popular