12 Apr 2026

By: Asima Nizar

ކުދިންނަށް މެޓާ ދިނުމަކީ ބެލެނިވެރިންނާއި ކާފަ/މާމައިން ވެސް އުފަލަކަށް ހަދައިގެން ކުރާ ކަމެކެވެ. ކުއްޖަކު ކާމިޔާބީއެއް ހޯދިޔަސް ނުވަތަ ކުދިން މަޑުން "ބަސް އަހައިގެން" ބައިތިއްބަން ބޭނުންވިޔަސް ދެނީ މެޓަޔަކާ ޗޮކްލެޓެވެ. ހުސް ހަކުރެވެ.

މިކަމުގެ ސަބަބުން ކުދިންގެ ސިއްހަތަށް ކުރާ އަސަރާ ބެހޭގޮތުން، ކުޑަކުދިންގެ ޑޮކްޓަރުން ކަމަށްވާ އެޑްވަޑް ގޭޑޮސް އަދި ސްވެޓްލާނާ ޕޮމެރަނެޓްސް އެމެރިކާގެ ކްލީވްލޭންޑް ކްލިނިކްގެ ވެބްސައިޓްގައި މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައިވެ އެވެ.

ހަށިގަނޑު ކުޑަވިވަރަކަށް، ބޭނުންކުރަންޖެހޭ ހަކުރުގެ މިންވަރު މަދުވާންޖެހޭނެކަން އެއީ ބުއްދި ގަބޫލުކުރާ ހަގީގަތެކެވެ. ނަމަވެސް، ގިނަ ފަހަރަށް ފެންނަނީ މީގެ އިދިކޮޅެވެ. ކުޑަކުދިންނަށް މާ ގިނައިން ފޮނި އެއްޗެހި ދެވޭތަން އާދެ އެވެ.

އެމެރިކަން ހާރޓް އެސޯސިއޭޝަން (އޭއެޗްއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާއިރު، ހަކުރު ބޭނުންކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ޑރ. ޕޮމެރަނެޓްސް އަދި ޑރ. ގޭޑޮސް ފާހަގަކުރައްވަ އެވެ.

ހަކުރު ބޭނުންކުރުމުގެ މިންގަނޑުތައް:

- 2 އަހަރާއި 18 އަހަރާ ދެމެދު: ދުވާލަކު 25 ގްރާމަށްވުރެ މަދު (ގާތްގަނޑަކަށް 6 ސައިސަމުސާ) ހަކުރު. މީގެ ތެރޭގައި ހަކުރު އަޅާފައި ހުންނަ ބުއިންތައް ހަފްތާއަކު 8 އައުންސަށްވުރެ ގިނަވެގެން ނުވާނެ.

- 2 އަހަރުން ދަށުގެ ކުދިން: މި އުމުރުގެ ކުދިންގެ ކެއުމުގައި އެއްވެސް ވަރަކަށް ހަކުރު ހިމަނައިގެން ނުވާނެ.

އެއީ ކީއްވެ؟

މިފަދަ ހަރުކަށި އުސޫލުތަކެއް ހުންނަނީ އެހާ ކުޑައިރު ގިނައިން ހަކުރު ކެއުމަކީ ސިއްހީ ބޮޑެތި މައްސަލަތަކަކަށް މަގުފަހިވާތީ އެވެ. އޭގެ ތެރޭގައި؛

- ބޭނުންވާ މިންވަރަށްވުރެ ގިނައިން ކެލަރީ ހަށިގަނޑަށް ގޮސް އެކަށީގެންވާ ވަރަށް ވުރެ ފަލަވުން

- ލޭމައްޗަށް ގޮސް ހިތުގެ ބަލިތަކަށް ހުށަހެޅުން.

- ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ދަތިވެ ޓައިޕް 2 ހަކުރުބަލި ޖެހުން މީގެ އިތުރުން، ކުޑަކުދިންގެ ކުޑަ ބަނޑު ފޮނި އެއްޗެހިން ފުރާލުމުން، ހަށިގަނޑަށް ފައިދާހުރި މޭވާ އާއި ތަރުކާރީ އާއި ގޮވާމުގެ އަދި ކިރުގެ ބާވަތްތަކަށް ހަށިގަނޑުގައި ޖާގައެއް ނޯވެ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު މާއްދާތަކުން ކުއްޖާ މަހުރޫމްވުމެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ބުނެފައިވާ ގޮތުގައި، އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަކީ ހަށިގަނޑާއި ބަނޑު ވަރަށް ހަލުވިކަމާ އެކު އުފެދި ބޮޑުވަމުން އަންނަ ކުދިންނަށް ވުމުން، އެ ކުދިންނަށް ގިނަ އަދަދަކަށް ނިއުޓްރިއަންޓްސް ބޭނުންވެ އެވެ. ނަމަވެސް އެ ކުދި ހަށިގަނޑުތަކުގައި "އެޑެޑް ޝުގަ" ނުވަތަ ކާނާގައި ތަބައީ ގޮތުން ހުންނަ ހަކުރު މާއްދާއަށް ޖާގައެއް ނޯވެ އެވެ.

ދެން ހަމަ މެޓައެއް ދޭކަށް ނުވާނެތަ؟

ކުޑަކުދިންގެ ކެއުމުގެ ތެރޭގައި ފޮނި އެއްޗެހި ހިމެނިދާނެ އެވެ. ނަމަވެސް އެއީ ކޮންމެ ދުވަހަކު ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. ޑރ. ޕޮމެރަނެޓްސް ލަފާ ދެއްވި ގޮތުގައި، ފޮނި އެއްޗެއްސަކީ ހަމައެކަނި ހާއްސަ މުނާސަބަތުތަކުގައި ނުވަތަ ވަކި ދުވަސްތަކެއްގައި، އެކަށީގެންވާ މިންވަރަކަށް ދެވޭ "ޓްރީޓް" އެއްގެ ގޮތުގައި ބާއްވަން ޖެހެ އެވެ.

މީގެ އިތުރުން ޑރ. ގޭޑޮސް ފާހަގަކުރައްވާ ގޮތުގައި ކެއުމަކީ އުފާވެރިކަން ލިބޭ ކަމަކަށް ވިޔަސް އެ އުފާވެރިކަން ގުޅިފައި އޮންނަންވާނީ ބަނޑުހައިހޫނުކަން ފިލުވުމާއި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ މައްޗަށެވެ. ކުޑަކުދިންގެ ހަށިގަނޑަށް ބޭނުންވަނީ ކޮން އެއްޗެއްކަން އެކުދިންނަށް އިހުސާސް ކުރެވުނު ކަމުގައި ވިޔަސް، ސިއްހަތަށް ފައިދާހުރި ކެއުމެއް އިހްތިޔާރު ކުރުމުގެ ބާރު އޮންނަނީ ބޮޑެތި މީހުންގެ އަތުގަ އެވެ.

އެހެންވެ ކުއްޖާގެ ހަށިގަނޑަށް އެތެރެވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަކީ، ކުއްޖާގެ ތުއްތުއިރުން ފެށިގެން ބެލެނިވެރިން ކުރަންޖެހޭނެ ކަމެކެވެ.

ސިއްހަތު ކުޑަކުދިން ހަކުރު

Popular