By: Asima Nizar
ގޭ ގަހުގައި އަޅާފައި ހުރި އަނބުތައް ހަލާކުވާއިރު ވެސް ތަސްނީމް އަލީ ހިތްހަމަޖެހޭ ވަރަކަށް އެ ބޭނުމެއް ނުކުރެވެ އެވެ. ތަފާތު އެކި އެއްޗެހި ހަދައި، އަޖުމަ ބަލަން ބޭނުންވެ އެވެ. ނަމަވެސް، ފަންޏާއި ފޮނި ދެތިން އެއްޗެއް ހެދުން ފިޔަވައި އިތުރު ކަމެއް ކުރެވޭ ވަރެއްނުވެ އެވެ.
އެހެންވެ، ފުވައްމުލަކަށް މި ފަހަރު އަނބު މޫސުން އައި އިރު ތަސްނީމާއި އޭނާގެ ކޮއްކޮމެން ހުރީ ތަފާތު އެކި އެއްޗެހި ހަދައި، އެ ވަގުތުގެ ބޭނުން ރަނގަޅަށް ހިފަން ތިބީ ނިންމައިގެންނެވެ. އެއާއެކު، އޭނާގެ ވަރަށް ދުވަސްވީ ހުވަފަނެއް ވެސް މި ފަހުން ވަނީ ހަގީތަކަށް ހަދައިފަ އެވެ.
އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެއް ކަމަށްވާ ތަސްނީމް ވަނީ، ގޭގައި ހުންނަ ތިން ގަހުގެ އަނބާއި މީހުންގެ އަތުން ލިބުނު އަނބުތަކުން އައިސްކްރީމް ހަދައިފަ އެވެ.
އާއްމުކޮށް އައިސްކްރީމް ހަދަނީ އެކަމަށް ހާއްސަ މެޝިނަކުންނެވެ. ނަމަވެސް، މި އައިސްކްރީމް ތަސްނީމް ހެދީ އާއްމުކޮށް ބޭނުންކުރާ މިކްސްޗަރުންނެވެ.
ދެން މި ކިޔައިދެނީ ގޭގައި ތަސްނީމް އައިސްކްރީމް ހެދި ގޮތެވެ.
ގޭގައި ހުރި އަނބު ގަހުން ތަސްނީމް ހެދި އައިސްކްރީމް.-- ފޮޓޯ: ތަސްނީމް
އައިސްކްރީމް ހަދަން ބޭނުންވާ ތަކެތި
- އެއް ލީޓަރު ވިޕިން ކްރީމް (ފިނިކޮށްފައި)
- އެއް ދަަޅު ގެރިކިރު (ކޮންޑެންސްޑް މިލްކް)
- ހަތަރު ތަށި އަނބު ޕިއުރީ (އޮލަކޮށް ގިރާފައި އެއްތަށި ވަކިން)
ބޯތައްޓަކަށް، ފިނިކޮށްފައި ހުރި ވިޕިން ކްރީމް އެޅުމަށްފަހު، ފުދޭ ވަރަކަށް ހަރުވަންދެން ހޭންޑް މިކްސަރަކުން (މާ ބޮޑަށް ހަރުނުކޮށް) ގިރާލާށެވެ. ގިރާފައި ހުރި ކްރީމްގެ ތެރެއަށް، ގިރާފައި ހުރި އަނބުގެ ތިން ތަށި އަދި ގެރިކިރު ދަޅު އެއްކޮށް އަޅާލާފައި ވިޕްޑް ކްރީމްގެ ވައިތައް ނުދާނެހެން މަޑު މަޑުން ސަމުސަލަކުން އެއްކޮށްލާށެވެ. މިހާރު އެހެރީ ކްރީމްގަނޑު ތައްޔާރު ކުރެވިފަ އެވެ.
އައިސްކްރީމް އަޅަން ތައްޔާރުކޮށްފައިވާ ތަށީގައި ކްރީމް ފަށަލައެއް އަޅާށެވެ. އޭގެ މައްޗަށް ބާކީ ހުރި އަނބު ޕިއުރީ ތަށީގެ އެތި ކޮޅަކުން ތުނި ފަށަލައެއް އަޅާށެވެ. މިގޮތަށް ދެތިން ފަށަލަ ތަކުރާރުކުރާށެވެ. އެއަށް ފަހު ސަމުސަލެއް ނުވަތަ ވަޅިއެއް ބޭނުންކޮށްގެން، ފަށަލަތަކުގެ ތެރެއަށް ގަންބާލައި އެއް ފަހަރު ނުވަތަ ދެ ފަހަރު، މަޑުމަޑުން ގިރާލާގޮތަށް ހަދާލާށެވެ. މާ ބޮޑަށް އެއް ނުކުރާށެވެ. ދެން ކޮންޓޭނަރުގެ މަތި ބަންދުކުރުމަށްފަހު، އަށް ގަޑިއިރު ނުވަތަ އެއް ރޭ ވަންދެން ފްރީޒަރުގައި ގަނޑުކުރަން ބަހައްޓާށެވެ. ކްރީމް ގަނޑުވުމުން އެހެރީ އަނބު އައިސް ކްރީމް ތައްޔާރުވެފަ އެވެ.
އޭނާ ބުނީ އައިސްކްރީމް ހެދުމަށްފަހު، އާއިލާ އަދި ރައްޓެހިންނަށް ރަހަ ދެއްކި ކަމަށެވެ. އެ ބުއި އެންމެންނަށް ވެސް އެ ރަހަ ވަރަށް މީރުވި އެވެ. އެހެންވެ، ވިޔަފާރިއަކަށް މިކަން ފުޅާކުރުމުގެ ޝައުގު ވެސް މިހާރު އެބަހުއްޓެވެ.
"އަނބު މޫސުން އައީ ރޯދަ މަހު. އެހެންވެ، އެ މަހުގައި އަނބު ރައްކާކުރީ. ގޭގެ އަނބުގަހުންނާއި ރައްޓެހިންގެ ފަރާތުން ލިބުނު އަނބު. ކޮންމެ އަނބު މޫސުމެއްގައި ހިތަށް އަރާ ކަމެއް މިއީ،" އޭނާ ބުންޏެވެ.
"ކުޑައިރު، ގޭގައި ހުންނަ އަނބުގަސް ވަރަށް ބޮޑުވާނެ. އެހާމެ ބިޔަ ދެ ގަސް ހުންނާނެ. އަނބު މޫސުމުގައި ހޭލައިގެން ބޭރަށް ނުކުންނައިރު ފައި ޖައްސާލާނެ ތަންކޮޅެއް ނުހުންނާނެ. ދެން އަނބު ހޮވައިގެން މީހުންނަށް ބަހަނީ،"
އަނބު މޫސުމަށް މި ރެސިޕީ ދަސްކޮށްލާށެވެ. އޭރުން، އަތުން މާ ބޮޑު ހަރަދެއް ނުގޮސް، އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ރަނގަޅު އެއްޗަކަށް ވާނެ އެވެ.