5 Apr 2026

By: Asima Nizar

އަލީ ރަމީޒްގެ "ނާރާ ހަނދާއޭ" ލަވާގައި އަސަރާ އެކު ބުނަނީ "ވަސްމީރު ދިން ފިނިފެންމާ، މިއޮތީ މިލާފާތާއޭ" އެވެ.

އެއީ ތެދެކެވެ. ހާއްސަ ހަނދާންތަކާ ގުޅުން ހުރި މަލެއް މިލާ މޯޅިވުމަކީ ހަމަ އަސަރު ކުރާނެ ކަމެކެވެ. ރިފާޝާ މުހުސިން މިކަމަށް ހައްލު ހޯދީ ކްރިއޭޓިވިޓީއަށް އޮތް ލޯބިން އުފަންކުރި ރެސިން އާޓުންނެވެ.

އޯޑަރަށް ތަފާތު އެކި އެއްޗެހި ހަދައި އޭނާގެ ހުނަރު ދެއްކި އެވެ. ކީ ޗެއިން ހެދުމުގެ މަސައްކަތުން ފެށިގެން ހަޔާތުގެ މުހިއްމު ހަފުލާތަކުގެ އެންމެ މުހިއްމު ނަމްބަރު ފުރިހަމަކޮށްދިނެވެ.

ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުން، ގޭގައި ކުރަމުން ދިޔަ އެ މަސައްކަތް ފުޅާކުރި އެވެ.

View this post on Instagram

A post shared by Resin Floral Preservation (@made.of.flowers.mv)

"މޭޑް އޮފް ފްލާވާސް" ގެ ނަމުގައި ހިންގާ ސޯޝަލް މީޑިއާ އެކައުންޓަކީ އޭގެ އެއް އުފެއްދުމެވެ.

ދެ ކުދިން ބަލަމުން، އަމިއްލަ ކުޑަ ވިޔަފާރި ހިންގާ ރިފާޝާ މުހުސިން ބުނީ ކޮވިޑުގައި ވިހައިގެން ގޭގައި ބަންދުވެފައި ހުރި ދުވަސްވަރު، މަލުން އެކި އެއްޗެހި ހެދުމުގެ ޝައުގު ބޮޑުވި ކަމަށެވެ. އެ ހިސާބުން، ކައިވެނީގެ ރަން ހަދަން ފެށި އެވެ. އަދި އެއަށްފަހު، ކައިވެނީގެ ހަފުލާގައި ބޭނުންކުރާ މާބޮނޑި، އަބަދަށް ރައްކާކުރުމަކީ މޮޅު ހިޔާލެއް ކަމަށް ރިފާޝާ، 32، އަށް ގަބޫލުކުރެވުނެވެ.

"އޭގައި ތަފާތު އިހުސާސެއް ކުރެވޭ ކަމަށް މި ގަބޫލުކުރަނީ. އެ އިންގޮތަށް، އެ މީހަކަށް ބަލައިލަން ތާއަބަދަށް ލިބުމަކީ އަމިއްލައަށް ވިސްނާލިއަސް ވަރަށް ހިތްހަމަޖެހޭ ކަމެއް،" އޭނާ ބުންޏެވެ.

މަލާއި ބުކޭ ޕްރިޒާވްކުރަން އޭނާ ދަސްކުރީ ޔޫޓިއުބާއި ޓިކްޓޮކުންނެވެ. އަދި އަމިއްލައަށް އެކި ޓެކްނިކްތައް ދަސްކޮށް، މަސައްކަތް ފަސޭހަކުރި އެވެ.

ރިފާޝާ ބުނީ ޕްރިޒާވްކުރާއިރު ޖެލް ފަދަ ތަކެތި އެއްކުރާ ގޮތް ވަރަށް މުހިއްމު ކަމަށެވެ. އަދި އެކި ވައްތަރުގެ މާ ޕްރިޒާވްކުރަން ބޭނުންކުރާނީ އެކި މެތޮޑަށް ވިއަސް، ބުކޭ ޕްރިޒާވްގައި އޭނާއަށް ލިބުނު ފުރަތަމަ އޯޑަރު އަދި ވެސް ހަނދާނުގައި އެބަހުއްޓެވެ.

View this post on Instagram

A post shared by Resin Floral Preservation (@made.of.flowers.mv)

ކައިވެނީގައި ބޭނުންކުރި ޕިއޮނީސްތަކެއް ޕްރިޒާވްކުރުމުގެ ތެރޭގައި ބުކޭ އެއްކޮށް ހަލާކުވީ އެވެ. މިހާރު ވެސް ޕިއޮނީސް ފެނުނަސް، އެ ދުވަސް ހަނދާންވާ ކަމަށް އޭނާ ބުންޏެވެ.

"ފިނިފެންމާ ޕްރިޒާވްކުރާ ގޮތަށް ޕިއޮނީސް ޕްރިޒާވްކުރެވުނީ. އެކަމަކު އެ ހަލާކުވީ. އޭގެ ފަހުން ޕިއޮނީސް ޕްރިޒާވްކޮށްފައި ހުންނާނެ. އެކަމަކު، އަދިވެސް އެ ދުވަސް ހަނދާން އެބަހުރި،" ރިފާޝާ ބުންޏެވެ.

View this post on Instagram

A post shared by Resin Floral Preservation (@made.of.flowers.mv)

މަލާއި ބުކޭ ޕްރިޒާވްކުރަން ދެ ގޮތެއް ބޭނުންކުރެ އެވެ. އެއީ، މާ ހިއްކާފައި ފްރޭމްކުރުމާއި ރެސިން އަޅައިގެން ހެދުމެވެ.

ރެސިން ހަދަން ދެ ފަށަލަ ބޭނުންވާނެ އެވެ. އެއް ލޭޔަރު އެޅޭނީ އަނެއް ލޭޔަރު ހިކުމުންނެވެ.

ރިފާޝާ ބުނީ އެއް ލޭޔަރު ހިކެން އޭރު 8-14 ގަޑިއިރު ހޭދަވާ ކަމަށެވެ. އެހެންވެ، އެ ވަގުތުގައި އޭނާ އިތުރު އެހެން މަސައްކަތްތައް ކުރަނީ އެވެ. އެކަމަކު، ޓެކްނިކް ދަސްކޮށް، އެ ވަގުތު މިހާރު ވަނީ 4-5 ގަޑިއިރަށް މަދުކޮށްފަ އެވެ.

ރެސިން ބޭނުންކޮށްގެން "މޭޑް އޮފް ފްލާވާސް" އިން ތައްޔާރުކޮށްފައިވާ އެއްޗެއް.

"ފްލާވާ ޕްރިޒަވޭޝަނާއި ރެސިން ބޭނުންކޮށްގެން ކައިވެނީގެ ރަން ހަދަން ވަރަށް ގިނައިން އޯޑަރު ލިބޭ،"

"އެކަމަކު، އެންމެ ހިތްހަމަޖެހެނީ ވެސް އަދި ވަގުތު ހޭދަވަނީ ވެސް ބުކޭ ޕްރިޒަވޭޝަނަށް. އެއީ އެ މީހުންގެ ވަރަށް މުހިއްމު އެއްޗެއް. ތަފާތު ސެންޓިމެންޓެއް ހިމެނޭ އެއްޗެއް އެ މީހަކަށް އަބަދަށް ބަލަން ލިބުމަކީ ވަރަށް ހާއްސަކަމެއް،" ރިފާޝާ ބުންޏެވެ.

ގޭގައި ހުރެގެން އާމްދަނީ ހޯދާ ހަމައެކަނި މަގަށް ވުމުން، އޯޑަރެއް ލިބުމުން އެ ބުނާ ވަގުތަކަށް ޑެލިވާ ކޮށްދިނުމަކީ އޭނާ އެންމެ ސަމާލުކަން ދޭ އެއް ކަމެވެ. އެއާއެކު، މި މަސައްކަތުގައި އާއްމުންގެ ބޮޑު ތަރުހީބެއް ލިބުމަކީ ރިފާޝާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

އަންހެނުން އާޓްސް

Popular