ކޭކު ކޭމުގެ ދެ ވަނަ ސީޒަން ނިމިއްޖެ އެވެ.
ކޭކު ކޭމުގެ ދެ ވަނަ ސީޒަން ނިމިއްޖެ އެވެ.
ޖާފަތްތައް އާއްމުކޮށް ފުރާލާފައި ހުންނަނީ ދިވެހި ކެއުންތަކުން ކަމަށް ވިއަސް މި ކޭން ތަފާތުވަނީ އެހެންވެ އެވެ.
ކޭކު ކޭންގައި ބަހައްޓާފައި ހުރި ކޭކެއް.
ތަފާތު އެކި ވައްތަރުގެ ކޭކު އަޅައި އިންސްޓަގްރާމްގައި ހިއްސާކުރާ އަންޖާ އައްބާސް އިސްނަގައިގެން ފެށި "ކޭކު ކޭން" ގައި ރަޖިސްޓްރީވާން މި މަހުގެ އެއް ވަނަ ދުވަހު ހުޅުވާލުމާ އެކު ޖާގަ ފުލްވުމުން މިކަމަށް އޮތް ޑިމާންޑް ސާފެވެ.
ލޮނުޒިޔާރަތްޕާކު މިދިޔަ ހޮނިހިރު ދުވަހު ފުރާލާފައި އޮތީ އެ ބައިވެރިންގެ އުފެއްދުންތަކުންނެވެ. އޭގެ ތެރޭގައި އާމްދަނީ ހޯދަން ކޭކު އަޅާ މީހުންނާއި ޕެޝަންއަށް މިކަން ކުރާ މީހުން ވެސް ހިމެނެ އެވެ.
ކޭކު ކޭމަށް މީހަކު ހެދި ކޭކެއް.
ޓިކެޓު ގަތަސް، އެ ކޭމަށް ވަދެވޭނީ ވެސް ކޭކެއް ހިފައިގެންނެވެ. އެހެންވެ، މި ތަނުގައި ކޭކު ހުންނާނެ ވަރު ވިސްނާލާށެވެ. އެންމެ ކޭކެއް ހިފައިގެން ގޮސް އެތައް ކޭކެއްގެ ރަހަ ބަލަން ލިބޭ ފުރުސަތެކެވެ.
އެ ހަރަކާތުގައި ބައިވެރިވާ މީހުންނަށް "ކޭކު ކޭން"ގެ ފަރާތުން ފޮށި ދެ އެވެ. އެ މީހަކު ބޭނުން ވައްތަރަކުން، ބޭނުން ވަރަކަށް އެ ފޮއްޓަށް ކޭކު އަޅައިގެން ކާންވީ އެވެ. ބާކީ ހުރިއްޔާ ގެއަށް ވެސް ގެންދަންވީ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ކޭކު ކޭންގެ ފުރަތަމަ ހަރަކާތުގައި ފަންސާހަކަށް މީހުން ބައިވެރިވި އެވެ. ނަމަވެސް، އެ އަދަދު ދެ ގުނަ އިތުރުވެ، މި ފަހަރު ވަނީ 100 އަށް އަރައިފަ އެވެ.
ސްޕޮންސަރުންގެ އެހީއާއެކު ފުޅާވި މި ކޭމުގައި މި ފަހަރު ވެސް ވަނީ ގުރުއަތުން ހޮވުނު މީހުންނަށް އިނާމު ދީފަ އެވެ. ބޮޑު އިނާމަކަށް ހުށަހެޅީ ސްޓޭންޑު މިކްސްޗަރެވެ.
އަންޖާ މިކަން ފެށީ ވެސް އެމެރިކާގެ ފުޑް ބްލޮގަރަކު ބޭއްވި އަދި އޭގެ ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގައި ހިފި "ކޭކް ޕިކްނިކް ޓުއާ" އިން އިންސްޕަޔާ ވެގެންނެވެ.
އެ ގައުމުތަކުގައި "ކޭކު ޕިކްނިކް" ބޭއްވީ، އެ ގައުމުގެ ސަގާފަތާ އެންމެ ގުޅޭ ގޮތަށެވެ. މި ހަރަކާތަށް ކޭކު ކޭން ދިނީ، ރާއްޖޭގެ ބޮޑު ޖާފަތާ ގުޅުވާލައިފަ އެވެ.
އެ ކޭމުގައި ބައިވެރިވި މީހަކު ބުނީ އަމިއްލަ ދިރިއުޅުމުގައި ބުރަ ވިއަސް އެ އިވެންޓަށް ދިޔައީ، އޭނާއެކޭ އެއްގޮތަށް އެ މަސައްކަތަށް ޝައުގު ހުންނަ މީހުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރާށެވެ.