23 Sep 2026

By: Asima Nizar

ހެދުމުގެ ރީތިކަން އެނގޭނީ ކުލަ ގުޅުވާ ގޮތުންނެވެ. ކޮންމެ ޑިޒައިނަކަށް ހުއްޓަސް ސްޓައިލް ކޮށްފައި ހުންނަ ގޮތުން އެ ރީތިކަން ފަނޑުވެ އެވެ.

މި ލިޔުމުގައި މި ބަލައިލަނީ އަންހެނުން އޮފީސްތަކާއި ހާއްސަ ހަފުލާތައް ނުވަތަ ހަވީރު ފިންޏަށް ނުކުންނައިރު ލާ ހެދުމުގެ ކުލަ ގުޅުވާނެ ގޮތަށެވެ.

ރަންކުލަ އާއި ކަނޑު ނޫ 

ރަންކުލަ އާއި ކަނޑު ނޫކުލައިން އަންހެނަކު ސްޓައިލްކޮށްފައި.-- ފޮޓޯ: ޕިންޓަރެސްޓް

ކްލެސިކް އަދި މުއްސަނދި ލުކެއް ބޭނުންވާ ނަމަ އިހުތިޔާރުކުރަން އެންމެ ރަނގަޅު ކޮމްބިނޭޝަނަކީ ރަންކުލަ އަދި ކަނޑު ނޫކުލަ އެވެ. ރަންކުލައިން މުއްސަނދި އަދި ޝާހީކަން ސިފަކޮށްދެ އެވެ. ކަނޑު ނޫކުލައަކީ ހަރުދަނާ ޝަހުސިއްޔަތެއްކަން ދައްކުވައިދޭ އަދި ތަފާތު ގޮތްގޮތަށް ގުޅުވާލެވޭ ކުލައެކެވެ. 

ރަންކުލައިގެ ހެދުމަކާއި ކަނޑު ނޫކުލައިގެ ފަޓުލޫނެއް ރީތިވާނެ އެވެ. ނޫނީ ކަނޑު ނޫކުލައިގެ އަބާޔާއަކާއެކު ރަންކުލައިގެ ޝޯލަކުން ފުރިހަމަކަން ގެނެސްދޭނެ އެވެ. މި ދެ ކުލައަކީ ވެސް ފެޝަންގެ ދުނިޔޭގައި ވަރަށް މަގުބޫލު ދެ ކުލަ އެވެ. 

ބެއިޖު އާއި ބާގަންޑީ 

ބާގަންޑީ ކުލައިގެ ހެދުމަކާއި ބެއިޖު ކުލައިގެ ސްކާޓަކުން އަންހެނަކު ސްޓައިލްކޮށްފައި.- ފޮޓޯ: ޕިންޓަރެސްޓް

ބާގަންޑީ ކުލައިން ރީތިކަން ގެނެސްދޭއިރު، ބެއިޖަކީ ހެދުން ބެލެންސް ކޮށްދޭނެ މަޑު ކުލައެކެވެ. މިއީ މަޖާ ކުލަގަނޑަކަށް ނުވެ، އިތުރަށް ކުލަ ހިމަނާލަން ރަނގަޅު ކޮމްބިނޭޝަނެކެވެ. 

ބާގަންޑީ ހެދުމަކާއި ބެއިޖު ކުލައިގެ ފަޓުލޫނަކާއެކު އޮފިޝަލް ލުކެއް ގެނެސްދޭނެ އެވެ. ނޫނީ ބެއިޖު ކުލައިގެ ހެދުމަކާއެކު ބާޖެންޑީގެ އެސެސެރީސް ވެސް ރީތިވާނެ އެވެ.

ރަސްމީ ހަފުލާއަކަށް ނަމަ، ފަޓުލޫނުގެ ބަދަލުގައި ބެއިޖު ކުލައިގެ ސްކާޓެއް ލާށެވެ.

ސޮފްޓް ބްލޫ އާއި ކްރީމް

އަންހެނަކު، ސޮފްޓު ބްލޫ ކުލައިގެ ގަމީސް އަދި ކްރީމް ކުލައިގެ ފަޓުލޫނެއް ލައިގެން-- ފޮޓޯ: ޕިންޓަރެސްޓް

ކްރީމް އަދި މަޑުމަޑު ނޫކުލައިން، ގަދަ ކޯޕްރޭޓް ކުލަތަކުގެ ބަދަލުގައި ލުއި އަދި އިތުރަށް އަންހެންވަންތަ ފެނިލުމެއް ދައްކައިދޭނެ އެވެ. މި ދެ ކުލައިން މާ ކެޝުއަލް ނުވެ، ބަލާލަން ފަސޭހަ އަދި އެލިގެންޓު އިހުސާސެއް ކުރުވާނެ އެވެ.

އިތުރަށް ލުއި ލުކެއް ހޯދަން ޑަސްޓީ ބްލޫ، ޕައުޑާ ބްލޫ ނުވަތަ މިއުޓެޑް ސްކައި ބްލޫ ރަނގަޅުވާނެ އެވެ.

މަޑުމަޑު ނޫކުލައިގެ ގަމީހަކާއެކު ވަރަށް މަޑު ކްރީމް ކުލައިގެ ފަޓުލޫނެއް ލާށެވެ. އެހެން ނޫނީ އެތަނުން އެއް ކުލަ އިހުތިޔާރުކޮށް، ދެން ހުރި ކުލައިން އެސެސަރީސް ބޭނުންކުރާށެވެ. 

ޗާކޯލް އާއި ބާގަންޑީ

އަންހެނަކު ޗާކޯލް ކުލައިގެ ސްކާޓު އަދި ބާގަންޑީ ކުލައިގެ ގަމީހެއް ލައިގެން. ރަސްމީ ހަފުލާއަކަށް ދިއުމަށް މި ސްޓައިލް ގުޅޭނެ.-- ފޮޓޯ: ޕިންޓަރެސްޓް

ޗާކޯލް ކުލައިން ސީރިއަސް ނިއުޓްރަލް ފެނިލުމެއް ދައްކާތީ، ބާގަންޑީ ކުލައަކީ އެއާ ގުޅުވާލަން އެންމެ ރަނގަޅު ކޮމްބިނޭޝަނެވެ. 

އާދައިގެ އަޅި އަދި ކަޅުކުލަ ގުޅުވާލުމަށްވުރެ ޝަހުސިއްޔަތު ވަރުގަދަކަމަށް ދައްކާ ބާގަންޑީ ކުލައާ އެއްކޮށްލުމުން މާ ރީތިވާނެ އެވެ. މީހާގެ ހައިބަތު ބޮޑުކަމަށް ކުރެވޭ އިހުސާސާއެކު މިއީ ޕްރޮފެޝަނަލް މާހައުލުތަކުގައި ވެސް ބޭނުންކޮށްލަން ވަރަށް ފަސޭހަ ކޮމްބިނޭޝަނެކެވެ.

ޗާކޯލް ކުލައިގެ ހެދުމަކާއެކު ބާގެންޑީ ކުލައިގެ ޝޯލެއް ރީތިވާނެ އެވެ. ނޫނީ ބާގެންޑީ ކުލައިގެ ހެދުމަކާއި ޗާކޯލް ކުލައިގެ ފަޓުލޫނަކުން ވެސް ޕްރޮފެޝަނަލް ފެނިލުމެއް ގެނެސްދޭނެ އެވެ.

އޮލިވް ގްރީނާއި ބާގަންޑީ

އަންހެނަކު އޮލިވް ގްރީން ކުލައިގެ ހެދުމަކާއި ބާގަންޑީ ކުލައިގެ ހަރުވާޅެއްގައި. މިއީ މިހާރު އެންމެ ޓްރެންޑު ކުލަ ކޮމްބިނޭޝަން.-- ފޮޓޯ: ޕިންޓަރެސްޓް

ނިއުޓްރަލް ކުލައެއް ގޮތަށް ބޭނުންކުރެވޭތީ އޮލިވް ފެހި ކުލައިން ސްޓައިލް ކުރަން ފަސޭހަ އެވެ. 

އެކަތި އަނެކައްޗާ ވާދަކުރުމެއް ނެތި މާނަފުން، ހަމަހިމޭން އަދި ގުދުރަތީ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭތީ ބާގަންޑީއަކީ އޮލިވް ފެއްސާ ގުޅުވާލަން އެންމެ ރީތި ކުލަ އެވެ. 

އޮލިވް ފެހި ހެދުމާއި ބާގަންޑީ ބުރުގާ ނުވަތަ ބާގަންޑީ ހެދުމާއި އޮލިވް ފެހިކުލައިގެ އަތް ދަބަހުން ރީތި ލުކެއް ގެނެސްދޭނެ އެވެ. ރަސްމީކޮށް ސްޓައިލްކުރަން ބޭނުންވާނަމަ އޮލިވް ފެހި ކުލައިގެ ގަމީހަކާއި ބާގަންޑީ ކުލައިގެ ފަޓުލޫނެއް ވެސް ރަނގަޅުވާނެ އެވެ.

ފެޝަން

Popular