9 Apr 2026

By: Maaidha Mohamed Rashad

ކުޑަކުދިން ކުޅެން އުޅުމުގެ ތެރޭގައި ހޫނު ފެން ގަޔަށް އެޅުން ކަހަލަ ކަންކަމުގައި ގައިގެ އެކި ތަންތަން ފިހުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ގިނަ ފަހަރަށް، މިކަހަލަ ކަމެއް ދިމާވިޔަސް ހަދާނެ ގޮތެއް ނޭނގެ އެވެ. ހާސްކަމުގެ ތެރޭގައި ހުރެގެން ކުރަންނުޖެހޭ ކަންކަން ވެސް އެބަ ކުރެވެ އެވެ.

އެހެންވެ، މި ލިޔުމުގައި މި ކިޔައިދެނީ ކުއްޖަކު ފިހިއްޖެ ނަމަ، އަމަލުކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އައިޖީއެމްއެޗުގެ ޕްލާސްޓިކް ސާޖަން ޑރ. މުހައްމަދު ވަހީދު ދެއްވި އިރުޝާދުތަކެވެ.

ޓިކްޓޮކުގައި މެޑިކަލް އެސޯސިއޭޝަނުން އާންމުކުރި ވީޑިއޯގައި ޑރ. ވަހީދު ވިދާޅުވީ ކުޑަކުދިންނަށް ލިބޭ ފިހުމުގެ އަނިޔާއަކީ އާންމުކޮށް އެކްސިޑެންޓެއް ކަމަށެވެ.

ވަހީދު ވިދާޅުވީ ހަށިގަނޑަށް ހޫނު ފެން ބުރުން ނުވަތަ ހޫނު ފެންބަންޑުން ވެއްޖެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ފެން އިސްކުރެއް ބޭނުންކޮށްގެން އެތަންކޮޅު ރަނގަޅަށް ދޮވެލުން ކަމަށެވެ. ކޮންމެހެން، ފިހުނު ތަން ދޮންނަން ޖެހެނީ ފިނިފެނުން ކަމަށް ވާކަށް ނުޖެހެ އެވެ. އޭނާ އިރުޝާދު ދެއްވީ އާދައިގެ ފެނުން އެތަން ދޮވުމަށެވެ.

އޭގެ ފަހުގައި، ފިހުނު ތަނުގައި އިތުރު އެއްޗެއް ހޭކުމުގެ ބަދަލުގައި ވީއެންމެ އަވަހަކަށް ހޮސްޕިޓަލަކަށް ދިއުމަށް ވެސް އޭނާ އިރުޝާދު ދެއްވަ އެވެ.

"އެކަހަލަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެންމެ ރަނގަޅު ގޮތަކީ ގޭގެ އިސްކުރުގައި މި އަންނަ އާދައިގެ ފެން، ކޮންމެހެން ވަކިން ފިނި ފެނަކަށް ވާކަށް ނުޖެހޭ، އިސްކުރުގައި ހުންނަ ފެނުން ވީހާވެސް ގިނައެއްކޮށް ދޮވެލައިގެން ދެން ހޮސްޕިޓަލަކާ ހަމައަށް އައުން،"

ކުއްޖަކު އުނދުންމަތީގައި ހުރި ފެން އެއްޗެއްގައި އަތްލަނީ.

ވަހީދު ވިދާޅުވި ގޮތުގައި އެގޮތަށް އަމަލުކުރުމުގެ ބަދަލުގައި ބައެއް މީހުން ހޮސްޕިޓަލަށް ދަނީ އެތަނުގައި އެކި ކަހަލަ އެއްޗެހި ހާކައިގެންނެވެ. ފިހިފައި ހުންނަ ތަނުގައި ފުށްޖެހުމާއި އޭގެ މަތީގައި އައިސް ކޭއްތުމާއި މާމުއި ކަހަލަ އެއްޗެހި އުނގުޅައިގެން ވެސް ބައެއް މީހުން ހޮސްޕިޓަލަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި ބައެއް މީހުން އެބަ ބޭނުންކުރޭ ބައެއް ކަހަލަ އެއްޗެހި. މިސާލަކަށް، ފުށްޖެހުމާއި އެތާ މަތީގައި އައިސް އެޅުމާއި ނޫނީ ބައެއް މީހުން އެބަ ބޭނުންކުރޭ މާމުއި ވެސް. އެކަހަލަ އެއްޗެހި ބޭނުންނުކޮށް ހޮސްޕިޓަލަށް އައިސް ހޮސްޕިޓަލަކުން ފަރުވާ ކުރިއަށް ގެންދޭ."

ވަހީދު ވިދާޅުވީ ހަންގަނޑު އެހާ ފުން ނޫންކޮށް ފިހިފައިވާ ނަމަ، ރަނގަޅުވާއިރު އެތަން ހުންނާނީ ވަރަށް ރީއްޗަށް ކަމަށެވެ. އެކަމަކު މާބޮޑަށް ފުންކޮށް ފިހި، ހަންގަނޑު އެކީގައި ގޮސްފައިވާ ނަމަ ނުވަތަ ހަންގަނޑު މުޅިން ރަނގަޅުނުވެ ގިނަ ދުވަސްވާ ނަމަ، އޭގެ މަތީގައި ހަން އަޅާލަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ.

ސައިންޓިފިކް ދިރާސާތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވީ އެންމެ ރީތިކޮށް އެފަދަ ތަނެއް ހީލްވަނީ ކްލޯޒްކޮށް އެތަނެއް ބޭއްވުމުން ކަމަށެވެ.

"އެހާ ފުން ނޫންކޮށް ގޮސްފަ ހުރިއްޔާ ވަރަށް ރީތިކޮށް ފަހުން ހީލްވާނެ. އެކަމަކު މާބޮޑަށް ފުންވެފައި ހުރެއްޖެއްޔާމުން ހަންގަނޑު އެކީގައި ފިހިގެން ގޮސްފައި ހުރެއްޖެ ކަމަށްވާނަމަ ހަންގަނޑު މުޅިން ރަނގަޅު ނުވެ ގިނަ ދުވަސްވަންޏާ ދެން އޭގެ މަތީގައި ހަން އަޅާލުން ވެސް އެއީ ކުރަންޖެހިދާނެ ކަމެއް. މިހާރުގެ ސައިންޓިފިކް ތަހުލީލުތަކުން ދައްކާ ގޮތުގައި އެންމެ ރީތިކޮށް އެތަނެއް ހީލްވާނީ އެތަނެއް ކްލޯޒްކޮށްފައި ބައިންދައިގެން." އޭނާ ވިދާޅުވި އެވެ.

@medicalassociationmv ކުޑަ ކުދިންނަށް ލިބޭ ފިހުމުގެ އަނިޔާ Burn at home? Don’t panic. Do this first 🔥 Plastic Surgeon Dr Waheed explains the essential first steps to take immediately after a burn to reduce damage and improve healing outcomes. #BurnManagement #FirstAidEducation #PatientSafety #EmergencyCare #PublicHealth ♬ original sound - Maldivian Medical Association

އެހެންވީމަ، ދެން އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ، ގޭގައި އެކި އެއްޗެހި ހޭކުމުގެ ބަދަލުގައި ޑޮކްޓަރު މި ދިން ލަފާޔާ އެކުގައި ކުރިއަށްދާށެެވެ. އޭރުން ހަންގަނޑުން ފިހޭ ބައި ރަނގަޅުވުމުން، އޭގެ ލަކުނު މާއައިބުވާ ވަރަށް ފެންނާކަށް ނުހުންނާނެ އެވެ.

ސިއްހަތު ކުޑަކުދިން ފުރަތަމަ އެހީ

Popular