5 Oct 2025

By: Fathimath Ajufan

ކ. ކާށިދޫ، އަބްދުﷲ އަފީފްގެ އެންމެ ދުރު ހަނދާނަކީ ވެސް މާގަސް ހެއްދުމަށް އެ އޮންނަ ލޯތްބެވެ. ތަނަކުން ގަހެއް ފެނިއްޖެ ނަމަ އެ ހޯދައިގެން ގެނެސް ގޭގައި އިންދައި ގަޔާވެގެން އެ ހައްދައި ބޮޑުކުރެ އެވެ.

އެ ރަށު ސްކޫލުގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާތާ އެތައް އަހަރެއް ވެފައިވާ އަފީފު އެ ދާއިރާއިން ކިޔަވައި ނިންމުމަށް ފަހު ވަޒީފާއަށް ދާން ފެށުމަށް ފަހު ވެސް ގަސްތަކުގެ ތެރެއިން ނުކުންނަ ހިތެއް ނުވި އެވެ.

ކިޔަވައި ދިނުމުގެ ބުރަ މަސައްކަތުގައި އުޅެމުން ވެސް ގަސް ހެއްދުމަށް ވަގުތު ހުސްކުރެ އެވެ.

އަފީފް ހައްދާ ބައެއް ބޯގަންވިލާ ގަސްތައް.

"ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހަކީ ގަސް ހެއްދުމަށް ހާއްސަކޮށްފައި އޮންނަ ދުވަހެއް. އެ ދުވަހު އުޅޭނެ ގަސްތަކުގެ ކަންތައްތަކުގައި. ގަސްތައް ޓްރިމްކުރުމާއި ދިގުވާ ކުރި ކެނޑުން ކަހަލަ ކަންކަން ކުރާނެ އެ ދުވަހު،" އަފީފް ބުންޏެވެ.

އެ ކަމުގައި އެންމެ އެހީވަނީ އަފީފްގެ އަންހެނުންނެވެ. ދަނޑުވެރިކަން ވެސް ކޮންމެވެސް ވަރަކަށް ކުރާތީ އެހީތެރިވުމަށް ބިދޭސީއެއް ވެސް ގެންގުޅެ އެވެ. ނަމަވެސް ދަނޑާއި ގޭގައި ހައްދާފައި ހުންނަ ގަސްތަކުގެ ގިނަ ކަންކަން ކުރުމުގައި އުޅެނީ އަފީފެވެ.

އަފީފް ގެންގުޅޭ މަސައްކަތު މީހަކު ބޯގަންވިލާ ގަހެއްގެ ކައިރީ

"ބޯގަންވިލާ ހައްދާނެ ގޮތުގެ ފިލާވަޅު"

ކާށިދޫ މަޝްހޫރު ވެފައި އޮންނަނީ ދަނޑުވެރިކަމުގައި ވެސް އެންމެ ބޮޑަށް މާގަސް ހެއްދުމަށެވެ. އަފީފުގެ މުޅި ދިރިއުޅުން ވެސް މިހާރު ބިނާވެފައި އޮތީ އެ މަސައްކަތަށެވެ.

ކާށިދޫގެ ވަރަށް ގިނަ ގޭގޭގައި ބޯގަންވިލާ ހައްދަ އެވެ. ނަމަވެސް އަފީފުގެ މަސައްކަތް ވަރަށް ތަފާތެވެ. އެ ގޭގައި ހައްދާ ގޮތާއި ރަށުގެ އެހެން ގޭގޭގައި ހައްދާ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތެވެ.

އަފީފް ހައްދާފައި ހުރި ބޯގަންވިލާ ގަހެއް.

ސޯޝަލް މީޑިއާގައި ވެސް އެ ގޭގެ ވީޑިއޯތަކެއް ދައުރުވި އެވެ. އެ ގޭގެ ދޮރުމަތީގައި ހައްދާފައި ހުރި ގަސްތައް ހުންނަނީ އެއްވަރަށް، ވަކި ގޮތަކަށް ކޮށައިފަ އެވެ. މަލުން މުޅި ގެ އޮންނަނީ ޖަރީވެފަ އެވެ.

"އަޅުގަނޑު ބޯގަންވިލާ ގަސްތައް ހެއްދިއިރު ބެލިން ގިނައިން މާ އަޅާ ވައްތަރުތަކަށް. އެއްވެސް ބޭހެއް ބޭނުމެއް ނުކުރަން. މި މޫސުމުގެ ގޮތުން އެ ހުރި ތަނުގެ ގޮތުން، އަވި ލިބޭތީ މާ އަޅަނީ ގިނައިން ހަމަ. އެއީ އާންމުކޮށް މި ހުންނަ ބޯގަންވިލާ ވައްތަރެއް ވެސް ނޫން،" އަފީފް ބުންޏެވެ.

ކޮންމެ ގަހެއްގެ ބުޑު އެއީ އާދައިގެ ގަހުގެ ބުޑުތަކެއް. ދެން އަޅުގަނޑު ޖަހަނީ ދަނޑިތަކެއް. ދެން އޭގައި އެ ހުރީ ގްރާފްޓިން ހަދާފައި. ދެން ހަމަ ހެދެމުންދާ ވަރަކަށް ވައްކޮށް ކޮށާނީ. ވަރަށް ބޮޑަށް ކޮށަން ޖެހޭނެ. ގިނައިން ކޮށި ވަރަކަށް މާ ގިނައިން އަޅަނީ."

އަފީފް ހައްދާފައި ހުރި ޑްރެގަން ފްރުޓް ގަސްތަކެއް.

މިހާރު އެ ގަސްތައް ހައްދާތާ ހަތަރު އަހަރު ވެފައި ވާއިރު ވެސް އެއަށް އަލާލުމަކީ އަފީފާއި އަންހެނުން އެންމެ ކުރާހިތުން ކުރާ މަސައްކަތެވެ.

ކިޔަވައިދިނުމަކީ ބުރަ މަސައްކަތެއް ނަމަވެސް ގަސް ހެއްދުމުގެ މަސައްކަތް ދޫ ނުކޮށްލާނެ ކަމަށް އަފީފް ބުންޏެވެ.

ކ. ކާށިދޫ

Popular