17 Oct 2025

By: Maaidha Mohamed Rashad

ހަވީރު ފިންޏަށް ވ. ފެލިދޫގެ ގޮނޑުދޮށުގައި ހިނގަމުންދަނިކޮށް މުހައްމަދު މިމްރާހު އާއި އޭނާގެ އަންހެނުން، ބެތުނީގެ ލޮލުގައި އަޅައިގަތީ ޕްލާސްޓިކް ފުޅިއެއްގެ މަތިގަނޑެއްގެ ތެރެއަށް ވަދެ އޮތް ބޮޑު ބަރަވެއްޔެކެވެ. ބަރަވެލި އޭގެ ގުދުރަތީ ތޮށިގަނޑު ނުކުމެ ފުޅިއެއްގެ މަތިގަނޑު އޭގެ ތޮށިގަނޑު ކަމުގައި ބަލައިގެން އުޅެނީ އެވެ. މި މަންޒަރުން މިމްރާހުގެ އަންހެނުންގެ ހިތަށް އަސަރުކުރި އެވެ. ޕްލާސްޓިކްގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުންވެއްޖެ އެވެ؛ "ރަށު ޕްލާސްޓިކް ޕްރޮޖެކްޓް" އެ ހިސާބުން ފެށުނީ އެވެ.

"ރަށު ޕްލާސްޓިކްގެ ލޯގޯ އިން ވެސް އެ ދައްކުވައިދެނީ އެ މަންޒަރު. އެއް ދުވަހު ސަންސެޓުގައި ވޯކެއްގައި އުޅެނިކޮށް ފެންނަނީ ހާމިޓް ކްރެބް [ބަރަވެލި] އެއް ވަރަށް ބޮޑު އެއްޗެއް ޕްލާސްޓިކް މަތިގަނޑެއްގައި ތާށިވެފައި އިންދާ. އަޅުގަނޑަށް ފުރަތަމަ ހިނި އައީ. އެކަމަކު މީނަ [އަންހެނުން] ބުނެފި ތިއީ ހޭވަރު ކަމެއް ނޫނޭ. ވަރަށް ހިތާމަވެރި މަންޒަރެކޭ ތި ފެންނަނީ،" މެރިން ބަޔޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އަނބިމީހާއާ މި ވިޔަފާރި ފެށުނު ގޮތް މިމްރާހް ކިޔައިދޭން ފެށި އެވެ.

މިމްރާހް ބުނީ އެ ބަރަވެލި ފެނުނީ ޕްލާސްޓިކުން އެކި ކަހަލަ އެއްޗެހި ހަދައިގެން ދެވަނަ ފަހަރަށް ބޭނުންކުރާ މަންޒަރު ޓިކްޓޮކް ފަދަ ތަންތަނުން ފެނި، އެކަން ކުރުމުގެ ވިސްނުން އެ މީހުން ގެންގުޅުނު ދަނޑިވަޅެއްގައި ކަމަށެވެ. އެހެންވެ، އެ ހާދިސާވީ ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތް އަވަސް ކުރަން ލިބުނު ފިލާވަޅަކަށެވެ.

"މިކަހަލަ ކަމެއް ކުރަން ހިތާ ތިއްބާ އެ މަންޒަރު ފެނުނީ. އެހެންވެ ސްޓެޕެއް ނެގީ. މަޑުމަޑުން މި ފެށީ އުނދަގޫ ކަމަކަށް ވިޔަސް،" އުމުރުން 26 އަހަރުގެ މިމްރާހް ބުންޏެެވެ.

މިމްރާހް އާއި އޭނާގެ އަންހެނުން ރަށުގެ ގޮނޑުދޮށުން ޕްލާސްޓިކް ހޮވަނީ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެށި "ރަށު ޕްލާސްޓިކް" ޕްރޮޖެކްޓަކީ އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން އެކި ކަހަލަ އެއްޗެހި އުފެއްދުމަށް ފެށި މަސައްކަތެކެވެ. ފަށު ފުލާއި ކަންފަތުލާ އެއްޗިއްސާއި އަތުގައި އަޅާ އެއްޗެއްސާއި ތަޅުދަނޑި ފޫ ފަދަ ތަކެތި މި ތަނުން ހަދަނީ އުކާލާ ޕްލާސްޓިކުންނެވެ.

މިވަގުތު މިތަނުން ލިބޭ ގިނަ އެއްޗިއްސަކީ ހޭންޑްކްރާފްޓް އެއްޗެއްސެވެ. ދެމަފިރިން ހުސް ވަގުތުގައި ޕްލާސްޓިކް ވިރުވައި އޮފްކޮށް، އެއްޗެހީގެ ބައްޓަން ގެންނަނީ މެޝިނެއްގެ އެހީ ނެތި އެވެ.

"އެއްޗެހި ހަދަމުން ހަދަމުން ގޮސް ވަކި ވަރަކަށް ހެދެން ފެށީމާ އެނގިއްޖެ މިކަން ވާނެކަން. ދެން މިކަން ކުރަންވީކަން. އެހެންވެ ކޮމްޕެނީއެއް ރަޖިސްޓްރީކޮށްގެން ވަރަށް ގިނަ ގޯލްސްތަކާ އެކީގައި ފެށީ،"

އެކަމަކު އެމީހުންގެ މަސައްކަތް ފުޅާކުރަން މެޝިނެއް ގެނެސްގެން މަސައްކަތް ކުރުމަށް ވެސް މި ދެމަފިރިން އަންނަނީ ތައްޔާރުވަމުންނެވެ.

ރަށުގެ ގޮނޑުދޮށަށް ލައްގާފައި ހުންނަ ޕްލާސްޓިކާއި މީހުން އުކާލާ ފުޅިތައް ހޮވައި، އެ ކުދިކޮށް އޭގެ ބޭނުން މި ދެމަފިރިން އަންނަނީ ކުރަމުންނެވެެ. އަނގޮއްޓި އާއި އަތުގައި އަޅާ އެއްޗެހި ވެސް މި ޕްލާސްިކް ބޭނުންކޮށްގެން މެޝިނުން ހެދޭނެ އެވެ.

ޕްލާސްޓިކުން ހަދާފައިވާ ފަށު ފޫ.

"ރަށަކަށް ދަތުރެއް ދިޔަސް ޕްލާސްޓިކް އެއްޗެހި ހޮވައިގެން ގެންނަނީ. އާއިލާ މީހުންނާއި ރައްޓެހިން ވެސް ޕްލާސްޓިކް އެއްޗެއް ފެނިއްޖެއްޔާ ގެނެސްދޭނެ. މިކޮޅުން [ރަށުން] ކުނި ނަގާ މީހާ ކައިރި ވެސް ބުނެލާފައި އޮންނާނީ. އޭނާ ވެސް ނަގައިދޭނެ ޕްލާސްޓިކް މަތި ކަހަލަ އެއްޗެހި،"

އެ ދެމަފިރިން ދެކޭ ގޮތުގައި ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ބަލާއިރު ކާބޯތަކެތި ޕެކޭޖިން އިން ފެށިގެން ގޭތެރޭގައި ބޭނުންވާ ތަކެއްޗާ ހަމައަށް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ޕްލާސްޓިކް އެކުލެވިގެންވާ އެއްޗެހި ބޭނުންކުރާއިރު، މާލެއާ ދުރު ރަށްރަށުގައި ޕްލާސްޓިކް ނައްތާލެވޭނެ ގޮތްގޮތަށް މަދެވެ.

ގިނަ ފަހަރަށް ރިސޯޓުތަކުން ވެސް ދަނީ ޕްލާސްޓިކް އަނދަމުންނެވެ. އެކަމުގެ ސަބަބުން ވައި ތަޣައްޔަރުވުމާއި ސިއްހީ މައްސަލަތަކާއި ފަތުރުވެރިކަމަށް ވެސް އަސަރުކުރެ އެވެ.

"ރަށު ޕްލާސްޓިކް ޕްރޮޖެކްޓުން ދެކެނީ ރީސައިކަލް ކުރުމުން ކަނޑަށް ޕްލާސްޓިކް ބޭރުވާ މިންވަރު ދަށްވެ، އިގްތިސާދަށް ވެސް ފައިދާވާނެ ކަަމަށް،"

View this post on Instagram

A post shared by Rashu Plastic Project (@rashuplasticproject)

އެހެންވެ، ގޭގެގައި ހުންނަ ޑިޓަޖެންޓް ފުޅި އާއި އެކިހަލަަ ޖޫސް ފުޅި އާއި އޭގެ މަތިން އެކި ކުލަކުލައިގެ އުފެއްދުންތައް މި މީހުން ތައްޔާރުކުރަމުން އެބަދެ އެވެ. ވެލަ އާއި ރުކާއި ދޫންޏާއި ހިތާއި އެފަދަ އެތައް ސާމާނެއް އެބަ ލިބެ އެވެ.

މިމްރާހް ބުނީ އެ މީހުންގެ އެ މަސައްކަތާ އެކު މީހުންގެ ފަރާތުން އެކަމަށް ހިތްވަރުދީ ކުރިއަށް ދިއުމަށް ބުނަމުން އަންނަ ކަމަށެވެ.

"މިކޮޅުގައި ބޮޑެތި މީސް މީހުން ވެސް ބުނަނީ ވަރަށް ރަނގަޅު ކަމެކޭ. ކުރިއަށް ގެންދާށޭ. ޓޫރިސްޓުން ވެސް ބުނޭ ގިނަ ތަންތަން ފެނިއްޖެއޭ އެކަމަކު މީގެ އެއްޗެއް ނުފެނެއޭ. ވަރަށް ރަނގަޅު ކަމެކޭ،"

View this post on Instagram

A post shared by Rashu Plastic Project (@rashuplasticproject)

ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މަސައްކަތަކާ އަޅާބަލާއިރު ސޯޝަލް މީޑިއާގައި ތަރުހީބު ވެސް ރަނގަޅު ކަމަށް މިމްރާހް ބުންޏެެވެ.

"ތަރުހީބު ލިބޭ ދެން ކޮންމެވެސް ވަރަކަށް. ހޭންޑްލް ކުރެވޭ ވަރަށް އޯޑަރު ލިބޭ،"

އެ މީހުން އެންމެ ބޮޑަށް ބޭނުންވަނީ ރިސޯޓުތަކާ ގުޅިގެން ކުރިއަށް ގެންދާށެވެ.

އަސްލު ބޭނުން ރިސޯޓުތަކާ ކޮލެބްރޭޓްކޮށްގެން ކުރިއަށްދާން. ވަރަށް މަދު ރިސޯޓެއްގައި މީތި ކުރިއަށް ދަނީ. އެ ހުންނަ ތަންތަނުގައި [ރިސޯޓު] ވެސް ހުންނަނީ ބޭރު ކޮމެޕްނީސްތަކަށް ދީފައި. ދެން އެ މީހުން ވެސް ކޮލެބްރޭޓްކުރަނީ ބޭރު މީހުންނާ އެކީ. ދާނީ ބޭރަށް އެ ފައިސާ،"

މަހެއްހާ ދުވަސް ތެރޭ މެޝިން ލިބި، އޯޑަރުތައް ނަގައިގެން ކުރިއަށް ދާން ފަސޭހަވާނެ އެވެ. އޭރުން އުކާލާ ޕްލާސްޓިކް މަދުކުރުމަށް ފަށާފައިވާ މި މަސައްކަތް ވަރަށް ބޮޑަށް ލުއިވެ ފުޅާވާނެ އެވެ.

Popular