ކ. ދިއްފުށީ ސްކޫލުގައި ގްރޭޑު 7 ގައި ކިޔަވަން އުޅުނު އިރު މުހައްމަދު ރައިހާން ރަބީއު ގާތު އޭނާގެ ބަޔޮލޮޖީ ޓީޗަރަކު ބުނި ވާހަކައެއް ހަނދާނުގައި އެބަހުއްޓެވެ. އެ ވާހަކަ އަކީ މިއީ އެވެ؛
ކ. ދިއްފުށީ ސްކޫލުގައި ގްރޭޑު 7 ގައި ކިޔަވަން އުޅުނު އިރު މުހައްމަދު ރައިހާން ރަބީއު ގާތު އޭނާގެ ބަޔޮލޮޖީ ޓީޗަރަކު ބުނި ވާހަކައެއް ހަނދާނުގައި އެބަހުއްޓެވެ. އެ ވާހަކަ އަކީ މިއީ އެވެ؛
"މި ކުޑަކުޑަ ރަށަކީ ހަމައެކަނި ދުނިޔެ ކަމަށް ގަބޫލުނުކުރައްޗޭ،"
އެ ވާހަކައިގެ ހަގީގަތެއް އޭނާއަށް މި އެނގުނީ ސްކޫލު ނިންމައި ދަތުރުކުރަން ފެށުމުންނެވެ. ދުނިޔެއަށް ލޯ ހުޅުވި، އެހެން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި މި ދަސްވީ އެ ދަތުރުތަކުގެ ތެރެއިންނެވެ.
"މޯލްޑިވިއަން ބެކްޕެކާ" ގެ ނަމުގައި ޓިކްޓޮކްގައި އެކައުންޓެއް ހަދައިގެން އުމުރުން 24 އަހަރުގެ ރައިހާން އެ އަންނަނީ އޭނާގެ ދަތުރުކުރުމުގެ ތަޖުރިބާ އެންމެނަށް ކިޔައިދެމުންނެވެ.
ރައިހާން، ބުނީ ކޮވިޑުގެ ދުވަސްވަރު ޔޫޓިއުބާއި ޓިކްޓޮކް މެދުވެރިކޮށް ވަރަށް ގިނައިން ޓްރެވެލް އިންފްލުއެންސަރުންގެ ވީޑިއޯތައް ބެލުނު ކަމަށެވެ. އޭގެ ތެރެއިން، ދަތުރުކުރުމަކީ މާ ޝައުގުވެރިކަމަކަށް ވެސް ވެއްޖެ އެވެ.
އެކަމަކު އޭރު ސްކޫލު ނިންމި ގޮތަށް "ގެޕް އިޔާ" އެއް ނެގުމަށް ރަށުގެ ޑައިވް ސެންޓަރެއްގެ އިންޓާންޝިޕަށް ވަނީ އެވެ. އޭގެ ތެރެއިން ޑައިވިނަށް ހިތްޖެހި، ހަތަރު އަހަރު އުޅުނީ އެ ޑައިވިން ސެންޓަރުގަ އެވެ. އެ މަސައްކަތުގައި އުޅުނުއިރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ އޭނާގެ އުމުރުގެ ކުދިން ވެސް އެތަނަށް ޑައިވް ކުރަން ގޮސް ހެދި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރުމަކީ ކިތަންމެ ކުރާހިތްވާ ކަމަކަށް ވެފައި އޮތަސް އޭރު ވެސް ރައިހާނަށް އެކަން އޮތީ ނުވެ އެވެ.
ބޭރުން ދިމާވި ރައްޓެހިންތަކަކާ އެކު ރައިހާން ފޮޓޯއަކަށް ހުއްޓިލައިގެން.
އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ "ޕާސަނަލް ގްރޯތު" އަށް އެ ވަޒީފާ އިން ވަކިވެފަ އެވެ. އެ މުއްދަތުގައި އޭނާ އެންމެ ފުރަތަމަ ކުރި ކަމަކީ ވެސް ރައްޓެހިންނާ އެކު ލަންކާ ބަލައިލަން ކުރި ދަތުރެވެ. އޭގެ ފަހުން މިއަހަރުގެ ކުރީކޮޅު ކަޝްމީރަށް ވެސް ދިޔަ އެވެ.
އޭގެ ފަހުން މިދިޔަ ޖުލައި މަހު ދަތުރުކުރަން ފެށި ގޮތަށް އޭނާ އެ އުޅެނީ އެކި ހިސާބުތައް ބަލައި އެ ތަޖުރިބާތައް ކިޔައިދެމުންނެވެ.
ރައިހާން އޭނާގެ ރައްޓެހިންތަކަކާ އެކު ލަވަ ކިޔަނީ.
ރައިހާން ބުނީ އޭނާގެ ތިން ރައްޓެހިންނާ އެކު ލަންކާގައި 15 ދުވަސް ހޭދަކުރުމަށް ފަހު ދެން ދިޔައީ މެލޭޝިއާއަށް ކަމަށާއި އެތަނުގައި ވެސް 15 ވަރަކަށް ދުވަހު މަޑުކުރި ކަމަށެވެ. އޭގެ ފަހުން ތައިލެންޑުގައި 10 ވަރަކަށް ދުވަހު ހުރެފައި، ލާއޯސްގައި ވެސް 10 ދުވަހު މަޑުކުރި އެވެ. ކެމްބޯޑިއާގައި ވެސް 10 ދުވަހު މަޑުކޮށްފައި ދެން އޭނާ ދިޔައީ ވިއެޓްނާމަށެވެ. އެ ގައުމުގައި މަސް ދުވަހު މަޑުކުރި އެވެ. އޭގެ ފަހުން، ފިލިޕިންސްގައި ވެސް 10 ދުވަހު މަޑުކޮށްފައި ބާލީގައި ވެސް ހަމަ އެ މުއްދަތަށް މަޑުކުރި އެވެ.
އެ ދަތުރަށް ފަހު، އޭނާ އަނބުރާ ވިއެޓްނާމަށް ދިޔަ ގޮތަށް އަދިވެސް ހުރީ އެތަނުގަ އެވެ. ގާތްގަނޑަކަށް މަސް ދުވަސް މިފަހަރު ވެސް އެތަނުގައި ހޭދަވާނެ ކަމަށް ރައިހާން ބުންޏެެވެ.
އެކަމަކު މިހާ ވަރަށް އޭނާ މި ދަތުރުކުރަނީ ކިހިނެއް ހެއްޔެވެ؟ ފައިސާގެ ދަތިކަމެއް ނެތީ ހެއްޔެވެ؟ މިއީ ގައުމުތަކުގެ ވީޑިއޯތައް ލުމުން ހަމަ މީހުން އޭނާއާ ކުރިމަތިކުރާ ސުވާލުތަކެވެ.
މިއީ އޭނާ ވަޒީފާގައި އުޅުނު ދުވަސްވަރުގެ ބުރަ މަސައްކަތެވެ. އަދި އިތުރު ދަތުރުތައް އޭނާ ކުރަނީ ވެސް ހަރަދުތަކަށް ބަލައިގެން އަގުހެޔޮ ގޮތްތައް ހޯދައިގެންނެވެ.
ރައިހާން: އޭނާ ބުނީ ދަތުރުކުރުމަކީ ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް.
ރައިހާން ބުނީ އެންމެ ފުރަތަމަ ފެށިއިރު ދިޔައީ އެންމެ އަގުހެޔޮ ތަންތަން ބަލައިގެން ކަމަށެވެ. އެކަމަކު މަސް ދުވަސް ވަންދެން ދަތުރުކުރުމަށް ފަހު އޭނާ ދެން ދިޔައީ ރީތި އަދި އަގުހެޔޮ ތަންތަން ބަލައިގެންނެވެ.
"އަޅުގަނޑު ހުންނަނީ ހޮސްޓެލްސް ކަހަލަ ރޫމް ޝެއާކުރާ ޑޯމެޓްރީ ކަހަލަ ތަންތަނުގައި. ދެން ކެއުން ވަރަށް އަގު ހެޔޮ ރާއްޖެއަށް ވުރެ ވެސް. ދެން ޑޯމެޓްރީސްގައި ހަމަ ޕޫލްލާފައި އޭސީކޮށްފައި ހުންނަ ވަރަށް ރީތި ބެޑްލާފައި ހުންނަ ތަންތަން ހުރޭ 10 ޑޮލަރަށް ވެސް،" ރައިހާން ބުންޏެވެ.
"ބައެއް މީހުންނަށް އަސްލު ނޭނގި އޮންނަނީ އެހާ އަގުހެޔޮކޮށް ދަތުރުކުރެވޭކަން،"
އެހެންވެ ފައިސާއާ ގުޅުވައި ދެކެވޭ ވާހަކަތަކާ ގުޅިގެން ރައިހާން ބުނީ ފައިސާ އެއްކުރާއިރު ވަކި ކަމަކަށް އެއްކުރުމަށް ވުރެ އަބަދުވެސް ވަކި މިންވަރެއް އެއްކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަަށެވެ. އޭނާ ވަޒީފާގައި އުޅުނުއިރު އަމަލުކުރި ގޮތަކީ އެއީ އެވެ.
"ވަޒީފާގައި އުޅުނުއިރު ސޭވްކުރި އެއްޗަކުން މި އުޅެނީ. ވަކި ކަމަކަށް ސޭވްކުރުމުގެ މައިންޑްސެޓަކީ ވަރަށް ޑިސްޓްރެކްޓް މައިންޑްސެޓެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އެއީ މީހަކު ހަމަ ފޯނެއް ގަންނަން 20،000ރ. އެއްކޮށްފައި ދެން އަނެއްކާ ހަރަދުތަކަށް ނުބަލާ އުޅުނީމަ އަސްލު އެއްޗެއް ސޭވެއް ނުވާނެ،"
ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ދަތުރުކުރުމަށް އޭނާ ބާރުއަޅާ ސަބަބުތައް ބައިވަރެވެ.
ރާއްޖޭގައި ދަތުރުކުރުމަކީ ހަމައެކަނި ޗުއްޓީތަކުގައި ކުރާ ކަމަކަށް ވެފައި އޮތަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހައި ސްކޫލު ނިންމުމަށް ފަހު، ޔުނިވާސިޓީއަކަށް ދިއުމުގެ ކުރިން ގެޕް އިޔާއެއް ނަގައިގެން ކުދިން ދަތުރުކުރެ އެވެ.
ރައިހާން ބުނީ އޭނާއާ ދިމާވާ ގިނަ ބަޔަކު ވެސް ގެޕް އިޔާއެއް ނަގައިގެން ދަތުރުކުރާ ކަމަށެވެ. އަދި ބައެއް ސްކޫލުތަކުގައި އެކުދިންގެ ޓީޗަރުންނާ އެކު ވެސް ދިރިއުޅުމާ ގުޅޭ ފިލާވަޅުތައް ނެގުމަށް އެކި ތަންތަނަށް ދަތުރުކުރާ ކަމަށް އޭނާ ބުންޏެވެެ.
"މިގޮތަށް ދިމާވާ ކުދިން ވެސް މި އަންނަނީ އެމީހުންގެ ކަލްޗާގައި ވަރަށް އޮންނަ ކަމެއް މިއީ ގެޕް އިޔާއެއް ނެގުން ޔުނިވާސިޓީއާ ގުޅުމުގެ ކުރިން. އެއީ އެމީހުން ދަތުރުކުރުމަށް ނަގާ ގެޕް އިޔާއެއް. އެމީހުންގެ އެބަ އޮވޭ ސްކޫލު ޓްރިޕްތައް ވެސް ޓީޗަރުންނާ އެކީ މިދަނީ ދަތުރުކުރަން ލައިފް ބިލްޑިން ސެޝަން ނެގުމާ،"
ރައިހާން.
މިގޮތަށް ކުރާ ދަތުރުތަކަކީ ވަރަށް ދުނިޔެއަށް ލޯހުޅުވޭ ދަތުރުތަކެއްގެ ގޮތުގައި އޭނާ ގަބޫލުކުރެ އެވެ. އަމިއްލައަށް ދިރިއުޅޭނެ ގޮތްތައް އެނގުމާއި އަމިއްލަ ހުނަރުތައް ވަރުގަދަ ކުރުމުގެ ގޮތުން ވެސް ދަތުރުކުރުމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ދެކެ އެވެ. އަދި މީހުންނާ ދިމާވެ އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމާއި މީހުންނާ އެކު އުޅެން ދަސްވުމާއި އެހެން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ދަސްވާ ކަމަށް އޭނާ ބުންޏެެވެ.
"އެއީ ވަރަށް ދުނިޔެއަށް ލޯ ހުޅުވޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު ދެކެނީ އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހަމަ ސްކޫލު ނިންމާފައި ކޮންމެވެސް ވަރަކަށް ގެޕް އިޔާއެއް ނަގައިގެން ދަތުރުކޮށްލުމަކީ ރަނގަޅުކަމެކޭ،"
އެހެންވެ، އިންޓަވިއު ނިންމާލަމުން ވެސް އޭނާ ހަނދާން ކުރީ ބަޔޮލޮޖީ ޓީޗަރުގެ ނަސޭހަތެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ވާނުވާ ނޭނގި މުޅި އުމުރު ރަށުގައި ހުސްކޮށްލަން ނޭދޭ ކަމެވެ. ސޯލޯ ދަތުރުތަކުން ލިބުނު ހިތްހަމަޖެހުމާއި ތަޖުރިބާގެ އަލީގައި އޭނާ އެ ދަނީ އަންނަ ޖެނުއަރީ މަހު ފުރަތަމަ ގްރޫޕް ގޮވައިގެން ކަޝްމީރަށެވެ. އޭގެ ފަހުގައި މެއި މަހުގެ ތެރޭގައި ފިލިޕިންސްއަށް ޑައިވް ޓްރިޕެއް ދިއުމުގެ ވިސްނުން ވެސް އެބަ ގެންގުޅެ އެވެ.
މިއީ ދަތުރުކޮށްގެން ލިބުނު ހިތްހަމަޖެހުން އެހެން މީހުންނަށް ވެސް ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތެވެ.