30 Apr 2026

ތަނަކަށް ކާން ގޮސް ތިބޭއިރު، ޖެހިގެން އިންނަ އެކުވެރިޔާގެ ތަށިން އެތިކޮޅެއް ނަގައި ކާލުމަކީ ގާތް އެކުވެރިންގެ ތެރޭގައި އާންމު ކަމެކެވެ. ފްރެންޗް ފްރައިޒް ކަހަލަ އެއްޗެއް ނަމަ އަދި މިކަން މާ ބޮޑުވާނެ އެވެ. 

އެހެން ނަގާ ކާއެއްޗެހި މާ މީރުހެން ހިއެއް ނުވޭހެއްޔެވެ؟ 

މިއީ ހީއެއް ނޫނެވެ. ސައިންސުން ވެސް މިކަން ސާބިތުވެ އެވެ. 

އާ ދިރާސާއަކުން ދައްކާ ގޮތުގައި، އެހެން މީހެއްގެ ތަށިން "ވަގަށް ނަގާ" ކާނާ، އަމިއްލަ ތަށީގައި ހުންނަ ކާނާއަށްވުރެ މާ މީރު ކަމަށް އިހްސާސްވެ އެވެ.

މޮސްކޯގައި ހުންނަ ރަޝިއަން މެޑިކަލް އެކަޑަމީ އޮފް ކޮންޓިނިއުއަސް ޕްރޮފެޝަނަލް އެޑިއުކޭޝަންގެ ވެލެންޓިން ސްކްރައިބިން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދެއްކި ގޮތުގައި، ފްރައިޒްކޮޅު ވަގަށް ނެގުމުގައި އޮންނަ ނުރައްކާ ނުވަތަ "ރިސްކް" ބޮޑުވި ވަރަކަށް، އޭގެ ރަހަ މީރުކަމަށް ރިޕޯޓްކޮށްފައިވާ މިންވަރު އިތުރެވެ.

މި ދިރާސާގައި ބައިވެރިވި މީހުން ބުނި ގޮތުން ނަމަ، ސިއްރުން ނަގާ ފްރައިޒް، އަމިއްލަ ތަށީގައި ހުރި ފްރައިޒްއަށް ވުރެ 40 ޕަސެންޓް މީރެވެ.

ކިހިނެއްވާ ކަމެއް؟

މި ދިރާސާ ކުރިއަށް ގެންދިޔަ ލީޑް ރިސާޗަރު ވެލެންޓިން ސްކްރައިބިން ބުނާ ގޮތުގައި، ކާނާގެ ރަހަ ތަފާތުވަނީ އޭގައި ހުންނަ ލޮނުގެ މިންވަރަކަށް ނޫނެވެ. އެކަމަކު އެ ކާނާ ހޯދަން ނަގާ "ސޯޝަލް ރިސްކް" ނުވަތަ ނުރައްކަލުގެ ސަބަބުންނެވެ.

ދިރާސާގައި ބައިވެރިވި މީހުންނަށް ފްރައިޒް ދިނީ ހަތަރު ގޮތަކަށެވެ:

  1. ހަދިޔާއެއްގެ ގޮތުގައި: މީހަކު ހިތުން ރުހުމުން ދިނުމުން.
  2. އަމިއްލަ އެއްޗެއްގެ ގޮތުގައި: އަމިއްލައަށް ގަނެގެން.
  3. ސިއްރުން: ރައްޓެއްސަކު ނުބަލާ ހުއްޓާ ނަގައިގެން.
  4. ނުރައްކާތެރި ވަގަކަށް ވެގެން: ބިރުވެރިކޮށް ހުރި މީހެއްގެ ތަށިން ނަގައިގެން.

ނަތީޖާ ދެއްކި ގޮތުގައި، އެންމެ ރަހަ މީރުވީ ނުދަންނަ، ހަރުކަށި މީހެއްގެ ތަށިން ވަގަށް ނެގި ފްރައިޒް އެވެ. މިކަމުން އެނގެނީ، ކާނާއެއް ހޯދުމުގައި އޮންނަ "ބިރުވެރިކަމާއި" "ވަގުކަން" އިތުރުވިވަރަކަށް، ސިކުނޑިން އެ ކާއެއްޗެއްގެ ރަހަ މީރުކޮށް އިހުސާސްކޮށްދޭ ކަމެވެ.

"ވަގަށް ނަގާ ކާނާ މީރު" ވާނޭ ބުނާ ބަސްތައް ދުނިޔޭގެ އެކި ގައުމުތަކުގައި އާންމުކޮށް ބޭނުންކުރެ އެވެ. އިޓަލީގައި މި އިބާރާތް މިހެން ބޭނުންކުރެ އެވެ. އަދި ޖަޕާނުގައި ވެސް "ވަގަށް ކެއުން" މޮޅު ކަމަކަށް މާނަކޮށް "ނުސުމީގުއީ" އޭ ބުނާ ބަހެއް އޮވެ އެވެ.

ދެން ފަހަރަކުން ރައްޓެއްސެއްގެ ތަށިން ފްރައިޒްކޮޅެއް ނަގައި ކާލާއިރު، އަމިއްލަ ތަށީގައި ހުރި އެއްޗެހި ނުބައީއޭ ހީނުކުރާށެވެ. އެއީ ހަމަ ހީވާ ގޮތެކެވެ. 

ސައިކޮލޮޖީގެ އިލްމުން ހާމަވާގޮތުގައި، އެއްޗެއް ހޯދުމަށް ހުރަސްތަކެއް ހުރި ނަމަ އެ އެއްޗަކަށް އޮންނަ ޝައުގުވެރިކަން ބޮޑުވެ އެވެ. އެކަމުން ލިބޭ އުފާވެރިކަން ބޮޑު ކަމަށް ވެސް ހީވެ އެވެ. ކުދިކުދި ގަވާއިދުތަކާ މީހުން މަޖަލަކަށް ހަދައިގެން ވެސް ހިލާފުވަނީ އެހެންވެ ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ ވަގުތީ އުފަލަކާއި ހިތްހަމަޖެހުމެކެވެ. ފަހުން އެކަމާ ހިތާމަކުރާނެ އެވެ!

ކާނާ ސައިންޓިފިކް ރިސާޗް ސައިކޮލޮޖީ

Popular