By: Niumathullah Idhurees
މާރުކޭޓުގެ ނަމުގެ ކުރިއަށް "ލޯކަލް" އަޔަސް އެތަނުގައި ހުންނަ އެއްޗިއްސާއި މުދާ ވިއްކަން ތިބޭ ގިނަ މީހުން ވެސް ލޯކަލްއެއް ނޫނެވެ. ނުދަންނަ ކިތަންމެ މޭވާއަކާއި ތަރުކާރީއެއް އެބަހުއްޓެވެ. ކޯއްޗެއްތޯ އެހުމުން ބިދޭސީ ސޭޓުން ކިޔައިދެނީ އެ ކާނެ ގޮތެވެ. އޭގެ ތެރެއިން މިފަހަރު މިއޮތީ "ރިހަ ކައްކާލަން ބަރާބަރު" އެއްޗެވެ.
ހުތް އަނބަކާ ވައްތަރުވާ ބައްޓަމަކަށް އޮންނަ މި ތަރުކާރީގައި މަޑު ކަށިތަކެއް ހުރެ އެވެ. މިއީ މާރުކޭޓުން އަލަށް ފެންނަ އެއްޗެއް ނޫނަސް އާންމު އެއްޗެއް ނޫނެވެ. މި ރޯދަ މަހު އަދަދު ގިނަވެ ސަމާލުކަމަށް އައީ އެވެ. މި ވިއްކަން ހުރި ގޮޅީގެ ކައިރީގައި ހުއްޓާ ކިތަންމެ މީހަކު އެއީ ކޯއްޗެއްތޯ އެހި އެވެ. ސޭޓަކަށް ހުރި ބަންގްލާދޭޝް މީހާގެ ސެޓު ޖަވާބެއް ކޮންމެ ފަހަރަކު ވެސް އާދެ އެވެ. "މިއީ ރިހަ ކައްކާ އެއްޗެއް" ކަމަށް ބުނެ އެވެ.
"ކަކްރޮލް"
އަހަރެން ސުވާލުކުރީ އޭގެ ނަން ހޯދުމަށެވެ. ސޭޓަށް އެނގޭ ކަމަކަށް ނުވި އެވެ. ޖަވާބު ދިނީ އެ ގަންނަން އައިސް ހުރި ބަންގްލާދޭޝް އެހެން މީހެކެވެ. އޭނާ ބުނީ "ކަކްރޮލް" ކަމަށެވެ. ރާއްޖެއަށް އާންމުކޮށް މި ގެންނަނީ ބަންގްލަދޭޝް އިން ކަމަށާއި އެއީ އެ މީހުންގެ މަގުބޫލު ތަރުކާރީއެއްކަން އެނގުނެވެ.
"ދިވެހި މީހުން ވެސް މިހާރު ގަންނަނީ،" ސޭޓު އިތުރުކޮށްލި އެވެ. އޭނާ ބުނީ މިއީ ފާގަ ބޭނުންކުރާ ގޮތަށް ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ.
"ކަކްރޮލް" އަކީ ބަންގްލާދޭޝް ނަމެވެ. އިނގިރޭސި ބަހުން މިއަށް "ޓީސެލް ގާޑް" ކިޔަ އެވެ. މިއީ އޭގައި ހުންނަ އެންޓިބަޔޮޓިކް ޕްރޮޕަޓީގެ ސަބަބުން ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ވެސް ބޭނުންކުރެ އެވެ. މިއީ ލޭ ދައުރުކޮށްދިނުމަށް އެހީވެދޭ އެއްޗެކެވެ.
ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި "ކަކްރޮލް" ތަކެއް
މި ތަރުކާރީގެ އެތެރޭގައި އޮންނަނީ މުރަނަ، ފެން ރަހަ ދޭ ބައެކެވެ. އޭގެ ތެރޭގައި ކުދި އޮށްތަކެއް ހުރެ އެވެ. ކިއުކަމްބާ އާއިލާއަށް ނިސްބަތްވާ މި ތަރުކާރީގައި މެލަންގައި ހުންނަ މަޑު ހިތި ރަހައެއް ހުރެ އެވެ.
ބަންގްލާދޭޝްގައި މިއީ ވަރަށް އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ރިހަ ކައްކައިގެންނާއި ހިކިކޮށް، ސައިޑް ޑިޝް ހެދުމަށް ވެސް ބޭނުންކުރެ އެވެ.
"ފަރުމަހާއި ކިރާ އެއްކޮށް މީގައި ރިހަ ކައްކައިގެން ވަރަށް މީރު ވާނެ. ހިކިކޮށް ވެސް މީރު ވާނެ. އެންމެ މީރުވާނީ ފަރުމަސް އަޅައިގެން ހެދީމަ،" ބަންގްލާދޭޝް މީހަކު ކިޔައިދިނެވެ.
ޕްރޮޓީންސް އާއި އަޔަންގެ މިންވަރު މައްޗެވެ. ކެލަރީ މަދެވެ. މީގެ 100 ގްރާމްގައި ހުންނަނީ އެންމެ 17 ކެލަރީ އެވެ. ފައިބަ އާއި އެންޓި އޮކްސިޑަންޓުން ވަނީ މުއްސަނދިވެފަ އެވެ. އެހެންވެ މިއީ ހަޖަމުކޮށްލަން ފަސޭހަ އެއްޗެކެވެ. ހަޖަމު ނުބައިވުމުގެ މައްސަލަތައް މި ތަރުކާރީން ކުޑަކޮށްދޭ ކަމަށްވެ އެވެ.
މި ރޯދަ މަހު ތަފާތު ވައްތަރެއްގެ ކާނާއެއް ހަދަން ބޭނުން ނަމަ މިއީ ރަނގަޅު އެއްޗެކެވެ.
ކަރްކޮލް ރިހަ ކައްކާނެ ގޮތް