ރެދަނުގެ މި ރީތި މަންޒަރާ އެކު މިއީ ކިހިނެއްވާ ކަމެއްތޯ ސުވާލުކުރި މީހުން ވަރަށް ގިނަ އެވެ. މިއީ އަމިއްލަ އަށް ހަދާފައިވާ ފޮޓޯއެއް ނުވަތަ އަމިއްލަ އަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ބަލައި ބައެއް މީހުން ޝައްކު ވެސް ކުރި އެވެ. އެ ދުވަސްވަރު މިކަމާ ބެހޭ ގޮތުން ދުނިޔޭގެ ބޮޑެތި ނޫސްތަކުގައި ލިޔުނު އިރު ހަފިންޓަން ޕޯސްޓަށް، ކޯނެލް ޔުނިވަސިޓީގެ ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ޖޭމްސް މޯޓިން މިކަމުގެ ހަގީގަތް ކިޔައިދީފައިވެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއީ ހަމަ އާދައިގެ ގޮތުގައި ރެދަންލުން ކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. އެކަމަކު ރާއްޖޭން ފެނުނު މަންޒަރަކީ "ފައިޓޮޕްލެންކްޓަންސް"ގެ ސަބަބުން އާދައިގެ ގޮތުގައި ރޭގަނޑު މޫދުން ފެންނަ ފަދަ ދިއްލުމެއް ނޫންކަން އޭނާ ފާހަގަކޮށްފައިވެ އެވެ.
އާންމުކޮށް މި ފެންނަ ރެދަނުގެ އަސްލަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް އެވެ. މިއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ދިއްލޭ އެއްޗަކަށް ވިޔަސް، އެއީ ސިކުންތެއްހާއިރުގެ ދިއްލުމަކަށް ފަހު ނިވޭނެ އެވެ. ރާޅު ޖަހާއިރު ނުވަތަ މޫދުގައި އަތުން ޖެހުމުން ވެސް ހިނދުކޮޅަކަށް ދިއްލިދާނެ އެވެ. މިއީ "ފަޔަފްލައި އިފެކްޓް" އެވެ.

އެހެންވެ، މަޝްހޫރުވި ފޮޓޯގައި އެ ފެންނަނީ އާދައިގެ ފައިޓޮޕްލެންކްޓަންސް އެއް ނޫނެވެ. މޯޓިން ކިޔައިދީފައިވާ ގޮތުގައި އެ ފޮޓޯ އަށް އެހާ ރީއްޗަށް މަންޒަރު އަތުލެވިފައި ވަނީ ގިނައިރު ދިއްލޭ ސޫފިތަކެއްގެ ސަބަބުންނެވެ. އެއީ އޮސްޓްރަކޯޑްސް އެވެ. މިއީ އެއްޗެއްގައި ޖެހުމަށް ފަހު އެއް ސިކުންތާއި އެއް މިނެޓާ ދެމެދުގެ ވަގުތަކަށް ދިއްލޭ އެއްޗެކެވެ. އެހެންވެ މީގެ އެތައް ހާސް އެއްޗެއް ގޮނޑުދޮށަށް މަރުވެ ލެއްގުމުން މި ރީތި މަންޒަރު އުފެދިގެން އައީ ކަމަށް މޯޓިން ގަބޫލުކުރައްވަ އެވެ.
ރާއްޖޭގެ މި "ފިލްމީ މަންޒަރު" ފެނި އެތަން ހަމަލޮލުން ބަލައިލަން ބޭނުންވި މީހުން ވަރަށް ގިނަ އެވެ. އެއާ އެކު މި މަންޒަރު ފެންނަ އެހެން ގައުމުތަކުގެ ވާހަކަ ވެސް ދެކެވުނެވެ. އެގޮތުން، ޕޯޓެރިކޯ، ޖެމެއިކާ އަދި ބެލްޖިއަމުން ވެސް ހަމަ މިގޮތަށް ފެންނަ ކަމަށްވެ އެވެ. މިއީ މޫދުގެ ހޫނު ހިސާބުތަކުގައި އާންމުކޮށް މެދުވެރިވާ ހާލަތެކެވެ.