15 Dec 2018

ޕެރެސެޓެމޯލް ކާނަމަ ލޮނުމެދެއް ފިއްތާލާ

By: Asiya Abdul Raheem (Dietician)

ބައްޔެއް ވުމުން އެ ބަލީގެ ވޭން ކުޑަ ކުރުމަށް ނުވަތަ އަވަހަށް ބަލިން ފަސޭހަވުމަށް ދޭ ޑޮކްޓަރީ ބޭހަކީ އެ މީހެއްގެ ހަށިގަނޑާ އެކަށީގެންވާ މިންވަރު ބެލުމަށް ފަހު އަދިވެސް އެހެން ތަފާތު ގޮތްގޮތަށް ބެލުމަށްފަހު އެ ބޭފުޅުންނަށް ލިބިފައި ހުރި އިލްމާއި ހުނަރު ބޭނުންކޮށްގެން ޑޮކްޓަރުން ދޭ އެއްޗެކެވެ.

އަމިއްލައަށް ފާމަސީތަކުން ބޭސް ގަނެލައިގައިން (އޯވަ ދަ ކައުންޓަރ) ބޭނުން ނުކުރުމަށް ޑޮކްޓަރުން ލަފާ ދެއްވަނީ ގިނަ ބާވަތްތަކުގެ ބޭސްބޭހަކީ އެ ބޭނުންކުރަން ޖެހޭ މިންވަރަށް ވުރެ އިތުރު ވެއްޖެނަމަ ހަށިގަނޑަށް ގެއްލުން ލިބިދާނެ ބާވަތްތަކަކަށް ވެދާނެތީ އެވެ. މިސާލެއްގެ ގޮތުން ޕެރެސެޓެމޯލްއަކީ ވެސް އަޅުގަނޑުމެންގެ ގިނަ ބަޔަކު މާ ބޮޑު ޚިޔާލެއް ފިކުރެއް ނެތި ބޭނުންކޮށްލާ ބޭހެކެވެ. ޕެރެސެޓެމޯލްއަކީ ވެސް ބޭނުންވާ މިންވަރަށްވުރެ ގިނަވުމުން ފުރަމެޔަށް ގެއްލުންވާ ބާވަތެކެވެ. އެހެންކަމުން މިފަދަ ބޭސް ބޭނުންކުރުމުގައި ވެސް ހެޔޮ ގޮތަކީ ޑޮކްޓަރުންގެ ލަފައާ އެކު ބޭނުން ކުރުމެވެ.

ޑޮކްޓަރީ ބޭސް ބޭނުންކުރުމުގައި ހަށިގަނޑަށް ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް ކެއުމުގައި ހިމެނިދާނެ ބައެއް ބާވަތްތައް ހުރެއެވެ. އެގޮތުން ޕެރެސެޓެމޯލްއިން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ލޮނުމެދަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އެއީ ޕެރެސެޓަމޯލްގެ ސަބަބުން ފުރަމޭގައި ފުރަމޭ ރައްކާތެރިކުރުމަށް ހުންނަ ގްލޫޓާތަޔޯންއޭ ކިޔާ ބާވަތެއް މަދުވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށެވެ. ލޮނުމެދަކީ އޭގައި ވަރަށް ގިނަ މިންވަރަކަށް ހިމެނޭ އެލިސިންއޭ ކިޔާ ބާވަތެއްގެ ސަބަބުން މި ދަންނަވާ ގްލޫޓަތަޔޯން ފުރަމޭގައި އިތުރުކޮށްދޭ އެއްޗެކެވެ. ގިނައިން ލޮނުމެދު ކެއުމުން ފުރަމޭގައި ގްލޫޓަތަޔޯން މަދުނުވެ ހިފަހައްޓައިދެއެވެ.

އަޅުގަނޑުމެންގެ ކެއުމުގައި ލޮނުމެދަކީ ތަފާތު ގޮތްގޮތަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ރިހަ ކައްކާއިރު ހިމުންކޮށްގެން ނުވަތަ ޗަސްކޮށެގެން ނުވަތަ ފިސްކޮށްގެން، ނޫނީ ލޮނުމިރުހަށް އަޅައިގެން ނޫނީ ކާއިރު ތައްޓަށް ފިއްތާލައިގެން ވެސް ކައިއުޅެމެވެ. ބައެ މީހުން ލޮނުމެދި ފެން ކައްކައިގެން ވެސް ބޮއެވެ. ޕެރެސެޓެމޯލް ފަދަ ޑޮކްޓަރީ ބޭހެއް ކާނަމަ ނި ދަންނަވާ ކޮންމެވެސް ގޮތަކަށް ނުވަތަ އެ ނޫން ގޮތަކަށް ވެސް ކެއުމުމަކަށް ވާ ކަހަލަ ގޮތަކަށް ލޮނުމެދު ކެއުމުގައި ހިމެނުން ރަނގަޅެވެ.

މަޢުލޫމާތު ހޯދީ: ރޭންގ އެންޑް ޑޭލްސް ފާމަކޮލޮޖީ (7ވަނަ އެޑިޝަން) އަދި ކްރައުސަސް ފޫޑް އެން ނިޔުޓްރިޝަން ކެއާ ޕްރޯސަސް (12 ވަނަ އެޑިޝަން) އިން

ބޭސް ޑައެޓް ކާނާ

Popular