22 Sep 2019

By: Ifraz Ali

ކޮންމެ ދެ ހަފުތާއަކުން ގެނެސްދޭ "ދޯ" ގެ އެންމެ ރީތި ފޮޓޯތަކަށް ވާދަކުރުމަށް، ސޯޝަލް މީޑިއާ އަށް ފޮޓޯ ދޫކޮށްލާއިރު ReethiDho# މި ހޭޝްޓެގު ބޭނުންކުރާށެވެ. މި ގެނެސްދެނީ މިދިޔަ ދެ ހަފުތާގައި އެންމެ އާންމުވި އަދި އަހަރެމެންނަށް އެންމެ ރީތި ކަމަށް ފެނުނު ފޮޓޯތަކެވެ.

nationaltropic@

ފޮޓޯ: ނޭޝަނަލް ޓްރޮޕިކް

މި މަހު 14 ވަނަ ދުވަހުގެ ރޭގައި، ވެރިރަށް މާލެ މަތިން ހުސައިން އާސިފް ނަގާފައިވާ ފޮޓޯއެކެވެ. ފުރިހަމަ ހަނދެއްގެ ހަނދުވަރު އެ ރޭ ހުއްޓެވެ.

raiz.riyaz@

ފޮޓޯ: ރާއިޒް ރިޔާޒް

އައްޑޫ ނޭޗާ ޕާކުގެ ފެހި ހިތްގައިމު މަންޒަރެވެ. އެ ފެންނަނީ އެ ޕާކުގައި އޮންނަ ކުޅީގައި ބަޔަކު ކެނޯ ދުއްވާ މަންޒަރެވެ. އައްޑޫ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް މިހާރު މިއީ ވަރަށް މަގުބޫލު މަންޒިލެކެވެ.

eyeschipha@

ފޮޓޯ: އައިޝަތު ޝިފާ

"ކަނޑު ދަތުރުފަތުރުކޮށް އުޅުމަށް ދިވެހިން އެންމެ ކުރިންސުރެ ބޭނުންކުރަމުން އަންނަ އެއްޗަކީ ދޯނި. އެންމެ ކުރިން މި ބޭނުންކޮށް އުޅުނީ މަސްވެރިން މަހަށް ދިއުމަށް. ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް މިއަދު ދޯނި ދުއްވަނީ މޮޓޯ އިންޖީނު އަޅައިގެން،" ޝިފާ މި ފޮޓޯ އިންސްޓަގްރާމަށް ދޫކޮށްލުމަށް ފަހު ލިޔެފައި އޮތެވެ.

husen.w@

ފޮޓޯ: ހުސެން ވަހީދު

މިދިޔަ ހުކުރު ދުވަހުގެ ރޭގައި މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. "މިހާރު" ނޫހުގެ ފޮޓޯގްރާފަރު، ހުސެން ވަހީދުގެ މި ފޮޓޯތަކުން މި ފެންނަނީ އަލިފާން ނިއްވުމަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އާންމުންގެ މީހުން އުޅޭތަނެވެ.

މި ފޮޓޯ ކޮލާޖް 700 އަށް ވުރެ ގިނަ މީހުން ފޭސްބުކްގައި ޝެއާކޮށްފައިވެ އެވެ.

ziyaadhphotos@

ފޮޓޯ: ޒިޔާދު ފޮޓޯސް

މުހައްމަދު ޒިޔާދު މި ފޮޓޯ ނެގީ ސިނަމާލެ ބްރިޖު މަތީގައި ހުރެގެންނެވެ. މާލެ އިރުމަތީ ފަރާތް، ރޭގަނޑު ފެންނަން އޮންނަނީ މިހެންނެވެ.

thundho@

ފޮޓޯ: ތުންދޯ

މި މަހު 8 ގައި، ދުނިޔޭގެ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރި އެވެ. ޓުވިޓާގައި އެންމެ ބޮޑު ސަމާލުކަމެއް އެ ދުވަހު ލިބުނު ފޮޓޯއަކަށް މި ވާނެ އެވެ.

"‏ފޮތް ކިޔުމުގެ އާދަކާދަ އަކީ ކުޑަ އިރުއްސުރެން މިއަދާ ހަމައަށް ވެސް ގޭތެރޭން ވަރަށް އާންމުކޮށް ފެންނަ މަންޒަރެއް. ފޮތެއް ކިޔުމަށް ފަހު އެ ފޮތުގައިވާ ވާހަކަތައް އެކަކު އަނެކަކާއި ހިއްސާ ކުރުމަކީ ވެސް ގޭތެރެއިން ފެނި، ދަސްވި ކަމެއް. މިއީ ދޮންދައްތަ ޑޮކް އަށް [ބުޅާތަކަށް] ޤުރުއާން ތަރުޖަމާ ކިޔައިދެނީ،" ޓުވީޓްއާއެކު ފޮޓޯގެ ވެރިފަރާތް ލިޔެފައި އޮތެވެ.

matheenfaiz@

ފޮޓޯ: މަތީން ފާއިޒް

އިރުއޮއްސެމުން ދިޔަ ވަގުތު ރާޅުގަނޑު ސަރަހައްދުގައި މީހަކު ރާޅާ އަޅަނީ އެވެ. ބްރިޖުގެ މަސައްކަތް ކުރުމަށް މި ސަރަހައްދަށް އެރުން ގިނަ ދުވަސްތަކެއް ވަންދެން މަނާކޮށްފައި އޮތުމަށް ފަހު، އަލުން ހުއްދަ ދިނުމާއެކު މިހާރު އަނެއްކާ ވެސް ގިނަ ބަޔަކު ކޮންމެ ދުވަހަކު ރާޅާ އަޅަން ދެ އެވެ.

xyme_abo@

ފޮޓޯ: ޒައީމް އަބޯ

ފޮޓޯގްރާފަރު، އަބްދުﷲ ޒައީމްގެ މި ފޮޓޯ އަކީ އޭނާގެ ކަޕުލް ފޮޓޯ ޝޫޓެއްގައި ނެގި ބައިވަރު ފޮޓޯތަކުގެ ތެރެއިން އެއް ގަނޑެވެ. ދިވެހި ލިބާހައި ފޭލީގައި މި ކަޕުލްގެ ފޮޓޯތައް ނެގީ ށ.މިލަންދޫގެ މާކޯ ސަރަހައްދުގަ އެވެ. ބަލައިލަން ބޭނުން ނަމަ އިތުރު ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި އެބަހުއްޓެވެ.

aquaticbeast@

ފޮޓޯ: އެކުއަޓިކް ބީސްޓް

ނަބީލް އަހްމަދު، ފ.ބިލެއްދޫ އަށް ކުރި ދަތުރެއްގައި ރައްޓެހިންނާއެކު ބޯވަ ނަގަން ދިޔަ ދުވަހެކެވެ. ބޯވަ ނަގަން ދިޔައިރު ވެސް އެ ދުވަހު މޫސުން އޮތީ ވަރަށް ރީތިކޮށެވެ. މާ ގިނަ އިރުތަކެއް ނުވެ، އައި ކޮޅިގަނޑެއްގައި ވަރަށް ބޯކޮށް ވާރޭ ވެހުނެވެ.

"އޭރު ނަގާފައި އިން ފޮޓޯއެއް މިއީ. ގެޔަށް ގޮސް ގޯޕްރޯގައި ހުރި ފޮޓޯތައް ބަލާލައިރު ކަމުދާ ފޮޓޯއެއްހެން ހީވީމަ އިންސްޓަގްރާމް ކޮށްލީ،" ނަބީލް ބުންޏެވެ.

seethecaptures@

ފޮޓޯ: ސީ ދި ކެޕްޗާސް

މިއީ ށ.ކަނޑިތީމު މިސްކިތުގެ މުންނާރު މަތިން، ހަވީރު ވަގުތު ކޮތަރުތަކެއް އުދުހިފައި ދާ މަންޒަރެވެ.

ahmed_arushadh@

ފޮޓޯ: އަހްމަދު އަރުޝަދު

ލާމުގެ ރީތިކަން އެތަނުގެ ކޮންމެ ފޮޓޯއަކުން ވެސް އެނގެ އެވެ. މި ފޮޓޯގަނޑުން މި ފެންނަނީ ލ.ގަމުގެ ބޮޑުމަގު އަވަށުގެ އަތިރިމައްޗެވެ. އަދި ތުއްތު ކުއްޖަކު ދޮންވެލިގަނޑުމަތީގައި މަޑުމަޑުން ހިނގާލައިފައި ދާތަން ފެނެ އެވެ.

witteyy@

ފޮޓޯ: ވިއްޓެ

މިއީ އިރުއޮއްސެމުން ދިޔަ ވަގުތުގައި، މާލޭގެ އިރުމަތީ ފަރާތު ރާޅުގަނޑު ސަރަހައްދުގައި ހުރެ ފޮޓޯގްރާފަރު، މުހައްމަދު ވިޝާހް ޒަރީރް ނަގައިވާ ފޮޓޯއެކެވެ.

envision@

ފޮޓޯ: އެންވިޝަން

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ށ.ފަރުކޮޅުގެ ދޮންވެލި ގޮނޑުދޮށުގައި ދެ މީހަކު އެ ތިބީ އޮށޯވެލައިގެންނެވެ. މިއީ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ލިބިފައިވާ ރަށެކެވެ.

arshwadh@

ފޮޓޯ: މުހައްމަދު އަރްޝަދު

އެންމެ ހެނދުނާ މާލޭގެ އެކި ސަރަހައްދުތައް ތަފާތު ނަޒަރަކުންނެވެ. އުސް އިމާރާތްތަކާއި ބްރިޖް އަދި އިއްޒުއްދީން ފާލަން އެބަ ފެނެ އެވެ. މި ފޮޓޯތައް ނެގި ފޮޓޯގްރާފަރު، މުަހައްމަދު އަރްޝަދުގެ ފޮޓޯތަކުގެ ތަފާތު ވާހަކަ މީގެ ކުރިން "ދޯ" އިން ގެނެސްދިނީމެވެ.

ފޭސްބުކް ފޮޓޯގްރަފީ އެކްސް (ޓްވިޓާ) ސޯޝަލް މީޑިއާ

Popular