12 Dec 2019

By: Ifraz Ali

ދިވެހި ގޮތަކަށް ކައިވެނި ޕާޓީ ބޭއްވުމަކީ މިހާރު ޓްރެންޑުވަމުން އަންނަ ކަމެކެވެ. އަލީ އަފްރާހް 24، އާއި ސާއިގާ އަހްމަދު 21، ވެސް އެ ދެމީހުންގެ އަލަތު ކައިވެނި ޕާޓީ ބޭއްވީ ވަރަށް ދިވެހި ސްޓައިލަކަށެވެ. އެކަމަކު އެ ދެމީހުން މިކަން ކުރި ގޮތް، އާންމުކޮށް މިހާރު ފެންނަ ގޮތާ ވަރަށް ބޮޑަށް ވެސް ތަފާތެވެ.

ޕާޓީ ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު، އެ ދެމީހުންގެ ވެސް އުފަން ރަށް، އއ.ތޮއްޑޫގަ އެވެ. އެ ދުވަހު މެންދުރު ބޭއްވި މި ކައިވެނި ޕާޓީގެ އެންމެ ހާއްސަ އެކައްޗަކަށްވީ ކެއުމެވެ. މުޅިން ވެސް ހުރީ ދިވެހި ކެއުމުގެ އެކި ބާވަތްތަކެވެ.

"އަޅުގަނޑަކީ އަބަދު ވެސް ދިވެހި ކެއުމަށް ވަރަށް ލޯބިކުރާ މީހެއް،" ދިވެހި ކެއުމެއް ބާއްވާން ދެ މީހުން ނިންމީ އެހެންވެ ކަމަށް އަފްރާހް ބުންޏެވެ.

ކެއުމަށް ހުރީ ބަނބުކެޔޮ ބަތާއި، އާދައިގެ ބަތާއި، ގަރުދިޔަ، ރިހާކުރު، ރިހާކުރު ދިޔަ، މަސް ރިހަ، ފިހުނު މަސް، ތެލުލި މަސް، ލުނބޯ، ފިޔާ، ތެލުލި ފިޔާ، ތޮޅި މިރުސް، ތެލުލި ފަތް އަދި މަޑުކުރި އަލާއި ކައްޓަލަ ކަހަލަ ކެއުންތަކެވެ. އުލާއި ސަމުސަލެއް ނެތެވެ. އެންމެން ކެއީ ވެސް ހަމަ އަތުންނެވެ.

މަޑުކޮށްފައި ހުރި އަލަ އާއި ކައްޓަލައި އަލުވި އަދި އެހެން ވެސް ބައެއް އެއްޗެހި؛ އެއްޗެހި އަަޅައިފައި އެ ހުރީ ހިކި ފަނުން ވިޔެފައި ހުރި މުޅޯށީގައި.-- ފޮޓޯ: އަދާމް ޖުމާން
ކެއުމަށް ހުރި ދޮންކޭލައި މިރުހާއި ކޮށާފައި ހުރި ކެރެޓާއި ތެލުލި ފަތާއި ފިޔާ އަދި އެކި ވައްތަރުގެ ކާނާ.-- ފޮޓޯ: އަދާމް ޖުމާން
މަޑުކުރި އަލަ، ކައްޓަލަ، ކަދުރު، މިރުސް އަދި ބޮނޑިބަތް.-- ފޮޓޯ: އަދާމް ޖުމާން
ބޮނޑިބަތާއި ބަނބުކެޔޮ ބަތާއި އަދި ވެސް ކެއުމަށް ތައްޔާރުކޮށްފައި ހުރި ބައެއް ފޮނި ކާ އެއްޗެހި.-- ފޮޓޯ: އަދާމް ޖުމާން

ބުއިމަށް ލުނބޯ ހުތު ފަންޏާއި އަދި އޮރެންޖު ފަންޏެވެ. އަދި އެކި ބާވަތުގެ ފޮނި ކާ އެއްޗެހި ވެސް ތައްޔާރުކުރި އެވެ. ކާ އެއްޗެހި އަޅައިފައި ހުރީ ވެސް ފަނުން މުޅޯށި ހަދައިފައި އޭގެ ތެރޭގަ އެވެ. ޓްރޭގައި އާއި ތަށީގައި ހުރީ ހަމައެކަނި ދިޔާ އެއްޗެއްސެވެ.

"ކަރާ ފަނި ވެސް ހަދަން އުޅުނިން. އެކަމަކު މި ދުވަސްކޮޅު ކަރާ ލިބުން ދަތީވީމަ އެކަން ނުވީ،" ކެއުމާއި ބުއިމަށް ތައްޔާރުކުރި އެއްޗެހީގެ ބޮޑު ލިސްޓެއް ކިޔައިދެމުން އަފްރާހް ބުންޏެވެ.

"ފުރަތަމަ އުޅުނީ ގެ ކައިރި ރުއްގަނޑުގައި ބާއްވަން، ވީހާ ވެސް ބޮޑަށް ދިވެހިކޮށްލަން، އެކަމަކު މޫސުން ގޯސްވީމަ އިންޑޯ ތަނެއްގައި ބޭއްވީ،" ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް ވެސް ވީ ދެ ފަރާތުގެ އާއިލާގެ ބައިވެރިވުމާއެކު ކަމަށް އަފްރާހް ބުންޏެވެ.

ބެކްޑްރޮޕް ޑެކަރޭޝަނަށް ބޭނުންކޮށްފައި ހުރީ ރުކުރުގެ އެކި ބައިތަކާއި ރޯނެވެ. ސެންޓަ ޕީސް ހެދީ، ބޭނުންކޮށްފައި އުކާލައިފައި ހުރި ރާނީ ފުޅި ހޮވައިގެން އެ ސާފުކޮށްފައި މާ ޖަހައިފައި ސުތުލި ބޭނުންކޮށްގެން އައްސައިގެންނެވެ.

ކައިވެނީގެ ދައުވަތު ކާޑު؛ މި ކާޑު ހަދަން ބޭނުންކުރީ ކާށީގެ ތާފަތްގަނޑާއި ސުތުލި ގޯނި.-- ފޮޓޯ: އަދާމް ޖުމާން
ކައިވެނީގެ ދައުވަތު ކާޑު؛ ދައުވަތު ކާޑުގައި ދައުވަތު ލިޔެފައި އޮތީ ދިވެހި ޅެން ބައިތަކުން.-- ފޮޓޯ: އަދާމް ޖުމާން
މިއީ ބްރައިޑް އާއި ގްރޫމްގެ ކޮއްކޮމެން؛ މި ކުދިން ވެސް ތިބީ ދިވެހި ހެދުމުގައި.-- ފޮޓޯ: އަދާމް ޖުމާން
ބްރައިޑްސް މެއިޑުން ބްރައިޑާއެކު؛ ބްރައިޑްސް މެއިޑުން އެ ތިބީ ރަތް ލިބާހުގައި ރަން ފައްޓަރާއި އަދި ރަން ކުލައިގެން ބުރުގާ އަޅައިގެން.-- ފޮޓޯ: އަދާމް ޖުމާން

"ދެން ބުކޭ އެންޑް ކޭކް ވެސް ހެދީ މި ރަށު ކުދިން. ކޭކް އިންނަނީ ލިޔެލާ ޖަހައިގެން ހަދައިފައި. ބުކޭގެ މާތައް ހަދައިފައި އިންނާނީ އިލާ އާއި ކެޔޮފަތުން،" އިތުރު އެއްޗެހިތައް ހެދި ގޮތް އަފްރާހް ކިޔައިދިނެވެ.

އެންމެ ތިބީ ވެސް ދިވެހި ހެދުމުގަ އެވެ. ބްރައިޑް ހުރީ ހުދު ކުލައިގެ ދިގު ހެދުމެއްގަ އެވެ. ގްރޫމް ހުރީ ހުދު ގަމީހާއި މުންޑުގަ އެވެ. ބްރައިޑްސް މެއިޑުން ތިބީ ރަތް ލިބާހުގަ އެވެ. ދައުވަތު ދީގެން އައި އެންމެން ވެސް އައީ ހަމަ ދިވެހި ހެދުމެއްގަ އެވެ.

"ދިވެހި ގިނަ ހެދުންތައް ދައްކާލަން ވެގެން، އެކި މީހުންނަށް އެކި ވައްތަރުގެ ހެދުންތައް ފަހަން ދިނީ. އަންހެނުން ކުރީގައި ލައި އުޅުނު ބުރިކުރި ހެދުމާއި ފާސްކުރި ހެދުމާއި ލިބާހާއި ދިގު ހެދުމާއި އަދި ފިރިހެނުން މުންޑާއި ފޭލީގައި،"

ބްރައިޑް އާއި ގްރޫމްއާ އެކު ގްރޫމްގެ ބޭބެގެ އާއިލާގެ ބައެއް މެމްބަރުން؛ މި އެންމެން ވެސް މި ތިބީ ހަމަ ދިވެހި ހެދުމުގައި.-- ފޮޓޯ: އަދާމް ޖުމާން
ބްރައިޑް އާއި ގްރޫމްއާ އެކު ބްރައިޑްގެ ބޮޑުދައިތަ އާއި ދެބެންގެ ދަރިން ބައެއް ކުދިން؛ އަންހެން ކުދިން އެ ތިބީ ނޫ ކުލައިގެ ލިބާހުގައި ބުރި ކުރި ހެދުމާއި ދިގު ހެދުމުގައި.-- ފޮޓޯ: އަދާމް ޖުމާން
ބްރައިޑާއެކު ގްރޫމްގެ މަންމަ އާއި ދައްތަމެން؛ ގްރޫމްގެ ދައްތަމެން އެ ތިބީ ރަތް ކުލައިގެ ގައުމީ ހެދުމުގައި.-- ފޮޓޯ: އަދާމް ޖުމާން
ބްރައިޑް އާއި ގްރޫމްއާ އެކު ގްރޫމްގެ ބޭބެގެ އާއިލާގެ ބައެއް މެމްބަރުން؛ މި އެންމެން ވެސް މި ތިބީ ހަމަ ދިވެހި ހެދުމުގައި.-- ފޮޓޯ: އަދާމް ޖުމާން

އަފްރާހް ބުނީ މިހާރު މި ގޮތަށް ޕާޓީއެއް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެއީ ގިނަ އެއްޗެއްހި ހޯދަން އުނދަގޫވުމާއި ކުރަންޖެހޭ މަސައްކަތް ގިނަވެފައި، މިކަން ކުރަންޖެހެނީ އަމިއްލައަށް ކަމަށް ވަތީ އެވެ.

"މިހާރު ގިނަ ޕާޓީތައް ބާއްވަނީ ކޮންމެސް ބަޔަކަށް ކައްކަން ހަވާލުކޮށްފައި، ތަން ހަދަން ވެސް ވަކި ބަޔަކަށް ހަވާލުކޮށްފައި، އެހެންވީމަ އެ ފަސޭހަ އޮންނާނެ،" އެކަމަކު މި ގޮތަށް ކުރަންވީމަ ހުރިހާ ކަމެއް ކުރަންޖެހުނީ ދެ ފަރާތުގެ އާއިލާ އާއި ރައްޓެހިންގެ އެހީތެރިކަމާއެކު ކަމަށް އަފްރާހް ބުންޏެވެ.

އެކަމަކު އަފްރާހް ބުނީ މިގޮތަށް ޕާޓީއެއް ބޭއްވީމަ އަތުން ދިޔަ ހަރަދު ކުޑަވެފައި، އެންމެނަށް މީރު ކެއުމެއް ދެވުނީމަ އެ ލިބުނު ހިތްހަމަޖެހުން މާ ބޮޑު ކަމަށެވެ.

އއ. ތޮއްޑޫ ކައިވެނި ހަފްލާ ކައިވެނި ޕާޓީ

Popular