17 Jun 2026

By: Asima Nizar

ކިޔަވަން، އުފަން ރަށާ މާ ދުރުގައި އޮތް އއ. ތޮއްޑުއަށް ބަދަލުވުމަކީ އަތުގައި ހިފި ބޮޑު ނަސީބެއް ކަމަށް އިބްރާހިމް އަމްޖަދު (އައްމު) ގަބޫލުކުރެ އެވެ. އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނައުމުގެ ފުރަތަމަ ފިޔަވަޅު އެޅުނީ ވެސް އެ ރަށުގައި ކިޔަވަން ހުރި ގެއިންނެވެ. 

އޭނާގެ ބަހުން ނަމަ "ތޮއްޑޫ މަންމަ" އަކީ ވަރަށް ގަދައަށް ފެހި މީހެކެވެ. އެ މަންމަ ފަހާފޮށި ކައިރީގައި އިންނައިރު، އެތަން ބަލަން ކައިރީގައި އައްމު އިނދެ އެވެ. އެ މަންޒަރު ބަލައި، ދަސްކޮށްގެން އައްމު އުމުރުން 13 އަހަރުގައި ފުރަތަމަ ފަހަރަށް ފެހި އެވެ. 

ޓޮޕާއި ކުދިކުދި އެއްޗެހި ފަހަން ދަސްކުރި އެވެ. އަދި ކިޔެވުން ނިންމުމަށްފަހު ވަކި ހިސާބަކުން އާމްދަނީ ހޯދަން އެކަމަށް ހުސްވި އެވެ. 

އައްމު، ވެޑިން ހެދުމެއްގެ މަސައްކަތެއްގައި.

އެކަމަކު، އެ މަސައްކަތް ފުޅާކުރަން "އައްމު ޑިޒައިން"ގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީކުރި 2021 ވަނަ އަހަރު އެވެ. ޕާޓީ ހެދުމާއި ވެޑިން ހެދުމާއި ސޫޓު ފަހަން ފެށުނީ އެ ހިސާބުންނެވެ. 

"ކޮންމެ ހެދުމެއް ވެސް ފަހަނީ ވަރަށް ލޯތްބާއި ޝައުގާ އެކު. އެހެންވެ، ހުރިހާ ހެދުމެއް ވެސް ވަރަށް ހިތްހަމަޖެހިގެން ފަހަނީ. ހާއްސަކޮށް ވެޑިން ހެދުންތައް،" ހއ. ވަށަފަރަށް އުފަން 31 އަހަރުގެ ޒުވާނާ ބުންޏެވެ. 

އެ ހެދުންތަކުގެ ތެރެއިން ވެސް އައްމުއަށް ހާއްސަ އެއް މަސައްކަތެއް އެބައޮތެވެ.

ލިލީ ފިލްމު ޕްރިމިއާ ކުރަން މިދިޔަ ނޮވެމްބަރު ވާޝިޔާއަށް ފަހައިދިން ހެދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށް އައްމު ބުންޏެވެ. ޒަމާނީ ބަދަލާ އެކު އެ ހެދުމަށް ގެނެސްފައިވަނީ ދިވެހި ސަގާފީ ލުކެކެވެ. 

ލިލީ ފިލްމުގެ ޕްރިމިއާ ކުރަން ބޭއްވި ރަސްމިއްޔާތަށް ވާޝިޔާއަށް އައްމު ފަހައިދިން ހެދުން.

ހެދުން ފެހުމުގައި ގިނައިން އުޅެނީ އަންހެނުންނެވެ. އެކަމަކު، ފިރިހެނަކަށް ވެސް މި މަސައްކަތުގައި އުޅޭތީ ވަކި ގޮންޖެހުމެއް އައްމުއަކަށް ދިމައެއް ނުވެ އެވެ. ކޮންމެ ޖިންސެއްގެ މީހަކަށް ވިއަސް މިއީ އާމްދަނީ ހޯދޭނެ ރަނގަޅު މަސައްކަތެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. 

ނަމަވެސް، ރާއްޖެ ކަހަލަ ގައުމެއްގައި ހެދުމުގެ ވިޔަފާރި ފުޅާކުރަން ވެސް ގޮންޖެހުން ބޮޑެވެ. އޭގެ ތެރެއިން، ފަހަން ބޭނުންވާ ހެދުމަށް ފޮއްޗާއި އެހެން ބައެއް ސާމާނު ހޯދަން ދަތިވެ އެވެ. 

އެންމެ ސަޕްރައިޒިން ގިފްޓް، ފޭންސް ފޭވަރިޓް

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މި މަހުގެ ކުރީކޮޅު ބޭއްވި ބްރައިޑް މޯލްޑިވްސްއަށް އައްމު ދިޔައީ ވަރަށް ތައްޔާރުވަމުންނެވެ. 

ކައިވެނީގެ ހަފުލާތަކަށް ތައްޔާރުވުމާއި ތައްޔާރުކޮށްދިނުމުގެ ހިދުމަތްތައް ދޭ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސްދިން އެ ފެއާއަށް، އައްމު ތައްޔާރުވާން ފެށީ މިދިޔަ ޖެނުއަރީ ފަހުކޮޅުން ފެށިގެންނެވެ.

އައްމު، ފޭންސް ފޭވަރިޓް އެވޯޑާއެކު.

އައްމު ބުނީ ހެދުންތައް ޑިޒައިންކޮށް އަދި އެއަށް ބޭނުންވާ ފޮތި ގަންނަން މިދިޔަ ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ރާއްޖެއިން ބޭރަށް ދިޔަ ކަމަށެވެ. އެ ހެދުންތައް ފަހަން ފެށީ ރޯދަ މަސް ނިންމައިފަ އެވެ. ވެޑިން ހަ ހެދުން އަދި ދެ ސޫޓު ނިންމަން އެއް މަސް ދުވަސް ނެގި އެވެ. 

"ބިޒްނަސް އޯޑަރުތައް ވެސް ނަގަމުން މިކަން ކުރީ. ޑީޓެއިލް އަދި ފައިނަލް ޓަޗް ނިންމީ ދެ ދުވަސްތެރޭގައި،" އައްމު ބުންޏެވެ.

ފެއާގެ ތެރޭގައި ވަނީ އެ މީހަކަށް އެންމެ މަގުބޫލު ޑިޒައިނަރަކު ހޮވަން ވޯޓަށް ހުޅުވާލައިފަ އެވެ. އުއްމީދު ވެސް ނުކޮށް ހުއްޓާ އެންމެ ގިނަ ވޯޓާ އެކު، "ފޭންސް ފޭވަރިޓު" ލިބުނީ އައްމުއަށެވެ. 

"އަޅުގަނޑުގެ ކަސްޓަމަރުން، އެ އެވޯޑު އަޅުގަނޑަށް ލިބޭނެކަން ޔަގީންކުރި،"

"އެއް ހެދުން ފަހައިފިއްޔާ އަބަދު ވެސް އޯޑަރު ކުރާނެ. އާއިލާ ކަހަލަ ގާތް ގުޅުމެއް މި އޮންނަނީ." އައްމު ބުންޏެވެ.

ފެޝަން ބްރައިޑް މޯލްޑިވްސް

Popular