20 Aug 2026

By: Asima Nizar

ކުރާ ބުރަ މަސައްކަތުން ލިބޭ އާމްދަނީ ކުޑައެއް ނޫނެވެ. އެކަމަކު، ލިބޭ އާމްދަނީއަށް ވާގޮތެއް ނޭނގެ އެވެ. ލިބުމާ އެކު އޮންނަނީ އެކައުންޓް ހުސްވެފަ އެވެ.

 ހަގީގަތަކީ ފައިނޭންޝަލް ލިޓްރަސީއަށް ގިނަ ޒުވާނުންގެ ހޭލުންތެރިކަން ކުޑަކަމެވެ. ފައިސާފޮއްޗެއް ރައްކާނުކުރަން ބަލާއިރު ގޮންޖެހުން މިހާ ބޮޑުވަނީ އެހެންވެ އެވެ. 

ފައިނޭންޝަލް ލިޓްރެސީ އެޑްވޮކޭޓް، އިސްލާމިކް ފައިނޭންސް އިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ އަހުމަދު ރިޒާ މި ކިޔައިދެނީ ލިބޭ މުސާރަ ނުވަތަ އާމްދަނީ މެނޭޖުކުރުމުގައި ޒުވާނުންނަށް އާއްމުކޮށް ދިމާވާ ގޮންޖެހުންތަކާއި އެކަމުން ސަލާމަތްވާނެ ގޮތްތަކެވެ. 

ޒުވާނުންގެ ޕާސަނަލް ފައިނޭންސްގެ އެންމެ ބޮޑު ގޯސްތަކަކީ ކޮބާ؟ ސަލާމަތްވެވޭނީ ކިހިނެއް؟

ގޯސްތައް

އިންފްލޭޝަން އެންޑް ބީއެންޕީއެލް (ބައި ނައު ޕޭ ލޭޓާ) ރިލަޔަންސް: ޒަމާނަށް "ފެތިގެން އުޅެން" އަތުގައި ގެންގުޅޭ ސާމާނާއި ދިރިއުޅުމުގެ ފެންވަރު މަތިކުރަން އިންސްޓޯލްމަންޓް ޕްލޭންތައް މާ ގިނައިން ބޭނުންކުރެވޭ. އޭގެ ސަބަބުން މަހުން މަހަށް އަތުގައި ހުންނަ ފައިސާ ނުވަތަ ކޭޝް ފްލޯ މަދުވުމަކީ ދިމާވާ ކަމެއް.

އިމަޖެންސީ ފަންޑެއް ނެތުން:  ކުއްލި ހާލަތެއް ދިމާވެދާނެ ކަމަކަށް ތައްޔާރެއްނުވެވޭ. އިމަޖެންސީ ފަންޑު މަތިން ހަނދާނެއް ވެސް ނުހުރޭ. އެހެން ހުއްޓާ ހީވެސް ނުކުރާ ފަދަ ސިއްހީ މައްސަލައެއް ނުވަތަ ދިރިއުޅުމުގެ ހަރަދުތައް ކުރިމަތިވާ ވަގުތު ބަރޯސާވަނީ އާއިލާ މީހުން އަތުން ފައިސާ ނެގުމަށް ނޫނީ ކްރެޑިޓަށް.

ސޭވްކުރަން ފެށުން ލަސްކުރުން: ލިބޭ މުސާރަ ބޮޑުވަންދެން ފައިސާ ރައްކާކުރަން ބައެއް ފަހަރަށް މަޑުކުރެވޭ. އޭގެ ސަބަބުން ކޮމްޕައުންޑިން (ފައިދާގެ މައްޗަށް ފައިދާ އިތުރުވުމުގެ) ފައިދާ ނުލިބި ގެއްލުންވޭ.

ސަލާމަތްވާނެ ގޮތް

މުސާރަ ލިބޭ ދުވަހު، ހަރަދުކުރުމުގެ ކުރިން އޮޓޯމެޓިކް ބޭންކް ޓްރާންސްފާ މެދުވެރިކޮށް ސޭވިންސް އެކައުންޓަށް ފައިސާ ފޮނުވާލުން އަދި އިންސްޓޯލްމަންޓަށް ތަކެތި ގަތުން ހަމައެކަނި ކޮންމެހެން ބޭނުންތެރި މުހިންމު ތަކެއްޗަށް ދަށްކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް.

ޒުވާނުންނަށް ލިބޭ އާމްދަނީން ދުވަހުގެ ހަރަދު ހަމަޖައްސައި ފައިސާ ރައްކާކުރާކީ ކިހިނެއް؟

އާމްދަނީ ބެހުމަށް އާއްމުކޮށް ބޭނުންކުރަނީ (50/30/20) އުސޫލު. އެކަމަކު، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުން ރިޒާ ގަބޫލުކުރަނީ ރާއްޖެއަށް އެންމެ ފަސޭހަވާނީ (75/15/10) ރޭޝިއޯއެވެ. އެއީ؛

ކޮންމެހެން ކުރަންޖެހޭ ކަންތައްތަކަށް 75 ޕަސެންޓު: މި ބައިގައި ގޭގެ ކުއްޔާއި ކެއުންބުއިމާއި ޔުޓިލިޓީ ބިލް، އިންޓަނެޓް/ޑޭޓާ ޕެކޭޖް، އަދި ކޮންމެހެން ބޭނުންވާ ދަތުރުފަތުރަށް ހަރަދުކުރުން ބުއްދިވެރި.

ކެއުންތަކަށް މުސާރަ/އާމްދަނީގެ 15 ޕަސެންޓު: މިއީ ކޮފީތަކަށާއި ބޭރުން ކެއުމާއި ހަފްތާ ބަންދުގައި ދަތުރުކުރުމާއި ޕާސަނަލް ޝޮޕިން އަދި ސަބްސްކްރިޕްޝަންތަކަށް ހަރަދުކުރަން ހަމަޖައްސާ ބަޖެޓު.

ސޭވިންސް އެންޑް ފިއުޗާއަށް 10 ޕަސެންޓު: މި ބަޖެޓަކީ އިމަޖެންސީ ފަންޑާއި ޕެންޝަން ކޮންޓްރިބިއުޝަންސް އަދި ލޯކަލް އިންވެސްޓްމަންޓަށް ހާއްސަ ބައި.

ކިތަންމެ މަދުން ލިބުނަސް ފަހަށް ރައްކާކުރުމާއި އިންވެސްޓުކުރުމަކީ ކިހާ މުހިއްމު ކަމެއް؟

ކޮމްޕައުންޑިން ފައިދާ: ފައިސާ ރައްކާކުރުމުގައި އެންމެ ބޮޑު ބާރަކީ "ވަގުތު". ކޮންމެ މަހަކު 500ރ. ނޫނީ ކުޑަ އަދަދަކުން ސޭވްކުރަން ފެށިއަސް، ގިނަ ދުވަސްތަކެއް ފަހުން އެ ލިބޭ ފައިދާ އިތުރުވެ، ކޮމްޕައުންޑިން ބޮޑު އަދަދަކަށް ބަދަލުވޭ.

މާލީ ރައްކާތެރިކަމާއި އާދަތައް އަށަގަތުން: ކުޑަ މުސާރައަކުން ވެސް ވަކި މިންވަރެއް ސޭވްކުރަން އާދަކޮށްފިނަމަ މުސާރަ ބޮޑުވާ ވަރަކަށް ފައިސާ ބެލެހެއްޓުމުގެ އާދަ ހަރުލާނެ. އޭރުން އިގްތިސާދީ ގޮންޖެހުމެއް ނޫނީ ވަޒީފާ ބަދަލުވާ ވަގުތާއި ސިއްހީ ކުއްލި ހާލަތްތަކުގައި މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގަން ނުޖެހި އަމިއްލައަށް މީހާގެ މާލީ ރައްކާތެރިކަން ކަށަވަރުވޭ.

އަގުތައް އުފުލުމާއި އޮންލައިން ޝޮޕިން އަދި ސޯޝަލް މީޑިއާ ޓްރެންޑްތަކުގެ ސަބަބުން

48 ގަޑިއިރުގެ ގަވާއިދު: އޮންލައިންކޮށް އަވަސް އަވަހަށް ތަކެތި ގަތުން ހުއްޓުވުމަށް 1,000ރ. އަށްވުރެ އަގުބޮޑު އަދި ކޮންމެހެން ބޭނުން ނުވާ ތަކެތި ގަތުމުގެ ކުރިން ދެ ދުވަސް ނޫނީ 48 ގަޑިއިރު މަޑުކޮށްލުން މުހިންމު.

ސޭވްކޮށްފައި ހުންނަ ކާޑުތައް ފޮހެލުން: ފައިސާ ދައްކާ ވަގުތު އިތުރަށް ވިސްނާލަން މަޖުބޫރުކުރުވުމަށްޓަކައި ޝޮޕިން އެޕްތަކާއި ބްރައުޒާގެ އޮޓޯފިލްއިން ކްރެޑިޓް/ޑެބިޓް ކާޑުގެ މައުލޫމާތުތައް ފޮހެލުން.

ކޮންމެ ދުވަހަކު ކުރެވޭ ކުދިކުދި ހަރަދުތައް ރެކޯޑުކުރުން: މަސް ނިމޭއިރު ބޮޑު އަދަދަކަށް ބަދަލުވާ ކޮފީތަކާއި ކެއުންތަކަށް ކުރާ ހަރަދުތައް ބެލެހެއްޓުމަށްޓަކައި ބަޖެޓިން އެޕެއް ނުވަތަ ނޯޓްސް ބޭނުންކުރުން.

މުހިންމު ތިން ލަނޑުދަނޑި އަދި ހާސިލުކުރަން ފަށާނެ ގޮތުގެ އިރުޝާދަކީ ކޮބާ؟

ޕްރައޮރިޓީ ގޯލަކާއި ޓާގެޓް އަދި ފަށަންވީ ހިސާބު ކަނޑައެޅުމުން

ފުރަތަމަ ފިޔަވަޅު- ދަރަނި ހަލާސްކުރުން: އިންޓްރެސްޓް/އަގު ބޮޑު ކޮންސިއުމާ ދަރަނިތައް ދޫކޮށްލުމާއި އަމިއްލަ ބޮޑެތި ހަރަދުތައް ކުރުމުގެ ކުރިން ޕާސަނަލް ލޯނުތަކާއި ކްރެޑިޓް ކާޑު ބެލެންސް ނުވަތަ ކްރެޑިޓް ސްކީމުން ނަގާފައިވާ މުދަލަށް އަވަހަށް ފައިސާ ދެއްކުން.

ދެ ވަނަ ފިޔަވަޅު- އިމަޖެންސީ ފަންޑު ބިނާކުރުން: ބޭންކެއްގައި ވަކިން ސޭވިންސް އެކައުންޓެއް ހުޅުވައި 3-6  މަހުގެ ދިރިއުޅުމުގެ އަސާސީ ހަރަދުތައް ހަމަޖައްސަން އިމަޖެންސީ ފަންޑެއް ގާއިމްކުރުން. އަދި ކޮންމެ މަހަކު މުސާރައިން އޮޓޮމެޓިކުން ފައިސާ ޖަމާވާ ގޮތް ހެދުން.

ތިން ވަނަ ފިޔަވަޅު- ޒުވާން އުމުރުގައި މުއްސަނދިކަން ބިނާކުރަން އިންވެސްޓުކުރުން: މިކަން ހާސިލްކުރަން ކޮންމެ މަހަކު ގަވާއިދުން ވަކި މިންވަރެއް އިންވެސްޓްކުރުން. މިސާލަކަށް ޕެންޝަން ސްކީމްގައި ފުރިހަމައަށް ބައިވެރިވާކަން ކަށަވަރުކުރުމާއި ރާއްޖޭގެ ސުކޫކު، ޓީ-ބިލް ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ހިއްސާ ގަތުން.

މި ޓިޕްސްތައް ބޭނުންކޮށްގެން ދިރިއުޅުމަށް ބަދަލުތައް ގެންނަން ފަށާށެވެ. އޭރުން ގައިމު ވެސް ނަތީޖާ ފެންނާނެ ކަމަށް، ރިއަލްޓީ ކޮންސަލްޓެންސީ ނަމުގައި އަމިއްލަ ފާމެއް ހިންގާ ރިޒާ ގަބޫލުކުރެ އެވެ.

ޒުވާނުން

Popular