މިއީ އެންމެންނަށް އޮޅިގެން ލެވޭ ފޮޓޯއެއް ނޫނެވެ. މިއީ މުޅި ސޯޝަލް މީޑިއާ މިހާރު ފަތަހަކުރަމުންދާ އާ ވައިރަލް ޓްރެންޑެކެވެ.
ކިހިނެއް ފެށުނު ޓްރެންޑެއް؟
މި މަޖާ ކަންތައް ފެށުނީ ސައުދީ އަރަބިއްޔާގެ އަބާޔާ ބްރޭންޑެއް ކަމަށްވާ "ސަހާބާ އަބާޔާ" ގެ އިންސްޓަގްރާމް އެކައުންޓުންނެވެ. އެ ބްރޭންޑްގެ ވެރިޔާގެ ކުޑަ ދަރިފުޅު އަތަށް ފޯނު ދެވުނު ވަގުތެއްގައި، އޮޅިގެން އަމިއްލަ ސެލްފީއެއް ނެގި، ބްރޭންޑްގެ ރަސްމީ އެކައުންޓަށް ޕޯސްޓް ކުރެވުނީ އެވެ. ފޮޓޯއާ އެކު ކެޕްޝަނަށް ޖެހިފައި އޮތީ މާނައެއް ނެތް އަކުރުތަކެކެވެ.
މިފަދަ ކަމެއް ވުމުން ވަގުތުން ޑިލީޓްކުރުމަކީ އާންމުކޮށް ހަދާ ގޮތް ނަމަވެސް، މި ބްރޭންޑުން ނިންމީ އެ ފޮޓޯ އެގޮތަށް ދޫކޮށްލާށެވެ. އަދި މިއީ ދަރިފުޅު އަތަށް ފޯނު ދެވުމުން ވީ ގޮތް ކަމަށް ފަހުން ލިޔުނެވެ.
ނަތީޖާއަކަށްވީ ފެނުނު ކޮންމެ މީހަކަށް އެކަން ވަރަށް މަޖާވެ، އެތައް ހާސް ބަޔަކު އެ ޕޯސްޓަށް ރިއެކްޓް ކުރަން ފެށުމެވެ.
ބޮޑެތި ބްރޭންޑްތަކުން ޓްރެންޑް ކޮޕީކުރުން
މިކަން ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު، މެދުއިރުމަތީގެ ބޮޑެތި ކުންފުނިތަކުންނާއި، އެއާލައިންތަކުން އަދި ރެސްޓޯރަންޓްތަކުން ވެސް އެ މީހުންގެ މާކެޓިން ސްޓްރެޓެޖީއެއްގެ ގޮތުގައި މިކަން ބޭނުންކުރަން ފެށިއެވެ. އަމިއްލަ އެކައުންޓްތަކުން "އޮޅިގެން ކުއްޖަކު ލީ ފޮޓޯއެއް" ދައްކައިގެން މީހުންގެ ސަމާލުކަން ހޯދުމުގެ ރޭހެއް ފެށުނެވެ. މިހާރު ރާއްޖޭގެ އެކި ޕޭޖުތަކުންނާއި އަމިއްލަ މީހުން ވެސް ދަނީ މިގޮތަށް ފޮޓޯ ބޭނުންކޮށްގެން މީމްތައް ހަދަމުންނެވެ.
ސޯޝަލް މީޑިއާގައި އަބަދުވެސް ފެންނަނީ ވަރަށް ފުރިހަމައަށް އެޑިޓްކޮށް، ކުލަ ހެޔޮވަރުކޮށްފައި ހުންނަ "ޕާފެކްޓް" ފޮޓޯތަކެވެ. ނަމަވެސް، މި ޓްރެންޑުން ދައްކުވައިދެނީ އާންމު ދިރިއުޅުމުގައި ދިމާވާ މިފަދަ މަޖާ، "އިމްޕާފެކްޓް" ކަންކަމަށް މީހުންގެ ހިތުގައި އޮންނަ ލޯތްބެވެ.