މި ޖާޒީތަކަކީ ހަމައެކަނި ކުޅިވަރަށް ބޭނުންކޮށްލާ ހެދުމެއް ނޫނެވެ. މިއީ ފެޝަން، ތާރީހް އަދި ބައެއް ފަހަރު ސިޔާސީ ބޮޑެތި ބަހުސްތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދެކެވޭ ވާހަކަ އެވެ. މިއަހަރު އެންމެ ވައިރަލްވެފައިވާ ޖާޒީތަކަށް ބަލާއިރު މެކްސިކޯގެ ހޯމް ޖާޒީގެ ވާހަކަ ދެކެވޭލެއް ގިނަ އެވެ.
މެކްސިކޯ: ދުނިޔޭގެ އެންމެ މަގުބޫލު ޖާޒީ
މިއަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ބައެއްގެ މެދުގައި ވާހަކަދެކެވި، ނިސްބަތުން އެންމެ ގިނައިން ވިކެނީ މެކްސިކޯގެ ފެހި ކުލައިގެ ހޯމް ޖާޒީ އެވެ. އެޑިޑާސް އިން ފަރުމާކޮށްފައިވާ މި ޖާޒީގައި ހިމަނާފައިވާ "އެޒްޓެކް" ޒަމާނުގެ ކުރެހުންތަކުގެ ސަބަބުން، މިއީ 1998 ވަނަ އަހަރުގެ މަޝްހޫރު ޖާޒީގެ ހަނދާންތައް އާކޮށްދޭ، ފޭނުންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ފެޝަން އައިޓަމެވެ.
އާޖެންޓީނާ: މެސީގެ ފަހު ފެނިލުން
އާޖެންޓީނާގެ ސަގާފީ ހުދާއި މަޑު ނޫކުލައިގެ ޖާޒީއަށް މިއަހަރު ރަންކުލައިގެ ޑިޒައިންތަކެއް ވަނީ އިތުރުކޮށްފަ އެވެ. މިއީ އެ ޓީމުގެ ތަރި ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށް ވުމުން، އޭނާގެ ނަމާއި ނަންބަރު ޖެހި ޖާޒީ ހޯދަން ފޭނުން ނަގާ ފޯރި ގަދަ އެވެ. މީގެ އިތުރުން، މެސީ ވޯލްޑް ކަޕްގައި ކުޅޭތާ 20 އަހަރު ފުރުމާ ދިމާކޮށް އެކަން ފާހަގަކުރުމަށް ނެރުނު ނަންބަރު 19 ގެ އަވޭ ޖާޒީއަށް ވެސް ޑިމާންޑް ބޮޑެވެ.
ފްރާންސް: މިންޓް-ގްރީން ސްޓްރީޓް ފެޝަން
ފްރާންސުން ނެރުނު "ލިބާޓޭ" އަވޭ ޖާޒީއަކީ ފެޝަންގެ ދުނިޔޭގައި ބޮޑު ހައިޕެއް އުފައްދާފައިވާ ހެދުމެކެވެ. އެމެރިކާއަށް ފްރާންސުން ހަދިޔާކުރި "ސްޓެޗޫ އޮފް ލިބަޓީ" ގެ ކުލައިން އިންސްޕަޔާވެގެން ތައްޔާރުކުރި މި މަޑު ފެހި (މިންޓް) ކުލައިގެ ޖާޒީއަކީ މިހާރު ސްޓްރީޓް ފެޝަންގައި އެންމެ ޓްރެންޑިން އެވެ.
ކޮލަމްބިއާ: ސިޔާސީވި ޖާޒީ
ކޮލަމްބިއާގެ ރީނދޫ ކުލައިގެ ހޯމް ޖާޒީ ވައިރަލްވީ މުޅިން ތަފާތު ސަބަބަކާ ހުރެ އެވެ. އެ ގައުމުގެ ރިޔާސީ ކެންޑިޑޭޓަކު ކެމްޕޭނުގައި މި ޖާޒީ ބޭނުންކުރުމާ ގުޅިގެން، ބޮގޮޓާގެ ކޯޓަކުން ވަނީ ސިޔާސީ ބޭނުމަށް މި ޖާޒީ ބޭނުންކުރުން މަނާކޮށްފަ އެވެ. މިއާ އެކު މި ޖާޒީގެ ވާހަކަ މުޅި ދުނިޔޭގައި ދެކެވެން ފެށި އެވެ.
ސައުތު ކޮރެއާ: އިންސާނިއްޔަތަށްޓަކައި ބަދަލެއް
ސައުތު ކޮރެއާގެ އަވޭ ޖާޒީއަށް ގިނަ ބައެއްގެ ތައުރީފް ލިބުނީ އޭގެ ދަނބު (ލެވެންޑާ) ކުލައިގެ ސަބަބުންނެވެ. މި ކުލަ ހޮވާފައިވަނީ ލޮލުގެ ފެނުމުގައި "ކަލަ ބްލައިންޑްނަސް" ނުވަތަ ކުލަ ވަކިކުރަން އުނދަގޫވާ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ފަސޭހައިން ވަކިކުރެވޭނެ ގޮތް ހެދުމަށެވެ.
ސްވިޒަލޭންޑް: މީމްސްތަކުގެ ރަސްގެފާނު
ހުރިހާ ޖާޒީއަކަށް ތައުރީފެއް ނުލިބެ އެވެ. ސްވިޓްޒަލޭންޑްގެ އަވޭ ޖާޒީއަށް ސޯޝަލް މީޑިއާގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ގިނަ ބަޔަކު ސިފަކުރި ގޮތުގައި މިއީ "ޕާސްޕޯޓެއްގެ ސަފްހާތަކެއް" ފަދަ ހެދުމެކެވެ. އަދި އޭގެ ކުލަޔަށް ވެސް ގިނަ ބަޔަކު ވަނީ ޖޯކު ޖަހައިފަ އެވެ.
ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅައެއް ނޫނެވެ. މިއީ ތާރީހާއި، ފަންނުވެރިކަމާއި ސަގާފަތް ދައްކާލާ ބޮޑު ފެޝަން ޝޯއެކެވެ.