9 Apr 2020

By: Aminath Ibrahim

އެންމެ ސްޕައިސީ ކޮށް މިހާރު ކަނީ ކޮރެއަން ރަމެން ދޯ އެވެ؟ ކުޅިކޮށް ކާ ހިތްވާ މީހުން ތަލިން ކުޅު ހިކި ކަރުތެރޭގައި ރޯވާ އިރުވެސް ރަމެން ތަށިން ދޫނުކުރާ އެންމެ ބޮޑު އެއް ސަބަބަކީ އެއަށް އަޅާ، ގޮޗުޖަން ޕޭސްޓް ނޫނީ ކޮރެއަން ޗިލީ ޕޭސްޓެވެ. ދެކަންފަތުން ދުން އަރާ ވަރުގެ ކުޅި ރަހައެއް ރަމެން އަށް ގެނެސްދެނީ މި ޕޭސްޓުންނެވެ.

އެކަމަކު އެއާ އެއްވަރުގެ، އެކަމަކު ތަފާތު އެހެން ކުޅި ރަހައެއް ބަލައިލަން ބޭނުން ނަމަ މި ދެނީ އެ ރެސިޕީ އެވެ. ޗައިނާގެ ސިޗުއާން ގައި ތައްޔާރުކުރާ މަލަ އޮއިލް ސޯސް އަކީ ކުޅި ކާއެއްޗިއްސަށް ލޯބިކުރާ މީހުންގެ އާ އެޑިކްޝަނެވެ.

މި ގެނެސްދެނީ ސިޗުއާން މަލަ ތެލުގައި ހަދާ ސިޗުއާން ސްޕައިސީ ޗިކަން ތައްޔާރުކުރާނެ ގޮތުގެ ރެސިޕީ އެވެ.

ސްޓެޕް 1 - މަލަ ތެޔޮ ތައްޔާރުކުރުން؛

50ގ ސިޗުއާން ޕެޕާކޮން

200 ހިކި މިރުސް

ތެއްޔެއްގައި، ގާތްގަނޑަކަށް 300 އެމްއެލްގެ ތެޔޮ ހޫނުކޮށްލާށެވެ. އެންމެ ރަނގަޅު ވަރަކަށް ތެޔޮ ހޫނުވެ ނިމުމުން ޕެޕާކޮން ކޮޅާއި ހިކިމިރުސްކޮޅު ތައްޓަކަށް އަޅާފައި މިރުހުގެ ތެރެއަށް ހޫނު ތެޔޮ އަޅާލާށެވެ. ތެލުގެ ތެރެއަށް މިރުހުގެ ރަހަ މުޅިން ފައިބައި ނިމުމުން ފުރާނާލާށެވެ.

ސްޓެޕް 2 - ކުކުޅު މެރިނޭޓް ކުރުން

ބޭނުންވާ ތަކެތި؛

3 ސަމުސާ ޒުވާރި ފުށް

1/2 ސަމުސާ ލޮނުކޮޅެއް

1 ސަމުސާ ވައިޓް ވިނެގާ

1/2 ސަމުސާ ވައިޓް ޕެޕާ

1 ސްކެލިއަން ނުވަތަ ސްޕްރިންގް އޮނިއަން (ރަހަ ބޭރުވާ ގޮތަށް ކުޑަކޮށް ޗަސް ކޮސްފައި)

ދެ ފޮތި އިނގުރު

500 ގްރާމް ބޯންލެސް ބޮޑުކޮށް ކޮށާފައި

ތައްޓެއްގައި ކުކުޅުކޮޅާއެކު މި ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލުމަށް ފަހު 10 ވަރަކަށް މިނިޓް ބަހައްޓާލާށެވެ.

ސްޓެޕް 3- ކެއްކުން

ބޭނުންވާ ތަކެތި؛

ކުޑަ ކައްކާ ތެޔޮ ފޮދެއް

2 ސަމުސާ ސިޗުއާން ޕެޕާ ކޯން

40 ހިކި މިރުސް

4 ފޮތި އިނގުރު

1 ސްކެލިއަން ނޫނީ ސްޕްރިންގް އޮނިއަން ކޮށާފައި

40 ގްރާމް ޕީނަޓް (ބަދަން)

12 ސަމުސާ ހަކުރު

1/2 ސަމުސާ ވައިޓް ވިނިގާ

1 ސަމުސާ ޕެޕަކޮން ތެޔޮ

1 ސަމުސާ ސެސިމީ ތެޔޮ ނޫނީ ސެސިމީ ކޮޅެއް

ކުޑަ ލޮނުކޮޅެއް

ހަދާނެ ގޮތް: ފުރަތަމަ، މެރިނޭޓް ކުރި ކުކުޅު ކޮޅު ތެޔޮފޮދެއްގައި ތެލުލާނީ އެވެ. ބޭރަށް މަޑު ބްރައުން ކުލަ އަރަންދެން ތެލުލާފައި ނަގާލާނީ އެވެ. ބޮޑަށް ހަރުކުރަން ނުވަތަ ކްރަންޗީ ކުރަން ބޭނުން ނަމަ، ކުރިން ތެލުލި ތެޔޮ ކޮޅު އުކާލާފައި އާ ތެޔޮ ފޮދެއްގައި އިތުރަށް ތެލުލާށެވެ. އެއަށްފަހު މަސްކޮޅު ތެޔޮ ކިއްކަން ތައްޓަކަށް ނަގާށެވެ.

ތަވައެއްގައި ކުޑަ ތެޔޮފޮދެއް ހޫނުކުރުމަށް ފަހު ޕެޕާކޯން ކޮޅާއި ކޮށާފައި ހުރި ހިކިމިރުސް ކޮޅު އަޅާށެވެ. އެއަށްފަހު ޕީނަޓް ކޮޅާއި ބާކީ ހުރި ހިކިމިރުހާއި ގާލިކް ކޮޅާއި ސްކެލިއަން ކޮލު އަޅާފައި މީރުކުރާށެވެ.

ދެން އޭގެ ތެރެއަށް ޗިކަން ކޮޅު އަޅާފައި، ހަކުރު، ލޮނު، ސެސިމީ ތެޔޮ ނުވަތަ އޮށް، ޕެޕަކޮން ތެޔޮ އަދި ވައިޓް ވިނިގާ ކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އިރުކޮޅަކު ތަވާގައި ޓޮސް ކުރުމަށްފަހު އުނދުނުން ބާލާށެވެ.

ކުކުޅު ކޮޅު ހުންނާނީ ވަރަށް ޑްރައި ކޮށް ޗިޕްސް ގޮތަށެވެ.

ކުކުޅު ކެއްކުން ރެސިޕީ

Popular