2 Sep 2020

އަޅާނުލާ އޮތް ކުމުންދޫ ކުޅި މިހާރު ކިހާ ނަލަ!

އަޅާނުލާ އޮތް ކުމުންދޫ ކުޅި މިހާރު ކިހާ ނަލަ!

By: Aishath Maaha

މިއީ ހދ. ކުމުންދޫ ކުޅި އެވެ. ރަށުގެ އެއްކޮޅުގައި އޮންނަ ބޮޑު މާސިންގާ ކުޅިއެކެވެ. މާބޮޑު އަޅާލުމެއް ނެތި، ދޫކޮށްލެވިފައި އޮތް ތަނެކެވެ. މީގެކުރިން އެތަން މީހުން ބޭނުންކުރީ ބޮނބި ފާކުރާށެވެ. ކުޅީގައި ހެދިފައި ހުރި ކަނޑޫ ގަސްތަކާއި ތަކަފަތި ގަސްތަކުގެ ރީތިކަމާއެކު ވެސް ކުޅީގައި ރީތިކަމަށް މާބޮޑަކަށް ނުހެއްލެ އެވެ. އެ ކުޅިއަކަށް މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް ރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރެވި ޖަމިއްޔާ އަދި އޭގެ ދަށުން ހިންގާ ޒީރު ސްޕޯޓްސް ކްލަބުން އެ ކުޅި ނިކަން ރީތިކޮށްލާ ހިތްފަސޭހަކޮށްލަން ބޭނުންވެ އެވެ. ޖަމިއްޔާ އާއި ކުލަބުގެ ޒުވާން މެންބަރުންނަށް ނުލިބުނީ އެ މަސައްކަތް ކުރާނެ ވަގުތެވެ.

ކޮވިޑާ ގުޅިގެން ގިނަ ޒުވާނުންގެ ވަޒީފާ ގެއްލުމުން ރަށުގައި ތާށިވެފައި ތިބި މި ދުވަސްކޮޅުގެ ބޭނުން ހިފައި ކުމުންދޫ ކުޅި މިވަނީ ވަރަށް ރީތިކޮށްލައި ނަލަކޮށްލައިފަ އެވެ. ދެ ތިން ދުވަސްތެރޭގައި ކުޅީގެ މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.

"ވެހިސަރާ"ގެ ނަމުގައި އެތަން ޕާކަކަށް ބަދަލުކޮށްލާފައިވާއިރު ކުޅީގެ މެދަށް ވާގޮތަށް 12 ފޫޓު 12 ފޫޓުގެ ހަޓެއް މިވަނީ އަޅާފަ އެވެ. ހަޓުގެ ފާލަމުގައި 70 ވަރަކަށް ފޫޓު ހުންނާނެ އެވެ. އެތަނުގައި ހުއްޓި ހުންނައިރު ކުޅީގައި އުޅޭ މަސްތައް ވަރަށް ރީތިކޮށް ފެންނާނެ އެވެ.

ކުޅީގެ އެއްކޮޅުން އަނެއް ކޮޅަށް ދިއުމަށް 15 ވަރަކަށް ފޫޓުގެ ބްރިޖެއް ވެސް ވަނީ އަޅާފަ އެވެ. އެތަނުގެ ދަށުން ކެނޯ ދުއްވާލާފައި ދާއިރު ނިކަން ހިތްފަސޭހަވާނެ އެވެ.

ކުޅީގައި ދުއްވާލަން ކެނޯއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެން ބޭނުންވީ ކުޅިއަކީ މީހުން ހިތްފަސޭހަކޮށްލަން އަންނަ ތަނަކަށް ހަދަން، ރަށަށް އަންނަ މީހުން ވެސް ކޮންމެހެން ވިޒިޓްކޮށްލަން ބޭނުންވާ ތަނަކަށް ހަދަން، ކުރިއަށް އޮތްތަނުގައި އަތޮޅުގައި ގިނަ ރިސޯޓުތައް ހުޅުވާއިރު މިތަން ޓޫރިސްޓުންނަށް ވެސް ތައާރަފްކޮށް ޓޫރިސްޓުންގެ މެދުގައި މަގުބޫލުތަނަކަށް މިތަން ހަދަން،" ކުރެވި ޖަމިއްޔާގެ ރައީސް އަދި ކުޅީގެ މަސައްކަތުގައި އިސްކޮށް އުޅޭ އަލީ ހުސައިން ބުންޏެވެ.

ކުޅި ތަރައްގީކުރަން ހުރިހާ ހަރަދެއް ކުރަނީ ޖަމިއްޔާ އިން އަދި މެންބަރުން ފަންޑްރެއިޒްކޮށްގެންނެވެ.

ރަށުގެ ރައްޔިތުންގެ އިތުރުން އެހެން ރަށްރަށުން އަންނަ މީހުންނަށް ވެސް މި ކުޅިން ހިތްހަމަޖެހުން ލިބުމަކީ ކުޅި ތަރައްގީކުރުމުގެ އެއް ބޭނުން. -- ފޮޓޯ: އަމީން

"ފަންޑްރެއިޒް އޭ މިބުނީ އެމީހަކަށް ދެވުނު އެއްޗެއް ދީގެން، ގިނަ މެންބަރުން ރަށުގައި މި ތިބީ ވަޒީފާއެއް ވެސް ނެތިފަ މިދުވަސްކޮޅު، ދެން ރަށުގައި ވަޒީފާގައި ތިބި މީހުން ޗަންދާއެއް ނަގައިގެން މޮހޮރު ކަހަލަ އެއްޗެހި މި ގަންނަނީ،"

"ހުރިހާ ކީހުމެއް މި ކީހަނީ ސަން ކާޕެންޓްރީން، އެތަނުން ހިލޭ ބޭނުންވާ ހުރިހާ އެއްޗެއް ކީހައިދީ ބޭނުންވާ ޓޫލްސް ދޭ، އެއީ ވަރަށް ބޮޑު ހަރަދެއް ލާރި ދީގެން ކުރަން ޖެހުން ނަމަ، އެތަނުން ހިލޭ ހުރިހާ އެއްޗެއް ކީހައިދޭ،"

މި މަސައްކަތަށް ބޭނުންވާ ލަކުޑި ހޯދީ ގޭގޭގައި ބާކީވެފައި ހުންނަ ލަކުޑިންނެވެ. އެއްވެސް ވަރަކަށް ލަކުޑި ގަނެ އަދި ގަސް ނުކަނޑަ އެވެ.

"މަސައްކަތުގައި އުޅޭއިރު ރަށުގެ މީހުން ގެނެސްދޭ އިންޓަވަލް އާއި ރިފްރެޝްމެންޓްސް،"

ކުޅީގެ އެއްކޮޅުން އަނެއްކޮޅަށް ދާން އަޅާފައިވާ ބްރިޖް

އެމީހުން ބޭނުންވަނީ ކުޅިއަށް ރޭގަނޑު ވެސް މީހުންނަށް އާދެވޭގޮތަށް އެތަން ދިއްލާފައި ބާއްވާށެވެ. އެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

"އަވި ޓެކްނޮލޮޖީއިން ވަނީ އަޅުގަނޑުމެންނަށް ސޯލާ ޕެނަލް ހަދިޔާކޮށްފައި، އެއިން ރޭގަނޑަށް ދިއްލާފައި ބޭއްވޭނެ،"

ކުމުންދޫ ކުޅި: ދެ ތިން ދުވަހުގެ ތެރޭގައި ކުޅީގެ މަސައްކަތް އެއްކޮށް ނިމޭނެ. -- ފޮޓޯ: އަމީން

އަލީ ބުނީ ކުޅީގައި މި މަސައްކަތް އެމީހުން ކުރީ ކުޅިއަށް ގެއްލުން ނުލިބޭ ގޮތަށެވެ. އެގޮތުން އެއްވެސް ގަހެއް ކަނޑާފައިނުވާނެ ކަމަށާއި އަދި ކުޅި ހިއްކާފައި ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ހުއްދައެއް މި ހޯދަނީ ކައުންސިލުން، ކައުންސިލުން ހޯދައިދޭ އީޕީއޭ އިން ހޯދަންޖެހޭ ހުރިހާ ހުއްދައެއް،"

ކުމުންދޫ ކުޅީގައި ހަދާފައިވާ ހަޓަށް ދާ ފާލަން

މި ޒުވާނުންގެ އުންމީދަކީ ކުޅިއަށް ގެންނަ މި ތަރައްގީއާއެކު ރަށުގެ ރައްޔިތުންގެ ހިތުގައި ކުޅިއަށް ލޯބި އިތުރުވެ ރަށުގެ ރައްޔިތުން ހިތްހަމަޖައްސާލައި ހިތްފަސޭހަކޮށްލަން އަންނަ ތަނަކަށް އެތަން ހަދާށެވެ. ރަށަށް އަންނަ މެހެމާނުންވެސް ކުޅިއަށް ޒިޔާރަތްކުރާށެވެ.

ރަށުގެ ރައްޔިތުންގެ އިތުރުން އެހެން ރަށްރަށުން އަންނަ މީހުންނަށް ވެސް މި ކުޅިން ހިތްހަމަޖެހުން ލިބުމަކީ ކުޅި ތަރައްގީކުރުމުގެ އެއް ބޭނުން. -- ފޮޓޯ: އަމީން

ކުމުންދޫއަށް ދެން ދެވޭ ފަހަރަކުން މި ކުޅި ބަލައިލައި ކުޅީގައި ކެނޯ ދުއްވާލަން ދާން ވާނެ އެވެ.

ހދ. ކުމުންދޫ

Popular