By: Ahmed Jaishan
ކޮންމެ އަހަރެއްގެ ބަނބުކެޔޮ ސީޒަން ފެށުމާ އެކު، ތެލުލި ބަނބުކެޔޮ ޑަބިޔާތައް ފޮނުވަން ފަށާނެ އެވެ. މިހާރު މިއޮތީ އެ ސީޒަން ފެށިފަ އެވެ. ދެން ސޯޝަލް މީޑިއާއިން ފެންނާނީ ތެލުލި ބަނބުކޭލުގެ ފޮޓޯތަކެވެ. އެކަމު ތެލުލި ބަނބުކޭލުގެ އިތުރުން ވެސް އެކި ގޮތްގޮތަށް ދިވެހިން ބަނބުކެޔޮ ކައި އުޅެ އެވެ. އޭގެތެރެއިން އެންމެ ކަމުދަނީ ބަނބުކެޔޮ ކޮން ގޮތަކަށް ހަދައިގެން ހެއްޔެވެ؟
ދިވެހިންގެ ތެރޭގައި ބަނބުކެޔޮ ބޭނުންކުރަން އެންމެ މަގުބޫލު އެއް ގޮތަކީ ތެލުލައިގެންނެވެ. ތެލުލި ބަނބުކެޔޮ ކަމު ނުދާ ދިވެއްސެއް ވަރަށް މަދު ވާނެ އެވެ. އެ ކައިގެން ވައި ހެދި އުނދުވާ ވާހަކަ ދައްކާ މައްސަލަ ޖައްސަމުން ވެސް ހަމަ ހުއްޓާލުމެއް ނެތި ދިވެހިން ތެލުލި ބަނބުކެޔޮ ކެއުމަށް ވަރަށް މަރު ދެ އެވެ.
ތެލުލި ބަނބުކެޔޮ
ބޮޑެތި ބެޗުތަކުގައި ބަނބުކެޔޮ ތެލުލާއިރު ގިނަ ފަހަރަށް އާއިލާގެ ގިނަ ބަޔަކު އެއްވެގެން އެކަން ކުރާނެ އެވެ. އަދި ބަނބުކެޔޮ ތެލުލުމަށް މުޅި ދުވަސް ހުސްކޮށްގެން އެންމެން ތިބޭނެ އެވެ.
ތެލުލި ބަނބުކެޔޮ ވެސް އެކި ގޮތްގޮތަށް ހަދަ އެވެ. އެގޮތުން އާދައިގެ ގޮތަށް ތެލުލުމުގެ އިތުރުން ދަނޑިކޮޅުހެން ކޮށުމަށް ފަހު އޭގައި ހަކުރުލައިގެން ވެސް ތެލުލި ބަނބުކެޔޮ ކައި އުޅެ އެވެ.
ބަނބުކެޔޮ ބޮނޑިބަތަކީ ފޮނިކޮށް ދިވެހީން ވަރަށް މީރުކޮށް ކާ އެއްޗެކެވެ. އާންމުކޮށް ބަނބުކެޔޮ ބޮނޑިބަތަކީ ކަމެއްގެ މުނާސަބަތަކާ ގުޅިގެންވެސް ގިނައިން ބޭނުންކޮށް އުޅޭ އެއްޗެކެވެ.
.
ހަނޑޫ ބޮޑިބަތް ހަދާ ފަދައިގެން ބަނބުކެޔޮ ބޮނޑިބަތް ވެސް ހަދައިގެން ކާއިރު އެއާ އެކު ކުޅި އެއްޗެއް ކާން ދިވެހީން ބޭނުންކުރެ އެވެ. އެގޮތުން އެންމެ ގިނައިން ބޭނުންކުރާނީ ހަނާކުރި މަސް ނުވަތަ ހަނާކުރި އަލުވި އެވެ.
ބަނބުކެޔޮ ބަތަކީ ދިވެހީން އެއަށް މަރު ދޭ ކަމެކެވެ. މެންދުރު ވަގުތު ބަނބުކެޔޮ ބަތާއި ގަރުދިޔަ އާއި ލޮނުމިރުހާއި ފިޔާ އަދި ލުނބޯ އެއްކޮށްލައިގެން ކާލުމަކީ ހަމަ ބުނަން ވެސް ނޭނގޭ ވަރުގެ ބޮޑު އުފަލެކެވެ. އެއީ ވަރަށް ގިނަ ދިވެހީން ގަބޫލުކުރާނެ ތެދެކެވެ.
.
ބަތް ކައްކާއިރު ބަނބުކެޔޮ ކޮށުމަށް ފަހު ހަނޑުލާ އެކު ކައްކައިގެން ބޭނުންކުރާނީ އެވެ. ބަނބުކެޔޮ ބަތަކީ ފަސޭހައިން ހެދޭ އަދި މާ ގިނަ ވަގުތު ވެސް ނަގާ ކަމެއް ނޫނެވެ.
ރާއްޖޭގެ އެކި ސަރަހައްދުގެ ރަށްތަކުގައި މިދުވަސްކޮޅު ބަނބުކެޔޮ އެބަ ތިޔާގިވެ އެވެ. އެހެންކަމުން ވަރަށް އަވަހަށް ރަށުން ބަނބުކެޔޮ ޑަބިޔަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ކަވަ ފޮޓޯ ކްރެޑިޓްސް: އަހްމަދު ސައްފާހު