By: Ahmed Nadym
ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ 'ދިވެހި ހިޕްހޮޕް' ގެ ސްޓޭޖުގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އެއް ޓެލެންޓަކީ 28 އަހަރުގެ މި ޒުވާނާ އެވެ. މިއީ މީސަމް ތޯރިފް ވަހީދެވެ. ނަމަވެސް "އެސްޓިއަން ރިކޯޑްސް" ގެ ނަމުގައި މީގެ ފަސް ވަރަކަށް އަހަރު ކުރިން އަމިއްލަ ލޭބަލަކާ އެކު ފެށި މި ދަތުރުގައި އެންމެން ވެސް އޭނާ ދަންނަނީ މިއްޓުގެ ނަމުންނެވެ. – މިއްޓު އަކީ ހަގީގަތުގައި ވެސް ހުއްޓުމެއް ނެތް ޓެލެންޓެކެވެ.
ހިޕްހޮޕް ބީޓުތަކަށް ލަވަތައް ލިޔެ އިރައި ކުދިކުރަމުން ގޮސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އެ ވަނީ ޒުވާނުންގެ މެދުގައި މިއަދު "އެންމެ މަގްބޫލު އެއް ދިވެހި ރެޕް ލަވަކިޔުންތެރިޔާ" ގެ ފަޑިއަށް އަރައިފަ އެވެ. ދިވެހި މިއުޒިކްގެ ޖައްވުގައި ވައި ބަދަލުކޮށްލި "ހިޕްހޮޕްގެ ތޫފާން" ވެސް މިއަދު އެންމެ ފަސޭހައިން ކިޔަމަންވާ އާޓިސްޓަކީ މި ޒުވާނާ ކަމާ މެދަކު ސުވާލެއް ވެސް ނުއުފެދެ އެވެ.
މިއީ ހަމައެކަނި ހިޕްހޮޕްގައި ފިޔަޖަހަމުން އަންނަ ޕްރިންސެއް ނޫނެވެ. އޭނާ އަކީ ހަމަ އަސްލަށް ވެސް "ޕްރިންސް" އެކެވެ.
އެކަމަކު މިއްޓުގެ ކިބައިގައިވީ ލަވަ ލިޔުމުގެ ހުނަރާއި އެ ލަވަތައް ބީޓުތަކަށް އިރައި ކުދިކުރުމުގެ ހުޝިޔާރުކަން މި ޕެރެގްރާފާ ހަމަ އަށް ތަޖުރިބާކޮށްފައި ނުވާ ނަމަ އޭނާގެ ލޭބަލް، "އެސްޓިއަން ރިކޯޑްސް" އިން ޕްރޮޑިއުސްކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލަވަތައް މިހައި ހިސާބުން ޕްލޭކޮށްލަމާ ހިނގާށެވެ. އެ ނޫން ގޮތަކަށް މި އާޓިކަލް ދެން ކުރިއަށް ނުކަނޑާނެތީ އެވެ.
މިއްޓުގެ އެސްޓިއަން ރިކޯޑްސް އިން ނެރެފައިވާ ލަވަ 'ޑޯޕް' ގެ ވީޑިއޯ ލަވަ.
"ހަންޖަރު" އަދި "ޑޯޕް" އާއި "ވަބާ" ފަދަ ލަވަތަކުން އަމިއްލަ ނަމަކާއި ބްރޭންޑަކާއި ނުފޫޒެއް ޒުވާނުންގެ މެދުގައި ކަށަވަރުކޮށްފައިވާ މި އާޓިސްޓާ ބައްދަލުވީ އޭނާގެ ކުޑަކުޑަ "އެސްޓިއަން ރިކޯޑްސް" ސްޓޫޑިއޯ ތެރެއިންނެވެ. މިޒާޖުގައި މަޑުމައިތިރި އަދި ވާހަކަ ދެއްކުމުގައި އެހާމެ ކިޔަމަންތެރި ޒުވާނެކެވެ. މާ ގިނަ "އަޅި ބުރުވުމެއް ނެތި" މިއުޒިކާއި ލަވައިގެ ހަމަ ބިމެއްގައިވީ އެހެން މީހުންނަށް އިހުތިރާމު އަދާކުރުމުގެ އާދަކާދަ ރަނގަޅަށް ދަސްކޮށްފައިވާ ޒުވާނެކެވެ. އަދި އޭނާގެ ސްޓޫޑިއޯ އިން ގެނެސްދިން އެންމެ މަޝްހޫރު އެއް ލަވަ ކަމުގައިވާ 'ޑޯޕް' ގެ މިއްޓު ކަޑީގައި އޭނާ ބުނެފައިވާ ގޮތަށް ފަންނުގެ ދުނިޔެއަކަށް ވަދެ ގެއްލިފައިވާ ސިކުނޑި އެކެވެ.
"ލަވައިގެ ދުނިޔެތަކުގައި މަ ގެއްލި ހުސް، މިހާ ސަޅި ކަމެއް ނެތޭ ދެ ލޯ ދުށް"
"ޅެމެއް ލިޔެލާހިތުން މަ ވެއްޖެ ކެތްމަދު، ގަލަން ނަގާއިރަށް މަދޭ ތަފާތު ދަތުރަކަށް."
މިދިޔަ ހަފުތާގައި ގެނެސްދިން ހިޕްހޮޕް އާޓިސްޓް ޒޫމްއާ އެކު މިއްޓު ރިކޯޑްކޮށްފައިވާ "ޑޯޕް" އަށް ލިޔެފައިވާ ކަޑީގައި މިއްޓު ބުނެފައި ވަނީ މިހެންނެވެ. އަދި މިހެން ވެސް ބުނެ އެވެ.
"ހުރިހާ ތަޅެއް ވެސް ހުޅުވަން މަމީ މާސްޓަ ކީއެއް"
"ކާމިޔާބީގެ ދޮރު ހުޅުވަން އާދަ މީހެއް"
މީގެ ދެ އަހަރެއްހާ ކުރިން ނެރުނު އެ ލަވައިގައި ބުނެފައިވާ މި ވާހަކަ އޭނާ މި ވަނީ ސާބިތުކޮށް، އިރައި ކުދިކޮށްފައިކަން ޔަގީނެވެ. އެކަމަކު މީގެ ހައެއްކަ އަހަރު ކުރިއަށް ޖެހިލައިފި ނަމަ މީސަމް ތޯރިފް ވަހީދަކީ އާންމުންގެ ތެރޭގައި ލަވަކިޔަން ނުކެރިފައި ހުރި ޒުވާނެކެވެ. އަދި އޭނާ ލިޔުނު ލަވަތަކުގައިވީ ވާހަކަ އާއި އިހުސާސްތައް އާންމުކުރަން ނުކެރި އަމިއްލަ ބޮލާއި ހިތު ތެރޭގައި ފޮރުވައިގެން އުޅުނު ޒުވާނެކެވެ. ހުނަރުން ފުރިފައިވިޔަސް އޭރު އޭނާގެ ކިބައިގައި ނެތީ އެ ހުނަރު ބޭރުކުރާނެ ކޮންފިޑެންސެވެ.
މިއްޓު އޭނާގެ ކުޑަކުޑަ ސްޓޫޑިއޯގައި ފޮޓޯއަކަށް ހުއްޓިލައިގެން. - ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"އަޅުގަނޑު އުޅުނީ ބިރުން. ލަދުން. މީހުންގެ ތެރޭގައި ޕާފޯމްކުރާކަށް ނުކެރޭ. އެކަމަކު ފަހުން ހިތަށް އެރީ ނައު އޯ ނެވާއޭ. މިހެން އިނދެ މުސްކުޅިއޭ ވާނީ ނުފަށައިފި ނަމަ. ވަގުތު އަހަރެން ތައްޔާރުވަންދެން މަޑުކޮށްލައިގެނެއް ނުހުންނާނެއޭ. އެހެންވީމަ އަހަރެންގެ ކިބައިގައިވީ ހުނަރުތަކާ މެދު ހަދާނެ ގޮތެއް އަމިއްލަށް ފިގާއައުޓްކުރަންވީއޭ،" މިއުޒިކާއި ލަވައިގެ ދުނިޔޭގައި ފިރުކޭން ދަސްކުރުމުގެ އަޒުމު ކަނޑައެޅި ހިސާބުން ފަށައިގެން މިއްޓު ކިޔައިދޭން ފެށި އެވެ.
"އެންމެފަހުން މި ކޮންފިޑެންސް ލިބުނީ ރައްޓެހިންނާ ހެދި. އަޅުގަނޑަށް ވާނެއޭ ކިޔާފައި އެ ހުރިހާ އެކުވެރިން ދިން ހިތްވަރާ އެކު ފަށައިގަތީ. ވަރަށް ގިނަ ރައްޓެހިންގެ އެހީތެރިކަމާ އެކު އަޅުގަނޑު ލަވަލިޔެ ލަވަ ކިޔަން ފެށީ ވެސް."
މުޅި މި އިންޓަވިއުގައި ވެސް އެންމެ ބޮޑަށް ފާހަގަވީ އެހެން އާޓިސްޓުންގެ މޮޅުކަން ސާބިތުކޮށްދޭން މިއްޓު ދެއްކިހާ ވާހަކަތަކާއި އެ ހުރިހާ އާޓިސްޓުންނާ ނުލައި މި ހިސާބަށް އޭނާ އަށް ނާދެވޭނެކަން ސާބިތުކޮށްދިނުމަށް ދެއްކިހާ ވާހަކަ އެވެ. މިއްޓުގެ ހިތް އޮތީ ޝުކުރުން ފުރިގެން ބަންޑުންވެފަ އެވެ.
"ބޭންޑަކާ އެކު ފުރަތަމަ ފުރުސަތެއް އަޅުގަނޑަށް ދިނީ ރާޅުގަނޑު (ބޮޑުބެރު ސްޓޫޑިއޯގެ ފައުންޑާ) ހަމްޕު. އެއަށް ފަހު (މޯލްޑިވިއަން އައިޑޮލް އިން ވިދާލި) ކޮކީ ހިޝާންގެ ބޭންޑާ އެކު ގިގުކުރަން ފަށައިގެން އާންމުންގެ ތެރޭގައި ޕާފޯމްކުރުމުގެ ކޮންފިޑެންސް ލިބެން ފެށީ،" މިއްޓު ކިޔައިދިނެވެ.
އެކަމަކު އޭނާގެ މި ލިސްޓު ވަރަށް ވެސް ދިގެވެ.
"އެގޮތަށް ގިޓާކުޅެން އުޅެފައި މިގޮތަށް ހިޕްހޮޕްގެ ތެރެއަށް އަޅުގަނޑަށް ވަދެވުނީ (ސިމްބޮލިކް ރިކޯޑްސްއާ އެކު މަގްބޫލުކަން ހޯދި ހިޕްހޮޕް އާޓިސްޓް) ޓޯއި އާއެކު. ރެޕް ލިޔަން އެންމެ ބޮޑަށް ހެލްޕްވި އެކަކަކީ ޓޯއި އަދި (ސިމްބޮލިކް ރިކޯޑްސްގެ އެހެން އާޓިސްޓެއް ކަމަށްވާ) މާޓު،" ހަމަ އެއްވެސް ނަމެއް ދޫކޮށްލަން މިއްޓު ބޭނުމެއް ނުވެ އެވެ.
-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއްޓު ބުނަނީ އައު ލަވަތަކާ އެކު ޑިސް ޓްރެކް ވެސް ތައްޔާރަށް ހުރި ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކަމަކު މިހައި ހިސާބުން މިއްޓުގެ އާއިލާ ތެރޭގައި ތިބި ކުޅަދާނަ އަދީބުންނާއި ޅެންވެރިންނާއި އާޓިސްޓުންނަށް ދެ ތިން ޕެރެގްރާފެއް ހާއްސަކޮށްލަމާ ހިނގާށެވެ. ހިޕްހޮޕާއި ރެޕާއި ޒަމާނީ މިއުޒިކާ ރައްޓެހި އާޓިސްޓުންނެއް އޭނާގެ އާއިލާގައި ނެތަސް އޭނާ ނިސްބަތްވާ މާލޭގެ "ދުންމާރި" އާއިލާގެ ކުޅަދާނަ ކަމުގެ ތައާރަފެއް ހަގީގަތުގައި ބޭނުމެއް ވެސް ނުވާނެ އެވެ.
'ދުންމާރި' އަކީ އޭނާގެ ބައްޕަ ފަރާތު ކާފަގެ އާއިލާ މަޝްހޫރުވެފައިވާ ނަމެވެ. އޭނާގެ ކާފަގެ މަޝްހޫރު ނަމަކީ ޑީ. އަލިބެ އެވެ. ހީވަނީ ކޮންމެވެސް ހިޕްހޮޕް އާޓިސްޓެއްގެ ނަމެއް ހެން ދޯ އެވެ. އެކަމަކު ޑީ. އަލިބެ އަކީ ރެޕް އާޓިސްޓެއް ނޫނެވެ. ޑީ. އަލިބެ އަކީ އަލްމަރްހޫމް ދާލު އަލީ ވަހީދެވެ.
ނޫސްވެރިކަމާއި ޅެންވެރިކަމުގައި އަދަބިއްޔާތަށް ހިދުމަތްކުރެއްވި ލެޖެންޑެކެވެ. ދިވެހި ބަހުގެ 'ފޮންޓް' ތައް ކެލިގްރެފީގެ ހުނަރުގައި ކުރެއްސެވި އާޓިސްޓެކެވެ.
މިއްޓުއާ އެކު ފެށި އިންޓަވިއު ތާރީޚުގެ ތެރެއަށް ވަންނަން އުޅޭހެން ހީވިއިރު މި ވާހަކަ ގޮސް އޮތީ ގަނޑުވަރުގެ އެތެރެ ކޮއިލަށް ވަދެ ނިމިފަ އެވެ. މިއްޓުގެ މާމަ އަކީ ހަސަން ނޫރައްދީނުގެ އަނބިކަނބަލުން، ރާއްޖޭގެ އެންމެ ފަހުގެ ޕްރިންސަސް، ގައުގޭ ދީދީ އެވެ. އެ ހިސާބުން ގޮސް އެ ގުޅުނީ ރައިވަރުގައި އެފަދަ ދެ ވަނައެއް ނެތް ނައިބު ތުއްތުގެ އާއިލާއާ އެވެ.
އެކަމަކު މި ތާރީޚުގެ ތެރެއިން ނުކުމެ އެ މީހުންގެ އާއިލާ އިން އުފަންވި މި ޒަމާނުގެ މިއުޒިކާއި އާޓިސްޓުގެ ވާހަކަ އަލުން ފަށަމާ ހިނގާށެވެ.
'ހަންޖަރު' ގެ ލިރިކަލް ވީޑިއޯ.
"މިއުޒިކާއި ޅެންވެރިކަމަށް އެންމެ ބޮޑަށް އިންސްޕަޔާވެގެން ދިޔައީ އަޅުގަނޑުގެ އާއިލާ ތެރެއިން. ކާފަ އަކީ ވަރަށް ގިނަ އެއްޗެހި ކިޔައި ދެއްވި ބޭފުޅެއް. އެކަމަކު އަޅުގަނޑުގެ ބައްޕައާ ހެދި މި ޒަމާނުގެ މިއުޒިކާއި ލަވަތަކަށް ލޯ ހުޅުވުނީ. ވަކިން ހާއްސަކޮށް ރެޕް މިއުޒިކްގެ ތެރެއަށް،" މިއްޓު އަލުން ފަށައިގަތެވެ.
"އެކަމަކު މި ދާއިރާ އިން ކުރިއަށް ދާން މަސައްކަތްކުރިއިރު އައި ނެވާ ފެލްޓް އައި ބިލޯންގްޑް އެއްވެސް ތަނަކަށް. އޭރުގެ އެކި މިއުޒިކް ގްރޫޕްތަކާއި ހިޕްހޮޕް ގްރޫޕްތަކާ އެކު ވެސް އުޅުނިން. މަސައްކަތްކުރިން. ނަމަވެސް އެމީހުންގެ ތެރެއަކަށް ރަނގަޅަކަށް މިއްޓު ފިޓެއް ނުވި."
ދެން އޭނާ ކިޔައިދިނީ ވަރަށް މުހިންމު އެހެން ވާހަކަ އެކެވެ. އާޓިސްޓެއްގެ ގޮތުގައި ލޭބަލް ޖަހާ ހިސާބުން ރާއްޖޭގައި އެ މީހަކަށް ޖެހޭ ހާލެވެ.
"އެންމެންނަކީ ޑޮކްޓަރަކަށް، ލޯޔަރަކަށް ވުމުގެ ފެންވަރާއި ގާބިލުކަން ލިބޭނެ މީހުންނެއް ނޫން. އެ ތަނަވަސްކަމާއި ތައުލީމީ ފުރުސަތުތަކެއް އެންމެނަކަށް ނުލިބިދާނެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެއް،" މިއްޓު ކިޔައިދިނެވެ.
"އެކަމަކު މި ސޮސައިޓީން އެކަން ބަލައެއް ނުގަނޭ. ކުރަހާ މީހެކޭ، މިއުޒިކް ކުޅޭ މީހެކޭ، ލަވަކިޔާ މީހެކޭ ބުނެފި ނަމަ އެމީހަކު ނުވޭ ރާއްޖޭގައި އެއްވެސް މީހަކަށް. އާޓިސްޓުންނަކަށް އެއްވެސް ރެސްޕެކްޓެއް ނުކުރޭ ރާއްޖޭގައި"
"އާޓިސްޓެކޭ ބުނެފި ނަމަ ހީވާނީ އެއީ އެއްވެސް މަސައްކަތެއް ނުކުރާ އާމްދަނީއެއް ނުލިބޭ މީހެކޭ. އެކަމަކު ސިޔާސީ ކަމެއްގައި ވެސް ނުވަތަ ވޯޓަކާ ދިމާވީމަ ވެސް އާޓިސްޓުން ކައިރިއަށް އަންނާނީ ސިޔާސީ ވެރިން ވެސް އާދޭސްކުރަމުން ލަވަ ހައްދަން،"
"ޕޯސްޓަރު ޑިޒައިންކުރަން ވެސް ހޯދަނީ އާޓިސްޓުން. އެކަމަކު އިންޑް އޮފް ދަ ޑޭ އާޓިސްޓުންނަށް ލިބޭ މޮޅެއް ނެތް މި ވިސްނުމުގައި މަސައްކަތްކޮށްގެން."
މިއްޓު އާއި ޝަހޫގެ 'ވަބާ' ގެ ވީޑިއޯ ލަވަ.
މިއްޓު ބުނީ އޭނާގެ އެކުވެރިންނާ އެކު 'އެސްޓިއަން' ގެ ނަމުގައި ރިކޯޑިން ސްޓޫޑިއޯއެއް އުފައްދަން ބޭނުންވި ސަބަބަކީ ވެސް މިއީ ކަމަށެވެ. އޭނާ ބޭނުންވީ އާޓިސްޓުންނާ މެދު ދިވެހިން ދެކޭ ގޮތް ބަދަލުކުރެވޭ ވަރުގެ އުފެއްދުންތަކެއް ގެނެސްދޭށެވެ.
"އަދި، އާޓް ތުރޫކޮށް ވެސް އިންކަމްއެއް ޖެނެރޭޓުވާނެ މަގެއް ހޯދަން ބޭނުންވަނީ. އާޓިސްޓުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގެއް އާޓް މެދުވެރިކޮށް ހޯދޭނެ ދުވަހެއް ދެކެން ބޭނުންވަނީ. އެހެންވީމަ އެސްޓިއަން މި އުފެއްދީ އަޅުގަނޑަށް ފުރުސަތު ނުލިބުނު ގޮތަށް ފުރުސަތު ނުލިބި ތިބި ހުނަރުވެރިންނަށް ވެސް ފުރުސަތު ހޯދައިދޭން،" މިއްޓު ބުންޏެވެ.
"އެސްޓިއަން އިން ހަމައެކަނި ޕްރޮޑިއުސްކުރަނީ ހިޕްހޮޕް ލަވަ އެކަންޏެއް ވެސް ނޫނޭ. ހުރިހާ ވައްތަރެއްގެ ލަވަ ވެސް އަޅުގަނޑުމެން އުފައްދަން. ގްރީކް ބަހުން އެސްޓިއަންގެ މާނަ އަކީ ހޯމް. އެހެންވީމަ މިއީ އާޓިސްޓުންނަށް އަޅައިދިން ގެއެއް."
މިއްޓު ބުނީ މަދު ލަވަތަކެއް މިހާތަނަށް ނެރެވިފައި ވިޔަސް ދެ އަލްބަމަށް ވާ ވަރަށް ލަވަ ތައްޔާރަށް އެބަހުރި ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާގެ މި ޒުވާން ސްޓޫޑިއޯގައި ކައްކަމުން ދާ ލެޔާއެކު މިއަދު ވަރަށް ބައިވަރު ލަވަތައް އުފައްދާފައި އެބަހުއްޓެވެ. އޭގެ ތެރެއިން މަދު ލަވަތަކެއް ނެރެފައިވިޔަސް މިއްޓު އޭނާގެ އެކުވެރިންނާ އެކު މިހާރު ތައްޔާރުވަމުން ދަނީ އަލްބަމެއް ވެސް ނެރުމަށެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ދީފައި ވަނީ އަމިއްލަ ލޭބަލާ އެކު އެހެން ޒުވާނުންގެ ހުނަރު އެހުންތެރިންނާ ހަމަ އަށް ގެނެސްދޭށެވެ.
"އެންމެން ގުޅިގެން މީތި ޖައްސައިފި ނަމަ އަދި މިއަށް ވުރެ ވެސް މާ ސަޅިވާނެ. އޭނަ ކަޑަ، މީނަ ކަޑަ، އޭނަ ދިގު، މީނަ ކުރު، އޭނަ ކަޅު، މީނަ ދޮން. އައި ޑޯން ލައިކް އެކަހަލަ އެއްޗެއްސެއް. އެ ތަފާތުކުރުމާއި ޒުވާބު އޮންނާތީ ދިވެހިރާއްޖޭގައި އެއްވެސް ކަމެއް ކުރިނާރަނީ،" މިއްޓު ބުނެލީ މިހެންނެވެ.
އެއަށް ފަހު ޕްރިންސެއްގެ ސިއްކަ ޖަހައި ނިމުނީ އެވެ. އޭނާ ޕްރިންސަކަށް ވަނީ އާއިލީ ގޮތަކުންނެއް ނޫނެވެ. އޭނާ އަށް ނުލިބުނު ފުރުސަތު އެހެން ޒުވާނުންނަށް ހޯދައިދޭން "އިރަމުން" އެދާ މަސައްކަތްތަކުންނެވެ.