1 Jan 2019

By: Ifraz Ali

މި ފެށުނު އާ އަހަރަކީ ބަތަލާ ނިއުމާ މުހައްމަދަށް ހާއްސަ އަހަރެކެވެ. އޭނާގެ 24 އަހަރުވީ ދިގު ފިލްމީ ކެރިއަރަށް ނިމުމެއް ގެންނަނީ އެވެ. ސްކްރީނުގެ ކުރިމަތިން ދެން އޭނާ ފެންނާނީ އެންމެ ފަހަރަކު އެވެ. އަންނަ ބުރާސްފަތި ދުވަހު ރިލީޒްކުރާ އޭނާގެ ވަދާއީ ފިލްމު "ނިވައިރޯޅި" އިންނެވެ.

ވަދާއީ ފިލްމުގެ ޕްރޮމޯޝަނަށް ނިއުމާ މިހާރު ވަނީ އޭނާގެ އާ ލަވައެއް ވެސް ފޭނުންނަށް ދޫކޮށްލައިފަ އެވެ. އާ އަހަރަށް މަރުހަބާ ކިޔަމުން ދޫކޮށްލި މި ލަވައަކީ ނިއުމާގެ އެންމެފަހު ލަވަ އެވެ. ނަމަކީ "ސިހުރުފަދަވި ކަމަނާ" އެވެ.

"މި ލަވައަށް ޝޫޓުކުރަން އުޅެނިކޮށް އަމިއްލަ މީހާއަށް ވެސް ރިއަލައިޒްވީ މިއީ އަހަރެންގެ އެންމެފަހު ލަވަކަން،" ނިއުމާ ބުންޏެވެ.

ނިއުމާ މުހައްމަދުގެ އެންމެފަހު ލަވަ.

މީރާ މުހައްމަދު މާޖިދުގެ އަޑުން އިވިގެންދާ މި ލަވައިގެ ކޮންސެޕްޓު ތައްޔާރުކޮށް، ލަވަ ޑައިރެކްޓުކޮށްފައި ވަނީ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގެވެ. ސިނަމަޓޯގުރާފީގެ މަސައްކަތް ކުރީ އިބްރާހިމް ވިޝާން (ކަނޑި) އެވެ. މިއުޒިކް ތައްޔާރުކުރީ ހުސެއިން ސޮބާހު އަދި ލިރިކްސް ލިޔުނީ މުހައްމަދު އަބްދުލްގަނީ (ތޭރަ) އެވެ.

"ރިޝްމީ އާއި ރަވީގެ އައިޑިއާއަކަށް މުޅި ލަވަ ހަދާފަ މިއޮތީ. އެ ދެމީހުންގެ ވަރަށް މަސައްކަތް ފެންނާނެ. އަށް ދުވަސް ހޭދަވި ލަވައެއްކޮށް ނަގަން،" ނިއުމާ ބުންޏެވެ.

ނިއުމާ މުހައްމަދު

Popular