By: Aishath Maaha
"ރީތި ކުދިން" ލަވައިން 2011 ވަނަ އަހަރު އިސްމާއިލް އިފްހާމް މުހައްމަދު، ޕެސްޓުގެ ގޮތުގައި ތައާރަފްވެ ރެއާއިދުވާލުން ހިޓަކަށް ބަދަލުވެގެންދިޔަ އެވެ. ރެޕް ލަވައަށް މާބޮޑު ޝައުގުވެރިކަމެއް ނެތް ރާއްޖެއަށް ރެޕް ލަވަ ތައާރަފްކުރުމަށް ފަހު، އަމިއްލަ ލަވައިގެ ތަހުތެއްގައި ހަމަޖެހިލީ އެވެ. އުމުރުން 16 އަހަރުގައި ފެށި މި ކެރިއަރު ދެ އަހަރު ފަހުން ކުއްލިއަކަށް ވިއްސިވިހާލިވެގެން ދިޔައީ ދީނީ ފިކުރުތަކެއްގައި ޖެހިގެންނެވެ. ނަމަވެސް އެ ބްރޭކެއް ޕެސްޓުގެ ހަޔާތަށް އައިއިރު އޭނާ ވަނީ ރެޕް މިއުޒިކާއި ލަވައިގެ ދުނިޔޭގައި އެނބުރި ނާނދެވޭނޭ ހިސާބަކަށް ދަތުރުކޮށްފައެވެ. ދިވެހި "ރެޕް ރަސްގެފާނު" ގެ ތާޖު އޭރު އޮތީ އޭނާގެ ބޮލުގައެވެ.
އޭގެ ތިން އަހަރު ފަހުން ދުނިޔޭގެ އޮޔާއި ވަޔާއެކުގައި ބެހެމުން އައިސް، "އޮޔާ" ގެ ނަމުގައި މިދިޔަ އަހަރު ނެރުނު އާ ލަވައަކާ އެކު އެނބުރި އައުން ކަށަވަރުކުރި ނަމަވެސް ދިވެހި ޒުވާނުންގެ މި "ރެޕް ރަސްގެފާނަކީ" މި އިންޓަވިއުއާ ހަމަ އަށް ވަރަށް ވެސް ޕްރައިވެޓް ލައިފެއްގައި އުޅުއްވި ރަސްކަލެކެވެ. ނަމަވެސް މިއީ އެ ތޮށިގަނޑު ވެސް ފަޅާލައި އޭނާގެ ހިތުގެ ހުރިހާ އުދާހެއް ބޭރުކޮށްލާ ބޮޑު އިންޓަވިއުއެވެ.
"ކުރީގައި މިކަން ކުރީކީ އެއްގޮތަކަށް ވެސް މަޝްހޫރުވާކަށް ނޫން. ކަމަށް ހުންނަ ލޯތްބަކުން. ހިޕްހޮޕް ވައިބު ގެންނަން ބޭނުންވީ މިތަނަށް. އޭރު ބޮޑަށް ސްޓްރީމިން އަށް ފޯކަސް ވެސް ކުރީ. ޝޯއަކަށް ވެސް އެރީ ދެ ޝޯއަށްވަރު. ރީތިކުދިން ވީޑިއޯއަށް އެރީމައޭ ގިނަ މީހުންނަށް އެނގުނީ ވެސްް،" މީޑިއާ ބީރައްޓެހި ޕެސްޓުގެ ބޮޑު އިންޓަވިއު ފަޅާލުމުގެ ކުރިން އޭނާ ފެށީ މިހެންނެވެ.
ނަމަވެސް އޭގެ ކުރިން ޕެސްޓުގެ ކުރު ތައާރަފެއް އަދި ދޭނަމެވެ.
ޕެސްޓަކީ އެންމެ ކުރިން މިއުޒިކަށް ހުސްވެގެން އުޅުނު މީހެއް ނޫނެވެ. އޭނާއަށް ކަމުދިޔައީ އަބަދުވެސް ޅެންވެރިކަމެވެ. ޅެމާއި ލަވަ ލިޔަން މާބޮޑު ޝައުގުވެރިކަމެއް ހުރީ އުފެދިފަ އެވެ. "ރީތި ކުދިން" މި ލަވަ އަކީ އުމުރުން 14 އަހަރުގައި އޭނާ ލިޔުނު ލަވައެކެވެ. އެއީ އޭނާ ލިޔެފައި ހުރި އެތައް ލަވަތަކެއްގެ ތެރޭގައި ހިމެނުނު ވަރަށް ރީތި ލަވައެކެވެ.
ވޯކްމަންގެ ދުވަސްވަރު ގޭތެރޭގައި ބައްޕަ ޖެހި ލަވަތަކުން މިއުޒިކާއި ޅެންވެރިކަމުގެ ފުން ކަނޑުގެ ތެރެއަށް ގެނބުނީ އެވެ. ޅެމަށް ފާޑުކިއުމާއި ޓީވީ އާއި ރޭޑިއޯތަކުން އައި އެފަދަ ހުރިހާ ޕްރޮގްރާމްތަކެއް ވެސް ބަލައި އުޅުނެވެ. އަމިއްލަ އަމިއްލައަށް ފޮތްތަކުގައި ލިޔެ ފޮރުވައިގެން އުޅުނީ ކިތައް ޅެން ކަމެއް ބުނެދޭކަށް ނުވެސް އެނގެ އެވެ.
މިއުޒިކާ ދުރުގައި އޭނާ މި ހޭދަކުރި ތިން އަހަރު ތެރޭގައި ވެސް އަމިއްލަ ޝައުގުވެރިކަމުގައި އެތައް ޅެމެއް ލިޔެފައި އެބަހުއްޓެވެ. އަމިއްލަ ސޯލޯ އަލްބަމެއްގެ މަސައްކަތް ވެސް މިހާރު އެބަ ކުރެ އެވެ. އެ އަލްބަމް މިއަހަރު އަޑު އަހާލަން ލިބިދާނެ ކަމުގެ ސިގްނަލެއް ވެސް ދިނެވެ.
ހިޕްހޮޕް އާއި ޕެސްޓުގެ އޮބިނޯންނަ ޅެންވެރިކަމަށް ދިއުމުގެ ކުރިން ޕެސްޓަށް ޕެސްޓް ކިއުނު ގޮތް އަހަރެމެންނަށް ފުރަތަމަ ކިޔައިދީބަލަ؟
ޕެސްޓް: އެއީ (މޯބައިލް މެސެޖިން އެޕް) މިގްތާޓީތްރީ ދުވަސްވަރުގައި. އެމީހަކަށް ޖެހުނު އެންމެ ރީތި ނަމެއް ޖަހައިގެން އުޅޭނީ. އަސްލު ޕެސްޓެއް ނޫނޭ. ޕެސްޓިމްބާ ކިޔާ އައިޑީއެއް އޭރު ގެންގުޅުނީ. ދެން އެ ނަން ކުރުކޮށްލާފަ ޕެސްޓް މި ކިއުނީ.
ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޕެސްޓް އެނބުރި އައީ މިދިޔަ އަހަރު. -- ފޮޓޯ: މިއުސަމް
މިއުޒިކްގެ ތެރެއިން ހިޕްހޮޮޕަށް ހިތްޖެހި ރެޕާ އަކަށް ވާން ޗޫޒްކުރީ ކީއްވެ؟ ކޮބައިތަ މިގޮތަށް ފަށަން ލިބުނު އެންމެ ބޮޑު އިންސްޕިރޭޝަނަކީ؟
ޕެސްޓް: ހިޕްހޮޕަކީ ވަރަށް ގިނަ ވާހަކަ ބުނެވޭ މިއުޒިކެއް. އެހެން ގިނަ ޖޮންރާތަކުގައި ލިރިކްސް އެހާ ދިގެއް ނުވާނެ. ބުނަން ބޭނުންވާ ބައިވަރު ވާހަކަ ހުރިއްޔާމުން އެންމެ ރަނގަޅު އެކައްޗަކީ ރެޕް ހަމަ. ބޭރު ގައުމުތަކުގައި ވެސް ރެޕް އައިސްފަ މި ހުންނަނީ އެކި އެކި މޫވްމަންޓަށް. ސިޔާސީ ނުވަތަ ސޮސައިޓީން މި އަންނަ. އޭގެ އިންފްލުއެންސް ވަރަށް ބޮޑަށް ކުރޭ އެހެން މީހުންނަށް. ތިމާ ދޭ މެސެޖުގެ އިންފްލުއެންސް ވެސް. އޭތި ގެންނަން ބޭނުންވީ އޭތި ކޮންމެވެސް ވަރަކަށް ގެނެވުން އެކަމަކު އަދި ވަރަށް ދުރަށް ދެވެން އެބައޮތް.
ވަރަށް ގިނަ މީހުން ބުނޭ ޕެސްޓަކީއޭ ދިވެހިންގެ ރެޕް ރަސްގެފާނަކީ. އަމިއްލައަށް ގަބޫލުކުރަންތަ އެ ވާހަކަ؟
ޕެސްޓް: ޕެސްޓަށްވުރެ މޮޅު ރެޕަރުން އެބަ ތިބި ރާއްޖޭގައި. ދެން ރަސްގެފާނޭ އެ އަންނަނީ މޮޅު ދެރައަކުން އެކަންޏެއް ވެސް ނޫން. އޭގެ އިންފްލުއެންސް ކަންނޭނގެ. އެގޮތުން ބަލަންޏާ ގަބޫލުކުރަން. އެކަމަކު މޮޅޭ ކިޔާފަ ބުނަންޏާ ޕެސްޓުވަރުގެ މޮޅު މީހެއް ނެތެކޭ ނުބުނާނަން.
އެހެންވިއްޔާ ޕެސްޓު ގަބޫލުކުރާ "ދިވެހި ރެޕް ކިންގަކީ" ކާކުތަ؟
ޕެސްޓް: ޑެނީ. އެއީ ޕެސްޓުމެން އެންމެން އެއްކޮށް ކަހަލަ ގޮތަކަށް ފެށީ. އޭރު ވެސް މީގެ އުސޫލުތަކާއި ގަވާއިދުތައް މާބޮޑަށް އެނގޭނެ ޑެނީ އާއި ސައްލު އަށް. ހިޕްހޮޕް އެނގޭ މީހުންނަށް ވަރަށް ބޮޑަށް އެނގޭނެ އެ ދެ މީހުން ވެސް.
ރެޕް ލަވަ ލިއުމަކީ ވަރަށް ފަސޭހަ ކަމެއްތަ؟ ލަވަތައް ހަދާއިރު ވިސްނަނީ ކޮން ކަމަކަށް؟ އެހެން މީހުންގެ ލަވަތަކާއި ޕެސްޓުގެ ލަވަތަކުގެ ތަފާތުކަމަކީ ކޮބާ؟
ޕެސްޓް: އެންމެ ބޮޑަށް ވިސްނާ ކަމަކީ ޖެނެރަލް ޕަބްލިކްގެ ތެރެއިން ގިނަބައެއްގެ އިހުސާސްތައް. އިނގިރޭސިން ވެސް ކިޔައެއްނު އެހެން މީހުންގެ ޝޫއަށް އަރައިގެން ހިނގާލީމަ އޭ އިހުސާސް ކުރެވޭނީ. އޭތި ދެނެގަނެގެން އެއާ އެއްގޮތަށް ލިޔެވޭތޯ ބަލަން. ހަމައެކަނި ޕެސްޓުގެ އިހުސާސްތަކެއް ނޫން ލަވަތަކުގައި ހުންނާނީ.
ކޮންމެ މީހެއްގެ ވެސް ހުންނާނެ އިހުސާސްތަކާއި ފިކުރުތަކެއް. ދެން އެއްޗެހި ބަޔާންކުރުމަކީ އެހެން ކަމެއް. ޕޮއެޓްރީގައި ވެސް ހުންނާނެ ކުރުކޮށް ފޮނިކޮށް އެއެއްޗެހި ބަޔާންކުރަން. އެއީ ވެސް ވަރަށް އުނދަގޫކަމެއް. އެކަމަކު ހިޕްހޮޕްގައި އެބަޖެހޭ ވަރަށް ގިނަ ވާހަކަ ދައްކަން. އޭތި މީހުން ފޫހިނުވާ ގޮތަކަށް ރީތި ގޮތަކަށް ބަޔާންކުރަން ޖެހޭ. އެއީ ވަރަށް އުނދަގޫ ކަމެއް.
ރާއްޖޭގައި ހިޕްހޮޕް މިއުޒިކް އަދި ރެޕް ލަވަކިޔުންތެރިން މިވަރަށް މަގުބޫލުވުމުގެ ސިއްރަކީ ސިމްބޮލިކް ރިކޯޑްސް ކަމަށް ގަބޫލުކުރަންތަ؟
ޕެސްޓް: އެހެން ބުނެވިދާނެ. އެއީ މިއީ ޕްރޮޑަކްޓެއް. މީތި މާކެޓްކުރަން އެންމެ ބޮޑަށް މަސައްކަތްކުރެވިފަ ހުންނާނީ ސިމްބޮލިކް ރިކޯޑްސް އަށް. އެންމެ ގިނަ ލަވަތައް ވެސް ނެރެވިފަ ހުންނާނީ ސިމްބޮލިކް ރިކޯޑްސްގެ ލޭބަލްގެ ދަށުން.
ޕެސްޓް ޝޯއެއްގައި. -- ފޮޓޯ: މިއުސަމް
ސިމްބޮލިކް ރިކޯޑްސް މިހާ މަގުބޫލުވުމުގެ ސިއްރަކީ ޕެސްޓުގެ މޮޅުކަމޭ ނުވަތަ ޕެސްޓޭ ބުނެވިދާނެތަ؟
ޕެސްޓް: މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. މިއީ ވަރަށް ބޮޑު ޓީމެއް. މިހާރު ވެސް އެބައުޅޭ 23 ވަރަކަށް މީހުން. މީގަ ފޭސް އަކަށް ފެންނަން މިތިބެނީ ޕެސްޓު ނޫނީ ކޮންމެވެސް އާޓިސްޓެއް. އެކަމަކު ފަހަތުގައި ވަރަށް ބޮޑު ޓީމެއް އެބަ އޮވޭ. މިއީ ކޮންމެހެން އުޖޫރައެއް ހޯދަން ކުރާ ކަމެއް ވެސް ނޫން. މިކަމަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން.
ޕެސްޓު ލިޔުނު ލަވަތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ގޮތަށް ލިޔުނު ދެތިން ލަވައެއް ކިޔާދީބަލަ. އަދި މި ލަވަތައް އެހާ ހާއްސަވާ ސަބަބުވެސް؟
ޕެސްޓް: އަބަދުވެސް ފަހުން ހަދާ އެއްޗެހި. އެކައްޗަކަށް "އޮޔާ" ދެން "ދުންތަރި" މިއީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ދެ ލަވަ. އެއީ ވަރަށް އޮނެސްޓް ދެ ލަވަ ވީމަ. އިހްސާސްތައް އެއްވެސް ހުރަސްތަކަކާއި ނުލާ ބޭރުކޮށްލީމަ އަނެއްކާ އާންމުންނަށް އެހާ ކަމުދިޔައީމަ.
ސިމްބޮލިކްސް ރިކޯޑްސް އާއި ބީޓޮލޮޖީ އާ ދެމެދު އަބަދު ޑިސްޓްރެކް ނެރެން ޖެހެނީ ކީއްވެ؟ ކޮބައިިތަ މި ދެ ގްރޫޕުގެ ކޯޅުންތަކަކީ؟
ޕެސްޓް: އެއީ ހިޕްހޮޕް މިތާ ފެށުނީއްސުރެ އޮންނަ ގޮތް. ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އުޅޭ. އެންމެ ފުރަތަމަ މީގަ ދެބަސްވީ ސިމްބޮލިކްގަ މިއުޅޭ މީހުންނާއި ބްލޫބެރީ ވޯޓާސް އާއި މި މީހުން ބޭނުންވަނީ ވަރަށް ބުރަ މަސައްކަތުން އޮރިޖިނަލް މިއުޒިކް. އޭތި ހަދައިދޭނެ މާގިނަ ބަޔަކު މިތާކު ނޫޅޭ. އެކަމަކު އެހެން ޖޮންރާތަކުގެ މިއުޒިކް ހަދާ މީހުން ބައިވަރު. ބައިވަރު އާޓިސްޓުން އެބައުޅޭ. އެންމެ ދެތިން މީހުންނަށް ކިހިނެއް ހުރިހާ އާޓިސްޓުންނަށް މިއުޒިކް ހަދައިދޭނީ އެހާ ޓައިމް ދޭނީ ހިލޭ ސާބަހަށް. އެހެންވެ ކަންނޭނގެ.
ދެން ޓްރޯމެން (ބީޓޮލޮޖީ) ގެންގުޅޭ އުސޫލަކީ ޔޫޓިއުބް އެއްޗެހިން ޓްރެކް ޑައުންލޯޑްކޮށްގެން. އަހަރުމެންގެ އެ ވޯކްގެ އަގެއް ނުހުރޭ އެހެންވެ. ޔޫޓިއުބް ކަހަލަ އެއްޗަކުން އެއްޗެއް ނަގައިގެން ހަދާތީ. އެއީ ޖެހޭ މައްސަލައަކީ. ޒާތީ މައްސަލައެއް ނޫޅޭނެ. މިއީ މިކަމުގެ ލޯތްބަށްޓަކައި ޖެހޭ ޕްރޮފެޝަނަލް މައްސަލަ. މީގަ ދެބައެއް އެބައުޅޭ. ޕެސްޓުމެން ފުރަތަމަ ފެށީ ފޭމްއަކަށް ނޫން. މިހާރު އެހެން ނުބުނެވޭނެ. އެކަމަކު މިހާރު ބައިވަރު މީހުން އުޅޭ ހަމައެކަނި އެކަމަށް މިކަމުގައި. އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ގަބޫލެއް ނުކުރަން. ލަވަތަކަށް ލާންޖެހޭ އެފޯޓްތައް ލައިގެން ރަނގަޅު އެއްޗެހި ނެރެންވާނީ.
ރާއްޖޭގެ ރެޕް ލަވަތައް ކިޔާ ކުދިންގެ ގަދަ 10 ގައި ޓްރޯ އާއި ޒިޕްސް ހިމަނާނީ ކިހާ ހިސާބެއްގައި؟ ޕެސްޓުގެ ޓޮޕް 10 ލިސްޓުގެ ޓޮޕް ތިނަކަށް އަރާނީ ކޮންބައެއް؟
ޕެސްޓް: ލިސްޓަކަށް ނާރާނެ (ޓްރޯ އާއި ޒިޕްސް). އިނގިރޭސި ރެޕުންގެ ލިސްޓެއްގައި ޓްރޯ އަރާނެ ގަދަ ފަހަކަށް. އެކަމަކު ދިވެހި ރެޕްގެ ޓޮޕް 10 ގައި ނެތް. ޕެސްޓުގެ ލިސްޓުގެ ގަދަ ތިނެއްގައި ތިބޭނީ ޑެނީ، ސައްލު، މާޓު.
ޕެސްޓުގެ އަމިއްލަ އަލްބަމެއްގެ މަސައްކަތް ދަނީ ކުރިއަށް.
ރެޕް ނޫން އާޓިސްޓަކަށް ވި ނަމަ ޕެސްޓް ކިޔާނީ ކޮން ކަހަލަ ލަވައެއް؟
ޕެސްޓް: އެންމެ ރީތި މިއުޒިކަކީ ޖޭޒް މިއުޒިކް. ރެޕް އާޓިސްޓަކަށް ނުވި ނަމަ ކިޔާނީ ޖޭޒް ލަވަ. މިހާރު ވެސް އެކަން ނުކުރަން ހުންނާނެ ބައިވަރު ލަވަ ނުކިޔާ ވެސް. ހުންނާނެ ބައިވަރު ލަވަ ހަދާފަ ވެސް. އެކަހަލަ ލަވަ ހެދުމަކީ ޕެސްޓަށް އެހާ އުނދަގޫކަމެއް ނޫން ރެޕާ ބަލާފަ. ޕެސްޓުމެން ފެށިއިރު އެހާ އާންމުކަމެއް ނޫން ރެޕް އާޓިސްޓުން އެހެން ކަހަލަ ލަވަކިއުން. އެހެންވެ އެ އުސޫލުގައި ހިފަހައްޓައިގެން އަދިވެސް މިހިރީ.
ޕެސްޓްހާ މޮޅަށް ލަވައެއް ލިޔަން ބޭނުން މީހަކަށް ދޭނެ ޓިޕްސް އަކީ ކޮބައިތަ؟
ޕެސްޓް: މި ހުންނަނީ ކޮންސެޕްޓްތަކެއް ނޫނީ މޫޑުތަކެއް. މިސާލަކަށް ލޯބީގެ އެއްޗެއްތޯ، އިޖުތިމާއީ އެއްޗެއްތޯ އެގޮތަށް އޭތި ޑިސައިޑްކޮށްފަ ތިމަންނަ މިދައްކަނީ ތިމަންނަގެ ވާހަކަތޯ އެހެން މީހަކުގެ ވާހަކަ ތޯ އެހުރިހާ އެއްޗެއް ޑިސައިޑްކުރަން ޖެހޭނެ ފެށުމުގެ ކުރިން. ރެޕުގައި ބޭސިކްކޮށް ކިޔައިދެންޏާ އެއީ ވާހަކަ އާއި މަޒުމޫނު ގޮތަށް ފެށުމާއި މައިގަނޑާއި ނިންމުމާ އޮންނާނެ. އެއީ ހަމައެކަނި ލަވަ ލިޔަން ހިތަށް އަރުވައިގެން ކުރާ ކަމެއް ނޫން. ފަންނެއް މިއީ. ކޮންމެ މީހަކަށް ވެސް ކުރެވޭނެ. ސްކޫލްގައި ކޮންމެ ކުއްޖަކު ވެސް ވާހަކަ އާއި މަޒުމޫނު ލިޔަން ދަސްކުރާހެން. ލަވަ ވެސް ސްކޫލްގައި ދަސްނުކޮށްދޭތީ ތަންކޮޅެއް ކޮމްޕްލިކޭޓްވަނީ ކަންނޭނގެ.
ޕެސްޓް ވެސް ނިސްބަތްވާ، ސިމްބޮލިކް ރިކޯޑްސްގެ ރެޕް ލަވަތަކާއި އޭގެ ވީޑިއޯތަކަކީ ޓީނޭޖް ކުދިންނަށް ބޭޑް އިންފްލުއެންސެއް ކަމަށް ގަބޫލުކުރަންތަ؟
ޕެސްޓް: ކޮންމެވެސް ބައެއްގެ އިހުސާސްތައް މިކިޔައިދެނީ. ކޮންމެވެސް ކަހަލަ އިންފްލުއެންސެއް ކުރާނެ. އެކަމަކު ގިނަ އެއްޗެހި ހުންނާނީ އިބުރަތެއް އިންނަ ގޮތަށް ލަވައިގަ. އަހަރުމެންގެ އިންޓެންޝަނަކީ މެސެޖެއް ފޯރުކޮށްދިނުން.
ރާއްޖެކަހަލަ ތަނެއްގައި ރެޕް އާޓިސްޓަކަށްވެ ހުރެ ޕެސްޓް ބޭނުންވާ ހިސާބަށް ރީޗް ވެވިދާނެތަ؟ ނުވަތަ މިތަނުގެ ކަލްޗާ އޮންނަގޮތުން އަމިއްލަ ހުނަރު ވަކި ލިމިޓެއްގެ ތެރޭގައި ބާއްވަން ޖެހިދާނެހެން ހީވޭތަ؟
ޕެސްޓް: ރާއްޖެ އަކީ ވަރަށް ފްރީ މާކެޓެއް އަދި. އޮޕޮޗުނިޓީ އޮތް ތަނެއް. ކޮންމެ މީހަކު ވެސް އެމީހަކު ދާން ބޭނުން ކޮންމެ ހިސާބަކަށް ދެވިދާނެ. ގިނައިން މިގެންގުޅެނީ ސޯޝަލް މީޑިއާ މާކެޓިން. ހުރިހާ އެންމެނަށް ލަވަފޮށި ކަހަލަ އެއްޗެހި އެހުންނަނީ ހުޅުވާލާފަ. ބައިސްކޯފް ވެސް. ޓެލެންޓުތަކަށް ވަރަށް ހުޅުވިފަ މިތަން އޮތީ.
ކުއްލިއަކަށް މަޝްހޫރުވިތަނުން ލަވަކިއުން ހުއްޓާލެވުނީތީ އެކަމާ ރިގްރެޓް ކުރެވުންތަ ފަހުން؟ އެހެންވެތަ އެނބުރި އައިސް ލަވަ ކިޔަން ފެށީ؟
ޕެސްޓް: ލައިފް އަބަދުވެސް ޗޭންޖްވަމުން މި އަންނަނީ އެކި ގޮތްގޮތަށް. ދެން އެއައި ބައެއް ޗޭންޖެސްގެ ތެރެއިން ދުރުވީ. ހިޕްހޮޕް ވެސް އަހަރެމެން ޑްރީމްކުރިގޮތަކަށް ނޫން އައިސްފަ އޮތީ. އަނެއްކާ ވެސް އޭތި ކޮންޓިނިއުކުރަން ބޭނުންވެގެން އައީ. އެނބުރި އައީ އެކަމާ ރިގްރެޓްކުރާތީއެއް ނޫން. މިއުޒިކާއި ދުރުވިއިރު ވެސް ޅެންވެރިކަމަކާ ދުރެއް ނުވަން ... އޭރު ދުރުވީ ވެސް ހަމައެކަނި މިއުޒިކަކާ ނޫން. ލައިފް ޗޭންޖްވެގެން އައިއިރު ބައިވަރު ކަންކަން ކުރަމުން އައީ. ނޯމަލް ލައިފެއްގައި މަގުމަތީގައި އުޅުނީ. އެހެން ކަންކަން ބަދަލުވެގެން އައިއިރު ދުރުވީ.
އަނެއްކާ ވެސް އެގޮތަށް ހިޔާލު ބަދަލުވެގެން ލަވަ ކިއުން ހުއްޓާލާފައި ޕެސްޓް ގެއްލިދާނެތަ؟
ޕެސްޓް: ކުރިއަށްވާނެ ގޮތެއް ނޭނގެ. އަބަދުވެސް މޫވްމަންޓުގައި މިއުޅެނީ. ލައިފް އަބަދުވެސް ޗޭންޖުވާނެ. ޗޭންޖު ނުވަންޏާ ދިރިއުޅުމެއް ދަހެއް ނުވާނެ.