20 Nov 2024

By: Aishath Mihna Nasih

ރެޓިނޯލް އަކީ އަހަރެމެންގެ ސްކިން ކެއާ ރޫޓިންގައި ކޮންމެހެން ވެސް ހިމަނަންޖެހޭ މުހިންމު ބާވަތެކެވެ. ހަންގަނޑުގައި ކޮލޮޖަން އިތުރުކޮށްދީ ޒުވާންކަން ދެމެހެއްޓުމަށާއި, އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަންގަނޑުގައި ނަގާ ބިހިތަކާއި ރޫތައް ފިލުވާލަދީ, ހަންގަނޑުގެ ކުލަ އެއްވަރުކޮށް އޮމާންކަން ގެނެސްދިނުމަށް ރެޓިނޮލް އެހީވެދެ އެވެ.

ބޭނުންކުރާނީ ކިހިނެއް؟

ރެޓިނޯލް ބޭނުންކުރުމުގެ ކުރިން, މައިލްޑް ނުވަތަ އެހާ ވަރުގަދަ ނޫން ފޭސް ވޮޝްއަކުން މޫނު ދޮވެލަންވާނެ އެވެ. އެއަށް ފަހު ރަނގަޅަށް މޫނު ހިއްކާލައި ޓޯނާއެއް ބޭނުންކުރެވިދާނެ އެވެ. މިހެން ހެދުމުން ހަމުގެ އެތެރެއަށް ވަދެ, ރެޓިނޮލްގެ ހަގީގީ ފައިދާ ހަމަށް ކުރާ މިންވަރު އިތުރުވެ އެވެ. ރެޓިނޮލް ހާކާއިރު މޫނު ތެތްކޮށް ހުރެ ރެޓިނޮލް ބޭނުންކޮށްފި ނަމަ ހަންގަނޑު ރަތްވެ ނުވަތަ ފާރުވުމަށް މަގުފަހިވާނެ އެވެ. އަދި ރެޓިނޮލް އަކީ އެކްސްފޯލިއޭޓިން އޭޖެންޓަކަށް ވާތީ, އެކްސްފޯލިއޭޓް ކުރުމަށް ފަހު ނުވަތަ އެފަދަ އެހެން ޓްރީޓްމަންޓަކަށް ފަހު ރެޓިނޮލް ބޭނުންކުރުން އެދެވިގެންނެއް ނުވެ އެވެ. ރެޓިނޮލް ހޭކުމަށް ފަހު މޮއިސްޗަރައިޒާއެއް ބޭނުންކުރަންވާނެ އެވެ.

ބޭނުންކުރަންވީ ކޮންއިރަކު؟

މުޅިން އަލަށް ރެޓިނޮލް ބޭނުންކުރަން ފަށާ ނަމަ އެންމެ ރަނގަޅީ ވީހާ ވެސް މަދުން ބޭނުންކުރަން ފަށައި އެ މިންވަރު އިތުރުކުރަމުން ދިއުމެވެ. އަދި ފަށާއިރު ކޮންމެ ރެއަކު ބޭނުންކުރުމުގެ ބަދަލުގައި ކޮންމެ ތިން ދުވަހަކުން ނުވަތަ ހަފްތާގެ ދެ ދުވަހަކު ބޭނުންކުރަން ފެށިދާނެ އެވެ. ރެޓިނޮން ބޭނުންކުރަންވާނީ ޕީއެމް ނުވަތަ ރޭގަނޑުގެ ސްކިންކެއާ ރޫޓިންގަ އެވެ. އެއާ އެކު, ރެޓިނޮލްގެ ސަބަބުން ހަންގަނޑު ސެންސިޓިވް ވާތީ ހެނދުނު ސަންސްކްރީން ބޭނުންކުރަން ސަމާލުކަންދެންވާނެ އެވެ.

ބޭނުންނުކުރެވޭނީ ކޮންބަޔަކަށް؟

ރެޓިނޮލްއަކީ އާންމު އެހެން ސްކިންކެއާގެ ބާވަތްތަކާ ބަލާއިރު ބާރުގަދަ އެއްޗެކެޗެ. އެހެންވެ، ދަތުރުގޮސް ހަންގަނޑު އަނދައި, ނުވަތަ އެ ނޫން ވެސް ޒަހަމެއް ހަންގަނޑަށް ލިބިފައިވާ ނަމަ ރެޓިނޮލް ބޭނުންކުރުން އެދެވިގެނެއްނެއް ނުވެ އެވެ. މި ނޫނަސް އެކްޒީމާ ފަދަ ހާލަތްތައް މެދުވެރިވެފައިވާ މީހުންނާއި, މާބަނޑު ނުވަތަ ގާތުން ދޭ އަންހެނުން މި މުއްދަތުގައި ރެޓިނޮލްއާ ދުރުހެލިވާންޖެހެ އެވެ.

މި ނޫނަސް އެމީހެއްގެ ހަމާއި، ހަމުގެ ބާވަތާއި އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައި އެންމެ އެކަށީގެންވާ ސްކިން ކެއާގެ ބާވަތްތަކެއް އިޚްތިޔާރުކުރުމަށްޓަކައި، ޑާމަޓޮލޮޖިސްޓެއްގެ ލަފާ ހޯދަންވާނެ އެވެ.

ހަމުގެ ފަރުވާ

Popular