އާމިނަތު މަފްތޫހާ ކުޑަކުދިންގެ ފޮތްތައް ލިޔަން ފެށީ އިއްތިފާގަކުންނޭ އޭނާ ބުނެފާނެ އެވެ. އެކަމަކު އިއްތިފާގަކުން ވިޔަސް ފެށުނީ މުހިއްމު މަސައްކަތެކެވެ.
އާމިނަތު މަފްތޫހާ ކުޑަކުދިންގެ ފޮތްތައް ލިޔަން ފެށީ އިއްތިފާގަކުންނޭ އޭނާ ބުނެފާނެ އެވެ. އެކަމަކު އިއްތިފާގަކުން ވިޔަސް ފެށުނީ މުހިއްމު މަސައްކަތެކެވެ.
މަފްތޫހާ އަކީ ކުރިން އިސްކަންދަރު ސްކޫލްގައި ކިޔަވައިދިން ޓީޗަރެކެވެ. ދަރިއަކު ލިބިގެން ކުއްޖާ އަށް ކިޔަވައިދޭން ފެށި ހިސާބުން އޭނާ އަށް ފާހަގަވާން ފެށީ ކުޑަކުދިންނަށް ކިޔަވައިދޭން، އެ ކުދިން ޝައުގުވެރިވާ ގޮތްގޮތަށް ތައްޔާރުކޮށްފައި ހުންނަ ދިވެހި ފޮތްތައް މަދުކަމެވެ. ހާއްސަކޮށް، ބަސް ކިޔަން ފަށާ އުމުރުގެ ކުދިންނަށް ތައްޔާރުކޮށްފައި ހުންނަ އަކުރު ބޯޑުތަކާއި ފޮތްތަކުގައި ވެސް ކުދިންނަށް ނަގައިގަންނަން އުނދަގޫ ބަސްތައް ބޭނުންކޮށްފައި ހުންނަ ކަމެވެ.
އެހެންވެ ދަރިފުޅަށް ކިޔަވައިދޭން ފަސޭހައަކަށް، އެންމެ ފުރަތަމަ އޭނާ ތައްޔާރުކުރީ އަމިއްލައަށް އަކުރު ފޮތެކެވެ. އޭގައި ކޮންމެ އަކުރަކަށް، ގޭތެރެ އާއި މާހައުލުން ދަރިފުޅާ ރައްޓެހި ނަންތަކެއް ބޭނުންކުރި އެވެ. އެގޮތަށް ކިޔަވައިދޭން ފެށުމުން ދަރިފުޅު ވަރަށް ފަސޭހައިން އަކުރުތައް ދަސްކޮށް، ބަސްތައް ނަގައިގަތެވެ.
"ބޭބީ އަށް ރީޑް ކުރަން ފެށި ހިސާބުން، ގަންނަ ގިނަ ދިވެހި ފޮތްތަކުގައި ހުންނަ ބަސްތައް ވަރަށް އުނދަގޫކަން ފާހަގަކުރެވުނީ. އެންމެ ތުއްތު ކުއްޖަކަށް ހަރުގަނޑު ނޭނގިދާނެ. އެހެންވެ އަމިއްލައަށް ފޮތެއް ހަދައިގެން ކިޔައިދިނީމަ ވަރަށް ފަސޭހައިން ނަގައިގަނޭ. އެހެންވެ ހިތަށް އެރީ ބަދަލުކޮށްލަން ރަނގަޅު ކަމެކޭ މިއީ،" ކުދަކުދިންގެ ފޮތް ލިޔުމުގެ ވިސްނުން އައި ގޮތް މަފްތޫހާ ކިޔައިދިނެވެ.
މާހީ މާހީ ބުކްސްގެ ނަމުގައި އަމިއްލަ ކުޑަ ވިޔަފާރިއެއް ފަށައިގެން، ފުރަތަމަ ފޮތް އޭނާ ނެރުނީ މިދިޔަ އަހަރު އެވެ. މި ފޮތްތައް ތަފާތުވާ ސަބަބު މިއޮތީ އެވެ.
ހުރިހާ އެއްޗެއް ހެއްދެވީ ﷲ!
މަފްތޫހާގެ ފުރަތަމަ ފޮތް ބަލައިލުމުން ވެސް އެއަށް ސިކުނޑި ބޭނުންކޮށްފައިވާ މިންވަރު އިހުސާސްކޮށްލެވޭނެ އެވެ. ފޮތަކަށް ފޮތެއް ލިޔެފައި ދޫކޮށްލުމުގެ ބަދަލުގައި، ފޮތުގައި އުފެއްދުންތެރިކަމާއި، ކުދިންނާ ރައްޓެހި ސާފު ބަސްކޮށާރެއް ގެންނަން މަސައްކަތްކޮށްފައި ހުރެ އެވެ. ހާއްސަކޮށް ކުޑަކުދިންގެ ހިތް ދަމައިގަންނަ ގޮތަށް ކުލަކުލައިން ކުރެހުން އަޅައި، ލިޔެފައި ހުންނަ ކުދި ޖުމްލަތަކުން ދޭހަވާ އެއްޗެއް ވިޝުއަލައިޒް ކޮށްދޭން ރީތި އެނިމޭޝަންތައް ބޭނުންކޮށްފައި ހުރެ އެވެ.
"ވަރަށް މަސައްކަތް ކުރަން، ބޭރު މީހުން ތައްޔާރުކުރާ ފޮތްތައް ހުންނަ ހެން، ކުދިންނަށް އިންޓަރެކްޓިވްކޮށް ކިޔެވޭނެ ސިފަތައް ފޮތަށް ގެންނަން. މިފޮތުގައި ވެސް އިންނާނެ، ލޯގަނޑެއް ހަރުކޮށްފަ އިންނަ ޕޭޖެއް. އޭރުން އަހަރެން ހެއްދެވީ ﷲ އޭ ކިޔައިދޭއިރު އެ ލޯގަނޑުކޮޅުން ކުއްޖާއަށް އޭނަގެ އަމިއްލަ ސޫރަ އެބަ ފެނޭ،" ފޮތާއި ފޮތް ކިޔައިދޭ މީހާ އާއި ދަރިފުޅު ގުޅުވާލަދޭން ބޭނުންކޮށްފައި ހުންނަ ބައެއް ފީޗާތައް އޭނާ ކިޔައިދިނެވެ.
މަންމާ، ލޯބިވޭތަ؟
ދަރިން ބައެއް ފަހަރު ކުރާ ކަންކަމުން މައިންބަފައިން ލަދުގަންނެ، ދެރަވެ، ނޫނީ ހިނި އަންނަ ވަގުތު އާދެ އެވެ. ބައެއް އެކަހަލަ ވަގުތުތަކުގައި އަމަލުކުރެވޭ ގޮތަކުން މަންމަ ނޫނީ ބައްޕަ ލޯބި ނުވަނީ ކަމަށް ކުދިންނަށް ހީވުމަކީ ވެދާނެ ކަމެކެވެ. މަފްތޫހާގެ މި ފޮތުގައި އޭނާ ގެނެސްދީފައި ވަނީ އާންމުކޮށް ގޭތެރޭގައި މަޔަކާއި ދަރިއަކާ ދެމެދު ހިނގާ ކަންތައްތަކެކެވެ. އެ ކަންކަމުން މަންމަ އަށް ކުރެވުނު އިހުސާސް ދަރިފުޅަށް ވިސްނައިދީ، އެކަމަކު ވެސް މަންމަ އަބަދުވެސް ލޯބިވާނެ ކަން ކްރިއޭޓިވް ގޮތަކަށް ބުނެދޭން މަސައްކަތް ކޮށްފައިވެ އެވެ.
މިއީ މަންމައިން ކިޔާލަން ވެސް ހަމަ އެންމެ ރަނގަޅު ފޮތެކެވެ.
ކޮބާ ދޮންކަލޯ ދޫނި؟
ދޫވެގެން އުޅޭ ދޮންކަލޯ ދޫނި ހޯދަން މަންމަ ކުރާ މަސައްކަތް މި ފޮތުގައި މަފްތޫހާ ގެނެސްދީފައިވަނީ ވަރަށް ތަފާތުކޮށެވެ. މީގެ ކުރިން ދިވެހި ފޮތެއްގައި ބޭނުން ނުކުރާ އެހެން ފީޗާއެއް ވެސް މިފޮތުގައި ވަނީ ބޭނުންކޮށްފަ އެވެ.
"ދޮން ކަލޯ ދޫނީގައި އިންނާނީ ދެ ގަނޑު ލެޕް ވާ ގޮތަށް. މިސާލަކަށް ދޮންކަލޯ ދޫނި ކޮބާހޭ ބުނެފައި ގަނޑު މަށްޗަށް ހިއްލައިލާއިރު ތިރީގަ ދޮންކަލޯ ދޫނި ކޮންމެވެސް ކަމެއް ކުރަން އިންނަތަން ފެންނާނެ. ކުދިން ފީކޮއެ ކުޅެން ވަރަށް ޝައުގުވެރިވާނެ. އެހެންވީމަ މިއީ ކުދިން ވަރަށް ގަޔާވާނެ ފީޗާއެއް،" މަފްތޫހާ ބުންޏެވެ.
އޭނާގެ ފޮތްތަކުގެ ބޭނުމަކީ ވެސް މި އެވެ. އިނގިރޭސި ފޮތްތަކަށް ކުދިންގެ ސަމާލުކަން ލިބޭހެން ދިވެހި ފޮތްތަކަށް ވެސް އެންމެ ކުޑައިރުން ފެށިގެން ވެސް ކުދިން ޝައުގުވެރިކުރުމަކީ މާހީމާހީގެ އަމާޒެވެ.
"ފޮތް ކިޔައި ދިނުމަކީ ކުދިންނަށް ވަރަށް ރަނގަޅު އަސަރު ކުރާ ކަމެއް. އެއީ ސައިންސުން ވެސް އެނގެން އޮތް ކަމެއް. ކިޔުންތެރިކަމަށް ކުދިން ހާނުވާއިރު، ކީއްވެ ދިވެހި ފޮތްތަކުން އެ ޝައުގު ނުގެނެވެންވީ؟"