11 Nov 2024

By: Aishath Mihna Nasih

"ޕިކީ އީޓާސް" އޭ އަހަރެމެން ބުނެ އުޅެނީ ހަމައެކަނި ވަކިބާވަތްތަކެއް މެނުވީ ނުކެވޭ ކުދިންނަށެވެ. މިފަދަ ކުދިންނަށް ގިނަފަހަރު ކަމުދާނީ މާ ގިނަ ކުލަތައް ނުހުންނަ ކެއުންތަކެވެ. ފަހަރެއްގައި އެއީ މަސްދަޅާއި ބަތް ކަމަށް ވެސް ވެދާނެ އެވެ. ގަރުދިޔަ އާއި ބަތް ނުވަތަ ރޮށި ކަމަށް ވެސް ވެދާނެ އެވެ. އެއްވެސް ރަހައެއް ކުލައެއް ނެތް ހަމައެކަނި ފެނުކެއްކި ޕާސްތާ ކޮޅެއް ވެސް އެއީ ކަމުދާ ކާނާ އަށް ވެދާނެ އެވެ.

އެކަމަކު ހެދިބޮޑުވަމުން އަންނައިރު، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަށިގަނޑަށް ލިއްބައިދޭން، ތަރުކާރީ ފަދަ މުހިންމު ބާވަތްތަކާ ގުޅުމެއް އުފެއްދުމަކީ ވަރަށް މުހިންމުކަމެކެވެ.

މި ހިމަނާލަނީ މިފަދަ ކުދިންގެ ކެއުމުގައި ތަރުކާރީ ހިމަނަން ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

1. ތަރުކާރީގެ ބާވަތްތަކުން ޕާސްތާ ސޯސް

އެކި ބައްޓަންތަކުގެ ޕާސްތާ އަކީ ކުދިން އެންމެ ގަޔާވެގެން ކާނެ އެއް ބާވަތެވެ. މިފަދަ ކުދިންގެ ކެއުމުގައި ތަރުކާރީ ހިމަނަން ބޭނުންވާ ނަމަ ތަރުކާރީ ހިމަނައިގެން ސޯސް ހެދިދާނެ އެވެ. ބަރަބޯ، ބަޓަނަޓް، ކޯން، ކެރެޓް ފަދަ ބާވަތްތައް އެއްކޮށްލައިގެން ރީދޫ ނުވަތަ މަޑު އޮރެންޖް ކުލައެއްގެ ޕާސްތާ ސޯސްއެއް ތައްޔާރުކުރެވިދާނެ އެވެ. މި ބާވަތްތައް ލޮނުމެދާއި، ޗީޒާ އެއްކޮށްލައި ރަނގަޅަށް ކައްކާލައި ޕިއުރީ ކޮށްލުމުން މީރު ސޯސް އަކަށް ވާނެ އެވެ. ނޫން ނަމަ، ފެހި ކުލައަކަށް ދާ ޕެސްޓޯއެއް ވެސް ތައްޔާރުކުރެވިދާނެ އެވެ. ކެޝޫ ނަޓްސް، ސްޕިނެޗް، ބްރޮކޮލީ، ޕާސްލީ އަދި ކޮރިއަންޑާ ފަދަ ބާވަތްތައް އެއްކޮށްލެވިދާނެ އެވެ. އަލަށް މިފަދަ ރަހައެއް ތައާރަފްކުރާ ނަމަ މަދުމަދުން ސޯސް އިތުރުކުރަމުންގެންދާށެވެ.

2. ތަރުކާރީން އެކި ކަހަލަ ސްނެކްސް

ކާންދޭން އުނދަގޫ ކުދިންނަށް ގިނަފަހަރު ކާންދޭން އުނދަގޫވާނީ ރަސްމީ ކެއުންތަކެވެ. އިރުއިރުކޮޅާ ސްނެކް ކަހަލަ އެއްޗެއް ދޭންވެއްޖެ ނަމަ އެއްވެސް އުނދަގުލަކާ ނުލައި ކާލާފަހަރުތައް ގިނަވާނެ އެވެ. އެހެންވެ ތަރުކާރީގެ އެކި ރަހަތައް މިފަދަ ސްނެކްތަކުގައި ވެސް ހިމެނިދާނެ އެވެ. އެންމެ ފަސޭހައިން ތައްޔާރުކުރެވޭނެ ރަހަ މީރު އެކައްޗަކީ ތަރުކާރީ މަފިންސް އެވެ. ޒުކިނީ، ކެރެޓު، ކޯލިފްލާވަ ފަދަ ބާވަތްތަކަކީ ފަސޭހައިން މަފިން މިކްސްއެއްގައި ހިމެނިދާނެ އެއްޗިއްސެވެ. އަދި މާ ވަރުގަދަ ރަހައެއް ނުހުންނާތީ ކުދިންނަށް ފާހަގަވެސް ނުވާނެ ތަރުކާރީ އެވެ.

ސްކޫލް އިންޓަވަލް ނުވަތަ ހަވީރުގެ ސައިގަޑިއަށް ވެސް ކުދިން އަމިއްލައަށް ސޭންޑްވިޗެއް ތައްޔާރުކުރަން ދޭށެވެ. ކެރެޓް، ކިއުކަމްބާ އަދި ޓޮމާޓޯ ފަދަ ބާވަތްތައް މިގޮތަށް ކުދިންގެ އަމިއްލަ އުފެއްދުންތެރިކަމާ އެކު ކެއުމުގައި ހިމަނަން ފުރުސަތު ދީފި ނަމަ މާ ބޮޑަށް ބޮޑާނުހާކާ ފަސޭހައިން ކެވިދާނެ އެވެ. އަދި އެއަށްވުރެ ފަސޭހައިން ކެރެޓާއި ކައްޓަލަ ފަދަ ބާވަތްތައް ކުޑަ ބްރެޑް ކްރަމްޕްސް ނުވަތަ ފާރޮށި ކުޑި ފަދަ ތަކެތި ހިމަނައިގެން ތެއްލައިގެން، ފިހެގެން ނުވަތަ އެއާ ފްރައި ކޮށްގެން ކާންދޭށެވެ.

3. ލޮލީ، ސްމޫތީ ފަދަ ބުއިންތައް

އެކިބާވަތްތަކުގެ ބުއިންތަކަކީ ވެސް ކުދިންނަށް ތަރުކާރީގެ ރަހަތައް ތައާރަފްކުރަން ބޭނުންކުރެވިދާނެ އުކުޅެކެވެ. ބޭނުންކުރެވިދާނެ ބައެއް ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ކޭލް، ސްޕިނެޗް، ކެރެޓް، ކިއުކަމްބާ، އަދި ބަރަބޯ ހިމެނެ އެވެ. ދޮންކެޔޮ، ޔޯގަޓް ފަދަ ބާވަތްތަކާ އެކު ގިރާލުމުން މި ތަރުކާރީން ގެނެސްދޭ "ކްރީމީ" ނުވަތަ އޮލަކަމަކީ ގިނަ ކުދިންނަށް ކަމުދާނެ ރަހައެކެވެ.

މި ނޫނަސް، ކުދިންނަށް ތަރުކާރީ ކާންދިނުމުގައި ތަފާތު ކުދި އުކުޅުތަކެއްވެެސް ބޭނުން ކުރެވިދާނެ އެވެ. ފަހަރުގައި ކުދިން ކުރިމަތީ ނުވަތަ ކުދިންނާ އެކު އާއިލާގެ އެހެން މީހުން ވެސް ތަރުކާރީ ކާ ތަން ފެންނަ ނަމަ ބޮޑަށް އެކުދިން ކާހިތްވާނެ އެވެ. އެ ނޫނަސް، ތަރުކާރީ ކާންދޭ އިރު، ރީތި އެކި ބައްޓަންތަކަށް ކޮށާލުމާއި، ކާގަޑިތަކުގައި ތަކުރާރުކޮށް އެ ދެއްކުމަކީ ވެސް ކުދިން ބޮޑަށް ޝައުގުވެރިކުރުމަށް ކުރެވިދާނެ ކަމެކެވެ.

މި ނޫނަސް، ތަރުކާރީގެ އެއްވެސް ބާވަތެއް ގޭގައި ހައްދާ ނަމަ ކުދިންނާ އެކީގައި އެފަދަ ކަމެއް ކުރެވިދާނެ އެވެ. ނޫން ނަމަ މާރުކޭޓާއި ފިހާރައަށް ގޮސް، ކުދިން ލައްވާ އެކި ބާވަތުގެ ތަރުކާރީ އިހްތިޔާރުކުރުމަކީ ވެސް ބޮޑަށް މި އާދަ ޖައްސުވައި ތަރުކާރީއާ ގާތްގުޅުމެއް އުފެއްދުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

ފައިދާހުރި ކާނާ ދަރިން ތަރުބިއްޔަތުކުރުން

Popular