13 Jan 2020

By: Ifraz Ali

ފުވައްމުލަކުގެ ތާރީހާ ގުޅޭ ގިނަ ވާހަކަތަކެއް ލިޔުންތަކުން އެނގެން އޮތްއިރު، އެ ރަށުގެ ކުރީގެ ވާހަކަތައް މިފަހަރު ކިޔައިދިނީ ފޮޓޯތަކަކުންނެވެ. ރަށުގެ އެކި ތަންތަނުގައި ނަގައިފައިވާ ކުރީގެ ފޮޓޯތަކާއި މިހާރު މި ތަންތަން ހުރި ގޮތް މި މަންޒަރުތަކުން ފެނެ އެވެ. މިއީ ގްރެފިކް ޑިޒައިނަރު، އަހްމަދު ޝާރިފް ސޮބްރީގެ މަސައްކަތެކެވެ.

ކުރީގެ ގިނަ ފޮޓޯތައް ނަގާފައިވަނީ ސީދާ ކާކު ކަމެއް ނޭނގެ އެވެ. މި ފޮޓޯތައް ހޯދުމުގައި ޝާރިފަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އަލާ ދީދީ އެވެ.

"އަލާ ދީދީ ފޮޓޯތައް ދެއްވީމަ އެ ފޮޓޯތައް ޕްރިންޓުކޮށްގެން ރަށުން އެ ލޮކޭޝަންތައް ހޯދީ. ތަންކޮޅެއް ކުރީގައި އަތޮޅުވެރިކަން ކޮށްފައި ތިބި ބައެއް މީހުން ގާތުގައި އަހައިގެން ލޮކޭޝަންތައް އައިޑެންޓިފައި ކުރީ،" ޝާރިފް ބުންޏެވެ.

ކުރީގެ ފޮޓޯތައް ނަގައިފައިވާ ސަރަހައްދުތައް ހޯދުމަށް ޝާރިފް މީހެއް ގާތުގައި އަހަނީ.

"ރައްޓެއްސެއް ގެންގުޅޭ ޕޭޖެއްގައި ހުރޭ ތަންކޮޅެއް ކުރީ ޒަމާނުގެ ފޮޓޯތައް. އޭގެން ބައެއް ފޮޓޯތައް ފެނުނީމަ ހިތަށް އެރީ އެ ތަންތަނަށް ގޮއްސަ މި ފޮޓޯތައް ރިކްރިއޭޓްކުރާނީއޭ،" މިކަން ކުރަން ހިޔާލު ލިބުނު ގޮތް ޝާރިފް ކިޔައިދިނެވެ.

ޝާރިފް ވަނީ އެ ރަށުގެ ހަ ތަނެއްގެ ފޮޓޯ ނަގައިފަ އެވެ.

މާނެރެ އަތިރި

މާނެރެ އަތިރި.-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

މީ ކުރީގައި ފުވައްމުލަކުގައި ލަފައި ފުރުމަށް ބޭނުންކުރި ސަރަހައްދެކެވެ. އެއީ ފުވައްމުލަކުގައި ބަނދަރު އެޅުމުގެ ކުރިންނެވެ.

ރަސްގެފަންނު

ރަސްގެފަންނު.-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

މި ވެސް ކުރީގައި މީހުން ލަފައިފުރުމަށް ބޭނުންކުރި ސަރަހައްދެކެވެ. ޝާރިފް ބުނީ މާނެރެ އަތިރި ސަރަހައްދާއި ރަސްގެފަންނު ސަރަހައްދަށް ލަފައި ފުރުމުގައި ބޮޑަށް ބެލި ކަމަށް ލަފާކުރެވެނީ މޫސުމީ ގޮތުން ރާޅު ނަގާ ގޮތަށް ކަމަށެވެ. އެކަމަކު ބޮޑަށް ބޭނުންކޮށްފައި ވަނީ ރަސްގެފަންނު ކަމަށެވެ.

ސޯސަން ވިލާ ކުރިމަތި

ސޯސަން ވިލާ ކުރިމަތި.-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

ކުރީގެ ފޮޓޯ އިން އެ ފެންނަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު ފުވައްމުލަކަށް ވަޑައިގެންނެވުމުން މަރުހާބާ ދެންނެވުމަށް، ސޯސަން ވިލާގެ ކުރިމަތީގައި ބަހައްޓާފައި ހުރި ގިޑިގެ އާއި ދަމާފައި ހުރި ދިދަތަކެވެ. މި ގެއަކީ ފުވައްމުލަކުގެ ކުރީގެ އަތޮޅު ކަތީބު ކެންނާރި އިބްރާހިމް ދީދީގެ ގޯއްޗެވެ. ކުރިން މި ގެއަށް ކިޔަނީ "މެދެ ކެންނާރި" އެވެ.

ހަވިއްތަ

ފުވައްމުލަކު ހަވިއްތަ.-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

ފުވައްމުލަކުގެ ދަނޑިމަގު އަވަށުގައި ހުންނަ ހަވިއްތަ އަކީ ދިވެހިން ބުދަށް އަޅުކަންކުރި ޒަމާނުގައި އެޅި ފައްޅި ހުރި ތަނެވެ. ކުރީގެ ފޮޓޯގައި އެ ފެންނަނީ 1920 ގެ އަހަރުތަކުގައި އެ ތަން ފެންނަން ހުރި ގޮތެވެ. އެ ފޮޓޯ ނަގާފައި ވަނީ އެޗްސީޕީ ބެލް އެވެ.

ކެޑޭރި މިސްކިތް

ކެޑޭރި މިސްކިތް.-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

ފުވައްމުލަކުގެ މާދަޑު އަވަށުގައި ހުންނަ މި މިސްކިތް އިމާރަތްކުރީ 1555 ވަނަ އަހަރު އެވެ. ހިރިގަލުން ހަދައިފައި ހުރި މި މިސްކިތުގެ ކުރީގެ ފޮޓޯ ނަގައިފައިވާ ސީދާ ކޮން ދުސްވަރެއްގައި ކަމެއް ނޭނގެ އެވެ.

އަލަ ދަނޑެއްގައި

އަލަދަނޑެއްގައި އަންހެނަކު އަލަ ކަނޑަނީ.-- ފޮޓޯ: އަހްމަދު ޝާރިފް ސޮބްރީ

މީގެ ކުރީގެ ފޮޓޯއިން އެ ފެންނަނީ އެ ރަށުގެ އަލަ ދަނޑެއްގައި އަންހެނަކު އަލަ ކަނޑަން ހުއްޓަ އެވެ. ޝާރިފް ބުނީ މިއީ ސީދާ ކޮން ސަރަހައްދެއް ކަމެއް ޔަގީންނުވާ ކަމަށެވެ. އެއީ ޒަމާނުއްސުރެ އެ ރަށުގައިއަލަ ހައްދަން މީހުން އެކި ސަރަހައްދުތައް ބޭނުންކުރަމުން އަންނާތީ ކަމަށެވެ.

ފުވައްމުލައް ތާރީހް ފޮޓޯގްރަފީ

Popular