14 May 2022

By: Aishath Maaha

ހަކުރު ބަލީގެ އެއްވެސް ވައްތަރަކަށް ޑައިގްނޯސްކޮށްފައި ހުރި މީހެއްގެ ދިރިއުޅުން އާންމު އެހެން މީހުންގެ ދިރިއުޅުމާ ތަފާތުވަނީ ކިހިނެއް ހެއްޔެވެ؟ އެހެން މީހުންނާ ހިލާފަށް ކޮންމެ ދުވަހަކު އިންސިއުލިން ޖަހާތީ ހެއްޔެވެ؟ ނުވަތަ ކެއިން ބުއިމުގައި އެހެން މީހުންނާ ކުޑަކޮށް ތަފާތުވީމާ ހެއްޔެވެ؟ އެހެންނޭ ކިޔާފައި އެއީ އެމީހުން "ބަލި" މީހުންގެ ގޮތުގައި ލޭބަލްކުރަންޖެހޭ ސަބަބެއް ހެއްޔެވެ؟

އުމުރުން 31 އަހަރުގެ ޝައްމޫން މުހައްމަދު ކުރާ ސުވާލަކީ އެއީ އެވެ. ލ. މާބައިދޫއަށް އުފަން ޝައްމޫނަކީ އުމުރުން ދޮޅު އަހަރުގައި ޑައިބެޓިކް ޓައިޕް 1 އަށް ޑައިގްނޯޒްކޮށް ކޮންމެ ދުވަހަކު ވެސް އިންސިއުލިން ޖަހަމުން އަންނަ ޒުވާނެކެވެ.

މިއަދު ޔޫފޯރިއާ ޖިމުގައި ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރިޔަސް މިހާ ހިސާބަށް އަންނަން ކުރަން ޖެހުނު ދަތުރު ފަސޭހައެއް ނޫނެވެ. މިހާރު ޝައްމޫނަކީ ފިޓްނަސް ޓްރެއިނަރެކެވެ. ފޮޓޯގްރާފަރެއް އަދި ވީޑިއޯގްރާފަރެއް ވެސްމެ އެވެ. އެކަމަކު މި ދަތުރުގައި، ބުލީކުރުމާއި ވަޒީފާއެއް ނުލިބުމާއި މިފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހުނެވެ.

"ސްކޫލްގައި އުޅުނުއިރު ކުދިން ވަރަށް މަލާމާތްކުރާނެ، ކަލޭ ކޭ އެއްޗަކުންނޭ ތިހެންވަނީ އެކަހަލަ މިކަހަލަ އެއްޗެހި ކިޔާނެ، ބަލި ވީމާ މަންމަމެން އޮންނާނީ ސްކޫލަށް އިންފޯމްކޮށްފައި އެކަން، ދެން އެހެންވީމާ ޓީޗަރުންނަށް ވެސް އެނގޭނެތާ، ޓީޗަރުންގެ ފަރާތުން ވެސް ވަރަށް ދެރަވާ ކަހަލަ ބަސް ބަސް އިވިފަ ހުރީ،" ޝައްމޫން ކިޔައިދިނެވެ.

"ވަޒީފާގެ މާހައުލުން ވެސް އެކަމާ ކުރިމަތިވި،"

އެ ހުރިހާ އަޑަކަށް ބީރު ކަންފަތެއް ދީ، ރަށުން ގްރޭޑް 10 ނިންމުމަށްފަހު، ޝައްމޫން އައީ މާލެއަށެވެ. ހިއުމަން ރިސޯސް ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށް ވަޒީފާގެ މައިދާނަށް ނުކުމެ އެތައް ތަނަކަށް ވަޒީފާއަށް ކުރިމަތިލައިގެން ވެސް ވަޒީފާއެއް ނުލިބުނެވެ.

ޝައްމޫން މިހާރު މަސައްކަތް ކުރަނީ ފުލްޓައިމް ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގައި.

މައްސަލައަކަށްވީ ހަކުރު ބަލި ހުރުމެވެ. އެ ބައްޔާ ދޭތެރޭ މުޖުތަމައު ދެކެމުން އަންނަ ގޮތެވެ. އޭނާ 30 ތަނަކަށް ވަޒީފާއަށް ކުރިމަތިލައިގެން ވެސް ވަޒީފާއެއް ނުލިބުނެވެ.

"ކޮންމެ ތަނެއްގެ އިންޓަވިއުގައި ވެސް ބައްޔެއް ހުރެހޭ އެހީމާ ޑައިބެޓިކް ވާހަކަ ބުނީމާ އެޔާ ބެހޭ ބޮޑު ކޮންވަޒޭޝަނެއް ދާނެ، އެކަމަކު އެއްވެސް ތަނަކުން ވަޒީފާއެއް ނުދިން،"

އެންމެ ފަހުން ހަކުރު ބަލީގެ ވާހަކަ ޝައްމޫން ދެއްކުން ހުއްޓާލީ އެވެ. ވަޒީފާގެ ފުރުސަތުތައް ލިބެން ފެށީ އޭގެ ފަހުންނެވެ.

"ދެން ހިތަށްއެރީ އަމިއްލަކަމެކޭ ކުރަން ބޭނުމީ، އެހެން އުޅެނިކޮށް ރައްޓެއްސަކު ބުނީ ފޮޓޯ ސްޓޫޑިއޯއެއްގައި އެބައިނޭ ސްލޮޓެއް، އެއީ ކިރަމްގެ ސްޓޫޑިއޯ، އެތަނަށް ދިޔައިމަ ކިރަމް ބުނީ މިއޮތީއޭ ކެމެރާ ދަސްކުރާށޭ އަމިއްލައަށް، ދެން ކިރަމްގެ އެހީތެރިކަމާ އެކު ފޮޓޯނަގަން ދަސްކޮށް ފޮޓޯގްރާފަރަކަށްވީ."

އެތަނުގައި ދެ އަހަރެއްހާ ދުވަހު އުޅުމަށް ފަހު ދެން ޝައްމޫން ބޭނުންވީ ކެބިން ކްރޫއެއްގެ ގޮތުގައި ކެރިއާއެއް ބިލްޑުކުރާށެވެ. އެކަމަކު ނަސީބު އަތުގައި ހިފީ ހަތް ފަހަރު "މެގަ މޯލްޑިވްސް" އަށް އެޕްލައިކުރި ފަހުންނެވެ.

ޝައްމޫން ކެބިންކްރޫއެއްގެ ގޮތުގައި: ދެ އަހަރާއި ބައި މެގަ މޯލްޑިވްސްގައި މަސައްކަތް ކުރި

"އޭރު ވެސް ވީ ގޮތަކީ ޑައިބެޓިކްގެ ވާހަކަ ބުނާ ހިސާބުން ފުރުސަތު މި ނުލިބެނީ، އެންމެ ފަހު ފަހަރު ނުބުނަން، އެފަހަރު ލިބުނު ޖޮބް،"

އެކަމަކު ވަޒީފާގައި އުޅޭތާ ދެ އަހަރު ފަހުން އެވާހަކަ ދެއްކުންވީ ވަޒީފާ ކިރިޔާ ނުގެއްލުނު ކަމަކަށެވެ.

"ދެން ޑޮކްޓަރަށް ދައްކައި، މި ބުނީ މިދިޔަ ދެ އަހަރު ވެސް ހަމަ މި މަސައްކަތްކުރީ ނޫންހޭ ނޯމަލް މީހެއްހެން، ބައްޔޭ ކިޔާފައި ސިކް ލީވް ވަކި ނުނަގަމޭ، އެންމެ ފަހުން ވަރަށް މަސައްކަތުން ލައިސަންސްގައި ވެސް ޑައިބެޓިކް ވާހަކަ ޖެހިން،"

އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ކެބިން ކްރޫގެ ވަޒީފާއިން ވަކިވެ އަނެއްކާ ވެސް ފޮޓޯގްރަފީގެ ތެރެއަށް ވަނީ އެވެ. މިިދިޔަ ހައެއްކަ އަހަރު ފޮޓޯގްރާފަރެއް އަދި ވީޑިއޯ ގްރާފަރެއްގެ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރި އެވެ.

"ހަބޭސް ބޮޑުބެރު ގްރޫޕްގައި މަސައްކަތް ކުރަމުން ވީޑިއޯ ދަސްކުރީ، އޭގެފަހުން ދެކަން ވެސް ކުރަން، ދެން ފަހުން އުޅުނިން ޓްރީޓޮޕް ހޮސްޕިޓަލްގެ ޕްރޮކިއުމަންޓްގައި ވެސް،"

View this post on Instagram

A post shared by Shammoon Mohamed (@shammoon_mohamed)

ޝައްމޫން ނަގާފައިވާ ފޮޓޯއެއް

އެކަމަކު މިހާރު ކެރިއާގެ ގޮތުގައި ވަގުތު ހުސްކޮށްގެން ހުރީ ފިޓްނެސް ޓްރެއިނަރެއްގެ ގޮތުގަ އެވެ.

"އެންމެ ފުރަތަމަ ފިޓްނެސް ޓްރެއިނިން ހެދީ 2012 ވަނަ އަހަރު ޑައިބެޓިކް އެސޯސިއޭޝަނުން ދިން ފުރުސަތެއްގައި، ގްލޯފިޓް އިން އޭރު އެ އެސޯސިއޭޝަންގެ ކުދިންނަށް ޓްރެއިނިން ދިނިން އެކަމު ކެރިއާގެ ގޮތުގައި އަނެއްހެން ނުކުރަން، ދެން ފަހުން ފީލްޑްގައި އުޅެމުން އައިއެސްއެސްއޭ އިން ވެސް ޓްރެއިނިން ހެދިން،"

ޝައްމޫން ބުނީ އެކި ފީލްޑްތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދީ ހަކުރު ބަލި ހުރުމަކުން ވަކި ނުކުރެވޭނެ ކަމެއް ނެތްކަން މީހުންނަށް ސާބިތުކޮށްދޭން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޝައްމޫނަށް ކުރިމަތިވި ކަންކަން އެހެން މީހަކަށް ކުރިމަތިވިޔަ ނުދޭން ކަމަށެވެ.

އެކަމަކު އެންމެ ކުރިއަށް ދާން ބޭންވި ދާއިރާއިން ކުރިއަށްދާން ފުރުސަތު ނުލިބުނު ކަމަށް ޝައްމޫން ބުންޏެވެ.

"އަބަދު ވެސް ބޭނުންވި ސިފައިންގެ މީހަކަށް ވާން، އެކަމަކު އެކަމެއް ނުވި،"

އެންމެ ފުރަތަމަ ދުވާލަކު ދެ ފަހަރު އިންސިއުލިން ޖަހަން ޖެހުނަސް މިހާރު ދުވާލަކު ހަތަރު ފަހަރު އިންސިއުލިން ޖަހަން ޖެހެ އެވެ.

ޝައްމޫން ފޮޓޯ ނަގަނީ: މިހާރު އޭނާ އަކީ ވީޑިއޯގްރާފަރެއްވެސްމެ

"ބައެއް ދުވަސް ދުވަހަކީ ވަރަށް ވީކް ދުވަސްތައް. އެވަރު އަންޑަސްޓޭންޑް ވެގެން ބައްޔާ އެއްކޮށް އުޅެން ޖެހޭނީ، އެއްވެސް ކުއްޖަކު ގިވްއަޕް ނުކުރާތި، ބަލި، މީހާ ކޮންޓްރޯލް ކުރިޔަ ނުދީ ހިތްވަރާ އެކު ކުރިއަށްދާން ޖެހޭނީ،" ޝައްމޫން ބުންޏެވެ.

ޝައްމޫންގެ އެއްބަނޑު އެއްބަފާ ހަތަރު ކުދިން ތިބިއިރު، ޝައްމޫނާއި އެންމެ ހަގު ކޮއްކޮ އަދި ދެބެއިންގެ ދެދަރި ކުއްޖަކު ޑައިބެޓިކް ހުރެ އެވެ.

ރާއްޖޭގައި ޑައިބެޓިކް ޕޭޝަންޓުންގެ އަދަދު ގިނަ ނަމަވެސް ރާއްޖެއިން އިންސިއުލިން ގަންނަން ލިބެންފެށީ 2013ގައި ކަމަށް ޝައްމޫން ބުންޏެވެ. އަދި އެއަށް އާސަންދައިގެ ހިދުމަތް ވެސް ލިބެން ފެށީ ވަރަށް ފަހުންނެވެ.

ހަކުރު ބަލި

Popular