By: Aishath Mihna Nasih
ކުޑައިރު ސްކޫލުގައި އެކި މިޒާޖުގެ އެކި ކުދިންނާ އެކީ ހޭލަމޭލަވެގެން އުޅުނުއިރު ލައްކަ ސަކަރާތަކާއި ހިތްދަތިކަންތައް އެކުގައި ތަޖުރިބާކޮށް ހިއްސާކުރެވުނެވެ. ނަފްސާނީ ސިއްހަތާއި އެކި އަނިޔާތަކުން އެޅި ފާރުތަކުގައި ފޮރުވަން ބޭސްއަޅާފައި ހުއްޓަސް އެއީ ކީއްވެގެންކަމެއް އޭރަކު ނޭނގެ އެވެ.
އިނގިރޭސިވިލާތުގެ އެޑިންބްރާގައި ޕީއެޗްޑީ ފުރިހަމަކުރަމުން އަންނަ އައިޝަތު ރީޝާ ޒާހިރު، 26، އަށް މިއަދު ވެސް އެ ހަނދާންތައް އިއްޔެއެކޭ އެއްގޮތަށް އެބަހުއްޓެވެ. އޯޓިޒަމްގެ ސަބަބުން ދިމާވާ ނިދުމުގެ މައްސަލަތަކާއި ނަފްސާނީ ސިއްހަތާ އެކަމާ އޮންނަ ގުޅުމަކީ ކޮބައިތޯ ބެލުމަށް އޭނާ ކުރަމުން އަންނަ މަސައްކަތަށް އެ ހަނދާންތަކަކީ ލިބޭ އެންމެ ބޮޑު އެއް ހިތްވަރު ވެސްމެ އެވެ.
ރީޝާގެ ދިރާސާގެ ވާހަކަ އަހަރެމެންނަށް ފުރަތަމަ އެނގުނީ އޭޕްރިލް ފަހުކޮޅު އޮތް ބްރިޓިޝް ނިއުރޯސައިންސް އެސޯސިއޭޝަންގެ އިވެންޓްގައި ދައްކާލި ދިރާސާގެ ޕޯސްޓަރުގެ ފޮޓޯއެއްގެ ޓްވީޓަކުންނެވެ. ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުންނާއި މިފަދަ ދިރާސާތަކުގެ މަސައްކަތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ގިނަބައެއްގެ ޝައުގުވެރިކަން މި ޓްވީޓަށް ލިބި އަހަރެމެންގެ ފީޑްތަކުގައި ޓްރެންޑްވި އެވެ. އަހަރެމެންގެ ހިތަށް އަރަމުންދިޔައީ މި މައުޟޫއަށް ރީޝާގެ ޝައުގުވެރިކަން ދަމައިގަތީ ކިހިނެއްތޯ އާއި މި ދިރާސާއިން މުސްތަގުބަލުގައި އަހަރެމެންނަށް ކުރާނީ ކޮންފައިދާއެއްތޯ އެވެ.
ރީޝާ ބްރިޓިޝް ނިއުރޯސައިންސް އެސޯސިއޭޝަންގެ އިވެންޓްގައި
ޓްރާންސްލޭޝަނަލް ނިއުރޯ ސައިންސަކީ ކޮބާ؟
ޓްރާންސްލޭޝަނަލް ނިއުރޯ ސައިންސަކީ ސިކުނޑީގެ ބަލިތަކާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ކުރާ ދިރާސާތަކެކެވެ. އިނގިރޭސި ބަހުން ބުނާ ނަމަ މިއީ "ރިސާޗް ދެޓް ޓްރާންސްލޭޓް ޓު ޓްރީޓްމަންޓް" އެވެ.
މި މައުޟޫއާ ގުޅޭހެން މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި އޯޓިސްޓިކް މީހުންގެ ތެރެއިން 50-80 ޕަސެންޓާ ދެމެދުގެ މީހުންނަށް ނިދުމުގެ އެކި މައްސަލަތަކާ ކުރިމަތިލާންޖެހެ އެވެ. ނިދުމުގެ މައްސަލަތަކާއި ނަފްސާނީ ސިއްހަތާ ގުޅިފައިވާކަން ވެސް ދިރާސާތަކުން ހާމަވެފައިވެ އެވެ. ނަމަވެސް އޯޓިސްޓިކް މީހުންނާއި ކުދިންގެ މެދުގައި މި ގުޅުން އޮންނަ ގޮތާ މެދު ދިރާސާތަކެއް ހެދިފައެއް ނެތެވެ.
މި ދިރާސާގައި ރީޝާގެ ސުޕަވައިޒަރަކީ އިނގިރޭސިވިލާތުގައި އޯޓިޒަމްއާ ގުޅޭގޮތުން ދިރާސާކުރާ އެންމެ މަގުބޫލު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސަ ސޫ ފްލެޗާ ވޮޓްސަން އެވެ. ސޫގެ ރިސާޗްތަކުގެ އެންމެ ހާއްސަކަމަކީ ހަމައެކަނި އިލްމީ ދިރާސާއެއްގެ އިތުރުން އެ ދިރާސާގައި އޯޓިސްޓިކް މީހުންގެ ބޭނުންތަކަށް އިސްކަންދީގެން އަދި އެ މީހުންގެ ބައިވެރިވުމާ އެކު ރިސާޗް ކުރިއަށްގެންދިއުމެވެ. ރީޝާގެ ދިރާސާ ވެސް އޯޓިޒަމްއަށް ހާއްސަކުރުމަށް ޝައުގުވެރިކަން އުފެދުނީ ސޫ އާ ބައްދަލުވި ހިސާބުންކަމަށް އޭނާ ބުންޏެވެ. އަދި ރީޝާގެ ދިރާސާގައި ވެސް ސޫގެ މި އުސޫލުތައް އޭނާ އަންނަޏީ ބޭނުންކުރަމުންނެވެ.
ރީޝާގެ ދިރާސާ ތައްޔާރުކުރަމުން އަންނަނީ މީގެ ކުރިން ޔުނިވާސިޓީ އޮފް ބްރިސްޓްލްގައި ގާތްގަނޑަކަށް 15،000 މީހުން ހިމަނައިގެން ކުރިއަށްގެންދިޔަ ދިރާސާއެއްގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށާއި ރީޝާގެ ބައެއް ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި ކުރިއަށްގެންދާ ކުދި ސާވޭތަކުގެ މައްޗަށެވެ. މިހާރުވެސް އޭނާ އަންނަނީ އޯޓިސްޓިކް 50 ކުދިން ހިމަނައިގެން ރިސާޗް ޕްރޮޖެކްޓްއެއްގެ މަސައްކަތްކުރަމުންނެވެ.
"މި ރިސާޗަކީ އޯޓިސްޓިކް ޓީމަކާ އެކީ ކޯ ޕްރޮޑިއުސްކުރާ ރިސާޗެއް. އެހެންވީމާ މީގައި އޯޓިސްޓިކް ޓީމެއްގެ ހިޔާލުތައް ހިމެނިގެންދާނެ،" ރީޝާ ބުންޏެވެ.
ރިސާޗްގެ މަސައްކަތަށް މިހާތަނަށް ދެ އަހަރު ފާއިތުވެފައިވާއިރު، އަންނައަހަރުގެ ތެރޭގައި ދިރާސާގެ ނަތީޖާތައް އެނަލައިޒްކޮށް ނިންމާލެވޭނެކަމަށް ރީޝާ އުންމީދުކުރެ އެވެ.
ރީޝާ ބުނީ އެންމެ ކުޑައިރު އޭނާ ވާހިތްވީ ޓީޗަރަކަށް ކަމަށެވެ. އެއީ އޭރު މަންމަ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރާތަން ފެންނާތީކަމަށް ވެސް ވެދާނެ އެވެ. އަހަރުތަކެއް ފަހުން ސްކޫލް ނިމުނުއިރު ބަޔޮލޮޖީ މާއްދާއަށް ހިތްދެވުނުލެއް ބޮޑުކަމުން ފަސްޓް ޑިގްރީ ހާސިލްކުރީ ބައޯ މެޑިކަލް ސައިންސްގެ ދާއިރާއިންނެވެ. އެއަށް ފަހު ނިއުރޯ ސައިންސްގެ ދާއިރާއިން ކުރިއަށްދާން ނިންމީ ޑިގްރީން ލިބުނު ތަޖުރިބާތަކުންނެވެ.
ގިނަފަހަރު މިފަދަ ދިރާސާތަކަކީ ހަމައެކަނި އިލްމީ ބޭނުމަށް ތައްޔާރުކޮށް އެއަށް ފަހު ފޮތް ހަރުގަނޑުތަކުގައި ރައްކާކުރެވިފައިހުންނަ އެއްޗަކަސް، ރީޝާ ގަސްތުކޮށްގެން ހުރީ އެހެން ދިރާސާވެރިންނާ އެކީ އާންމުންނާ ވެސް މި ދިރާސާ ހިއްސާކުރުމަށެވެ. އެހެންވެ ވީހާ ވެސް ބޭނުންތެރި، ފަރުވާ ލިބިދެނިވި ނަތީޖާތަކެއް މި ދިރާސާއިން ހޯދޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ރީޝާ ބުންޏެވެ.
ކޮވިޑް19ގެ ކުރިން ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކައަކީ އަހަރެމެންގެތެރޭގައި މާބޮޑު ފަރުވާލެއް ދިން ކަމެއް ނޫނެވެ. މި ދާއިރާއިން ކޮށްފައިވާ ދިރާސާތައް ވެސް މަދެވެ. ނަމަވެސް، މުޅި ދުނިޔެ ހުއްޓުމުކަށް އައިސް، އެންމެންގެ ސިކުނޑިތައް ރަނގަޅަށް ހޭލައްވާލިއިރު، މިއަދު މި ދާއިރާގެ ދިރާސާތަކަށް ފަންޑުކުރާ ފަރާތްތައް ގިނަކަން ވެސް ރީޝާ ފާހަގަކުރި އެވެ.
މި ދިރާސާގެ މަސައްކަތް ނިންމައި ޕީއެޗްޑީ ހާސިލްކުރުމަކީ މިވަގުތު ރީޝާގެ އެންމެ ބޮޑު އުންމީދެވެ. ކުރިއަށް އޮތްތަނުގައި ވެސް އޭނާ ގަސްތުކުރަނީ އޯޓިޒަމް ނުވަތަ ނަފްސާނީ ސިއްހަތުގެ ދިރާސާގެ ދާއިރާއިން ކުރިއަށްދާށެވެ.
(0) ކޮމެންޓް
ކޮމެންޓް ލިބިއްޖެ! ޝުކުރިއްޔާ!