9 May 2026

By: Asima Nizar

މީހުންގެ އެހީތެރިކަމާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވާނީ ބަލިވެ، އެނދުމަތިވެފައި އޮންނަ ވަގުތުކަން އެނގޭނެ އެކަކަކީ އައިޝަތު ނަހުދާ އެވެ. 

އުފަން ރަށް، ރ. މީދޫގައި ދިރިއުޅުނުއިރު ލޭ އަޅަން ކުރީ ކަނޑުގަދަ ދަތުރެކެވެ. އުމުރުން ހަ މަހުން ފެށިގެން 15 އަހަރުވަންދެން ކޮންމެ މަހަކު ދެ ފަހަރު ދަތުރު ހަދާފައި، އެ އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދާންޖެހެ އެވެ. 

ހިދުމަތްތައް ކުރިއަރަމުން ދިޔައިރު ވަކި ހިސާބަކުން ރަށުގައި ހުރެގެން ލޭ އެޅޭނެ ގޮތް ވުމުން ފަސޭހަވި އެވެ.

އެ ހުރިހާ އުނދަގުލެއްގައި ވެސް، 27 އަހަރުގެ ޒުވާނާ ކަނޑައެޅި އަޒުމެއް އޮތެވެ. ސްކޫލު ނިންމައިގެން ނަރުހަކަށް ވެ، ކުޑައިރު އެ ލިބުނު ލޯތްބާއި އަޅާލުން، އެފަދަ އެހީތެރިކަން ބޭނުންވާ އެހެން ބަޔަކަށް ފޯރުކޮށްދިނުމެވެ. 

ލޭ އަޅަން ނަހުދާގެ އަތަށް ކަށި ހަރާފައި.

"އެންމެ ކުޑައިރުއްސުރެ ވެސް ލޭ އަޅާއިރު ހިތަށްއަރާ ނަރުހަކަށޭ ވާނީ. އަމިއްލަ މީހާއަށް ވެސް ފަރުވާކުރެވޭ އަދި އެހެން މީހުންނަށް ވެސް ފަރުވާ ކުރެވޭ މީހަކަށޭ ވާން ބޭނުންވަނީ." ނަހުދާ ބުންޏެވެ.

އޭގެ އަހަރުތަކެއް ފަހުން މިއަދެވެ.

ތެލެސީމިއާ މީހަކަށް ވާތީ ބުރަކޮށް މަސައްކަތް ނުކުރެވޭނެ ކަމަށް ގަބޫލުކުރާ ބޯދާ ވިސްނުންތައް އެއްފަރާތްކޮށް، ނަހުދާ ވަނީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދައިފަ އެވެ. އެއީ ވެސް ބޮޑު ޝަރަފަކާއެކުގަ އެވެ. ނާސިންގައި މަސައްކަތްކުރާ ތެލެސީމިއާ ހުރި ދެތިން މީހުންގެ ތެރެއިން އެކަކަށް ވުމުގެ ފަހުރާއެކުގަ އެވެ.

ނަހުދާގެ ފަހުން އެ ހިދުމަތާ ގުޅުނު އެހެން ނަރުހަކީ، އޭނާގެ ފަރާތުން އިންސްޕަޔާ ވެގެން ނުކުތް ޒުވާނެކެވެ.

ނަހުދާ، ނަރުހުންގެ ޔުނީފޯމްގައި.

ނަހުދާ ބުނީ ލޭ އަޅާ މީހަކަށް ވާތީ މަސައްކަތުގެ މާހައުލުގައި ފުރަތަމަ ގޮންޖެހުންތައް ދިމާވި ކަމަށެވެ. ނަމަވެސް، އާއްމު އެހެން މީހެކޭ އެއްގޮތަށް މަސައްކަތްކުރެވޭނެކަން އޭނާ ދައްކައިދިނެވެ. 

ޑިޕްލޮމާ ނިންމައި މީގެ ހަތަރު އަހަރުކުރިން ހިދުމަތާ ގުޅި، ޑިގްރީ ވެސް ފުރިހަމަކުރީ ބަރާބަރަށް ލޭ އަޅަމުންނެވެ. 

"މިހާރު އެނގޭނެ އެހެން ނަރުހުންނަށް ކުރެވޭ މަސައްކަތްތައް ވެސް އަޅުގަނޑަށް ވާނެކަން." ނަހުދާ ބުންޏެވެ.

ކިޔެވިއިރު ލޭ އެޅީ ބަންދު ދުވަސްތަކުގަ އެވެ. އެކަމަކު، ކޮންމެ 18 ދުވަހަކުން ދެ ޕެކު ބޭނުންވާތީ ވަޒީފާއަށް ދަމުން، ހަތަރު ގަޑިއިރު ހޭދަކޮށްގެން ވެސް ލޭ އަޅަ އެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު 12 ގަޑިއިރު ވަންދެން ޑެސްފަރޯލް ގުޅަން ޖެހެ އެވެ. 

ނަހުދާ، އޭނާގެ ގަޔަށް ގުޅާ ޑެސްފަރޯލް ފުޅިތަކެއް. ދުވާލަކު 12 ގަޑިއިރު ވަންދެން ޑެސްފަރޯލް ގުޅަންޖެހޭ.

ނަހުދާގެ މި ހުރިހާ ކަމެއްގެ އެންމެ ބޮޑު ހިތްވަރަކަށް ވީ މަންމަ އާއި ބައްޕަ އެވެ. އަދި މިހާރު ކައިވެންޏަށް ފަހު، ލޭ ހޯދުމާއި ލޭ އަޅާއިރު އެންމެ ކައިރީގައި ހުރެދެނީ ފިރިމީހާ އެވެ. 

މިހާރު ރަޖިސްޓާޑް ނަރުހަކަށް އުޅުނަސް، އަދި ބޮޑު ހުވަފެނެއް އެބަ އޮތެވެ. ވަކި ދާއިރާއަކުން ސްޕެޝަލައިޒްވެގެން ހިދުމަތް ކުރުމެވެ. ނަހުދާ މިހާތަނަށް ކުރި އުނދަގޫ ދަތުރުތަކަށް ބަލާއިރު އެއީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

އިއްޔެ ފާހަގަކުރި ތެލެސީމިއާ ދުވަހާއި އަންނަ އަންގާރަ ދުވަހު ފާހަގަކުރާ ނަރުހުންގެ ދުވަހު، މި ފަދަ ހިތްވަރުގަދަ ޒުވާނުންގެ ވާހަކަތައް ގިނައިން ދައްކަންޖެހެ އެވެ. އޭނާގެ ދިރިއުޅުމުން ވެސް އެފަދަ މީހުންނަށް ދޭން ބޭނުންވަނީ އެ މެސެޖެވެ. 

"ތި މަސައްކަތް ތި ގޮތަށް ގެންދާށޭ. އެއްވެސް މީހަކު ތިމާ ދަށްކޮށްލުމަށް ނުވަތަ ވައްޓާލުމަށް ފުރުސަތު ނުދޭށޭ. ޓްރީޓްމަންޓުގައި ވެސް ފަރުވާ ކުޑަނުކޮށް ރަނގަޅަށް ގެންދާށޭ،" ނަހުދާ ބުންޏެވެ.

ލޭ އަޅަން ހެރި ކަށިތަކުން ކިތައްމެ ލަކުނެއް ހުއްޓަސް، އެ ހިތްވަރު ބައްޔެއް ނުކުރެވުނެވެ. ޒަހަމް ހުރި އަތްތަކުން، ސަރުކާރުގެ މައި ހޮސްޕިޓަލްގެ ޕްރައިވެޓް ވޯޑުގައި މަސައްކަތްކުރާ މި ނަރުސް މިހާރު ގެނެސްދެނީ ޝިފާ އެވެ. ލޯތްބާއި ކުލުނެވެ. 

ތެލެސީމިއާ ދުވަސް ތެލެސީމިއާ ނަރުހުންގެ ދުވަސް ނަރުހުން

Popular