23 May 2017

އެ ލައްގަނޑު ސީދާ ނިއުމާގެ ހިތަށް

އެ ލައްގަނޑު ސީދާ ނިއުމާގެ ހިތަށް

By: Asiyath Mohamed Saeed

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިފަދަ ދެވަނަ އަންހެނަކު ނުހުންނާނެ އެވެ. ފިލްމު އިންޑަސްޓްރީގައި ހޭދަކުރި 22 އަހަރުގެ ތެރޭ މި ހުނަރުވެރި އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ނާރާ އުސްމިނެއް ނެތެވެ. އެކަމަކު، މަޝްހޫރުކަމާއި ކާމިޔާބީއެކޭ އެއްގޮތަށް، ނިއުމާ މުހައްމަދުގެ ހަޔާތުގައި އަނދިރި އެތައް ސޮފްހާއެއް ވެސް ލިޔެވިއްޖެ އެވެ. މިއީ އެފަދަ، ދިގުދެމިގެންވާ ސޮފްހާއެކެވެ.

ގޮންޖެހުންތަކާއި ގޯނާތަކަކީ ނިއުމާ އަށް އާ ކަންތައްތަކެއް ނޫނެވެ. ޒާތީ ދިރިއުޅުމުގައި ގެވެށި އަނިޔާއާ ވެސް އޭނާ ކުރިމަތިލި އެވެ. ކުރި ތިން ކައިވެނި ވެސް ރޫޅުނީ އެވެ. އެ ހުރިހާ ކަމަކުން އަރައިގަނެ، އަށް އަހަރުގެ އަންހެންދަރިފުޅަށާއި އޭނާ އަށް، ރަނގަޅު ދިރިއުޅުމެއް ނިއުމާ ވަނީ ބިނާކޮށްފަ އެވެ. އެކަމަކު، މީގެ 15 އަހަރު ކުރިން އަތުގެ ބޮޑުވައި އިނގިލީގައި ހުދު ތިއްކެއް ޖެހި ހިސާބުން، ނިއުމާގެ ދުނިޔެ އަށް ވެރިވީ މުޅިން އެހެން ކަހަލަ ބަނަކަމެކެވެ. އަމިއްލަ ކުށެއް، ބާރެއް ނެތް ހަމުގެ މައްސަލައަކާ ހެދި މީހުން ކުރާ މަލާމާތާއި ފުރައްސާރައަކީ ނިއުމާ އަށް ކޮންމެ ދުވަހަކު ވެސް ކުރިމަތިލާން ޖެހޭ ހިތި ހަގީގަތެކެވެ.

ގައިގައި ލައްތަކެއް ހުއްޓަސް ދެރަވެ، ލަދުގަންނަން ނުޖެހޭކަން ނިއުމާ ދަނެ އެވެ. އެކަމަކު އެހެން މީހުން ދެކޭ ގޮތް މުޅިން ތަފާތެވެ. އެއާއެކު ކުރިމަތިވާ މަލާމާތާއި ފުރައްސާރަ، އެ އިހުސާސްތައް ނިއުމާގެ މައްޗަށް މަޖުބޫރުކުރުވަނީ އެވެ.

ނިއުމާ

ވިޓިލިގޯ އަށް ފަރުވާއެއް ނެތަސް ނިއުމާގެ ފަރުވާލެއް ނެތެވެ. އެކަމުން އޭނާ އަށް ލިބޭ މާ ބޮޑު ޖިސްމާނީ ގެއްލުމެއް ނެތީމަ އެވެ. އެއީ ބައްޔަކަށް ނުވާތީ އެވެ. އަދި ހަމަ ޔަގީނުން ވެސް، ގައިން ގަޔަށް އަރާ އެއްޗަކަށް ނުވާތީ އެވެ. އެކަމަކު ވެސް، ދިވެހިން "ހުދު ބަލީ"ގެ ގޮތުގައި ދަންނަ ވިޓިލިގޯއާ ހެދި ނިއުމާގެ ހިތް ކުދިކުދިވެ ބޮޑު ލައްގަނޑެއް ވަނީ ޖެހިފަ އެވެ.

"އަހަންނާ ދިމާއަށް މީހުން ކިޔާ އެހެން ހުރިހާ އެއްޗެއްސަކަށް ވުރެ ވެސް ބޮޑަށް، 'ހުދު ބަލި' އެ ތަންކޮޅު އައިސްފިއްޔާ... އަހަންނަކަށް ދެން ނޭނގެ ވާ ގޮތެއް ވެސް،" މޫނު ފިޔަވައި މުޅި ހަށިގަނޑަށް ފެތުރިފައިވާ ލައްތަކާ ބެހޭގޮތުން ތަފްސީލްކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރު ނިއުމާ، 39، ކިޔައިދިނެވެ.

"ކަލެ އަށް ތިހިރީ ތިހެން ވެފަހޭ، އެއީ ކަލޭ މިވެނިހެން އުޅޭތީއޭ މީހުން ބުނީމަ އޭތި ގޮސް ޖެހެނީ ހަމަ ހިތުގެ އެންމެ ފުންމިނުގައި. ވަރަށް ދެރަވޭ. މީހުންނަކަށް އަސްލު ނޭނގޭ ވިޓިލިގޯއަކީ ކޮންއެއްޗެއް ކަމެއް. ނުވަތަ އެނގުނަސް މީހުން ގަބޫލުކުރަން ބޭނުން ނުވަނީ ކަންނޭނގެ."

ނިއުމާގެ ގައިން ވިޓިލިގޯގެ އަލާމާތެއް ފުރަތަމަ ފެނުނީ 52 އެޕިސޯޑުގެ "ވައިރޯޅި އަށް ވެސް ސިއްރުން" ކުޅެމުން ގެންދިޔަ ދުވަސްވަރު އެވެ. އޭރު އެންމެ ކުރީގައި އުޅުނު އަންހެން އެކްޓަރުގެ ގޮތުގައި އޭނާގެ ތަރި ހުރީ މެދުއުޑުގައި ފިޔަޖަހަން ފަށައިފަ އެވެ. ސްރީ ލަންކާ އަށް ގޮސް ޑޮކްޓަރަށް ދައްކައިގެން ބޭހެއް އުނގުޅަން ފެށި ފަހުން ލައްތައް ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް ފަހުން މާލެ އަށް މަޝްހޫރުވި "އެލްކަން" ބޭނުންކުރި ހިސާބުން މުޅި ގަޔަށް އެ އެއްޗެހި ފެތުރުނީ އެވެ. ނިއުމާގެ ކުރިމަތީގައި އޮތީ ދެ ގޮތެކެވެ؛ ރަނގަޅުވޭތޯ ބޭސް ކެއުން ނުވަތަ ހަންގަނޑު އެއްކޮށް ހުދުކޮށްލަން ބޭސް ކެއުމެވެ. އެކަމަކު، ވިޓިލިގޯ ހުންނަ އެހެން ގިނަ މީހުންނާ ތަފާތުކޮށް ނިއުމާގެ ހަންގަނޑު ހުދުވަމުން ދިޔައީ އާދަޔާޚިލާފަށް ލަސްލަހުން ކަމަށްވާތީ، މުޅި އުމުރަށް ނުވަތަ ވަރަށް ދިގު މުއްދަތަކަށް ބޭސް ކާން ޖެހެ އެވެ. ނިއުމާ އެ ގޮތް ބޭނުން ނުވީ އެވެ.

"މިހާރު 14 ވަރަކަށް އަހަރު ވެދާނެ، މި ކަމަށް އެއްވެސް ބޭހެއް ނުކުރާތާ،" ނިއުމާ ބުންޏެވެ.

"މިހެން ވެފައި ހުންނާތީ ބައެއް ފަހަރު ނިޔަރޮދި މަތިން ދުޅަވެގެން، ގޭގެ ކުދިން ލައްވާ ބޯދޮވެލައިގެން ފެންވާރަލަން ޖެހޭ ފަހަރު އާދޭ. އަމިއްލަ އަށް މޮޑެގެން ނުކެވޭ ހިސާބަށް ވެސް ދޭ. ކުޅި އެއްޗެހީގައި އަތްލައެއް ނެހެދޭ. އަތްވަށް ނުކުތީމަ ދިލަ ނަގާ، ކަހާ، ވަރަށް އަވަހަށް ހަންގަނޑު އަނދާ. ކެއުމުގައި ލުނބޯ، ޓޮމާޓޯ ޕޭސްޓް، ޓޫނާ މަދުކޮށްލަން ޑޮކްޓަރު ބުނެފައި އޮތީ. އެހެންވީމާ މީގެ ސަބަބުން ދިމާވާ އުނދަގޫތަކެއް ހުރޭ. އެކަމަކު މި ނޫނީ ނުކުރެވޭ ކަމެއް ނުވަތަ ކުރަން ނުޖެހޭ އެއްވެސް ކަމެއް ނެތް. މި ކަމާ ކަންބޮޑުވާ، އަންނަނީ ހަމައެކަނި ހިނދުކޮޅުކޮޅު. އެއީ މީހުން ކިޔާ އެއްޗެއްސާ ހެދި އެކަނި. އެ ނޫން ހަމަ އެއްވެސް ކަމެއް ނެތް."

ނިއުމާ

މޫނުމަތިން ހުދުވާ ތަންތަންކޮޅު އަވަސް އަވަހަށް ރަނގަޅުވުމަކީ ނިއުމާގެ ނަސީބު ކަމަށް ވެސް ވެދާނެ އެވެ. އެހެން ނޫން ނަމަ، ފިލްމީ ދާއިރާގައި މިހާ ގިނަ ދުވަހު ދެމިހުރުމުގެ ގޮންޖެހުން ބޮޑުވީހެވެ. އަތާއި ފައިގައި ހުރި ލައްތައް މޭކަޕުން ފޮރުވަމުން އައީ، ނިއުމާ ބުނާގޮތުގައި، އޭނާ ލައްވާ މަސައްކަތްކުރުވާ މީހުން އެ ގޮތަށް ބޭނުންވެގެންނެވެ. ވަކި ހިސާބަކުން، ކުރު އެއްޗެހި ލުން ވެސް ނިއުމާ ހުއްޓާލި އެވެ.

"ފިލްމީ ދާއިރާގެ ޑައިރެކްޓަރަކާ އަހަރެން ސުވާލުކުރިން ކީވެއްގެންހޭ ފޮރުވަނީ، މިއީ މައްސަލައެއް ނޫނެއް ނޫންހޭ، މި ކަމުން މީހަކަށް ލިބޭ ގެއްލުމެއް ނެތެއް ނޫން ހެއްޔޭ؟ ބުނީމަ އޭނަ އަހަންނަށް ދިން ޖަވާބަކީ އޭރުން މީހުންގެ ސަމާލުކަން ގޮސް ހުއްޓޭނީ ތި ކަމަށޭ. މަންޒަރަކަށް ނުބަލާނޭ. އެ ހިސާބުން މޭކަޕް ވެސް ގިނައިން ކުރަން ފެށީ،" ނިއުމާ ކިޔައިދިނެވެ.

އެކަމަކު، އަމިއްލަ އަށް ޑައިރެކްޓްކުރި "ނިއުމާ"ގެ މަންޒަރުތައް ނެގި އިރު ބައެއް ފަހަރު މޭކަޕް ފޮހެވި ލައްތައް ފެންނަން ހުއްޓަސް އަޅާނުލައި ދޫކޮށްލީ އެވެ. އަދި ކެރިއަރަށް 20 އަހަރު ފުރުމުގެ އުފަލުގައި ނެރުނު "ސެލެބްރޭޓިން 20" ސީޑީއަކީ އަމިއްލަ އެއްޗަކަށް ވާތީ، ވިޓިލިގޯއާ މެދު އެއްގޮތަކަށް ވެސް ވިސްނަން ނުޖެހުނު ކަމަށް ނިއުމާ ބުނެ އެވެ.

"އަހަރެން ބޭނުންވީ ސީދާ އަހަރެން އަހަރެންގެ ގޮތުގައި ފެންނަން މީހުންނަށް. މީހުން އަހަރެން އެ ގޮތަށް ބަލައިގަންނަން. އެއްވެސް ކަމެއް ފޮރުވާކަށް ބޭނުމެއް ނުވޭ. މިހާރު އެހެން މީހުންގެ މަސައްކަތެއް ކުރިޔަސް ބުނަން، ވިޓިލިގޯ ފޮރުވަން މޭކަޕެއް ނުކުރާނަމޭ. އެ ގޮތަށް އޯކޭ ވާ ބަޔަކާ އެއްކޮށް އެކަނި މިހާރު މަސައްކަތެއް ކުރިއްޔާ ކުރަނީ،" މިހާރު ކެމެރާ ކުރިމަތިން މުޅިންހެން ގެއްލި، ޕްރޮޑިއުސަރަކަށް ބަދަލުވެފައިވާ ނިއުމާ ކިޔައިދިނެވެ.

ވިހި އަހަރަށް ފަހު އެކްޓްކުރުމާ ދުރަށް ގޮސް ކެމެރާގެ ފުރަގަހަށް ވަނީ، ހުރިހާ ސަމާލުކަމެއް ދަރިފުޅަށް ހުސްކޮށްލަން ކަމަށް ކުރީގެ ބައެއް އިންޓަވިއުތަކުގައި ނިއުމާ ބުނެފައިވެ އެވެ. އެކަމަކު އޭނާ "ދޯ" އަށް ކިޔައިދިން ގޮތުގައި ކެމެރާ ކުރިމަތިން ގެއްލުނު މައިގަނޑު އެއް ސަބަބަކީ ވެސް ވިޓިލިގޯ އެވެ.

"މިކަން ފޮރުވަން ޝޫޓިންތަކުގައި މޭކަޕްކޮށް ހަދަން އެންމެން ވެސް ބޭނުންވަނީ. އެކަމަކު މުޅި އަތުގަ އާއި ފައިގައި ޓަޗްކުރަން ފުދޭވަރަކަށް ވަގުތު ދޭ. އެހެންވެ އަހަންނަށް ވިސްނުނީ އަހަންނާ ހެދި ބަޔަކަށް އުނދަގޫވެއޭ. އެ ގޮތަށް އިހުސާސްކުރެވިގެން، ފިލްމީ ދާއިރާއާ ދުރަށް ދާން ބޮޑަށް ނިންމީ،" ގައުމީ ފިލްމު އެވޯޑާއި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ހޯދާފައިވާ ހިދުމަތްތެރި އެކްޓްރެސް ބުންޏެވެ.

ވިޓިލިގޯއަކީ ރާއްޖެ އަށް އާ އެއްޗެއް ނޫނެވެ. ހަތް ކުދިން ތިބި އާއިލާއެއްގައި އެންމެ ހަގަށް ހުރި ނިއުމާގެ ތިން ދައްތައެއްގެ ވެސް ވިޓިލިގޯ ހުރެ އެވެ. ހަމުގައި ހުދު ލައްތައް ހުންނަ އެ ނޫން މީހުން ވެސް ފެނެ އެވެ. އެއިން އެއްވެސް މީހަކަށް ކުރިމަތި ނުވާ ވަރުގެ ބަދު ބަސްތައް އަޑުއަހަން ނިއުމާ އަށް ޖެހެނީ މަޝްހޫރު މީހަކަށް ވީމާ ކަމަށް ވެދާނެ އެވެ. އެކަމަކު އެއީ ނިއުމާ ގަބޫލުކުރާ ގޮތެއް ނޫނެވެ.

"މިކަން ބަލައިގަންނަން އުނދަގޫ. މިއީ އަހަރެންގެ ކުށަކުން ވީ ކަމެއް ނޫން. ﷲ އަހަންނަށް މިންވަރު ކުރެއްވި ގޮތް،" އުމުރުން ފަސް އަހަރުގައި މާލެ ބަދަލުވި، ގދ. ވާދު އަށް ނިސްބަތްވާ ނިއުމާ ކިޔައިދިނެވެ.

"ކޮންމެ ދުވަހަކު ވެސް ފޭސްކުރަން ޖެހޭ މި ކަމާ ގުޅުންހުރި ކޮންމެވެސް ކަމަކާ. ބަައެއް މީހުން އަހަންނާ ދިމާ އަށް ވެސް ވަރަށް ހަޑިކޮށް އެއްޗެހި ކިޔާ. ތަނެއްގައި ކުލަ ލާފައި ހެއްޔޭ އައިސް ތިހިރީ، ނޫނިއްޔާ ހުދު ބަލި ޖެހުނީ ދޯއޭ، ތީ ﷲގެ ކޯފާއޭ، ކިޔައިގެން ވަރަށް ބައިވަރު އެއްޗެހި މީހުން ކިޔާ ފޭސްބުކްގައި ވެސް. ގާތްގަނޑަކަށް ދުވާލަކު އަހަރެން ކިޔާ 10 މެސެޖުގެ ތެރެއިން ހައެއްކަ މެސެޖަކީ ހުދު ބައްޔޭ ކިޔައިގެން އަހަންނަށް ބަވާފައި ހުންނަ މެސެޖުތައް."

ފަހަރުގައި ނިއުމާ އަށް އެންމެ އަސަރުކުރާ އެއް ކަމަކީ، ކުޑަކުއްޖަކު ފެނިގެން ލޯބިކޮށްލަން ނުވަތަ އެ ކުއްޖާގެ ގައިގައި ކޮއްޓާލަން ބޭނުންވާ ދަނޑިވަޅުތަކުގައި އެކަން ނުކުރެވުމެވެ. ދަރިންގެ ގައިގައި އަތްނުލާން ބައެއް މީހުން އޭނާއާ ދިމާއަށް ބުނެފައި ވެސް އެބަހުއްޓެވެ. ސޯޝަލް މީޑިއާގައި އެ މީހަކު ހިތުހުރި އެއްޗެހި ގޮވާލަން އޮންނަ ފުރުސަތު އެތައް ބަޔަކު ބޭނުންކުރާ އިރު ފެރީ ޓާމިނަލާއި ފެރީ ތެރެ ފަދަ ތަންތަނުންނާއި ލައިވް ރޭޑިއޯ/ޓީވީ ޕްރޮގްރާމްތަކަށް ގުޅައިގެން ވެސް ނިއުމާއާ ދިމާކޮށްލައި "ނަސޭހަތް" ދޭ މީހުން މަދެއް ނޫނެވެ.

އެކަމަކު ނިއުމާގެ ސުވާލަކީ މި އެވެ؛ ވިޓިލިގޯއަކީ އޭނާ "ފިލްމު ކުޅޭތީ ﷲ ފޮނުއްވި ކޯފާއެއް" ކަން އެއްވެސް އިންސާނަކަށް އެނގޭނެ ހެއްޔެވެ؟

"އެހެން މީހެއްގެ ވިޓިލިގޯ ހުއްޓަސް އެއީ ކޯފާއެއް ނޫން؟ މިސާލަކަށް އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ ހުންނާނީ އެއްކޮށް ހުދުވެފައި. ގައިގައި އަސްލު ހަމުގެ ކުލައިގެ އެންމެ ތިއްކެއް ވެސް ނުހުންނާނެ. އޭނައަކީ ފަސް ވަގުތު ނަމާދުކުރާ މީހެއް. އަބަދު ޒިކުރުކޮށް ގުރުއާން ކިޔަވާ ވަރަށް ރަނގަޅު މީހެއް،" ނިއުމާ ބުންޏެވެ.

"ތެދެއް، ދައްތައާ އެއްވަރަށް އަހަންނަކަށް ދީނީ ކަންތައްތަކެއް ނުކުރެވޭ. އެކަމަކު ވީ ވަރަކުން އަހަރެން ވެސް ނަމާދަކުރަން. އަހަންނާއި އޭނައާ އަޅާކިޔަންޏާ ދީނީގޮތުން އޭނާއަކީ ﷲގެ ފުރިހަމަ އަޅެއް. އެކަމަކު އޭނަ އަށް ވެސް އެހެރީތާ ހަމަ މިހެން ވެފައި؟"

ހުރިހާ ކަމެއް "އެންމެ މޮޅަށް ދަންނަ" އަދި އެހެން މީހުންގެ ޒާތީ ކަންކަމާ ބެހި، ފާޑުކިޔައި މަލާމާތްކޮށް ފުރައްސާރަކުރާ ދިވެހިންނަށް ނިއުމާ ދޭނެ ރައްދެއް ނެތެވެ. "އެއްބައި ދުވަސްދުވަހު ރޯލާ، އަނެއްބައި ދުވަސް ދުވަހު ރުޅި އައިސްގެން ހިތުން އެއްޗެއް ބުނެލާފައި ކައިރީގައި އިންނަ މީހަކާ އެ ވާހަކަ ދައްކާލާފައި" އޭނާ ހިތްހަމަޖައްސާލަނީ އެވެ. އެކަމަކު އޭނާއާ ދިމާއަށް އެއްޗެހި ކިޔާ މީހުންނަށް ނިއުމާގެ ނަސޭހަތެއް ވެސް އެބައޮތެވެ؛

"ކޮންމެ މީހަކަށް ވެސް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ. އެހެންވީމަ މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރަންވާނެ. މީހަކަށް ކަމެއް ވެފައި ހުރީމަ ޖޯކު ޖަހައި މަލާމާތްކުރުމުގެ ބަދަލުގައި އެންމެން ވެސް އޭނާ އަށް ހިތްވަރެއް ދޭންވީ."

ސިއްހަތު ދިވެހި ފިލްމް އިންޑަސްޓްރީ ނިއުމާ މުހައްމަދު ސެލެބްރިޓީން މީހުން

Popular