22 Jan 2019

ކިޑްނީ ބަދަލުކުރުމުގެ ވޭނާއި ހާމިގެ ގަދަ ހިތްވަރު

ކިޑްނީ ބަދަލުކުރުމުގެ ވޭނާއި ހާމިގެ ގަދަ ހިތްވަރު

By: Aishath Maaha

މުހައްމަދު ހާމީގެ ކިޑްނީގައި މައްސަލައެއް ހުންނަކަން އެންމެ ކުޑައިރު ވެސް އެނގެ އެވެ. އެހެންވެ އަބަދުވެސް އައީ ގަވައިދުން ބޭސްތައް ކަމުން، ޑޮކްޓަރަށް ދައްކައި ޗެކަޕްތައް ހަދަމުންނެވެ. ނަމަވެސް ސްކޫލް ނިމިގެން މަތީ ތައުލީމް ހާސިލްކުރަން ދިޔައިރު ވެސް އެކަން މާބޮޑު މައްސަލައަކަށް ނުވި އެވެ. "ބަލި" ކުއްޖެއް ކަމަށް ގަބޫލުކޮށް ފަހަތަކަށް ނުޖެހެ އެވެ. އެހެންވެ ސްކޫލް ނިންމާލިއިރު ވެސް އެއީ މޮޅު އާޓިސްޓެކެވެ. ބައްޕަގެ ފަރާތުން ލިބިފައިވާ މިއުޒިކް ހުނަރުގައި ކީބޯޑާއި އެހެން ގިނަ ސާމާނު އަމިއްލައަށް އަދި ބައްޕަގެ އެހީތެރިކަމާއެކު ދަސްކުރި އެވެ. ހާމީ އަކީ ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު އެއް ކީބޯޑިސްޓެވެ. އޭގެ އެއް ހެއްކަކީ މިއުޒިކް ލެޖެންޑް ޒީރޯ ޑިގްރީ ނާޝިދުގެ ލަވަތަކަށް މިއުޒިކް ހެދުމުގައި ހާމީ ބައިވެރިވުމެވެ.

މަޖީދިއްޔާ ސްކޫލުން 1996 ގައި ގްރޭޑް 10 ނިންމާލާފައި އާޓްލައިނަށް ވަދެ ގްރެފިކް ޑިޒައިނިންގެ ތެރެއަށް ވަދެ ގެއްލުނު އިރު ވެސް މިއުޒިކް ކުޅުން ހުއްޓައެއް ނުލަ އެވެ. ކުރެހުމުގެ މަސައްކަތް ވެސް ގެންދިޔައީ ކުރިއަށެވެ. އޭގެ ފަހުން ސްރީ ލަންކާ އަދި މެލޭޝިއާ އަށް ގޮސް ވެސް އެ ކަންތައްތަކުން ވެސް ކުރިއަށް ގެންދިޔަ އެވެ. ލަންކާގައި އުޅުނު އިރު ސްކޫލްގެ ލީޑީން އާޓިސްޓެއްގެ ގޮތުގައި ހުރެ ސްކޫލްގެ ހުރިހާ އާޓްވޯކެއްގައި ބައިވެރިވި އެވެ. ސޯލޯ މިއުޒިކް ޝޯތައް ދިނުމުގެ އިތުރުން އިންޓަސްކޫލް ޝޯތަކުގައި ވެސް ޕާފޯމްކުރި އެވެ.

"ލަންކާގައި އޭލެވެލް ހެދީ. އޭރު ގްރެފިކް ޑިޒައިިނިން އާއި އާކިޓެކްޓްގެ ކުރު ކޯސްތަކެއް ހެދިން. ދެން ކޮމްޕިއުޓާއަށް ބޮޑަށް އެވެއާ ވާން ޕްރޮގްރާމިން ކޯހެއް ވެސް ހެދިން. އެކަމަކު އޭލެވެލް ނުނިމެނީސް މެލޭއަށް ބަދަލުވާން ޖެހުނީމަ އޭލެވެލް ޑްރޮޕްކޮށްފަ ފައުންޑޭޝަނުން އާކިޓެކްޗާ ކިޔަވަން ފެށީ. ފުރަތަމަ ބޭނުންވީ ވެސް ތްރީޑީ އެނިމޭޝަން ހަދަން. އާކިޓެކްޗާ ފައިވް އިޔާސް ހަދާފަ، ގްރެފިކް ޑިޒައިނިން ހަދާފަ ފޮޓޯގްރަފީ ވެސް ހެދިން. ދެން އިލެކްޓްރޯނިކް އިން މަލްޓިމީޑިއާ ކިޔާ ސަބްޖެކްޓެއް އިންނާނެ. އޭގަ އިންނާނެ މަލްޓިމީޑީއާ ގޭމް ޑިޒައިނިން، ކިޔަވާފަ މެލޭއިން މާލެ ބަދަލުވީ."

ފާއިތުވެދިޔަ އަހަރުތަކުގައި ކިޔެވި އެއްޗެހީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން މަސައްކަތުގެ މާހައުލަށް ނުކުމެ މަސައްކަތް ފަށައިގަތް ނަމަވެސް ދުވަސްކޮޅެއް ފަހުން ހާމިއަށް ލިބުނީ މިހާތަނަށް ލިބުނު އެންމެ ބިރުވެރި ޚަބަރެވެ. ދެ ކިޑްނީ ފެއިލްވެ ކިޑްނީ ޓްރާންސްޕްލާންޓަކަށް ދާން މަޖުބޫރުވީ އެވެ.

"ގާތްގަނޑަކަށް ފޯ އިޔާސްވަރު ލައިފުން ގެއްލިގެން ދިޔަ. ޕްރޮފެޝަނަލީ ވޯކް ފީލްޑަށް ނުނުކުމެވިފައި ހުރިން. އެކަމަކު ގޭގައި މަސައްކަތްކުރިން. ފްރީލާންސްކޮށް މަޑުމަޑުން ވޯކްކުރީ. ދެ އަހަރު ވަންދެން ޑަޔަލަސިސް ހެދިން. އެވާގޮތަކީ ޑަޔަލަސިސް ހަދަމުން ވޯކްކުރަން ތަންކޮޅެއް ޓަފް ވީ. އަނެއްކާ އާކިޓެކްޗާގައި ނުނިމި އެއް އަހަރު އިނީމަ އެވެސް ހަދަމުން ދިޔައީ. ޑަޔަލަސިސް ހަދަމުންވީމަ ތަންކޮޅެއް އުނދަގޫކޮށް ދިޔައީ."

ހާމި އޭނަގެ މަސައްކަތުގައި. -- ފޮޓޯ: އަހްމަދު ނިޝާތު / ދޯ

އޭގެ ފަހުން ރިހެބިލިޓޭޝަން އަށް އެއް އަހަރު ހޭދަކުރި އެވެ. އަދި ދިމާވި އެކި މައްސަލަތަކާ ހެދި ހަ މަސް ވަންދެން އެއްގޮތަކަށް ވެސް ނުހިނގި އޮންނަން ޖެހުނެވެ.

ތުރުތުރު އަޅައި، ގައިގައި އެއްވެސް ވަރެއްނެތި، 12 ވަރަކަށް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 25 ކިލޯ ލުއިވެގެން ދިޔަ އެވެ. ހޮސްޕިޓަލުގައި އެ ދުވަސްވަރު ކުރެހި ކުރެހުންތައް އަދިވެސް ބޮޑުދައިތައެއްގެ އަތުގައި ހުންނާނެ ކަމަށް ހާމި ބުންޏެވެ.

"ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ވެސް ކިޑްނީއެއް ނުލިބިގެން ވަރަށް ސްޓަރަގަލްކުރިން. 95 ޕަސަންޓު ދިމާވާތީ ބައްޕަ ކިޑްނީ ދިނީ. އެކަމަކު ދެ ފަހަރު ކިޑްނީ ރިޖެކްޝަން އަށް ގޮސް ވަރަށް ގިނަ ކަންތައްތައް ދިމާވި. މަހެއްހާ ދުވަހު އޮތިން އައިސީޔޫގައި ވެސް. ހަ މަސް ދުވަސްވި ހޮސްޕިޓަލުގައި ވެސް. ވަރަށް ޕެއިންފުލް ކަމެއް މިއީ."

ހާމީ ބުނީ އޭނާ އަކީ ފަރުވާ ކުރި ހޮސްޕިޓަލުގެ 499 ވަނަ ޕޭޝަންޓު ކަމަށާއި އަދި އޭނާ އަކީ ހޮސްޕިޓަލްގެ ތާރީހުގައި ވެސް އެންމެ "ވޯސްޓް ކޭސް" ކަމަށެވެ.

"ޕެންކްރިއޭސް ދުޅަވެ އެކަހަލަ އެތައް އެތައް ކޮމްޕްލިކޭޝަންތަކެއް ދިމާވި،"

ބައްޕަގެ އެއް ކިޑްނީއާއެކު ކިޑްނީ ޓްރާންސްޕްލާންޓަށް ފަހު ރަސްމީކޮށް ހާމި މަސައްކަތް ފަށައިގަނެ ބައެއް ކުންފުނިތަކުގައި އުޅުމަށްފަހު ދެން މަސައްކަތް ފެށީ ރައްޓެހިންތަކަކާއެކު އަމިއްލަ ކުންފުންޏެއް އުފައްދައިގެންނެވެ. ދިމާވި ކޮމްޕްލިކޭޝަންތަކާއެކު އެތައް ދުވަހެއް ވާންދެން ހޮސްޕިޓަލުގައި އޮތްއިރު ވެސް ހާމިގެ އަޒުމަކަށް ބަދަލެއް ނާދެ އެވެ. އަބަދުވެސް އުޅުނީ ލެޕްޓޮޕް ހިފައިގެން ކޮންމެވެސް އެއްޗެއް ދަސްކުރާށެވެ. އެހެންވެ ބަލިއެނދުން ތެދުވިއިރު ހާމިއަށް ހުރީ މަސައްކަތުގެ ތެރެއަށް ވެސް އެންމެ ރަނގަޅަށް ވަދެވިފަ އެވެ.

ހާމި އޭނަގެ މަސައްކަތުގައި. -- ފޮޓޯ: އަހްމަދު ނިޝާތު / ދޯ

"މިހާރު މިއުޅެނީ 2014 އިން ފެށިގެން އަމިއްލަ ކޮމްޕެނީއެއް ހަދައިގެން ވިޒާކްސް ސްޓޫޑިއޯގެ ނަމުގައި."

ނަމަވެސް 2016 ވަނަ އަހަރު އަނެއްކާ ވެސް ކުއްލިއަކަށް ހާމި ބަލިވީ އެވެ. ލޭ ވަރަށް ބޮޑަށް ދަށްވެގެން ވެއްޓުނީ އެވެ. ވަގުތުން ސިންގަޕޫރަށް ގޮސް ޖެހި އިންޖެކްޝަނަކާއެކު ހާމި ސްޓޭބަލް ހާލަތަށް އައި ނަމަވެސް ވައަތު ލޮލުގެ ފެނުން ގެއްލުނީ ފަރުވާއަށް ފަހު ރާާއްޖެ އައިތަނާ އެވެ. ލޮލުގެ ފެނުން އަނބުރާ ލިބުނީ އަނެއްކާވެސް ސިންގަޕޫރަށް ގޮސް ފަރުވާކޮށްގެންނެވެ.

"މިހާރު ވެސް ނޯމަލް އެއް ނޫން. އަބަދުވެސް ސްޓަރަގްލްއެއް ތެރޭގައި. ބައިވަރު ބޭސްތަކެއް ކާތީ ބައިވަރު ސައިޑްއިފެކްޓްސްތަކެއް ހުރޭ. ވަރުބަލިކަމެއް ހުރޭ، ނިދި ހަމަނުވުމާއި މޯނިން ސިކްނެސް. އަބަދުވެސް ނިދިއައިސް ވަރުބަލިވެފައި ހުންނަނީ. އެކަމަކު ވެސް ޕްރޮޖެކްޓްތައް ހަމަ ޑިއު ޑޭޓަށް ނިންމަން. ސިންގަޕޫރުގައި ހުރި އިރު ވެސް އޮފީހުގައި ސްޓާފުން ވަރަށް ރަނގަޅު. އެމީހުންގެ މަސައްކަތްތައް ބަލާލައި ކުޑަކޮށް ޓަޗްކޮށްލައި ކްލައިންޓުންނާ ޑީލްކުރަން އެކަނި ހާމިއަށް ޖެހުނީ."

އެހުރިހާ އުނދަގޫތަކާއެކު ވެސް ކުރިއަށް ދާން ހާމި އަންނަނީ ދުވަހެއް ދުވަހަކަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އޮފީސް ވެސް ހިންގަމުން އަންނަނީ ގޭގަ އެވެ. ވަރުބަލިވުމުން ވަރުބަލި ފިލުވާލައި އަރާމުކޮށްލުމަށް ފަހު އަނެއްކާ ވެސް ފަސޭހައިން މަސައްކަތަށް ނުކުމެވޭނެތީ އެވެ. ކެއުމުގައި ވެސް ހާއްސަ ސަމާލުކަމެއް ބަހައްޓައި ގަވާއިދުން ޑޮކްޓަރަށް ދައްކައި ޑައިޓުތައް ބަލަހައްޓަ އެވެ.

"ހާމިގެ އެއް ދުވަސް ކިޔައިދެންޏާ ބައެއް ދުވަސް ދުވަސް ހަމަ ވަރަށް ސަކަރާތްވާނެ. ނޫނީ ހަމަ ވަރަށް ރަނގަޅަށް ވެސް ގޮސްދާނެ. ވަރަށް ވަރުދެރަވެފަ ވޯކު ކުރާހިތް ނުވެފަ ވެސް ހުރޭ. މޯނިން ސިކްނެސް އިންނާތީ އިރު އަރައިގެން އައިސް މެންދުރުވާއިރަށް ކިރިޔާ ހާމިއަށް އެކްޓިވް ވެވެނީ. ފަތިސް ނަމާދުކޮށްގެން އުޅެން ފެށީމަ ބައެއް ދުވަސްދުވަހު ހަމަ ދުޅަވެފަ ވެސް ހުރޭ. މެންދުރުވާއިރަށް ކިރިޔާ އެނާޖީ ލިބި އެކްޓިވްވެވޭނީ،" ހާމީގެ އަންހެނުން އައިޝަތު ޝޫޒާ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ހާމި އަށް ނިދަން ވަރަށް އުނދަގުލެވެ. ރޭގަނޑު ދަންވަރު ވެސް އިރުއިރުކޮޅާ ހޭލެވެ އެވެ. މަސައްކަތަށް ވެސް ބުރޫ އަރައި ބައެއް ފަހަަރު ނުނިދި އެއް ދުވަސް ވެސް ހޭދަވެދާނެ އެވެ. އެކަމަކު ރަނގަޅަށް ނިދޭ ދުވަހަކު ހަތެއް ނޫނީ އަށް ގަޑިއިރު ނިދާލެވެ އެވެ.

ހާމި އޭނަގެ މަސައްކަތުގައި. -- ފޮޓޯ: އަހްމަދު ނިޝާތު / ދޯ

ހާމި ބުނީ އެހާ ހިސާބަށް ހާމިއަށް އާދެވުމުގެ ސިއްރަކީ އާއިލާ އާއި އަނބިމީހާގެ ހިތްވަރު ކަމަށެވެ.

"އަބަދުވެސް ފެއިތު އިނދޭ ﷲއަށް. އޭގެ އިތުރުން އާއިލާ އާއި އަންހެނުންގެ ސަޕޯޓު ވަރަށް ލިބޭ. ބައްޕަގެ ސަބަބުން މިއަދު ދުނިޔޭގައި މިހުރީ. ހޮސްޕިޓަލުގައި އޮތް އިރު ވެސް ބައްޕަމެން އަބަދުވެސް ތިބޭ ކައިރީގައި. އަންހެނުންނާ ދިމާވިފަހުން މިހުރިހާ ކަމެއްގައި ވެސް އޭނަ ވަރަށް ސަޕޯޓިވް. އޮފީހުގެ މަސައްކަތްތަކުގައި ވެސް. މި ދާއިރާ އާއި ގުޅޭ ދާއިރާއެއްގައި އޭނަ ވެސް މަސައްކަތްކުރަނީ."

އާކިޓެކްޓާއި އިންޓީރިއާ ޑިޒައިނިން އާއި ގްރެފިކް ޑިޒައިނިން، ތްރީޑީ ވިޝުއަލައިޒޭޝަން ފަދަ ހުރިހާ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދާއިރު ވެސް މިއުޒިކަކީ އަދިވެސް ހާމިގެ ޕެޝަން އެކެވެ. މަސައްކަތުގައި މާބޮޑަށް ބުރަވުމުން ސްޓްރެސް ފިލުވާލަން ކީބޯޑު ކުޅެލަ އެވެ. މި ފަހުން ނިއު އިޔާ ޝޯތަކެއްގައި ވެސް ޕާފޯމްކުރި އެވެ. އަބަދުވެސް އައީ އަމިއްލައަށް ޕްރެކްޓިސް ކުރަމުންނެވެ. ސްކޫލް ނިންމާލާފައި ޒީރޯ ޑިގްރީ ނާޝިދުމެންނާއެކު ރިސޯޓުތަކުގައި ނާޝިދާއި އެހެނިހެން އާޓިސްޓުންގެ ފަރާތުން ދަސްވި އެއްޗެހިތައް ހަނދާނުގައި ހަރުލައްވައި ބެހެއްޓުމަށެވެ. ކީބޯޑިސްޓެއްގެ ގޮތުގައި ހާމި މަޝްހޫރުވި ނަމަވެސް ގިޓާ އަކީ ވެސް ހާމިގެ "ފޭވަރިޓް" އިންސްޓްރޫމަންޓެކެވެ. ސްކޫލްގައި އުޅުނު އިރު ޑްރަމްޖަހައި، ސެކްސަފޯންކުޅެ، ޓްރަމްޕެޓް ވެސް ކުޅުނެވެ. ކޮންމެވެސް ވަރަކަށް ވަޔޮލިން ވެސް ކުޅުނެވެ.

"އެންމެ ފުރަތަަމަ ހާމިގެ ކޮމްޕެނީ ފެށިގެން އައިއިރު އެހާބޮޑަށް ކޮމާޝަލް އަކަށް ނުވިސްނަން. އެހެންވެ އޭރު ކޮންމެ ދުވަހަކު އަށްގަޑިއިރު ވަރު ހޭދަކުރަން މިއުޒިކް ކުޅެން. އަތްވެސް ދުޅަވާނެ ބައެއް ފަހަރު. އެކަމަކު މިހާރު ކޮމްޕެނީއަށް ބޮޑަށް ސަމާލުކަން ދޭތީވެ މިއުޒިކަށް އެހާ ވަގުތު ނުދެވެނީ."

ކީބޯޑިސްޓެއްގެ ގޮތުގައި ފަސީމެން ފަދަ މޮޅެތި އާޓިސްޓުން އަދި ބޭންޑުތަކާއެކު ވެސް މިދިޔަ އަހަރުތަކުގައި ހާމި ކުޅުނެވެ. މިފަހުން ސޯލޯކޮށް ވެސް ކީބޯޑިސްޓެއްގެ ގޮތުގައި ޝޯ ދިނެވެ.

އެއާއެކު ހާމިގެ ކުރަހާ ފިހި ވެސް އަބަދުވެސް އޮތީ އޭނާގެ އަތުގަ އެވެ. މެލޭޝިއާގައި އުޅުނުއިރު ގިނަ ކުރެހުންތަކެއް ވިއްކަން ވެސް ވިއްކި އެވެ. މިހާރު އާންމުކޮށް ކުރަހަނީ ޑިޖިޓަލްކޮށެވެ. އެއީ ވެސް ހާމިގެ ހިތް ޖެހިފައިވާ ދާއިރާ އެކެވެ.

"ޓްރާންސްޕްލާންޓަށް ފަހު ހޮސްޕިޓަލުގައި އެހެން ބޭސްތައް ނަގައިގެން އޮންނައިރު ވަރަށް ކްރިއޭޓިވް އައިޑިއާތައް އާދޭ. ކުރަހަން ބޭނުންވެސް ވި. އެކަމަކު ތުރުތުރު އަޅާ ގޮތްގޮތް ވާތީ ނުކުރެހޭ. އެކަމަކު ކޮންމެވެސް ވަރަކަށް ހުންނާނެ މަސައްކަތްކޮށްފަ ކުރެހޭތޯ."

ކިޑްނީ ބަދަލުކުރުން އާޓިސްޓް

Popular