27 Jan 2019

105 އަހަރުވީ އަބްދުއްރަހުމާނުގެ "ބޮޑުވާހަކަ"

ދުންފަތުގެ އިސްތިއުމާލެއް ނުކުރެ އެވެ. ކަނޑު މަސް ނުކާށޭ ޑޮކްޓަރު ބުނުމުން "އެހިސާބުން ކަނޑާލިގޮތަށް އޮމާން ކަރުދާސް" ކަމަށް ބުންޏެވެ.. ދެން ހަމަ ފަރުމަސް ކޮޅެއް ކާލަނީ އެވެ.

ދުންފަތުގެ އިސްތިއުމާލެއް ނުކުރެ އެވެ. ކަނޑު މަސް ނުކާށޭ ޑޮކްޓަރު ބުނުމުން "އެހިސާބުން ކަނޑާލިގޮތަށް އޮމާން ކަރުދާސް" ކަމަށް ބުންޏެވެ.. ދެން ހަމަ ފަރުމަސް ކޮޅެއް ކާލަނީ އެވެ.

By: Ifraz Ali

ފެންނަ ފެނުމަށް 80 ވަރަކަށް އަހަރުގެ މީހެކެވެ. އެކަމަކު އުމުރަކީ 105 އަހަރެވެ. މީހެއްގެ އެހީއެއް ނެތި ހިނގާބިނގާވެ އުޅެ އެވެ. ފަސޭހަކަމާ އެކު ވާހަކަ ވެސް ދައްކަ އެވެ. މިއީ ރާއްޖޭގައި މިހާރު ހުރި އުމުރުން އެންމެ ދުވަސްވީ އެކަކެވެ. އެހެންވެ އޭނާއާ ބައްދަލުކޮށްލަން އަހަރެން ބޭނުންވީ އެވެ.

އަބްދުއްރަހްމާނު މޫސާ ހުރީ ބޭހަކަށް މާލެ އައިސް، ހުޅުމާލޭގައި އޭނާގެ ދަރިންގެ ގާތުގަ އެވެ. އަހަރެން އެ ގެއަށް ދިިޔައިރު އޭނާ ހުރީ ފަރުވާއަށްފަހު އެނބުރި ރަށަށް ދާން ދަތުރު ހަދައިގެންނެވެ. ގެއަށް ވަނުމާ އެކު "ކޮއްކޯ ތިޔަ އައީ ހާދަ ދަތި ގަޑިއެއްގައޭ" ވެސް ބުންޏެވެ. އޭރު މެންދުރު ވަނީ އެވެ.

އަބްދުއްރަހްމާނު އޭނާގެ މާޒީގެ ވާހަކަތައް ކިޔައިދެނީ -- | ފޮޓޯ: ދޯ

ވަގުތުގެ ދަތިކަމުން، އަވަހަށް އިންޓަވިއު ނިންމައިލަން ވަގުތުން ވާހަކަ ފެށީމެވެ. ފެށީ އުމުރުގެ ވާހަކައިންނެވެ. އަބްދުއްރަހްމާނު ބުނީ "ބޭބެގެ އުމުރުން ސަތޭކަ އެތަކެއް އަހަރެއްވެއްޖެ" ކަމަށެވެ. އެވަގުތު އަހަރެމެން ގާތުގައި ހުރި އަބްދުއްރަހްމާނުގެ އެންމެ ހަގު ފިރިހެން ދަރިފުޅު އައިޑީކާޑެއް ދިއްކޮށްލާފައި ބުނީ ބައްޕައަށް މިހާރު 105 އަހަރު ވެއްޖެ ކަމަށެވެ. އައިޑީކާޑުގައި ލިޔެފައިވާގޮތުން އަބްދުއްރަހްމާނު އުފަންވީ ނޮވެމްބަރު 11، 1913 ގަ އެވެ.

އެކަމަކު ގަރުނެއް ކަޑައްތުކޮށްފައި ހުރި މީހެއްކަން ގަބޫލުކުރެވެން ފެށީ އޭނާ ދައްކަމުންދިޔަ ވާހަކަތަކުންނެވެ. އަދި ހައިރާންވި ކަމަކީ އުމުރުން އެހާ ދޮށީވީއިރުވެސް މާޒީގެ ގިނަ ހަނދާންތައް އޭނާގެ ސިކުނޑީގައި ކުލަކޮށް ހުރުމުންނެވެ.

އަބްދުރަހްމާނު މިހާރު ދިރިއުޅެނީ ހދ. ހަނިމާދޫގަ އެވެ. އޭނާގެ އުފަން ރަށަކީ ހއ. ހަތިފުއްޓެވެ. ސަރުކާރުން އެ ރަށުގެ މީހުން ހަނިމާދޫއަށް ބަދަލުކުރީ އެވެ. މާޒީގެ ހަނދާންތަކުގެ ވާހަކަތައް އޭނާ ފަށައިގަތީ ވެސް މި ވާހަކައިގެ ތެރެއިންނެވެ.

"ހަނިމާދޫއަށް ސަރުކާރުން ގެނައީ އަހަރެމެން ރަށް ކުޑައޭ ކިޔާފަ ގަދަކަމުން، އަހަރެމެން ގެނައީ ބަނދެގެން. އަތޮޅުވެރިން ގޮސް ގެނައީ ގަދަކަމުން،" އުފަން ފަސްގަނޑު ދޫކޮށް ދާން ބޭނުން ނުވާކަން ބުންޏެވެ.

އަބްދުއްރަހްމާނު: ދޮށީ އުމުރުގައި ވެސް އޭނާގެ ހަނދާނުގައި ކޮށިކަމެއް ނެތް -- | ފޮޓޯ: ދޯ

އެ ވާހަކަ ބާއްވާފައި އަބްދުއްރަހްމާނުގެ އެންމެ ދުރުތާ ހަނދާނަކުން ފަށަމާ ހެއްޔެވެ. މާލޭ ހުޅަނގު ފަރާތުގައި އަލިރަސްގެފާނު ޒިޔާރަތް މޫދުގައި ހުރިއިރު އެ ދުވަސްތަކުގެ ހަނދާންތައް އަދިވެސް ތާޒާކަމާއެކު އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.

"މިހާރު މި ރަށުގައި [މާލޭގައި] އަލިރަސްގެފާނު ޒިޔާރަތް ހުރިތަން ކަލެއަށް އެނގޭތަ؟ އެތަނަށް ރާޅުޖެހިއިރު މަ އުޅުނިން މި ރަށުގައި. އެ ދިމާލަށް އެރި، ފަތާ ވެސް ހެދިން. ދެން އެ ދުވަސް ބަލާ،" ޅައުމުރުގައި މަސްވެރިކަން ކުރަން ފެށި ގޮތަކަށް އަބަދުހެން އޭނާ އުޅުނީ މާލެ ގޮސް އައިހެވެ. "ބުންބާމެން ހަމަ އެންމެ ޗާލުކޮށް މި ރަށުގައި މަސްކިރާ އުޅުނު ދުވަސްކޮޅު އަހަރެން މި ރަށުގައި އުޅުނިން. ފާމުދޭރިކިލޭގެފާނު، ސަލާހުއްދީނު އެމީހުންގެ ދުނިޔެ އަހަރެން އެންމެ ކުރީގައި ހަނދާންހުރީ."

"މުހައްމަދު އަމީން މަރާލި އިރުގައި ވެސް މަ ހުރިން މާލޭގައި. މަސް ކިރަން މާލެ އައިސް ފަޅުގައި އޮތީ. އޮއްވާ މި ރަށު ރައްޔިތުން ހަވަރު ނިކުތީ ތިން ދުވަހު އޭނާ މާރާލަން،" ކުރީގެ ރައީސް މުހައްމަދު އަމީނާ ދެކޮޅަށް ހަވަރު ނިކުމެ ހިންގި ހަމަނުޖެހުންތައް އަބްދުއްރަހުމާނު އޭނާގެ ދުރު ހަނދާނުން ގެނެސް ހުލާސާކޮށްލި އެވެ.

އެކަމަކު އެ ހުރިހާ ވާހަކައެއް ދައްކަން ވެއްޖާ މާ ދިގު ވެދާނެ އެވެ.

ކަނޑުމަތީގައި ކުރިމަތިވި އެތައް ހާދިސާއެއް އަބްދުއްރަހްމާނު ކިޔައިދިން -- | ފޮޓޯ: ދޯ

މިކަހަލަ އެތައް ވާހަކައެއް އަބްދުއްރަހްމާނު ކިޔައިދިނެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސަފުހާތައް ވެސް ނިއުޅުވާލީ މި ވާހަކަތަކުގެ ތެރެއިންނެވެ. އޭނާ ކުރި މާލެ ދަތުރުތަކާ އެންމެ ބޮޑު ގުޅުމެއް އޮތީ މުޅި އުމުރު ދުވަސް އެ މަސައްކަތަކަށް ހުސްކޮށްލި މަސްވެރިކަމެވެ. ހަތިފުށީ މީހުން އޭނާއަށް ކިޔައި އުޅުނީ ވެސް "ކެޔޮޅު" އެވެ. މަސްވެރިކަމުގައި ހޭދަކުރި ދުވަސްވަރު ކަނޑުމަތީގައި ކުރިމަތިވި އެތަކެއް ހާދިސާތަކެއް އޭނާ އަހަންނަށް ކިޔައިދިނެވެ. އުމުރު ދުވަހު ކުރަމުން އައި މި މަސައްކަތް ހުއްޓާލިތާ އަދި މިވީ ދެ އަހަރެއްހާ ދުވަހެވެ. އެ މަސައްކަތް ހުއްޓާލި ކީއްވެކަން ވެސް އޭނާ ކިޔައިދިނެވެ.

"މިހާރު މި ރަށަށް [ހަނިމާދޫ] އައިސް ވީކަމެއް މި ކިޔަނީ. ދޯނީގައި އެކަނި މަހަށް ގޮސް އިންދަ އައީ ކަނޑުން އަރައިގެން ބޮޑު ކަޅު ވެނެއް. މަ އިނީ ރަތްމަސް ބާނަން ގުންބަޅަ ހިފައިގެން ގޮސް. އެ ގުންބަޅަ އުކާފަ އޮތްތަނަށް އެއްކަލަ ވެން އައި ގޮތަށް އައިސް އޮއްތާއްޖެ. އޮއްތާފަ ކާން ފަށައިފި. ދެން މަ ރޯލަށް ލައިގެން ބާނައިފިން ރަތްމަހެއް. އެ އެއްޗެތި [ގުންބަޅަ] ބަހައިގެން އެހެން އިންދާ ވީގޮތަކީ ރޯލު ކަނޑާލައިފި ވެން..."

"ކަނޑާލީމާ ރުޅި އައިސްގެން ދޯނީގައި އޮންނާނެ އެއްކަލަ ހުރޭނުން ކަނިލާފައި ހުންނަ ދަގަނޑު. އެ ރިތުގައި ބަނދެފައި ރިތްޖެހޭތޯ ބެލިއިރު ރިތުގެ ކޮޅުން ކިރިޔަ ކިރިޔާ ޖެހެނީ އެހާ ފުން. ދެން ދޯނި ވަލަށް ދޫކޮށްފަ ރިތް އައްސާފަ ރިތުގައި ވާޖަހާފައި ދަގަނޑުގައި ވާޖަހާފައި ހަމަ ޖެހިޖެހީނުން ފޫދުއްވާލީ. މައްޗަށް މިހެން ލަކިޖެހި ބޮނޑީގައި ނަގުލަށް ޖެހުނީ ރިތް މުގުރާލާފައި ދަނގަޑު ބިންދާލާފައި އެ ދިޔަ ގޮތަށް ކަނޑަށް ފައިބައިގެން ދިޔައީ،" އެ ދުވަހުގެ ފަހުން މަހަށް ދިއުން އެއްކޮށް ހުއްޓާލިކަމަށް އޭނާ ބުންޏެވެ.

ކަޅުވެނަކަށް ގޯނާ ކޮށްފި ނަމަ ކޮންމެވެސް ދުވަހަކުން އެސޮރު ބަދަލު ހިފާނެ ކަމަށް ވެސް ކިޔައި އުޅެ އެވެ. އެހެންވީމާ އަބްދުއްރަހުމާނުގެ އެ ބުނީ އެ ވާހަކަ ކަމަށް ވެދާނެ އެވެ.

އަބްދުއްރަހްމާނު މުޅި އުމުރު ހޭދަކޮށްލީ މަސްވެރިކަމުގައި -- | ފޮޓޯ: ދޯ

މަސްވެރިކަން ކުރުމުގެ ކުރިން އޭނާ އެރީ ރުކަށެވެ. އަދި ފުރާވަރުގައި އޭނާ އެންމެ ފޯރީގައި ކުޅެ އުޅުނު ކުޅިވަރުތަކަކީ ފުޓުބޯޅަ އާއި ކްރިކެޓެވެ. ކުޅިވަރު ކުޅުން ވެސް ހުއްޓުނީ މަސްވެރިކަމަށް ގޮސް އެކަމަށް ހުސްވެގެންނެވެ. އެހެން އުޅެމުން އުމުރުން އެންމެ 15 އަހަރުގައި ކައިވެންޏެއް ކުރި އެވެ. އެއީ އޭނާ ކުރި ހަމައެކަނި ކައިވެންޏެވެ.

"އެކީގައި ކިޔަވަން އޭރު އުޅުނު ރަށު ކުއްޖަކު އެއް ދުވަހު އައިސް ބުނެފި އަބްދުއްރަހްމާނުއޭ ވާހަކައެއް ބުނަންވެގެންނޭ މިިއައީ. މި ރަށު އަންހެން ކުއްޖަކާ އަހަރެން ޒުވާބުކޮށްފީމޭ. އެ ކުއްޖާ ބުނެފިއޭ ލާހިކެއް ނޫނޭ ތިމަންނަ [އެ އަންހެން ކުއްޖާ] ދުނިޔޭގައި ހުއްޓަ ކަލޭ [އަބްދުއްރަހުމާނު] އެހެން މީހަކާ އިންނާކަށް. އެހެންވީމަ މަ ބުނާ މީހަކާ ކަލޭ މިރޭ އިނދެފަ މާދަމާ ވަރިކުރާށޭ. އޭނާ ބުނީމަ އަހަރެން ބުނެފިން ބުނަންހޭ ވާހަކައެއް ނާއިންސާފުކަމެއް ބުނެފިއްޔާ މަށަކަށް ނުކުރެވޭނެއޭ."

އަބްދުއްރަހްމާނުގެ އެކުވެރިޔާ އެންމެފަހުން އޭނާގެ ކައިވެނި ހަތިފުށީ އައިމިނަތު މޫސާއާ ކުރުވި އެވެ. މަންމައެއް ބައްޕައެއް ނެތް ޔަތީމު ކުއްޖެކެވެ. ކައިވެނީގެ ހުރިހާ ހަރަދެއް ވެސް ކުރީ އޭނާގެ އެކުވެރިޔާ އެވެ.

"ކައިވެނީގެ ހުރިހާކަމެއް ނިމި އޭގެ އަނެއް ދުވަހު ހެނދުނު އޭނާ އައިސް ބުނެފި އަބްދުއްރަހްމާނުއޭ އޭނާ ވަރިކުރާށޭ. މަ ބުނީ މިއަދަށްފަހު ނިމުނީއޭ ދެން، ވަރިއެއް ނުކުރާނަމޭ. އެ އަކުރު މަތީގައި މިހުރީ،" އަންހެނުން އައިމިނަތު ނިޔާވި އުމުރުން ފަސްދޮޅަހަކަށް އަހަރުގައި ކަމަށް އޭނާ ބުންޏެވެ.

އެ ކައިވެންޏަށް ދިހަ ކުދިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިބީ ހަ ކުދިންނެވެ. އަބްދުއްރަހްމާނަށް ކާފަ ކިޔާ 30 ކުދިން އެބަ ތިއްބެވެ. އަދި މުނިކާފަ ކިޔާ 40 ކުދިން އެބަ ތިއްބެވެ.

އަބްދުއްރަހްމާނު ގަބޫލުކުރާ ގޮތުގައި އޭނާގެ ދިގު އުމުރާ ގުޅިފައިވަނީ ކެއިން ބުއިމުގައި ގެންގުޅޭ އުސޫލެވެ. ކުރީގައި ހުރިހާ ވައްތަރެއްގެ މަހެއް އޭނާ ކައި އުޅުނެވެ. އެކަމަކު އެއްފަހަރަކު ގައިން އެއްޗެހިތަކެއް ނަގައިގެން ޑަކްޓަރަށް ދެއްކުމަށް މާލެ އައިތަނުން ޑަކްޓަރު ދެއްކި ވާހަކައަކުން އޭނާގެ ވިސްނުން މުޅިން ބަދަލުވި އެވެ.

ހޫނު ގަދަވެގެން އަބްދުއްރަހްމާނުގެ ގައިން ނެގި އެއްޗެހީގެ ލަކުނުތައް ދައްކަނީ -- | ފޮޓޯ: ދޯ

"ޑަކްޓަރު ބުނީ ކަލޭ ގައިގައި އެބަހައްޓޭ ދުނިޔޭގައި އުޅޭ ހޫނު ދެއްވާފަ. ހޫނު މައްޗަށް ހޫނު އިތުރުވެއްޖެއްޔާ ހަން މަތި ބައްޔަށް ވާރުތަވެގެން ކަލޭ އުމުރު ކުރުވާނޭ. އޭރު ހޫނު ގަދަވެފައި ހުރީ ކަނޑުމަސް ކާތީ. މިހާރު މިހިރަ ފެންނަނީ އަޅުގަނޑު ޅައިރުގައި މިކޮޅުން ލީ ފާޑެއްގެ ބައްޔެއް ރާއްޖެއަށް. ދިޔައިމަ އަތްކެނޑި ތަންތަން މިހުރީ. މި ލަކުނު މިއީ ލަކުނެއް ނޫނޭ. މިއީ ހޫނުކަމުން ނަގާ އެއްޗެއް،" އަތުގައި ހުރި ލަކުތައް ދައްކާލަމުން އޭނާ ބުންޏެވެ.

"ކަނޑުމަސް، މުށިމަސް، ވެލާ މަސް ނުކާށޭ އެންގީ. އެއީ ހަށިގަނޑަށް ހޫނު ދުނިޔޭގައި ނެތް ވަރަށް ހޫނުގަދަ މަހެކޯ އެއީ. ދެން މިއަށްވުރެ ހޫނު ގަދަވެގެން ގޮސް ކަލޭ ދުނިޔޭގައި ނުހުންނާނޭ، ދިގު އުމުރު ކުރުވެދާނޭ. އެހިސާބުން ކަނޑާލިގޮތަށް އޮމާން ކަރުދާސް. ދެން ހަމަ ފަރުމަސް ކޮޅެއް ކަނީ."

މިހާރު ވެސް ގަވާއިދުން ކޮންމެ ގަޑިއަކު އޭނާގެ ކައެވެ. އެކަމަކު ކަނީ ކުޑަ އެތިކޮޅެކެވެ. އާންމުކޮށް ކައި އުޅެނީ ބަތާއެކު ގަރުދިޔަ ކޮޅަކާއި ތަރުކާރީ އާއި ފަރުމަސްކޮޅެކެވެ. އެއަށްފަހު ކޮންމެވެސް ކަަހަލަ ފޮނި ކާ އެއްޗެކެވެ. އަޑުއިވުމުގައި ހުރި ކުޑަ އުނދަގޫތަކެއް ފިޔަވައި އޭނާގެ އެއްވެސް އިތުރު ބައްޔެއް ނެތްކަމަށް އޭނާގެ ދަރިން ބުންޏެވެ.

އަބްދުއްރަހްމާނު ބުނީ އޭނާ އެއް އިރެއްގައި ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށެވެ. އެކަމަކު މަހަށް ދިޔަ ދުވަސްވަރު ގެންގުޅު އަޑަފިން ކުޑަކޮށް ދުފާ އުޅުނެވެ. އޭނާ ދުފުން ހުއްޓާލީ ދަރިން ބޮޑެތިވީމަ އެވެ. ތާރީހުން އެނގެން އޮތް ގޮތުގައި ހަތިފުށްޓަކީ ދުންފަތާ ދުރު ރަށެކެވެ. އޭރުގައި އެކަން ކުރާ މީހުނަށް އެ ރަށު ކަތީބުން ބޮޑު ޖުރިމަނާއެއް ކުރާތީ ކަމަށްވެ އެވެ.

އަބްދުއްރަހްމާނު ބުނީ އޭނާ އެއް އިރެއްގައިވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަަށް -- | ފޮޓޯ: ދޯ

"މިހާރު އޮންނަ ގޮތަކީ އަޅުގަނޑު ފަތިހު ދެތުވެ ފުރަތަމަ ފަތިސް ނަމާދުކޮށްލައިގެން ބައެއް ދުވަސް ދުވަހު މޫދަށް އެރެނީ. ހިޔެއްވެސް ނުގަނޭ." ހެނދުނު ތެދުވެގެން އެންމެ ފުރަތަމަ ބޮނީ ކިރުތައްޓެއް ކަމަށް ބުންޏެވެ. އަދި ހެނދުނުގެ ސައި ބޮނީ އިރު އަރައި ހަތެއް ޖަހާއިރު އެވެ.

"އަޅުގަނޑުމެން އޭރުގައި ކޮށްއުޅުނު މަސައްކަތް އިނގިފަ މިހާރު ހިތަށް އަސަރުކުރޭ. މިހާރު ހުރިހާ ކަމެއް ފަސޭހަކަމުން. މިހުންނަނީ ހަމަ އެއްވެސް ކަހަލަކަމެއް އަތުން ނުކުރަން. ހަމަ ހުންނަނީ. އެ ދާންވާތަކަށް އެ ދެވުނީ. އޭރުގައި މި ދެ އަތުން ފަލިޖަހާ ސާބަސް ދީގެން ކަނޑުން ރަށަށް އާދެވެނީ. މަސައްކަތެއް ކޮށްލަމޭ އޭރު. މިހާރު ހަމަ އޮތްތާލާ ނިދާލަންވީ އެ ދެވުނީ. މިހާރު މިއުޅެނީ ރަށަށް ދާން މިއަދު، ހަނިމާދޫއަށް. އަސުރަށް ދާއިރު ހުންނާނީ ގޭގައި. އެހެންވީމަ ދެ ދުނިޔެ އަހަރެންނަށް މި ފެނުނީ."

އިންޓަވިއު ނިންމައި އެ ގެއިން ނިކުންނަ އުޅެނިކޮށް ދެން އަނެއްކާވެސް އޭނާގެ ފަރާތުން ފެނުނީ ހައިރާންކުރަނިވި ކަމެކެވެ. ރެކޯޑަށް ޖައްސާފައި އޮތް އަހަރެންގެ ފޯނު ނަގައި، އަތަށް ލައި އެއަށް ބަލަހައްޓައިގެން އިނދެ ކިޔާލީ ރައިވަރެކެވެ. އަހަންނަށް ހީވީ އެއީ ރައިވަރެކެވެ. އެކަމަކު އޭނާ ކީ ރަައިވަރެއް ނޫނެވެ. އޭނާ ކީ "ކާ" އެކެވެ. އެވެސް އޭނާގެ ހުރި ހުނަރެކެވެ. ޅެމާއި ބަނދިވެސް ކިޔަ އެވެ. މިއީ ރީތި އިހުގެ ވާހަކަ ވެސް ކިޔަން މަޝްހޫރު މީހެކެވެ. އެކަމަކު މި ބޮޑު ވާހަކަ ކުރުކޮށްލާނީ އެވެ.

މަސްވެރިން ހދ. ހަނިމާދޫ ހއ. ހަތިފުށި އުމުރުން ދުވަސްވީ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން

Popular