25 Mar 2019

ގުޅިން މަރުހަބާ ކިޔާނީ ޔާންގެ ހުނަރުން

ގުޅިން މަރުހަބާ ކިޔާނީ ޔާންގެ ހުނަރުވެރި މަސައްކަތަކުންނެވެ. އެކަމަކު އެއީ އޭނާގެ ހުނަރުވެރިކަމުގެ ކުޑަ މިންވަރެކެވެ.

ގުޅިން މަރުހަބާ ކިޔާނީ ޔާންގެ ހުނަރުވެރި މަސައްކަތަކުންނެވެ. އެކަމަކު އެއީ އޭނާގެ ހުނަރުވެރިކަމުގެ ކުޑަ މިންވަރެކެވެ.

By: Ifraz Ali

މާލެ އަތޮޅު ގުޅިއަށް ލަފާއިރު، އެ ރަށުން އެންމެ ފުރަތަމަ ވެސް "ގުޅިއަށް މަރުހަބާ" ކިޔާނީ އަލީ ޔާމިން (ޔާން)ގެ އާޓް ވޯކަކުންނެވެ. އެ ރަށުގެ ބަނދަރުމަތީގައި ހުރި، "ވެލްކަމް ޓު ގުޅި" ބިނާއަކީ ޔާންގެ ބުރަ މަސައްކަތެކެވެ. އެއިން ދައްކުވައިދެނީ ކަނޑު އަޑީގެ ދިރުންތަކުގެ ރީތި މަންޒަރެކެވެ. އުމުރުން 29 އަހަރުގެ އާޓިސްޓްގެ ހުނަރު ލޮލުގައި އަޅައިގަތީ ރަށަށް ފުންމާލި ހިސާބުންނެވެ.

ޔާންއާ ބައްދަލުކުރަން ދެވުނީ އޭނާގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެނިކޮށެވެ. އޭނާއަކީ ރަށުގައި އަމިއްލަ އާއިލާއިން ހިންގާ ގެސްޓްހައުސްއެއް ހިންގުމާ ހަވާލުވެ ހުރި އެކަކެވެ. އޭނާއާއެކު އާއިލާގެ އެހެން ކުދިން ވެސް އުޅެނީ އެ މަސައްކަތުގަ އެވެ. އެ މަސައްކަތުގައި ގިނަ ވަގުތު އުޅެންޖެހޭތީ ކުރެހުމަކީ ބޮޑަށް ޕެޝަނެއްގެ ގޮތުގައި އޭނާ ކުރާ ކަމެކެވެ.

ގުޅީގެ ބަނދަރުމަތީގައި ހުންނަ، ޔާން ތައްޔާރުކުރި ބިނާ -- | ފޮޓޯ: ދޯ

އާޓްގެ ތެރެއަށް ޔާން އަށް ފުރަތަމަ ވަދެވުނީ މާލޭގައި ކިޔަވަން ހުރިއިރު އެވެ. ކަލާފާން ސްކޫލްގައި ބޭއްވި އާޓް ކޮމްޕެޓިޝަނެއްގައި ބައިވެރިވެ އެއް ފަހަރަކު މަތީ ވަނައެއް ލިބުމުން މިއީ އޭނާއަށް ކުރެވިދާނެ ކަމެއްކަން އެނގުނެވެ. މިހާރުގެ މަޝްހޫރު އާޓިސްޓް ކުރަހާ ރާއްޕެ ކަހަލަ މީހުން ފަރާތުން އާޓްގެ ވަރަށް ގިނަ އެއްޗެހި އޭނާ ދަސްކުރި އެވެ.

ޔާންގެ ބައެއް އާޓް ވޯކްތައް -- | ފޮޓޯ: ޔާން

"ކަލާފާން ސްކޫލްގައި ޕްރައިމަރީ ގްރޭޑްތައް ކިޔަވައި ނިންމާފައި ޗޭންޖްކުރީ އިމާދުއްދީން ސްކޫލަށް. އެހިސާބުން އަނެއްކާ އެކަން ސްޓޮޕްވީ. ގްރޭޑް ނައިންއާ ހިސާބަށް ދިޔައިރު ވެސް އެއްވެސް ވަރަކަށް އާޓްގެ މަސައްކަތެއް ނުކުރަން،" އެއައަށްފަހު ދިހައެއް ކިޔަވަން އެނބުރި ރަށަށް އައިސް، އަނެއްކާ ވެސް އާޓްގެ ތެރެއަށް ވަދެވެނު ކަމަށް ބުންޏެވެ.

އާޓްގެ ތެރޭގައި އުޅެމުން ޔާން ވަނީ ރަށު ކައުންސިލުގެ މެމްބަރުކަން ވެސް އެއްފަހަރަކު ކޮށްފަ އެވެ.

ފޮޓޯ: ޔާން

"އަޅުގަނޑު ބޮޑަށް ބަލަނީ އޮރިޖިނަލް ޕިކްޗާސް ބަލައިގެން ޕެއިންޓްކުރަން. އަދި ހަދަން ކްރިއޭޓީވް އެއްޗެހި ވެސް. މިސާލަކަށް، މި ތަނުގައި އެންމެ ފޭމަސް އެއްޗަކަށް އުޅޭނީ އަޅުގަނޑު އިންނާނެ ނަމެއް ދީފައި "ސްޓޯން އައިލެންޑް" ކިޔާ އެއްޗެއް، އެއީ ހިރިގަލުގައި ޕެއިންޓްކޮށްފައި އިންނާނީ އައިލެންޑެއް،" އެންމެ ގިނައިން ކުރަހާ އުޅެނީ ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ކަމަށް ބުންޏެވެ.

ކުރެހުމަށް ޔާން އާންމުކޮށް ބޭނުންކުރަނީ ތިން މީޑިއަމްއެކެވެ. އެއީ އެކްލިރިކް ޕެއިންޓާއި އޮއިލް ޕެއިންޓް އަދި އޮއިލް ޕެސްޓެލް އެވެ.

ޔާން ތައްޔާރުކުރާ "ސްޓޯން އައިލެންޑް" އާޓް ވޯކް -- | ފޮޓޯ: ޔާން

"ބޮޑަށް އެކަމަކު ކުރަހަނީ އެކްލިރިކް ބޭނުންކޮށްގެން. އޮއިލް ޕެއިންޓް ވާގޮތަކީ އެއަށް ބޮޑަށް ޓައިމް ދޭންޖެހެތީ، އެހާ ބޮޑަށް އެ ބޭނުން ނުކުރެވެނީ،" އާންމުކޮށް ގުދުރަތީ މަންޒަރެއް ޕެއިންޓްކޮށްލަން ހޭދަވާނީ ގަޑިއިރެއްހާއިރު ކަމަށް ޔާން ބުންޏެވެ.

ލަކުޑީގައި އާއި ކެންވާސްތަކާއި ނަށީ، ސެރެމިކް ޕްލޭޓް އަދި މަގް ކަހަލަ އެއްޗެހީގައި ވެސް ކުރަހަ އެވެ. އެއީ ގެސްޓުންނަށް އެންމެ ކަމުދަނީ އެކަހަލަ އެއްޗެހީގައި ކުރަހާފައި ހުރުމުންނެވެ.

ފޮޓޯ: ޔާން

"ނޯމަލީ މިކޮޅުން ވަރަށް ގިނައިން ގަނޭ [ގެސްޓުން] އެ އެއްޗެހި. ސްވެނިއާއެއް ވިއްކާއިރުގައި ހުރޭ ދޯ ޕްރިންޓްކޮށްގެން ގެނެސްފަ ވެސް. ސެރެމިކް ޕްލޭޓް އަދި ބޮލި ކަހަލަ އެއްޗެހީގައި ވެސް. އޭތި އަޅުގަނޑު ބޭނުންވަނީ ޗޭންޖުކުރަން. އެއީ ގިނަ މީހުން ބޭނުންވާނީ އަމިއްލަ އޯން މޭޑް އެއްޗެއްހި ވީމަ،" އަމިއްލަ އެއްޗެއް ތައްޔާރުކޮށްލުމުން ލިބޭ ހިތްހަމަޖެހުން ވެސް މާ ބޮޑުކަމަށް ބުންޏެވެ.

ޔާންގެ އާޓް ވޯކެއް -- | ފޮޓޯ: ޔާން

"މައްސަލައަކީ އަސްލު ޓައިމް. ދެން މިކޮޅުގައި ގިނަ ފަހަރަށް ބޭނުންވާ އެއްޗެހި ލިބެން ވެސް ނުހުރޭ. މާލެ ގޮސް ގަންނަން ޖެހޭނީ ގިނަ ފަހަރަށް،" ނަމަވެސް މަޑުމަޑުން އާޓްގެ މަސައްކަތް ބިޒްނަސްއަކަށް ބަދަލުވަމުން އަންނަ ކަމަށް ޔާން ބުންޏެވެ.

ޔާންގެ އާޓް ވޯކެއް -- | ފޮޓޯ: ޔާން

ގޭގޭގެ ފާރުތަކުގައި ކުރެހުމާއި ވެޑިން ޕާޓީތަކަށް ސެޓް ޑިޒައިން ކޮށްދިނުމަކީ ވެސް އޭނާ މިހާރު ކުރާކަމެކެވެ. ބަނދަރުމަތީ ހުރި ބިނާއިން ވެސް މިއީ އޭނާގެ ހުނަރު ހުރިކަމެއްކަން އެނގެ އެވެ. ޔާން މިހާރު ވަގުތު ނުލިބުމަކީ ކުރެހުމަށް އޮތް އެންމެ ބޮޑު ހުރަހަށް ވިިޔަސް އޭނާ އެންމެ ބޭނުންވަނީ މި ޕެޝަން އިތުރަށް ކުރިއަރުވަން، އަމިއްލަ އާޓް ޝޮޕެއް ހުޅުވުމަށެވެ.

ކ. ގުޅި އާޓިސްޓް

Popular