ޓީވީއެމުން ގެނެސްދޭ "އެކުވެރިޔާ" ޕްރޮގްރާމް ހުށަހަޅަން ހުރެފައި އޭގެ އިރުކޮޅެއް ފަހުން މޯލްޑިވިއަންގެ ފްލައިޓެއްގައި ކެބިން ކްރޫ އަކަށް އުޅެނިކޮށް އަލީ އާޒިމް (ޒިމް) ފެނިދާނެއެވެ. ކޭކެއްގައި ޕެއިންޓްކޮށްފައި އިންސްޓަގްރާމްކޮފައި ވެސް ހުރެދާނެ އެވެ.

ޓީވީއެމުން ގެނެސްދޭ "އެކުވެރިޔާ" ޕްރޮގްރާމް ހުށަހަޅަން ހުރެފައި އޭގެ އިރުކޮޅެއް ފަހުން މޯލްޑިވިއަންގެ ފްލައިޓެއްގައި ކެބިން ކްރޫ އަކަށް އުޅެނިކޮށް އަލީ އާޒިމް (ޒިމް) ފެނިދާނެއެވެ. ކޭކެއްގައި ޕެއިންޓްކޮށްފައި އިންސްޓަގްރާމްކޮފައި ވެސް ހުރެދާނެ އެވެ.
އުމުރުން 24 އަހަރުގެ ޒިމްގެ ހުނަރުތައް ގިނަ އެވެ. މިއިން ކޮންމެ ކަމަކަށް ވެސް އޭނާގެ ޝައުގުވެރިކަން އޮންނަ ވަރު ހާމަވާ އެއް ކަމަކީ މިއިން ކޮންމެ ކަމަކަށް ވެސް ވަގުތު ހުސްކުރުމާއި އެ ކަމެއް ކުރާ ހިތުން ކުރުމެވެ.
ޒިމް ކިޔައިދިން ގޮތުގައި އޭނާ އެންމެ ކުޑައިރު ވެސް އާޓަށް ޝައުގުވެރި އެވެ.
"ކުޑައިރު ރައްޓެހި ކުދިންނާއެކު ގޭ ދޮރުމައްޗަށް ނުކުމެ އުޅޭއިރު، އޭރު ކުރަހަނީ ބިންމަތީގަ، ވެލީގަ. ދެން ފިހާރައިގެ ހުންނަ ބާ ފޮށިގަނޑުތަކާ އެއްޗެހީގަ ވެސް ކުރަހަން އޭރު ވެސް. އަސްލު އާޓްގެ ހުރިހާ މީޑިއަމެއް ވެސް ޓްރައިކުރަން ޝައުގު ހުރޭ. ފެން ކުލަޔާ ވެސް ކުޅެން، އެކްރެލިކް ވެސް ބޭނުންކުރަން، ފާރާއި ކޭކުގަ ވެސް ކުރަހާ ހިތްވޭ. އަދި ކަރުދާހުގެ އިތުރުން ޓީޝާޓާ ކެންވަސް އެއްޗެހީގަ ވެސް ކުރަހަން. އަނެއްހެން ވަކި މީޑިއަމަކަށް ސްޕެޝަލްއެއް ނުވަން އެއްވެސް އިރެއްގަ،" ޒިމް އޭނާގެ ހުނަރުތައް ފެށުނު ގޮތާއި މަސައްކަތް ހުލާސާކޮށްލި އެވެ.
ޒިމް 2013 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެ އާޓް މާއްދާ އިން ދުނިޔޭގެ ހަތަރު ވަނަ ހޯދި އެވެ. އެހެންވެ، ސްކޮލާޝިޕެއް ލިބިގެން އާޓްގެ ދާއިރާއިން އިތުރަށް ކިޔަވަން ހުރީ ބޭނުންވެފައެވެ. އެކަމަކު އެ ފުރުސަތު ނުލިބުމުން، އޭނާގެ ރަށް އއ. ތޮއްޑޫ ސްކޫލުގައި ޕްރައިމަރީ ކުދިންނަށް އާޓް ކިޔަވައިދިނުމުގައި އުޅެން ފެށިއެވެ. ފަހުން، ޕްރޮފެޝަނަލް ކެރިއަރެއްގެ ގޮތުގައި އޭވިއޭޝަންގެ ދާއިރާއަށް ހުސްވެ، "އުދުހެން" ފެށީއެވެ.
ޒިމް އެންމެ ފަހުރުވެރިވަނީ އޭނާގެ އުފަން ރަށަށް ރީތި ނަމެއް ގެނެސްދެވޭތީއެވެ. އެންމެ ފުރަތަމަ އާޓްގެ ދާއިރާ އިން އޯލެވެލްގައި ދުނިޔޭގެ ފެންވަރުގެ ވަނައެއް ހޯދީ ވެސް އޭނާއެވެ. މުޅި ރަށުން ވެސް އެންމެ ފުރަތަމަ އޭވިއޭޝަން ދާއިރާ އަށް ނިކުތް މީހާ އަށް ވީތީ ވެސް ހުރީ އުފަލުންނެވެ.
އެންމެ ތަފާތީ ކޭކް ޕެއިންޓިން
ފޮންޑެންޓް ކޭކްގައި ކުލަ ބޭނުންކޮށްގެން ޕެއިންޓްކުރާ މީހުން ގިނައެއް ނޫނެވެ. މިއީ ޒިމްގެ ހާއްސަ ދާއިރާއެކެވެ. އޭނާ އަށް މިއީ ތަފާތު އާޓް މީޑިއަމެކެވެ.
"ކުރިން ވެސް ޔޫޓިއުބް ތަންތަނުން ފެނޭ މީހުން ކޭކުގަ ޕެއިންޓް ކުރާތަން. ދެން ހަމަ ގަނޑެއްގަ ޕެއިންޓް ކުރުމެކޭ ކޭކެއްގަ ކުރެހުމެކޭ ވާނީ އެއްވަރު ވިއްޔަ. ކުލަ ބޭނުން ކުރުމުގަ އިންނަނީ އެއް އެޕްލައިއެއް. އެހެންވެ، ގަނޑުގަ ޕެއިންޓްކުރެވޭ ކޮންމެ އެއްޗެއް ކޭކުގަ ވެސް ޕެއިންޓް ކުރެވޭނެ ކަމުގެ ކޮންޕިޑެންސާ އެއްކޮށް މިކަން ފެށީ،" މީގެ ދެ އަހަރު ކުރީގެ ހަނދާނެއް އާ ކޮށްލަމުން ޒިމް ބުންޏެވެ.
"ގިނަ މީހުންނަށް ހީވެފަ އޮންނަނީ އަހަރެންނަކީ ކޭކު އަޅާފަ ކޭކު ޑެކަރޭޓް ކުރާ މީހެކޭ. އެކަމަކު އަސްލު އެހެނެއްނޫން. ދައްތަ އަކީ ކޭކު އަޅާ މީހެއް. އޭނަ ކޭކު އެޅީމަ އަހަރެން ޑެކަރޭޓްކޮށް އޭގަ ޕެއިންޓް ކުރަނީ. ކޭކު އަޅާކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ."
އެންމެ ފުރަތަމަ ކޭކެއްގައި ޕެއިންޓްކުރީ ކޮއްކޮގެ ވެޑިން ކޭކްގައި ޓްރައިކޮށް މީހުންނަށް އެ ކަމުދިޔަ ހިސާބުންނެވެ. އޭގެ ފަހުން މިހާރު ހަފުތާ އަކު، މަދުވެހެން ދެ ކޭކެއްގައި ޕެއިންޓްކުރަން ލިބެ އެވެ.
ޒިމް އޭނާ ޕެއިންޓްކުރާ ކޭކްތަކުގައި ބޭނުންކުރަނީ ކާ ކުލައެކެވެ. މާލޭގެ ކޭކް ޝޮޕްތަކުން އެކި ކުލަތައް ފަސޭހައިން ލިބޭ ކަމަށާއި އެކަމަކު ބްރޭންޑެޑް މާކަރު ހޯދުމުގައި ދަތިތަކެއް ދިމާވާކަމަށް ބުންޏެވެ.
ބުރަކޮށް އުޅުނަސް، އޭނާ ބުނީ ކޭކް ނިންމަން ކްލަޔަންޓަކަށް ދޭ ވަގުތަށް އެކަން ފުރިހަމަކުރާ ކަމަށެވެ. އަދި އެކަމަށް ވަރަށް ސަމާލުކަން ދޭ ކަމަށް ބުންޏެވެ.
"މިހާތަނަށް އެއްވެސް ނެގަޓިވް ކޮމެންޓެއް ނެތް. ބައެއް މީހުން ބުނާނެ ވަކި ޑިޒައިނެއް ނުބުނެ، ޒިމް އަމިއްލައަށް ޑިޒައިން ނަގައިގެން ހަދާށޭ، އެނގެޔޭ ޒިމް ހަދައިފިއްޔާ ރީތި ވާނެ ކަން"
ވޯލް ޕެއިންޓިން އަށް ވެސް ހާއްސަ
މި މަސައްކަތް ފެށީ ވަރަށް ފަހުންނެވެ. އަމިއްލަ ގޭގެ ފާރު ރީތި ގޮތަކަށް ޕެއިންޓްކޮށްފައި ހުއްޓާ ފެނިގެން ޒިމްގެ މަސައްކަތަށް އިތުބާރުކޮށް ވޯލް ޕެއިންޓިން އަށް ޑިމާންޑް ބޮޑުވާން ފެށީއެވެ.
ގެސްޓްހައުސްތަކުން ލިބޭ އޯޑަރުތަކަށް ޒިމް ވަނީ މީގެ ކުރިން ވެސް ކެންވަސްތަކުގައި ކުރަހައިދީފައެވެ. އެކަމަކު ފަހުން ޒިމް އަށް ވިސްނުނީ ކެންވަސްގައި ޕެއިންޓްކުރުމާ އެއްވަރަށް މިއީ ވެސް ފަސޭހަ އަދި ތަޖުރިބާކޮށްލަން ރަނގަޅު ކަމެއްގެ ގޮތުގައެވެ. އެހެންވެ، ދޭތެރެއަކުން ކެންވަސްއެއްގައި ނުވަތަ ފާރެއްގައި ކުރަހާލައެވެ.
ހިތާނީ ސީޒަންތަކާއި ތަފާތު މުނާސަބަތުތަކާ ގުޅިގެން ފާރުތަކުގައި ޕެއިންޓްކުރަން ވަރަށް ގިނައިން އޯޑަރު ލިބޭ ކަމަށް ބުންޏެވެ. ސްކޫލްތަކުގެ ސްޓޭޖްތައް ވެސް ޑެކަރޭޓްކޮށް ޕެއިންޓްކޮށްދެއެވެ.
ޕްރެޒެންޓްކުރުމުގެ ހުނަރު
"ފްރެންޑަކާ އެއްކޮށް ކޮފީއަކަށް ގޮސް އިންދަ ޓީވީއެމުން ލިބުނު ފުރުސަތެއް މިއީ. އެތާ އިންދަ ޕްރޮޑިއުސަރެއް އައިސް ބުނީ ޓީވީއާ ވަރަށް ގުޅޭ ލުކްއެކޭ، ބޭނުންހޭ ފުރުސަތެއް؟ އޭރު ވެސް ކްރޫއަކަށް އުޅޭތީ އަހަރެން ބުނިން ފްލައިޓްތަކަށް ބުރޫ ނާރާ ގޮތަށް ޝެޑިއުލް ކޮށްފިއްޔާ ޕްރެޒެންޓަރަކަށް އުޅެދޭނަމޭ، ވަރަށް ޝައުގުވެރިކަން ހުރެޔޭ ކުޑަކުދިންގެ ޕްރޮގްރާމްތަކަށް،" މުޅިން ތަފާތު ކަމެއްގެ ތެރެއަށް ނިކުމެވުނު ގޮތް ޒިމް ކިޔައިދިނެވެ.
ކުޑަކުދިންނަށް ހާއްސަ "އެކުވެރިޔާ" ޕްރޮގްރާމް ޕްރެޒެންޓް ކުރުމުގެ ތެރެއިން މިހާރު އޭނާ އަކީ ވަރަށް ގިނަ ކުޑަކުދިންގެ ވެސް އެކުވެރިއެކެވެ.
"ފްލައިޓަށް އަރާ ބައެއް މީހުން ވެސް އަހާލާނެ ތީ ޓީވީއެމުން ފެންނަ ކުއްޖާހޭ ވެސް. ދެން މަގުމަތިން ފެނިގެން ވެސް ނަންނޭނގޭ ކުޑަކުދިން ގޮވާލާ އެކުވެރިޔާ ކިޔާލާފަ ވެސް."
ޒިމްގެ ގިނަ އާޓް ވޯކް ތަކަކީ އެހެން އާޓިސްޓެއްގެ މަސައްކަތުން އިންސްޕަޔާވެގެން އޭނާގެ އަމިއްލަ ހިޔާލު އިތުރު ކޮށްގެން ކޮށްފައިވާ މަސައްކަތެވެ. އޭނާގެ ބުރަ މަސައްކަތަށް ސަޕޯޓްކުރާ އެންމެން ދޭ ހިތްވަރާ އެކު އަދިވެސް ކުރިއަށް ދާން ހުރީ ވަރުގަދަ އަޒުމެއްގަ އެވެ.