7 May 2019

އަހަރެމެންގެ ވާހަކަ ލިޔުންތެރިޔާ ޔަސްމާގެ "ވާހަކަ"

އަހަރެމެންގެ ވާހަކަ ލިޔުންތެރިޔާ ޔަސްމާގެ "ވާހަކަ"

By: Aishath Maaha

މިއީ "ދޯ" ގެ ކިޔުންތެރިންގެ މަގުބޫލު ވާހަކަ ލިޔުންތެރިޔާ މަރިޔަމް ޔަސްމާ އެވެ. ޔަސްމާ އުފަންކުރުވާ ހިޔާލީ ދުނިޔޭގެ ތެރެއަށް އަހަރެމެންގެ ކިޔުންތެރިން ފޮނުވާލަ އެވެ. އެއީ ކުއްލިއަކަށް ލިބުނު ހުނަރެއް ނޫނެވެ. ޔަސްމާ އެ ވާހަކަ އަހަރެމެންނަށް މި ކިޔައިދެނީ އެވެ.

ކުޑައިރު ބޭރަށް ކުޅެން ނުފޮނުވީމާ ޔަސްމާ ގޮސް ހާވަން ފަށަނީ މަންމަގެ ވާހަކަ ފޮތް ކަލެކްޝަނަށެވެ. ދެން ބެލީ ފިލްމެވެ. އެހެންވެ ޔަސްމާގެ ހިޔާލާއި ފިކުރު ގޮސް ހުޅުވުނީ އެތައް ބައެއްގެ ލޯބީގެ ހާދިސާތަކަކުން އުފަންކުރުވި މުޅިން އަމިއްލަ ދުނިޔެ އަށެވެ. ވާހަކަތައް ލިޔެ ސިއްރު ސިއްރުން ފޮތްތައް ފޮރުވި އެވެ. ކުލާސް ކުދިންނަށް ވާހަކަތައް ކިޔަން ދީ އެ ކުދިންގެ ސަޕޯޓު ލިބުނު ނަމަވެސް އިތުރަށް ކުރިއަށް ދާނެ ގޮތެއް ނެތިފައި ހުންނަން ޖެހުނީ އެވެ.

ނަމަވެސް ދެހާސް އެގާރަ ވަނަ އަހަރު ވާހަކަ.ކޮމް ކިޔާ އޮންލައިން ވެބްސައިޓަކަށް ވާހަކަ ލިޔަން ފަށައި އޭގެ ފަހުން މުރާސިލް ނަމަކަށް ކިޔާ ވެބްސައިޓަކަށް ލިޔަން ފެށި ފަހުން އޭނާގެ މަގުބޫލުވެ މޮޅު ވާހަކަ ލިޔުންތެރިއެއްގެ ލަގަބު ކިޔުންތެރިން ދިނީ އެވެ. ނަމަވެސް އެހާ ހިސާބަށް ޔަސްމާ އަށް އާދެވުނީ ބުރަ މަސައްކަތުންނެވެ. ހިތްމަރުވާ ކަހަލަ ކޮމެންޓުތައް ވެސް ލިބުނެވެ.

މިއަދު ޔަސްމާގެ ވާހަކަތައް އޭނާ ދޫކޮށްލަނީ ފަހުރުވެރިކަމާއި ޔަގީންކަމާ އެކުގަ އެވެ. ޔަސްމާގެ ވާހަކަ ވެސް ލިޔަން މިޖެހެނީ އެހެންވެ އެވެ.

1. ވާހަކަ ލިޔުންތެރިއަކަށް ވާން ޔަސްމާ ނިންމި ހިސާބަކީ ކޮބައި؟

"ސުކޫލްގަ އުޅުނީއްސުރެ ފޮތްތަކުގައި ލިޔެފަ ބަހައްޓަމުން އައީ. ދެން 2011 ހިސާބުގައި އޮންލައިންކޮށް އަޕްކުރެވޭ ސައިޓެއް ފެނިގެން އެހިސާބުން ނިންމީ."

2. ވާހަކައިގެ މައިގަނޑު އައިޑިއާ ނަގަނީ ކިހިނެއް؟

"ކުރީގަ އަސްލު ނުއެއްނަގަން. ހިތަށް އަންނަ ކޮންސެޕްޓްތަކަށް ލިޔަނީ. އިވޭ ލަވައަކުން ނޫނީ ބަލާ ފިލްމަކުން ދެކެވޭ ވާހަކައިގެ ތެރެއިން ވެސް ކޮންސެޕްޓެއް އަތުވެދާނެ. މިހާރު އެކަމަކު ބަލަން މުޖުތަމައުގަ ހުންނަ މައްސަލަތައް ވެސް ހިމަނައިގެން ކުރިއަށް ގެންދަން."

3. ކީއްވެތަ ގިނަ ވާހަކަތަކުގައި މާ މުއްސަނދި އަދި ހުސް ރީތި މީހުން އުޅެނީ؟

"އަސްލު ވާހަކަ ކިއުމަކީ މުނިފޫހިފިލުވައި ހިތްއުފާކޮށްލުމަށް މީހުން ކުރާ ކަމެއް. މީހުން ގަޔާވަނީ އެކަހަލަ މުއްސަދި ރީތި މީހުންގެ ވާހަކަތައް ކިޔަން. ވާހަކައެއްގައި ވިއްޔާ ދެން އުޅޭނީ ހަމަ ރީތި މީހެއް"

ޔަސްމާ: ކުޑައިރު ބޭރަށް ނުފޮނުވީމާ އޭނާ ގޮސްވަނީ މަންމަގެ ފޮތް ކަލެކްޝަނަށް

4. އެންމެ ގިނައިން ޔަސްމާގެ ވާހަކަތަކަށް ލިބޭ ކޮމެންޓަކީ ކޮބާ؟ އަދި ނެގެޓިވް ކޮމެންޓު ލިބުނީމަ އެއަށް ރިއެކްޓްކުރަނީ ކިހިނެއް؟

"ދިމާވެގެން ނޫނީ ކޮމެންޓްކޮށްލާފަ ވެސް އެންމެ ގިނައިން ހަމަ ބުނަނީ ވާހަކަ ރީއްޗޭ. ދެން ކަމުނުދާ ކަންތައްތަކެއް ފާހަގަކޮށްފަ ނެގެޓިވް ކޮމެންޓެއް އަތުވެއްޖެއްޔާ އެކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރަނީ. ހަމައެކަނި ހަޑިއޭ އެގޮތަށް އިނިއްޔާ އަޅާނުލާ ދޫކޮށްލަނީ. އެއްވެސް ވާހަކައެއް އެންމެނަކަށް ރީއްޗެއް ނުވާނެ."

5. ދިވެހި ވާހަކަ ލިޔުންތެރިން ވަރަށް މަދު. އެއީ ކީއްވެތަ؟

"އަސްލު މީ ވަރަށްބޮޑު ޒިންމާއެއް. ކިއުންތެރިންގެ އިތުބާރު ގެއްލުވާނުލައި ޝެޑިއުލްކޮށްފަ އިންނަ ގޮތަށް ވާހަކަ ގެނެސްދެވޭނީ ވަރަށް ކޮމިޓެޑް ވެގެން. އޮފީސްތަކަށް ދާހެން ގަޑިއެއް ކަނޑައެޅިފަ އޮންނަކަމެއް ނޫން ވީމަ ހުސްވަގުތު ހޯދައިގެން މިޖެހެނީ ލިޔަން. ލިޔެ ލިޔެފަ ވެސް ވަކި ހިސާބަކުން ބައެއް ކުދިން ގެއްލެނީ އެހެންވެ ކަންނޭނގެ."

6. ވާހަކަ ލިޔަން ބޭނުންވާ ކުދިންނަށް ނިކަން ކުރުކޮށް ފަސް ވަރަކަށް ޓިޕްސް ކިޔާލަދީބަލަ!

"ފެށުމުގެ ކުރިން ފުރަތަމަ މައިގަނޑު ޕްލޭންކޮށްފައި ފެށުން. ކިޔައިދިނުމުގެ ބަދަލުގައި މަންޒަރު ލޮލަށް ދައްކަން މަސައްކަތް ކުރުން. ޑައިލޮގް މަދުކުރުން. އިހްސާސްތައް ބުނެދިނުމުން އަސަރުގަދަވާނެ. ޝައުގުވެރިވާ ކަހަލަ ސިއްރެއް ވާހަކައިގެ ތެރޭގައި ހިފެހެއްޓުން."

7. ވާހަކައެއްގެ ކޮންސެޕްޓް ނަގައި ކެރެކްޓާތައް ބިލްޑުކޮށް ވާހަކަ ވާހަކައެއްގެ ގޮތުގައި ފެނުމާ ހަމައަށް ޕްރޮސެސް އިންނަ ގޮތް ކިޔައިދީބަލަ!

"ކޮންސެޕްޓެއްގެ އައިޑިއާއެއް ހިތަށް އަންނައިރަށް އަވަހަށް ނޯޓުކޮށްލަނީ. ދެން ހަމަ އެގަޑީގައި ވެސް ދެން ވާނެ ގޮތްތައް ސިފަވެގެން އަތުވެދާނެ. އޭރު ކެރެކްޓާތައް ވެސް ހުންނާނީ ހިތުގައި ކުރަހާލެވިފައި. ނޯޓުކުރާ ހިސާބުން ހުސްވަގުތެއް ލިބުނަސް އަބަދު އެ ސްޓޯރީއާދޭތެރޭ ހިޔާލު ކުރެވޭ. ހިޔާލުކުރެވުނު ވަރަކަށް ސްޓޯރީ މައިންޑްގަ ބިލްޑްވަމުން އާދޭ. ދެން ހަމަ ހަނދާންނެތިގެން ދިޔަނުދީ ނޯޓްކުރަނީ. ނަންތައް ހަމަޖައްސާފައި އިތުރަށް ބޭނުންވާ މައުލޫމާތު ނަގާފައި ލިޔަން ފަށާއިރު ނިމޭގޮތްވެސް އިންނާނީ ކަނޑައެޅިފައި. އެކަމަކު އެހިސާބަށް ދާން ސްޓޯރީ ގަތައިލަން އުފައްދާ ގިނަ ހާދިސާތައް ކުރެހެމުން އަންނާނީ ލިޔަމުންދިޔަ ވަރަކަށް."

8. ފޮތް ހިފައިގެން ދިވެހި ވާހަކަ ކިޔާ މީހުން ވަރަށް މަދު. މީހުން ލަދުގަންނަނީތަ ދިވެހި ވާހަކަ ފާޅުގަ ކިޔަން؟

"ފިރިހެނުން ދިވެހި ވާހަކަ ނުކިޔަނީ ޔަގީނުން ވެސް ލަދުން. އެމީހުންގެ ނަޒަރުގައި އެއީ އެއީ އަންހެނުން ކުރާކަމެއް. ކިޔާތަން ފެނުނަސް ފެންނަހާ ބަޔަކު ދިމާކުރާނެ. އަންހެނުން ފެނޭ ކޮންމެވެސް ވަރަކަށް ކިޔާތީ."

މުރާސިލްގއި ވާހަކަ ލިޔަން ފެށިފަހުން މޮޅު ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ކިޔުންތެރިން އޭނާ ބަލައިގަތް. --

9. މިހާތަނަށް ލިޔުނު ހުރިހާ ވާހަކައެއްގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލުވި އަދި ކަމުދިޔަ ވާހަކައަކީ ކޮބާ؟ އަދި އެއީ ކީއްވެހެން ހީވަނީ؟

"'ތީފުރާނައިގެ ދިރުމޭ' އެއީ އެންމެ މަގުބޫލުވި އެއް ވާހަކަ. އެއީ ކެންސަރު ބަލިމީހެއްގެ ވާހަކައަކަށް ވެފަ ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ލިއުނު ވާހަކައެއްވީމަހެން ހީވަނީ."

10. ޔަސްމާ އަށް ކަމުދާ އެހެން ވާހަކަ ލިޔުންތެރިންނާއި ސްޓައިލްތަކަކީ ކޮބާ؟

"['ދޯ' ގެ] ނަދީމްގެ ދިވެހިވަންތަ ސްޓައިލް އަދި އައިޝާ ނަސީމްގެ އިންނާނެ ވަރަށް ތަފާތު ސްޓައިލްއެއް. ކޮންމެވެސް މެޑިކަލް ކަންޑިޝަންއެއް ހިމަނާފައި އަދި ހުރިހާ ވާހަކައެއްހެން މައުލޫމާތުން މުއްސަދިވެފައި. ކޮލީން ހޫވަގެ ވާހަކަތައް ހުންނާނީ އަސަރުން ފުރިފައި އަދި މުޖުތަމައުގެ ކޮންމެވެސް ބޮޑު މައްސަލައެއް ހިމަނާފައި."

11. ޔަސްމާގެ ވާހަކަތަކުން ޕަބްލިކަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

"އެކި ވާހަކަތަކުން އެކި ކަހަލަ މެސެޖް ހުންނާނީ. މައިގަނޑުގޮތެއްގަ ދެން ދޭން ބޭނުންވާ މެސެޖަކީ ކިތަންމެ މޮޅުވެފަ ރީތިވިއަސް ނޫނީ މުއްސަދިވިއަސް ލޯއްބާއި އަޅާލުމާއި ރެސްޕެކްޓް ދީގެންނޭ އެމީހަކަށް ވެސް ހަމަ އެ ލޯބި އަނބުރާ ލިބޭނީ."

ލިޔުންތެރިން

Popular