By: Shamila Ibrahim
މިއީ ދިވެހި ޓީވީތަކަށް އާންމު މޫނެކެވެ. ޝޯތައް ހޯސްޓްކުރުން ފަދަ ކަންކަމުން ޓީވީން ފެނުމުގެ ކުރިން ވެސް އޭނާއާ ކެމެރާއާ އޮތީ ގުޅިފަ އެވެ. އަހުމަދު އިފްނާޒް ފިރާގުގެ ވާހަކަ މިފަހަރު މި ދައްކަނީ އަނެއްކާވެސް ޓީވީ އާއި ކެމެރާއާ ގުޅޭ ގޮތުންނެވެ. ކެމެރާއާ އެކު ފެށި ދަތުރުގައި ދެން އޭނާ ފެންނާނީ އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރާ، އިލްޔާސް ވަހީދުގެ "ބަވަތި"ގެ ލީޑް ރޯލުންނެވެ.
އުމުރުން 34 އަހަރުގެ މި ޒުވާނާއަށް ފިލްމަކުން ފުރުސަތު ލިބޭ ހިސާބަށް ދިޔައީ ހަޔާތުގައި ދިމާވި އެތައް ކަމެއްގެ ތަޖުރިބާ އިން ފިލާވަޅު ލިބި، ގުރުބާނީތަކެއް ވެގެންނެވެ.
އެންމެ ފުރަތަމަ ސްކޫލް ނިމިގެން އުޅުނީ ޕޮލިހުގެ ފޮރެންސިކް ބައިގެ ކްރައިމް ސީން ފޮޓޯގަރްފަރަކަށެވެ. އެތަނުގައި ފަސް އަހަރު އުޅެފައި 2010 އެ ވަޒީފާ ދޫކޮށްލައި ރައްޓެއްސަކާ ގުޅިގެން ހުޅުމާލޭގައި އަމިއްލަ ސްޓޫޑިއޯއެއް ހުޅުވީއެވެ. ފޮޓޯގްރަފީގެ ތެރެއަށް ބޮޑަށް ވަދެގެން އާމްދަނީ ހޯދަން އޭރު ބޭނުންވީ އެގޮތަށެވެ.
އެކަމަކު އެދުވަސްވަރު ދިރިއުޅުމުގައި ދިމާވި ކަންކަމާ ހެދި އެ ހިސާބުން ސްޓޫޑިއޯ ބަންދުކުރަން ޖެހުނެވެ.
ފިލްމަކުން ފުރުސަތު ލިބިގެން ފިލްމީ ދާއިރާއަށް ނިކުމެވޭތީ އިފްނާޒް ހުރީ ވަރަށް އުފަލުން
އިފްނާޒް ޕޮލިހުގައި އުޅުނު އިރު ވެސް ޑްރާމާ އާއި ފިލްމަކަށް އެކްޓުކުރަން އޮތް ޝައުގު އައީ އިތުރުވަމުންނެވެ. އަމުދުން ފޮޓޯގްރަފީގެ ތެރޭގައި އުޅެވުމާއެކު އެ ދާއިރާއަށް ދިޔައީ ލޯ ހުޅުވެމުންނެވެ. އެހެންވެ ސްޓޫޑިއޯގައި މަސައްކަތް ކުރި އިރު ކުދިކުދި އިސްތިހާރުތައް ވެސް ކުޅުނެވެ.
ޕްރޮޑަކްޝަނާއި ޕްރެޒެންޓިންގެ ތެރޭގައި ގިނަ އަހަރުތަކެއް
އޭގެ އަހަރެއް ފަހުން އޭރުގެ ޓީވީ ޗެނަލް ދި ޓީވީގެ ޕްރޮޑަކްޝަނުން ފުރުސަތު ލިބި އެތަނުގައި އަނެއްކާ އާ ކެރިއަރެއް ބިނާ ކުރަން ފެށީއެވެ. މުޅިން ތަފާތު ދާއިރާއެއް ނޫނަސް އެހާ ހިސާބުން ކުރެވެން ފެށީ ތަފާތު ތަޖުރިބާއެކެވެ. އެހެން އުޅެނިކޮށް ޕްރެޒެންޓިން އަށް ވެސް ޝައުގުވެރިކަން ބޮޑުވެ އެ ފުރުސަތު ވެސް ހޯދި އެވެ.
އެންމެ ފުރަތަމަ ޝޯއެއް ރިކޯޑް ކުރަން އުޅުނު ދުވަހުގެ ވާހަކަ އިފްނާޒް ކިޔައިދިނީ ހެމުންނެވެ.
"އެ ޝޯ ގަ އަސްލު ބުނަންޏާ ފަސް ވަރަކަށް މިނެޓް އިންނަނީ އޮން އެއާ ޓައިމަކަށް. އެކަމަކު އެ ދުވަހު ހަވީރު ރެކޯޑިން އަށް ވަން މީހާ ނިމުނީ ދަންވަރު. އެ ހަމަ ފުރަތަމަ ފަހަރަށް ކެމެރާ ކުރިމައްޗަށް އެރީމަ ވީ ގޮތް. ފާޑެއްގެ ނާވަސްނެސްއެއް ދޯ ދެން އެއީ އެފަހަރު،" އެހެން ބުނެފައި ޖަހާލި ހިނިގަނޑުން، މިހާރު އޮތް ޔަގީންކަން ހާމަކޮށްލި އެވެ.
އިފްނާޒް ވަނީ އެތައް އަހަރެއް ވަންދެން ޕްރޮޑަކްޝަން އަދި ޕްރެޒެންޓިންގެ ދާއިރާގައި މަސައްކަތްކޮށްފައި
އެ ތަޖުރިބާއަށް ފަހު ލައިވް އެތައް ޝޯއެއް ހުށަހަޅައިފިއެވެ. ދި ޓީވީ އުވުމުން ވީޓީވީއާ ގުޅިގެން ވެސް ޕްރޮޑަކްޝަން އަދި ޕްރެޒެންޓިންގެ ބައި ކުރިއަށް ގެންދިޔައެވެ. އެކަމުގައިވެސް ދުވަސްގަނޑަކު އުޅުމަށްފަހު ދެން ދިޔައީ ޗޮޕްއާޓުން ފުރުސަތު ލިބިގެން އެތަނުގެ ޕްރޮޑަކްޝަން ބަޔަށެވެ.
ފިލްމު ކުޅެން ހުރި ޝައުގުވެރިކަމާ އެކު އިފްނާޒް ބުނީ އެތައް ޑައިރެކްޓަރުންނެއް ގާތު ފުރުސަތަކަށް އެދުނު ކަމަށެވެ. އެކަމަކު އެކްޓް ކުރުމުގެ ފުރުސަތު ލިބޭ ގޮތެއް ނުވި އެވެ. އިފްނާޒް ބުނާ ގޮތުގައި އޭނާއަށް ލަފާ ކުރެވެނީ އެއީ ފަލަކޮށް ހުރުމުން، ސިފައަށް ޖަޖްކުރާތީ ދިމާވި ކަމެކެވެ.
އިފްނާޒް މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ފްރީލާންސްކޮށް ފިޓްނެސް އިންސްޓްރަކްޓަރެއްގެ ގޮތުގައި
އެކަމަކު ސިފަ އަށް ބެލުމެއްނެތި އޭނާ ދިޔައީ ކުރިއަށެވެ.
ތިން މަސް ދުވަހުން 11 ކިލޯ ލުއިކޮށްލި
ހަށިގަނޑުގެ ބައްޓަމަށް ބަދަލު ގެންނަން ބޭނުންވެ އެކަމަށް ފެށި މަސައްކަތުގައި ވެސް އޭނާ ކާމިޔާބު ހޯދި އެވެ.
އަބަދުވެސް ފަލަކޮށް ހުންނަ ހުރުމާ މެދު ވިސްނި، ކެއުން މަދުކޮށްލާފައި ކަސްރަތު ކުރުން ގިނަކޮށްގެން ކުރި ބުރަ މަސައްކަތުން ތިން މަސް ތެރޭ 11 ކިލޯ ހިއްކާލިއެވެ.
ބަވަތި ފިލްމަށް އިފްނާޒް ވަނީ 16 ކިލޯ ހިއްކާލައިފައި
އޭގެފަހުން ފެށި އާ ހަޔާތާއެކު ކެރިއަރަށް ވެސް ކުޑަވަރެއްގެ ބަދަލެއް ގެނައެވެ. ހިކެން ކުރި މަސައްކަތުން ފިޓްނެސްގެ ތެރެއަށް ވަދެވިގެން އެކަމަށް ހިތްޖެހުނީއެވެ. އެހެންވެ ފިޓްނެސް އިންސްޓްރަކްޓަރަކަށް ވާން މަސައްކަތް ފަށައި، އެ ދާއިރާ އިން ކުރިއަށް ދާން ނިންމީއެވެ.
"ބަވަތި"ގެ ސްކްރީން ޕްލޭ ލިޔުނުއިރު ވެސް ލީޑް ކެރެކްޓާ ބިލްޑްކޮށްފައި އޮތީ އިފްނާޒަށް ހާއްސަ ކޮށެވެ. އާންމު ދިރިއުޅުމެކޭ އެއްގޮތަށް ފިލްމުގައި ވެސް އިފްނާޒްގެ ފެންނާނީ ފިޓްނެސް އިންސްޓްރަކްޓަރެއްގެ ރޯލުންނެވެ.
ބަވަތި ފިލްމަށް 16 ކިލޯ ހިއްކާލި
ބަވަތި ފިލްމަށް ތައްޔާރުވުމަށް، 96 ކިލޯގައި ހުރި އިފްނާޒްގެ ހަށިގަނޑު 80 ކިލޯއަށް ތިރިކޮށްލީ ފިލްމުގެ ލީޑިން ކެރެކްޓާގެ ސިފަ ދައްކުވައިދޭށެވެ. ފިލްމަކަށް އެކްޓް ކޮށްލުމަށް ފުރުސަތަކަށް އެދިއެދި ހަޔާތުގެ ބޮޑުބައި ހޭދަ ކުރެވުނު ފަހުން، މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން އޭނާ ބޭނުންވީ އެވެ. އެހެންވެ ފިލްމަށްޓަކައި 16 ކިލޯ ހިއްކާލުން އެހާ އުނދަގޫ ކަމަކަށް ނުވި އެވެ.
އިފްނާޒްގެ އުންމީދަކީ ފިލްމީ ދާއިރާ އިން ކުރިއަރައި ގޮސް ގިނަ ފިލްމުތަކުން ފުރުސަތު ލިބުމެވެ. ބުރަ މަސައްކަތާއި ގޮންޖެހުމާއެކު އޭނާގެ ހަގީގީ ކެރިއަރަށް މިއޮތީ ވާސިލްވެވިފައެވެ. ދެން އޮތީ ކާމިޔާބީ އަށް މަސައްކަތް ކުރުމުގެ ދިގު ދަތުރެވެ.