By: Ahmed Nadym
މުނިފޫހިފިލުވުމުގެ ދާއިރާގެ ސުޕަސްޓާރުން ދިވެހި ފިލްމީ ދާއިރާ އަދި މިޔުޒިކްގެ ދުނިޔެ އިން ފެނުނު ދުވަސްވަރެއް ހަމަ އަސްލަށް ވެސް އަ އެވެ. އެއީ ދިވެހި ފިލްމީ ދާއިރާގެ ރަން ޒަމާނެވެ. އެއީ ހެދުން ފަހައިގެން ނަލަ ހެދިލައިގެން ކުދިންކޮޅު އުރުގައި ޖަހާލައިގެން މީހުންތައް ފިލްމު ބަލަން ދިޔަ ޒަމާނެވެ. ނުކުތް ހުރިހާ އަލްބަމެއް ގަނެ، އެއްކޮށްގެން ލަވަޖަހާ ސެޓްގެ ވޮލިއުމް އެންމެ ބާރުކޮށްލައިގެން އުޅުނު ޒަމާނެވެ.
އޭރުގެ ދިވެހިން ފިލްމީ ދާއިރާ އާއި މިޔުޒިކްގެ އަގު ވަޒަންކޮށް ހެޔޮހިތުން ބަލައިގަތެވެ. އޭރުގެ ފަންނުވެރިން ސުޕަސްޓާރުންނަށް ބަދަލުވީ އެ ސަބަބާ ހެދި އެވެ. އަދި އޭރު އެ ފަންނާނުންގެ މެދުގައި އޮތް އުސޫލަކާއި ގަބޫލުކުރުންތަކެއްގެ ސަބަބުން ވެސްމެ އެވެ.
މި ސުޕަސްޓާރުންގެ ވަށްބުރު އެނބުރެމުން އައިސް ހުސްވީ 90ގެ ފަހުކޮޅު އެވެ. އެއަށް ފަހު ލަވަ އާއި ފިލްމުތަކުން ފެންނަން ފެށި މީހުންނަށް ދިވެހިން ކުރަން ފެށީ މަލާމާތެވެ. ލަވަކިޔަން ސްޓޭޖަށް އަރާ މީހާ އަށް ތައުރީފުކުރުމުގެ ބަދަލުގައި ގޮވަން ފެށީ "ފައިބާ" ށެވެ.
ނަމަވެސް ރަން ޒަމާނުގެ ވާހަކަ ތަފާތެވެ. އޭރުގެ ފަންނުވެރިންނަކީ މަސައްކަތުގެ އަހުލާގާ އެކު ވަކި އުސޫލުތަކެއްގެ މަތިން ބޮންތި އަށް އެރި މީހުންނެވެ. ސުޕަސްޓާރުންގެ ދަރަޖައިގައި އޭގެ ތެރެއިން ގިނަ މީހުން އޭރު އުޅުނެވެ. އެ ސްޓާރުން ހެދުން އެޅި ގޮތާއި ލަވަކީ ގޮތް ކޮޕީކޮށްގެން އުޅުނު އާންމުން ވެސް އޭރު އުޅުނެވެ.
އޭގެ ތެރެއިން މިފަހަރުގެ ހޮވުމަކީ، އިހަށް ދުވަހު، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރި މުހައްމަދު ރަޝީދެވެ. މަޝްހޫރު ނަމުން ނަމަ، ދަރާ ރަޝީދެވެ.
ދަރާ ރަޝީދުގެ "ސެޝަން" -- ވީޑިއޯ ޝޫޓްކޮށް އެޑިޓްކުރީ: އަފްޝީން ނަސީރު
މިއީ ދިވެހިން ދިވެހި ފިލްމު ބަލަން ޝައުގުވެރިވުމުގެ އަސްލާ ގުޅިފައިވާ އެކްޓަރެކެވެ. އޭނާ ލީޑް ރޯލު ކުޅެގެން 1982 ވަނަ އަހަރު ނެރުނު ފިލްމު "އޯކިޑް އޭނާގެ މާ" އަކީ ދިވެހި ފިލްމީ ޖައްވުގެ ވައި ބަދަލުކޮށްލި އުފެއްދުމެކެވެ. އޭގައި ހިމެނުނު ލަވަތައް ކަމަށްވާ "އަންގައިދޭށޭ އަދުވީ ރުހިގެންނޭ" ފަދަ ލަވަތަކަކީ އަދިވެސް ފަނޑުކަމެއް ނާންނަ ލަވަތަކެވެ.
ހުރިހާ ވެސް ޝުކުރެއް، އޭރުގެ ފަންނާނުންގެ މަސައްކަތުގެ އަހުލާގަށެވެ.
އެއީ ހިސާބުގަނޑުގެ މީހުންނާއި ރައްޓެހިން ގެއަށް އެއްވެ ޓޭބަލް ޓެނިހާއި ކެރަމް ކުޅެ އުޅުނު ޒަމާނެވެ. މަދުރަސަތުލް އަމަލްގެ ނަމުގައި ޒުވާން ސޯދުބެ އާއި ކަށިމާ ޝާކިރު ފަދަ ބޭފުޅުން އުރުދޫ ބަހުގެ ކްލާސްތައް ހިންގެވި ދުވަސްވަރެވެ. ކަޅާއި ހިދުގެ ޓީވީން ހިންދީ ފިލްމު ބެލި ޒަމާނެވެ. ކިޔެވުމަށް މާ ބޮޑު ޝައުގެއް ނެތި މަޖަލުގައި އުޅުނު ޒަމާނެވެ.
އޭރު ދަރާ ރަޝީދަށް 12-13 އަހަރެވެ. އެކުވެރިން ނުވަތަ އެންމެ ގާތްކޮށް އުޅުނު މީހުންގެ ގޮތުގައި ތިއްބެވީ ސޯދުބެ އާއި ކަށިމާ ފަދަ ބޭފުޅުންނެވެ. ދަރާ ރަޝީދު ބޮޑުވީ އެބޭފުޅުންގެ ތެރެއަށެވެ. އޭރު އެ ހިސާބުގަނޑުގެ ހުރިހާ ކަމެއް އޮންނާނީ ރަޝީދުމެންގޭގަ އެވެ. ލަވަކިޔުމާއި ކުޅިވަރު ކުޅުމާއި ކްލާސް ހިންގުން ވެސް އޮންނަނީ އެގޭގަ އެވެ. މީގެ އިތުރުން އެންމެ މީރު ހެދިކާ ވެސް ވިއްކަނީ އެ ގެއިންނެވެ. ދަރާގޭ ކުދިގުޅަ ނުކާ މީހަކު އޭރަކު ނޫޅޭނެ އެވެ.
ކޮންމެއަކަސް މި ސަކަރާތާއި ވައްޓަފާޅީގެ ތެރެއިން ދެމިގެން ގޮސް ރަޝީދު، މަޖީދިއްޔާ ސްކޫލުން ނިމިއްޖެ އެވެ. އޭރު އުޅެނީ އަލަށް ހިދުމަތް ފަށައިގެން އުޅޭ ޓީވީއެމްގެ މަސައްކަތަށް ކެމެރާތަކެއް ގެނެސްގެންނެވެ. އޭގެ ކެމެރާއެއް ރަޝީދަށް ފެނުނު ހިސާބަކީ އޭނާގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ދުވަހެވެ.
އެ ހިސާބުން ފެށިގެން، ކެމެރާމަނެއްގެ މަސައްކަތް ނޫން އެހެން މަސައްކަތެއް އޭނާ ބޭނުމެއް ނުވި އެވެ. ފަހުން އެކްޓަރެއްގެ ގޮތުގައި ފިލްމީ ދާއިރާގެ ބޮންތި އަށް އެރިޔަސް ދަރާ ރަޝީދަކީ އަސްލު ކެމެރާމަނެކެވެ. މިކަމަށް ޝައުގުވެރިވުމުގެ ކުރިން އޭނާ އަކީ، ފަހުން މަޝްހޫރުވި ލަވަކިޔުންތެރިޔާ އުމަރު ޒާހިރާއި ލެޖެންޑަރީ ގިޓަރިސްޓް ހަސަން ރައޫފާ އެކު ގޭދޮށުގައި ބޭންޑެއް ވެސް ހިންގި މީހެކެވެ. އޭރު ޝޯ ބާއްވާނީ ހިސާބުގަނޑުގެ ކުދިންނަށް ޓިކެޓް ވިއްކާލައިގެން އަމިއްލަ ގޭގަ އެވެ.
ކެމެރާމަނަކަށް ވުމަށް އެދި އޭނާ ދިޔައީ ސީދާ ޓީވީއެމަށެވެ. މަޖީދިއްޔާ އިން ކިޔެވުން ނިންމާލި ގޮތަށް ވަޒީފާ އަށް އެދި ސިޓީއެއް ލީ އެވެ. އޭރު އަދި 18 އަހަރު ވެސް ނުފުރެ އެވެ. އަނެއްކޮޅުން އޭނާ އަށް ޓީވީން ވަޒީފާއެއް ވެސް ނުލިބުނެވެ.
"ޖޮބެއް ނެތް އެ ވަގުތު ޓީވީގައި. ދެން ނިންމީ ޓީވީ ނޫން އެހެން ވަޒީފާއަކަށް ނުދާން. އެއީ ކެމެރާމަނަކަށް ވާން ބޭނުންވެފައި ހުރިވަރު ބޮޑުކަމުން. އެގޮތަށް ވަޒީފާއަކަށް ނުގޮސް އުޅޭތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން ޓީވީން ވަޒީފާއެއް ލިބުނީ. އެއީ ކެމެރާމަނަކަށް،" ދަރާ ރަޝީދު ބުންޏެވެ.
އޭގެ އެއް އަހަރު ފަހުން ދެން އޭނާ އެރީ ކެމެރާގެ ކުރި މައްޗަށެވެ. މިއީ ފިލްމު ސްޓާރަކަށްވެ، ސުޕަސްޓާރަކަށް އޭނާ ބަދަލުކޮށްލި މަރުހަލާގެ ފެށުމެވެ. ނަމަވެސް އެކްޓަރެއްގެ ގޮތުގައި ކެމެރާއެއްގެ ކުރިމައްޗަށް އެރުމަކީ އޭނާ އެއްގޮތަށް ވެސް ވިސްނައިގެން ހުރި ކަމެއް ނޫނެވެ.
"އެއީ އަހަރީ ދުވަހަށް، މުވައްޒަފުން ބައިވެރިކޮށްގެން ހެދި ފިލްމެއް. އެ ފިލްމުގެ ލީޑް ރޯލު ކުޅެން ލިބުނީ އެންމެ ފުރަތަމަ އެ ރޯލަށް ނެގި މީހާ އެންމެ ފަހު ވަގުތު އެކަން ނުކުރުމުން. ދެން ވަރަށް އާ ކަމަކަށްވީ. ވަރަށް ބޮޑަށް ނާވަސްވެފައި ހުރީ އެ ދުވަހު،" އެކްޓްކުރުމުގެ ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން ދަރާ ބުންޏެވެ.
"އެ ފިލްމު ކުޅުނީ ސްޓާފުންގެ އެއްޗަކަށްވީމަ. އޭރު ދިވެހި ފިލްމު ވަރަށް މަދުވާނެ. މީހުން އެކަމަށް ވަރަށް އާވާނެ."
ދެން ކޮންމެއަކަސް އޮފީހުގެ ކަމެއްގެ ގޮތުގައި ދަރާ ރަޝީދު މި ފިލްމެއް ކުޅެފި އެވެ. ލީޑް ރޯލެވެ. އެ ފިލްމުގެ ނަމަކީ "ނަތީޖާ" އެވެ. މި ފިލްމު ކުޅުމަށް ފަހު، ދަރާ ރަޝީދު ވީއެންމެ އަވަހަކަށް ޗުއްޓީއެއް ނަގައިގެން މާލެ ދޫކޮށް ޓީވީއެމްގެ ޓްރާންސްމިޝަން ވެސް ނުލިބޭ ފ. އަތޮޅު ފީއައްޔަށް ދިޔައީ އެ ފިލްމުން ނުކުންނާނެ ނަތީޖާއެއް ނޭނގި އެކަމަށް ބިރުންނެވެ. އަދި ލަދުންނެވެ.
"އަހަރެން ހުރީ ލަދުވެސްގަނެފައި މި ފިލްމަކާ ޖެހިގެން ގޮސް. އެހެންވީމަ ފިލްމު ނުދައްކަނީސް މާލޭން ފުރައިގެން ދިޔައީ. ނޭނގޭ ކޮން ކަހަލަ ރިއެކްޝަނެއް ކަމެއް އަންނާނީކީ. އެހެންވީމަ ބޭނުންވީ ދުރަށް ޖެހިލަން،" ދަރާ ރަޝީދު ކިޔައިދިނެވެ.
ޗުއްޓީ ނިންމާލާފައި މާލެ އެނބުރި އައިއިރު ފިލްމު ވެސް ދައްކައި ނިމިއްޖެ އެވެ. ނަމަވެސް އެ ފިލްމުގެ ވާހަކަ ދައްކައެއް ނުނިމެ އެވެ. ބާޒާރުމަތީގައި އޭރު ހުންނަ ދަރު މާރުކޭޓާ ދިމާލަށް ގާތްކޮށްލި ދޯނިން ފުންމާލައިގެން، ކޮނޑު މައްޗަށް ދަބަސްގަނޑު އެއްލައިގެން ރަށު ތެރެއަށް އެރި އިރު ރަށު ތެރޭގައި އޮތީ އޭނާ ކުޅުނު ފިލްމުގެ ވާހަކަ އެވެ.
މަގުމަތިން އާންމުންގެ ސަމާލުކަން އޭނާ އަށް ލިބެން ފެށި އެވެ. މީހުން އޭނާއާ ދިމާލަށް ބަލަން ފެށި އެވެ. އޭނާ އަށް ގޮވަން ވެސް ފެށީ އެވެ. އޭނާ އަކީ ފިލްމުގެ ލީޑް އެކްޓަރުކަން ރަށުގެ އެންމެނަށް އެނގި، ހަތަރުދަމުން މަޝްހޫރުވެ ތަރިއަކަށް ބަދަލުވީ އެވެ.
ދަރާ ރަޝީދު ބުނީ އެ ފިލްމު ކުޅެގެން ތަރުހީބު ލިބި މީހުން ދަންނަ މީހަކަށްވިއިރު މަގުމަތިން އޭނާއާ ދިމާކުރި މީހުން ވެސް ތިބި ކަމަށެވެ.
"ބައެއް މީހުން ދިމާ ވެސް ކުރި މަގުމަތިން ފެނިފަ. މީހުން ދިމާކުރުމަކީ ވެސް ފިލްމު ކުޅެން އިތުރަށް ޝައުގުވެރިވި ކަމެއް. ބޭނުންވީ އެކަން ކުރެވޭނެކަން ޕްރޫވްކޮށްދޭން،" މިއީ ދަރާ ރަޝީދުގެ ފެށުމެވެ.
ދެން ވެސް އޭނާ ކުޅުނީ ޓީވީއެމުން އުފެއްދި ފިލްމެކެވެ. އެއީ "ސަޒާ" އެވެ. އޭރު އެކްޓްކުރުން އޮންނަނީ މުޅިން ވެސް ހިލޭސާބަހަށެވެ. ފިލްމަށް ބޭނުންވާ ކޮސްޓިއުމް ވެސް ހޯދާނީ އަމިއްލަ އަށެވެ. އެކަމުގައި އުޅުނީ ވަރަށް ވެސް ގަޔާވެގެންނެވެ.
އެކްޓްކޮށްގެން އޭނާ އަށް އެންމެ ފުރަތަމަ އަގެއް ލިބުނީ އޭގެ އަށް އަހަރު ފަހުންނެވެ. އެއީ އޭރުގެ ނެޝެނަލް ސިނަމާގައި ޕްރިމިއާކުރި އޭނާގެ މަޝްހޫރު ފިލްމު "ލޭ ކަރުނަ" އިންނެވެ. ލިބުނީ 3000ރ. އެވެ.
ދަރާ ރަޝީދު ވަނީ އޭނާގެ ރަން ދުވަސްވަރުގައި 20 ފިލްމެއްގައި ލީޑް ރޯލު ކުޅެފަ އެވެ. އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ "އުދާސް" (1993) އެވެ. އެއީ އޭނާގެ އެކްޓިންގެ ރަން ޒަމާނުގައި ބުރަކި ޖެހުނު ހިސާބެވެ.
ހަމުގެ ބައްޔެއް ކަމަށްވާ ސޮރައިސިސް ޖެހިގެން އޭނާ ފިލްމު ކުޅުމާ ދުރަށް ޖެހިލީ އެހިސާބުންނެވެ. ނަމަވެސް ފަރުވާ އަށް ފަހު އަލުން ފިލްމީ ދާއިރާ އަށް އެނބުރި އައިގޮތަށް އަދިވެސް ކުރިއަށް އެ ދަނީ ފަސްއެނބުރި ބެލުމެއް ނެތިއެވެ. ދަރާ ރަޝީދުގެ "ނަތީޖާ" ހުރިހާ ގޮތަކުން ވެސް ވަރަށް ފޮންޏެވެ!