12 Jan 2020

By: Aminath Ibrahim

މި އިއްވާލަނީ ސިމްބޮލިކްގެ އަޑެވެ. ކޮޕީ ރާގުގެ ލަވަތައް އެއްފަރާތްކޮށް އޮރިޖިނަލް ލަވަތަކުގެ އަޑު ދިވެހި މިއުޒިކީ ޖައްވުގައި ގުގުމާލަން އެންމެ ގަދަ އަށް މަސައްކަތްކުރި ދިވެހި އާޓިސްޓުންގެ ތެރެއިން އެއް ބަޔަކީ މި އެވެ. ދިވެހި ރެޕާއި ހިޕް ހޮޕް، ހުދު ކަފުނުގައި އޮޅެމުން ދަނިކޮށް، ޖަހާލި ހޮނު ގުގުރިއެއްހެން ބިންދާލި ނަމަވެސް ސިމްބޮލިކްގެ އަޑު އަދިވެސް ދިވެހި މިއުޒިކް ފޭނުންގެ ކަންފަތުގައި އަރާމު ރާގެއް ހެން ކުޅެނީ އެވެ.

މިހާރު އެ މީހުންގެ ލަވަތަކަށް ތަރުހީބު ބޮޑެވެ. އެންމެ އަޅައިގަންނަނީ، އެމީހުންގެ ޖެހިލުމެއް ނެތް ވާހަކަ ކިޔައިދިނުމުގެ ހުނަރާއި މޮޅު ޅެންވެރިކަމުގަ އެވެ. އެކަމަކު، މި ޖާދޫގައި ދިވެހިން ރަނގަޅަށް ޖައްސުވަން ސިމްބޮލިކަށް ނިސްބަތްވާ ޒުވާން، ހުނަރުވެރި އާޓިސްޓުން ގަދަ ކަނޑެއްގައި ކެނޑި ނޭޅި ހަތް އަހަރު ދުވަހު ލައިފް ޖެކެޓެއް ނެތި ފަތައިފި އެވެ.

މިއީ އެ ވާހަކަ އެވެ. އެކުވެރި ކަމުގެ ވަރުގަދަ ގުޅުމާއި ޒުވާން ޖޯޝާއި ނުގުޑާ ހިތްވަރާއި ކާމިޔާބީގެ ވާހަކަ އެވެ.

ސިމްބޮލިކް ކްރޫގެ ސެޝަން އިންޓަވިއު. --ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު

ސިމްބޮލިކް ރިކޯޑްސް އުފެދުނީ 2013 ވަނަ އަހަރު އެވެ. އެ މީހުންގެ ފުރަތަމަ ލަވަ "ހައްލެއް" ނެރުނީ ވެސް އެ އަހަރު އެވެ. އޭރު ދިވެހި ޖައްވު ކިލަނބުކުރަމުން ދިޔަ، ހަކުރާއި ވައްކަމާއި މާރާމާރީ އާއި ސިޔާސީ ކޮރަޕްޝަންގެ ވާހަކަ އާއި ބިރުވެރިކަން މިއުޒިކުގެ ނޯޓުތަކަށް ފައްތައިގެން ނެރުނު އެ ލަވަ ދިވެހިންނަށް ވީ ތަފާތު ލަވައަކަށެވެ.

"ސިމްބޮލިކް އުފެދިގެން އައީ ރައްޓެހިންތަކެއް އެކުވެގެން އޭޑީމެން މިގް33 ގައި އުފެއްދި ޑާކްނެސް ކިޔާ ގްރޫޕެއްގެ ތެރެއިން. އެ ގްރޫޕް ބަދަލުވެގެން އައީ ޒުވާނުންގެ ވަރަށް ބޮޑު އާއިލާ އަކަށް. ވަރަށް ބައިވަރު ޓެލެންޓް އޮންނާނެ ޑާކްނެސް ފެމެލީ ތެރޭގައި އަސްލު. ދެން އެ ކުދިންގެ ހުނަރު ކޮންމެވެސް ގޮތަކަށް ނެރެންވެގެން އައި ވިސްނުމެއްގެ ތެރެއިން ސިމްބޮލިކް އުފެދުނީ،" ކުންފުނީގެ އެމްޑީ އަހުމަދު މުހައްމަދު (އޭޑީ) ކިޔައިދިނެވެ.

ސިމްބޮލިކް ގެ އާޓިސްޓުން ޝޯވް އެއްގައި ލައިވް ޕާފޯމަންސެއް ދެނީ: ރާއްޖޭގެ އެންމެ ވަރުގަދަ މިއުޒިކް ފޭސްބޭސް އެއް އޮތީ ސިމްބޮލިކް ގައި.

ސިމްބޮލިކް ރިކޯޑްސް އަކީ ރެކޯޑް ލޭބަލެކެވެ. އާޓިސްޓުން މެނޭޖް ކުރުމުން ފެށިގެން ވީޑިއޯ ޕްރޮޑަކްޝަނާއި ފޮޓޯގްރަފީ އާއި ހަމަ އަށް އެ މީހުންގެ މަސައްކަތް ފުޅަލެވެ. އެއްވެސް ވަރެއްގެ ވަސީލަތެއް، ތަނަވަސްކަމެއް ނެތް ޒުވާން ކުދިން ކޮޅަކަށް މިކަހަލަ ފުޅާ މަސައްކަތްތަކެއް ކުރާ ބޮޑު ކުންފުންޏެއް، ރާއްޖޭގައި ނުވެސް ނެތް ކޮންސެޕްޓަކަށް އުފެއްދުން ވެސް ވީ ޖޮންޖެހުން ބޮޑު، ދަތި ކަމަކަށެވެ.

"ރެކޯޑް ލޭބަލެއް ގޮތަށް ކުންފުންޏެއް ހަދަން ބެލި އިރު، ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ތެރެއިން ލީގަލީ އެކަން ކުރެވޭނެ މަގެއް އަސްލު ނެތް ފެންނާކަށް. އެދެން، އަދިވެސް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އޮތް ގޮތް. ދެން ވަރަށް ގާތް، ރާއްޖޭގަ ވަރަށް ފާހަގަކޮށްލެވޭ ގާނޫނީ ވަކީލެއްގެ ވެސް ލަފައާ އެކު އެކަން ކާމިޔާބު ވީ،" އޭޑީ ބުންޏެވެ.

ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނަސް، ބޭނުންވި ފެންވަރާއި ގާތްކުރާ ވަރަށް ވެސް މަސައްކަތް ފަށައިގަންނާނެ މަގެއް އޭރަކު ނެތެވެ. އަމުދުން ވަސީލަތެއް ނެތެވެ. އެކަމަކު އޭރު ވެސް ސިމްބޮލިކްގެ އުނގު، އެކި ހުނަރުތަކުން ފުރިގެން ބަންޑުންވަނީ އެވެ. ލެޑޯ އާއި ޖަހުލު، އެޑިލް އާއި ބޭ އާއި ޕެސްޓު މެން ފަދަ އާޓިސްޓުންގެ ހުނަރު ދައްކާނުލައި އަތް އުރާލައިގެން ތިބެވޭ ވަރަށް މާ ފުރިހަމަ އެވެ.

ސިމްބޮލިކް ގެ ރެޕް ލަވަކިޔުންތެރިޔާ ޕެސްޓު: އެ ލޭބަލަށް 10 މިލިއަން ވުރެ ގިނަ ހިޓްސް މިހާރު ވަނީ ލިބިފައި.

"ބޭނުމެއް ނުވި ހުއްޓާލާކަށް. އެހެންވެ ލަވަ ރެކޯޑުކުރަން ވެގެން އަތުގައި ލާރި ނެތިގެން ގަތީ އާދައިގެ މައިކެއް. މައިކެއް ގަނެގެން ލެޕްޓޮޕް ހިފައިގެން ދަނީ، ލަވަ ރެކޯޑު ކުރަންވީމަ ކުލީ ކޮޓަރިއެއް ކުއްޔަށް ނަގައިގެން. އެގޮތަށް އެކި ތަންތަނުގައި ރެކޯޑުކުރީ. ފުރަތަމަ ނެރުނު ލަވަ ރެކޯޑު ކުރީ ވެސް އެ ހާލުގަ. އިޖުތިމާއީ ލަވައަކަށް ބަލާފައި އެ ލަވަ އަށް ވެސް ރަނގަޅު ރެސްޕޮންޑެއް ލިބުނީމަ ވަރަށް އުފާވި،"

ގިނަ ލަވަތައް އުފައްދައި ރިކޯޑު ކުރަން ފެށި ހިސާބުން ގިނަ ދަތިތައް ކުރިމަތިވެ ކަރު އެލޭ ހިސާބަށް ވެސް ދިޔަ ކަމަށް އޭޑީ ބުންޏެވެ. އެކަމަކު ސިމްބޮލިކްގެ ތެރޭގައި އޮތް ގަދަފަދަ ލޯތްބާއި ޒުވާން ޖޯޝު އެ ހުރިހާ ދައްޗެއް ބަލިކޮށްލީ އެވެ.

ރެޕަކީ އެހެން ލަވަތަކާ ހިލާފަށް ގިނަ ވާހަކަތަކެއް ހިމެނޭ ލަވައިގެ ވައްތަރެކެވެ. ދިވެހިން ރެޕް ލަވައެއް ހަދައިގެން ކަންފަތަށް އަޑު އަހަން ފަސޭހަ ގޮތަކަށް ބަސްތައް އަތުރާލުމަކީ މެޓަލެއް ކައިލުންހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

"މި ލަވަތައް ހަދަން ބަލާއިރު، އެންމެ ހޯދަން ދަތި ވަސީލަތަކީ ތައުލީމު. ދިވެހި ލިޓްރޭޗާ ފޮތްތައް މަދުކަމާއި، ލިޓްރޭޗާގެ މަސައްކަތް ކުރެވިފައި ހުރި މިންވަރު މަދު ކަމާއި، މިހާރު ވެސް އެ މަސައްކަތް ކުރެވެމުންދާ މިންވަރު ވެސް މަދު ކަމާއި އެ ހުރިހާ އެއްޗެއް ފެނި، އެ ލިމިޓެޑް ވަސީލަތްތަކާއެކު ބެސްޓް އައުޓްކަމެއް ނެރެން އަބަދު މި މަސައްކަތް ކުރަނީ،" އާޓިސްޓް އަދި މަޝްހުރު ރެޕާ، ބޭ ބުންޏެވެ.

.

"ރިއަލިޓީ އާއި ފޭސްކުރުމަކީ ހީކުރާ ވަރަށް ވުރެ އުނދަގޫ ކަމެއް. އެކަމަކު އެބަ ޖެހޭ ފޭސް ކުރަން. ސިމްބޮލިކްގެ އެންމެ އާލީ ސްޓޭޖުގަ ނެރުނު ލަވަތަކަށް ބަލައިފިއްޔާ ވަރަށް ބައިވަރު ސޯޝަލް މައްސަލަތަކަށް އެޑްރެސް ކޮށްފައި ހުންނާނެ. ބޭނުންވީ މީހުންނަށް އާ އެއްޗެއް ގެނެސްދޭން، އިރާދަކުރެއްވިއްޔާ އެކަން މިދަނީ ކާމިޔާބު ކުރަމުން،"

ގިނަ ބަޔަކު ބައިވެރިވެގެން ދަތި ހާލުގައި މަސައްކަތެއް ފަށައިގެން މިހާ އަވަހަށް ކާމިޔާބީ އާއި ހަމައަށް ސިމްބޮލިކް ރިކޯޑްސް އަށް ވާސިލްވެވުނީ، އަމިއްލަ އެދުމަށްވުރެ ގެންނަން އުޅުނު ބަދަލު ދެކެ ލޯބިވެގެން ކުރި މަސައްކަތުންނެވެ. މިހާ ދުވަސް ވީއިރު، އެއްވެސް އާޓިސްޓަކަށް އަމިއްލަ މާބޮޑު ކަމެއް ކުރާނެ އާމްދަނީ އެއް ނުލިބޭ ކަމަށް އޭޑީ ބުންޏެވެ. މިހާތަނަށް ލިބުނު ހުރިހާ ފައިސާއެއް އެންމެން ވެސް ބޭނުންވީ ރަނގަޅު ސްޓޫޑިއޯ އެއް ހަދައިގެން ސިމްބޮލިކްގެ މުސްތަގްބަލެއް ބިނާކުރަން އިންވެސްޓުކުރުމަށް ކަމަށް ވެސް ބުންޏެވެ.

"އަދިވެސް ޕްރޮފިޓެއް ޖެނެރޭޓެއް ނުކުރެވޭ. މިއޮއް ހުރިހާ ދުވަހު ސޭވެއް ނުކުރެވޭ، މުޅިން ވެސް ކުރީ އިންވެސްޓް. އެކަމަމު ވެސް ބައިބައި ނުވެ އެކުވެރިކަމާއެކު ކުރި މަސައްކަތުން މިދިޔަ އަހަރު ނިމުނު އިރު ސްޓޯޑިއޯ އެއް ލިބިއްޖެ. ރިކޯޑިން ސްޓޫޑިއޯ އެއްގައި ހުންނަންޖެހޭނެ ހުރިހާ އެއްޗެއް މިހާރު އެބަހުރި. މިބުނާ އެކުވެރިކަމުގެ ގުޅުމަކީ މިހާ ބާރުހުރި އެއްޗެއް،" އޭޑީ ބުންޏެވެ.

މި ފާއިތުވި ދެތިން އަހަރަކީ ސިމްބޮލިކްގެ ލަކީ ދެތިން އަހަރެވެ. ސައުންޑްކްލައުޑްގައި އެންމެ ގިނައިން ހިޓް ލިބިފައިވާ ދިވެހި ރެކޯޑް ލޭބަލްގެ ޝަރަފު އެމީހުން ހޯދައިފި އެވެ. އެ ލޭބަލަށް 10 މިލިއަން ވުރެ ގިނަ ހިޓްސް މިހާރު ވަނީ ލިބިފަ އެވެ. ސިމްބޮލިކް އިން މިދިޔަ އަހަރު ނެރުނު "މާރޯކާ" އަލްބަމަކީ ޅެންވެރިކަމާއި މިއުޒިކަށް ބެއްޔަސް މާސްޓާ ޕީސް އެކެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު މިއުޒިކް ސްޓްރީމިން އެޕް "ލަވަފޮށި" ގައި ވެސް އެންމެ ގިނަ މީހުން އަޑުއަހަނީ ސިމްބޮލިކްގެ ލަވަތަކެވެ.

.

"އިންޑަސްޓްރީ ޓޭކްއޯވާ ކުރުން އަބަދުގެ ވެސް އަމާޒަކީ. އަނެއް ހެން މާބޮޑު އިންޑަސްޓްރީއެއް ނެތް. އެކަމަކު ރާއްޖޭގައި އެބަތިބި ވަރަށް މޮޅު އާޓިސްޓުން. އެކަމަކު ސަސްޓެއިނިބިލިޓީ އެއް ނުހިފެހެއްޓޭ. ލަވައެއް މިސާލަކަށް އަހަރަކު ލަވައެއް ކަހަލަ ގޮތަކަށް މި އަންނަނީ. ދެން ސިމްބޮލިކް ގައި އެއްޗަކަށް ވާވަރަށް އޮތީ ޓެލެންޓު. އެ ޓެލެންޓު އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފައިގެން މިއޮތީ ގޮތަކަށް ބުނަންނާ އިންޑަސްޓްރީ ޓޭކްއޯވާ ކުރެވިފަ އޭ ބުންޏަސް ދޮގަކަށް ނުވާނެ،" އޭޑީ ބުންޏެވެ.

ހާސިލް ކުރެވުނު ކާމިޔާބާއި އެކު ސިމްބޮލިކް އަށް ދެން އޮތީ ވެސް އުނދަގޫ ދަތުރެކެވެ. އެމީހުން ސެޓް ކުރި ތްރެންޑު ވައްޓާނުލައި ރީތި މާނަ ހުރި ލަވަތަކަށް ދިވެހިން އަބަދު ވެސް ކުރާ އިންތިޒާރާއި އުންމީދު ނާއުންމީދަށް ބަދަލު ނުކޮށްލައި ކުރިއަށް ދިއުމެވެ.

"އެބަހުރި ޖޮންޖެހުންތައް. ކޮޕީރައިޓްސްގެ ގާނޫނު ވެސް އެބަ ބަދަލުކުރަންޖެހޭ. ރެޕް ލަވަތަކަށް ހަދާފައި ހުންނަ ޅެންތައް ފާސްކުރުމުގައި ވެސް ދަތި ދިމާވޭ. އާ މަސައްކަތެއް ވީމަ މިކަހަލަ ބައިވަރު ކަންކަން އެބަހުރި. އެކަމަކު ސިމްބޮލިކް ތަފާތު ވާނެ. ކުރިއަށް ހުރީ ވެސް ތަފާތު މަސައްކަތްތަކެއް." ސިމްބޮލިކުން އެމީހުންގެ ފޭނުންނަށް ދޭން އޮތީ އުފާވެރި ޚަބަރެކެވެ.

ދަ ސެޝަން

Popular