މޮޅަށް މީރުކޮށް ކޭކު އެޅުމަކީ މާހީ މުފީދު މާ ކުރިން ވެސް ދެކެމުން އައި ފޮނި ހުވަފެނެކެވެ. އެކަމަކު ހީވެސް ނުކުރާ ގޮތަކުން މިކަމުގެ ތެރެއަށް ވަދެވި މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ލިބެމުން އަންނަ ތަރުހީބުން މާހީ އަށް ވެސް ލިބުނީ ހައިރާންކަމެވެ.
މޮޅަށް މީރުކޮށް ކޭކު އެޅުމަކީ މާހީ މުފީދު މާ ކުރިން ވެސް ދެކެމުން އައި ފޮނި ހުވަފެނެކެވެ. އެކަމަކު ހީވެސް ނުކުރާ ގޮތަކުން މިކަމުގެ ތެރެއަށް ވަދެވި މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ލިބެމުން އަންނަ ތަރުހީބުން މާހީ އަށް ވެސް ލިބުނީ ހައިރާންކަމެވެ.
ކުޑަކުޑަ ދެ ކުދިން ބަލަމުން އަލަތު ކޭކު ވިޔަފާރި އައްޑޫގެ ހިތަދޫ އާއި ގުޅިފައި އޮތް ތިން ރަށަށް ފެތުރި ވިޔަފާރި ވަރުގަދަވަމުން އަންނައިރު މިއީ ކަމަކަށް ލޯތްބާއި ޝައުގުވެރިކަން ބަހައްޓައިފި ނަމަ ކާމިޔާބުވާނެ ކަމުގެ ހެއްކެވެ.
ސ ހިތަދޫ އަށް އުފަން މާހީ، 26، ގެ ކޭކު ވިޔަފާރީގެ ކުއްލި ކާމިޔާބީގެ ވާހަކަ، ވިޔަފާރިއެއްގެ ގޮތުގައި މަސައްކަތެއް ފަށަން ވަކި ވަގުތަކަށް ބަލަބަލާ ތިބި އެންމެންނަށް ވެސް ހާއްސަ އެވެ.
"އިހަކަށް ދުވަހު ފެށީ. އަދި މިވީ އެންމެ ހަ މަސް. އެކަމަކު ފެށިތަނާ ލިބުނު ޑިމާންޑާއެކު މާހީ ވެސް ސަޕްރައިޒްކޮށްލި. މި މަހު ވެސް ގާތްގަނޑަކަށް 15 ވަރަކަށް ކޭކް، އޯޑަރަށް ތައްޔާރުކޮށްފިން. ފުލް ކޭކް، ބާތުޑޭ ކޭކް އެހެން ގޮސް އެކި ހަފްލާތަކާ ގުޅޭ ކޭކުތައް،" މާހީގެ އުމުރުން ހަގު، ފެންވަރު ރަނގަޅު ކޭކު ވިޔަފާރީގެ ވާހަކަ އޭނާ ފެށީ މިހެންނެވެ.
މީގެ ހައެއްކަ މަސް ކުރިން ކޭކާއި ޕޭސްޓްރީ އެޅުން އޮތީ މާހީ ދެކެމުންދިޔަ ފޮނި ހުވަފެނެއްގެ ގޮތުގަ އެވެ. ފޮނިކޮށްލަން ގޭގައި ކޭކެއް އެޅިޔަސް، އާއިލީ ސުފުރާއިން ބޭރަކަށް ނުގެންދެ އެވެ. ގޭގެ އިމުން ބޭރަށް ކޭކެއް ނެރޭނެ ފަދަ ތަމްރީނެއް، ހުނަރެއް ނެތީ އެވެ. އެކަމަކު އަބަދުވެސް އުންމީދުކުރަމުން އައީ "ކޮންމެ ވެސް ދުވަހަކުން" މޮޅަށް ކޭކު އަޅާ މީހަކަށް ވުމަށެވެ. އެ ހުވަފެން ހަގީގަތަކަށް ބަދަލުވެގެން އައީ ހީކުރި ވަރަށް ވުރެ އަވަހަށެވެ.
"ކޭކު އަޅަން ފެށުނު ގޮތަކީ ވަރަށް ފަހުން ކަޒިން ކޮއްކޮއަކު މާހީމެން ގެއަށް އައީ ރައްޓެހި ކުދިން ތަކަކާ އެކު. ދެން އެކުދިންނާ އެކު އާ ކާއެއްޗެއް ޓްރައިކޮށްލަން ވެގެން ސާޗްކުރީ ޓްރެސް ލެޗެސް ކޭކެއް. އޭތި އެޅީމަ އެންމެންނަށް ވެސް ވަރަށް ވަރަށް ކަމުދިޔަ. އެހެންވެ ރައްޓެއްސެއްގެ ކެފޭއަކަށް ކޭކެއް ގެންދިޔައީ މީރުތޯ ބަލަން. އެމީހުންނަށް ވެސް ވަރަށް ކަމުގޮސްގެން އެތަނުން ޗާންސެއް ލިބުނީ ކެފޭއަށް ކޭކު އަޅައިދޭން،" މާހީ ބުންޏެވެ.
އެހާ ހިސާބުން ކޭކުގެ ރަހަ ބަލައިލަން ކަސްޓަމަރުން އަންނަން ފެށީ އެވެ. ވަކި އެތިކޮޅުތަކަށް ވިއްކަމުން އައި ކޭކު، ފުލް ކޭކަށް ބަދަލުވެ އެކި ވައްތަރުތަކުގެ ކޭކުގެ އޯޑަރު ވެސް ލިބެން ފެށި އެވެ. "މާހީ ޓޭސްޓްރީސް" އުފަންވެ، ކަސްޓަމަރުން ބޭނުންވާ ގޮތަށް ކޭކުތައް އަޅަން ޕޭސްޓްރީ ބްރޭންޑަކަށް އެ ހިސާބުން ބަދަލުވީ އެވެ.
"މާހީ ޓޭސްޓްރީސް" އިން މިހާރު ބްރައުނީސް، ރެޑްވެލްވެޓް، ޗީޒް ކޭކް، ބަޓާ ކޭކް އެހެން ގޮސް އެކި ބާވަތްތަކުގެ ކޭކާއި ޕޭސްޓްރީސް ތައްޔާރުކޮށްދެ އެވެ. ގުޅިފައިވާ މަރަދޫ ފޭދޫގެ ގެތަކަށް ވެސް އޭނާގެ ކޭކުތައް ގެންގޮސްދެ އެވެ.
"ފޭދޫގައި މާހީގެ ކޭކު ވިއްކާނެ ތަނެއް ހުޅުވަން ރިކުއެސްޓް ވެސް އާދޭ. އެކަމަކު ފޭދޫ ދުރުކަމުންނާ އަދި ތަނެއް ވެސް ލިބިފަ ނެތީމަ އެކަމާ ނޫޅެވިފަ މި ހުންނަނީ. އެކަމަކު ޑެލިވަރީ ކޮށްދެން،" މާހީ ބުންޏެވެ.
އޯޑަރުތަކަށް ކިތަންމެ ތައުރީފެއް ލިބުނަސް، ކޭކާއި ޕޭސްޓްރީސް ހެދުމުގެ ދާއިރާއިން އިތުރު ތަމްރީން ހޯދައިގެން އަދިވެސް މޮޅު ވާން އޭނާ ބޭނުންވެ އެވެ. ތައްޔާރުކުރާ އެއްޗެހީގެ ކޮލިޓީ ހިފަހައްޓައި، އެންމެ ފުރަތަމަ އަޅަންފެށި ޓްރެސް ލެޗެސްގެ ރަހައަށް ބަދަލެއް ނުގެނެސް އެ ކޮލިޓީ ހިފަހައްޓަން އަބަދުވެސް މަސައްކަތް ކުރެ އެވެ.
"ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ. މަސައްކަތަށް ލިބޭ ތައުރީފާއެކު ވަރަށް ހިތްހަމަޖެހިފަ މިހުންނަނީ. އެކަމަކު ފަސް އަހަރުގެ ކުއްޖަކާއި އަހަރެއްވީ ކުއްޖަކު ގޮވައިގެން މި ކުރިހާ ކަމެއް މިކުރެވެނީ މަންމަ އާއި ފިރިމީހާގެ ސަޕޯޓް ވަރުގަދަކަމުން."
ކޭކު އެޅުމަކީ އެކަމަށް ލޯބި ހުރެގެން ކުރާ ކަމެއް. ކޭކު ކާން ވެސް، ކޭކު އަޅަން ވެސް، ކޭކު އަޅައިގެން އެހެން މީހުންނަށް ޝެއާކުރުމަކީ ވެސް ލިބޭ އުފަލެއް. އެވަރުގެ އުފަލެއް އެހެން ކަމަކުން ނުވެސް ލިބޭނެ،" މިކަމަށް އޮތް ލޯބި އޭނާ ހާމަކުރި އެވެ.