5 Oct 2020

By: Ahmed Nadym

އަބްދުﷲ ޒަކީ އަކީ އެންމެ ހެލިފެލިވެ އުޅުނު ޒަމާނުގައި ވަރަށް ވެސް ބޮޑު އާޓިސްޓެކެވެ. ފިލްމީ ދާއިރާގައި ފިލްމާއި ލަވަތައް ނަގައިދޭން ބޮޑެތި ބަރު ސިންގާ ކެމެރާތައް ކޮނޑަށް ލައިގެން، ބުރަ، ގިނަ މަސައްކަތްތަކެއް ކުރި ފަރާތެކެވެ. ޓީވީއެމްގެ ކްލެސިކް ޝޯއެއްގެ ގޮތުގައި ބެލުންތެރިން އަދިވެސް ބަލައިގަންނަ "ފްލޯކް ދި އިންޓަނޭޝަނަލް" އިން ވެސް އާންމުކޮށް ބެލުންތެރިންނާ ބައްދަލުކުރި ބޮޑު ކޮމީޑިއަންއެކެވެ. ޓެޑްރީ މުހައްމަދު ނިޔާޒު އުފެއްދި "ސަޅިބައިސާ" ޝޯގައި އޭނާ ކުޅުނު "ޗާލީޗެޕްލިން" ގެ ރޯލަކީ ވެސް ބެލުންތެރިންގެ މެދުގައި ހަމަ އެވަރަށް ބޮޑު ހިޓެކެވެ. މީގެ އިތުރުން ކުރެހުމާއި ބޮޑުއަކުރު އެޅުމާއި ފިލްމު ޕޯސްޓަރުތައް ޑިޒައިންކޮށްދިނުން ފަދަ ހުނަރުވެރި އެތައް ކަމެއްގެ ތެރެއިން ފާހަގަކޮށްލެވުނު ފަރާތެކެވެ. – އަބްދުﷲ ޒަކީ އަށް ހައްގު، އެ އިހުތިރާމާއި ތައުރީފު އޮއްސަމުން ދެން މިއޮތީ ވިޝަލް ޒަކީގެ ވާހަކައެވެ.

"ކުރިއަށް ދާން ބެލިއިރު ބައްޕަ އަކީ އަޅުގަނޑަށް ފެނުނު ވަރަށް ބޮޑު އިންސްޕިރޭޝަނެއް. އޭރު އަޅުގަނޑަށް ބައްޕަ އެންމެ ގިނައިން ފެންނާނީ ޓީވީއިން. ޓީވީ އަށް ޝައުގުވެރިކަމެއް އުފެދި ބައްޕަ ކުރި މަސައްކަތްތަކަށް ހިތްޖެހުނު ހިސާބަކީ އެއީ،" އަބްދުﷲ ޒަކީގެ ދޮށީ ދަރިފުޅު، ވިޝަލް، އޭނާގެ ވާހަކަ ފަށައިގަތީ މިހެންނެވެ.

އުމުރުން 34 އަހަރުގެ މި ހުނަރުވެރިޔާ އަކީ ބައިސްކޯފުން ދައްކަން ފަށަން އުޅޭ ރިއާލިޓީ ޝޯ "ލަކީ" އުފައްދައި ޑައިރެކްޓްކުރާ ފަރާތެވެ. ނަމަވެސް ވިޝަލް ޒަކީގެ ފާހަގަކޮށްލެވޭ ހަމައެކަނި މަސައްކަތަކީ ބެލުންތެރިންގެ މެދުގައި ހިޓަކަށް ވެދާނެ އަދި މިހާރު ވެސް މީހުން ބަލައިލަން ކެތްމަދުވެފައި ތިބި "ލަކީ" އެކަންޏެއް ނޫނެވެ. ބައްޕަގެ ފިޔަވަޅުމަތިން ފެށި ދަތުރުގައި އޭނާ މިއަދު މި ދާއިރާގައި "ހިޓަކަށް" ބަދަލުކޮށްދިނީ ހަމައެކަނި ނަސީބެ ވެސް ނޫނެވެ.

ލަދުރަކި، މަޑުމައިތިރި މިޒާޖެއްގެ ޒުވާނަކަށްވިޔަސް ވަރަށް ހުނަރުވެރި، ވަރަށް ބޮޑެތި ކަންކަން ކޮށްލާ ޒުވާނެކެވެ. މޯލްޑިވިއަން އައިޑޮލްގެ "ރިއާލިޓީ ސެގްމަންޓްތަކުން" ފެށިގެން ގޮސް ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި "ކާއްޓޭ ޝޯ" ގެ ފަހަތުގައި ވެސް ހުރި "ބޮޑު" ހުނަރުވެރިޔަކީ މި ޒުވާނާއެވެ.

ވިޝަލް ޒަކީ މަސައްކަތުގައި: އޭނާ އަކީ ޑައިރެކްޝަންގެ އިތުރުން ވީޑިއޯގްރެފީގެ ވަރަށް ގިނަ މަސައްކަތަށް ފަރިތަ ޒުވާނެއް.

"އެންމެ ކުޑައިރު، ސްކޫލްގަ އުޅުނުއިރު އަޅުގަނޑު އެންމެ ކުރާހިތްވި ކަމަކީ ކުރެހުން. ބައްޕަ އަކީ ވެސް އާޓިސްޓަކަށް ވީމަ ގޭތެރެއިން އަބަދުވެސް ފެންނާނީ ކުރެހުމާއި ކުލަޖެހުމާއި ތައްގަނޑު ޖެހުން ފަދަ މަސައްކަތާއި ބޭނުންކުރާ އާލާތްތައް،" ކުރެހުމަށް ހިތް ލެނބުނު ގޮތް ކިޔައިދެމުން ވިޝަލް ބުންޏެވެ.

އޭނާ ބުނީ ފޮށިގަނޑު ޓީވީ އިން ބައްޕަގެ ޑްރާމާތައް ބަލަން ސިޓިންރޫމުގައި އެންމެން ގްރޫޕް ހަދައިގެން އުޅެނިކޮށް ބައްޕަގެ ފިޔަވަޅުމަތިން ގޮސް ޓީވީ އަށް ވަނުމުގެ ދައުވަތު ވެސް ލިބުނެވެ. ނަމަވެސް ލަދުރަކި މިޒާޖާ ހެދި ޑްރާމާ ނުކުޅެން ދުއްވައިގަތް މަގުން ގޮސް އޭނާ ފައްކާވީ ގްރެފިކްސް ޑިޒައިނަރެއްގެ ގޮތުގައެވެ.

"ފިލްމު އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް އެންމެ ފުރަތަމަ ވަދެވުނީ ޔުނިސެފުން ހިންގި ކުޑަ ވޯކްޝޮޕެއްގެ ތެރެއިން 2005 ހިސާބުގައި. އެ ވޯކްޝޮޕްގައި ކިޔަވައިދޭން އައީ ފްރާންސް މީހަކާއި ނެދަލެންޑްސް މީހެއް. ހަފުތާއެއް ވަންދެން ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ޖެހުނީ އެއް މިނެޓްގެ ވީޑިއޯއެއް ހަދަން،" ވިޝަލް ކިޔައިދިނެވެ.

"އެއީ ފިލްމު މޭކިންގެ ބޭސިކްސް ދަސްވި ގޮތަކީ. އެކަމަކު އެމީހުން ކިޔައިދިނީ ކްލޯޒްއަޕާއި ވައިޑް ޝޮޓާއި މިޑް ޝޮޓާއި އެކަހަލަ ވަރަށް ބޭސިކްސް."

ވިޝަލް ބުނީ އެ ތަޖުރިބާ އަށް ފަހު ފިލްމު އުފެއްދުމުގެ މަސައްކަތަށް ލޯ ހުޅުވިގެން ދިޔައީ އެ ވޯކްޝޮޕަށް އޭނާ އުފެއްދު އެއް މިނެޓްގެ ވީޑިއޯ ކަމުގޮސްގެން އައި މީހަކު ދިން ފުރުސަތަކުންނެވެ. ވިޝަލްގެ މަސައްކަތް ފެނިގެން އޭނާ ހޯދަން އައީ ފަހުދު ސްޓޫޑިއޯގެ ނަމުގައި ވަރަށް ގިނަ ކްރިއޭޓިވް މަސައްކަތްތަކެއް އެ ދުވަސްވަރު ކުރަމުން ދިޔަ އަހުމަދު ފަހުދު (ފައުޑީ) އެވެ.

"އެއަށް ފަހު ވީޑިއޯގްރެފީ މަސައްކަތުގެ ތެރެއަށް ވަދެވި މި ފަންނުގެ މަސައްކަތް ދަސްވާން ފެށީ ފަހުދު ސްޓޫޑިއޯގެ ތެރެއިން،" ގްރެފިކްސް ޑިޒައިނަރަކަށް އުޅެމުން ދަނިކޮށް ފަހުދު ހުޅުވާލި ފުރުސަތުގެ ބޭނުން ހިފަން ވަޒީފާ ދޫކޮށްލާފައި ގޮސް ކުރެވުނު ތަޖުރިބާ ކިޔައިދެމުން ވިޝަލް ބުންޏެވެ.

"ވީޑިއޯ މަސައްކަތްކުރަން ފުރުސަތު ދިނީމަ ގްރެފިކްސް މަސައްކަތް ދޫކޮށްލާފައި ދިޔައީ ފައުޑީ ސްޓޫޑިއޯ އަށް. އެތަނަށް ދިޔައީމަ މި ފެންނަނީ އަލަށް ވެސް ޑޮލީތަކާއި ކެރޭންތަކާއި ލައިޓާއި އޭތި މީތި. އޭރަކު އަދި ނޭނގޭ ވީޑިއޯ މަސައްކަތެއް ކުރަން އެހާ ގިނަ އެއްޗެހި ބޭނުންވާ ކަމެއް ވެސް،" ވިޝަލް ބުންޏެވެ.

"ދެން ފައުޑީ ހިންގީ ބޮޑު ޓްރެއިނިން ވޯކްޝޮޕެއް. އެ ޓްރެއިނިންގައި އަހަރެމެން އެންމެން ވެގެން ހެދީ ފަސީލައިވްގެ ބްލޫ ޓިއާސް ކިޔާ ލަވައެއްގެ ވީޑިއޯ."

ފަހުދު ސްޓޫޑިއޯ އިން އުފެއްދި "ބްލޫ ޓިއާސް" ލަވައިގެ ވީޑިއޯ.

ވިޝަލް ބުނީ ފިލްމު މޭކިންގެ ހުނަރުތައް ދަސްކުރަން ފެންބޮވައިގެންފައި ހުރިވަރުން އޭނާ ފެށީ ޖެހުނު ހުރިހާ ކަމަކުންނެވެ.

"އެއްޗެހި އުފުލައި ހުރިހާ ކަމެއް ކުރަމުން އެންމެ ފުރަތަމަ ފަށައިގަތީ. ދެން ފައުޑީ ދިނީ އެމީހަކު ބޭނުން ދާއިރާއަކުން ކުރިއަށް ދާނެ ފުރުސަތު. އެހިސާބުން އަހަރެން ބޭނުންވީ ޑައިރެކްޝަން ދަސްކޮށް ޑައިރެކްޓަރެއްގެ ގޮތުގައި ކުރިއަށް ދާން،" ވިޝަލް ބުންޏެވެ.

"ޑައިރެކްޓިން ވީމަ އަހަރެން ޖެހޭނެ ކެމެރާ ވެސް، ލައިޓިން ވެސް ވަރަށް ރަނގަޅަށް ދަސްކުރަން. އެގޮތަށް ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ދަސްކުރަން ޖެހުނު. އެހެންވީމަ ޑައިރެކްޓަރަށް ވާން ބޭނުން ނަމަ އިތުރު ގޮތެއް ނެތް. ހުރިހާ ކަމެއް ދަސްކުރަން ޖެހުނީ،"

"މި މަސައްކަތުގައި ދަސްވި އެއްޗެއް ދަސްވެފައި މިހިރީ ފައުޑީގެ ފަރާތުން. ބައްޕަ އަށް ވުރެ ވެސް ބޮޑަށް ވީޑިއޯގްރެފީގެ މަސައްކަތް ބޮޑަށް ދަސްކޮށްދިން މީހަކީ ފަހުދުއޭ ބުނެވިދާނެ."

އާއިލާގެ މެމްބަރުންނާ އެކު ވިޝަލް ޒަކީ (ކ): އޭނާ ބުނަނީ ކާމިޔާބީގެ ވަރަށް ބޮޑު ހިއްސާއެއް ލިބޭ ބަޔަކީ އޭނާގެ މި އާއިލާ ކަމަށް.

ފަހުދު ސްޓޫޑިއޯއާ އެކު ވިޝަލް އަށް ލިބުނު ބޮޑު މަސައްކަތަކީ ޓީވީއެމް އަށް އެމީހުން އުފެއްދި ކޮމެޑީ ސްކެޗް ޝޯއެއް ކަމުގައިވާ "ކުރުކޮށް ފޮނިކޮށް" އެވެ. ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދި މި ޝޯ އަކީ ވިޝަލް ޑައިރެކްޓްކުރިޔަސް ފަހުދު ސްޓޫޑިއޯގެ ގިނަ ބަޔަކު ހިއްސާވެގެން އުފެއްދި ތަފާތު ޕްރޮޖެކްޓެކެވެ.

"ޑުމޯގެ ހިޔާލަކަށް އުފެއްދި އެ ޝޯގެ މަސައްކަތަށް އަހަރެން ވެއްދީ ގަދަކަމުންނޭ ވެސް ބުނެވިދާނެ. ހަވާލުނުވާން އުޅެނިކޮށް އެންމެން ކިޔައިގެން އެންމެފަހުން ޑުމޯއާ އެކު އެ ޝޯ ހެދީ،" ޝޯ ޑައިރެކްޓްކުރަން ފުރުސަތު ލިބުނު ގޮތް ވިޝަލް ކިޔައިދިނެވެ.

"ދެން އޭތި ހަދައިގެން ވަރަށް ގަދަ އަށް އޭތި ހިނގީ."

އޭގެ ކާމިޔާބީއާ އެކު ފަހުދު ސްޓޫޑިއޯ އިން ފުލުފުލުގައި ވަރަށް ގިނަ ކްރިއޭޓިވް މަސައްކަތްތަކެއް ކުރިއެވެ. އެ ހުރިހާ ތަޖުރިބާތަކަކުންވެސް ވިޝަލް ދިޔައީ އޭނާގެ ހުނަރުވެރިކަން ސާބިތުކޮށް ކާމިޔާބީގެ އަމިއްލަ ހަރުގަނޑުގައި ވެސް މައްޗަށް އަރަމުންނެވެ.

ވިޝަލް ބުނީ ވީޑިއޯގްރާފަރެއްގެ ގޮތުގައި ޑައިރެކްޝަންގެ ދާއިރާއިން ކުރިއަށް ދާން އެންމެ ބޮޑަށް ހިތްޖެއްސުވި މަސައްކަތަކީ ޒުވާނުންގެ މެދުގައި މަގްބޫލް ގްރަންޗް ރޮކް ބޭންޑް "ޓްރެފިކް ޖޭމް" ގެ ހަމަ އެވަރަށް މަޝްހޫރުވި ލަވައެއް ކަމުގައިވާ "ޕާޓީ ސިސްޓަމް" އަށް އުފެއްދި ވީޑިއޯ ލަވަ އަށް ލިބުނު ބޮޑު ތަރުހީބެވެ.

ޓްރެފިކް ޖޭމްގެ "ޕާޓީ ސިސްޓަމް" ލަވަ އަށް ވިޝަލް އުފެއްދި ވީޑިއޯ.

"ޕާޓީ ސިސްޓަމް ލަވަ ވެސް ވަރަށް ބޮޑަށް ވައިރަލް ވެގެން ދިޔައީ. ހީވެސް ނުކުރާ ވަރަށް އެ ވީޑިއޯ ލަވަ ހިނގައިގެން ދިޔައީ،" ވިޝަލް ބުންޏެވެ.

"އެހިސާބުން ވީޑިއޯ މަސައްކަތް ވަރަށް ކުރާހިތްވެއްޖެ. އެގޮތަށް އުފެއްދި ފުރަތަމަ ވީޑިއޯ ލަވަ އަށް ވެފައި ލިބުނު ތަރުހީބު ބޮޑުކަމުން އިތުރު މަސައްކަތްކުރާހިތްވީ. ހިތަށް އެރީ މިއީ ހަމަ ރަނގަޅު މަސައްކަތެކޭ އަހަރެން ކުރަން. ކުރިއަށް ދާން ވެސް."

ފަހުދު ސްޓޫޑިއޯގެ ކުޑައިގެ ދަށުން ދަސްކުރި ހުނަރުތަކާ އެކު އެންމެފަހުން ވިޝަލް ދެން ފެށީ ފްރީލާންސް އާޓިސްޓެއްގެ ގޮތުގައެވެ. އެގޮތަށް އުޅެނިކޮށް ފިލްމެއް ޑައިރެކްޓްކުރުމުގެ ފުރުސަތު ދިނީ ފިލްމީ ދާއިރާގެ ތަޖުރިބާރު ސިނަމަޓޯގްރެފާ ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ. އޭނާގެ މާސްކޭ ސްޓޫޑިއޯގެ ދަށުން އުފެއްދި "ޕްލޭން ބީ" ވިޝަލްގެ އާދަޔާހިލާފު މަސައްކަތާއި ހިޔާލުތަކުން ދިރުން އެޅިގެން ޓްރެއިލާއެއްގެ ސިފައިގައި ބެލުންތެރިންނަށް ފެނުނު ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި ފިލްމު އަދިވެސް އޮތީ ނުނިކުމެއެވެ.

ވިޝަލް ޑައިރެކްޓްކުރި ފިލްމު "ޕްލޭން ބީ" ގެ ޓީޒާ ޓްރެއިލާ.

މާސްކޭއާ އެކު "ޕްލޭން ބީ" ފުރިހަމަކުރުމަށް ފަހު ވިޝަލްގެ މި ދަތުރުގައި އޭނާ ދެން ގޮސް ވަނީ ކުޑައިރުގެ ހަނދާންތަކަށް އޭނާ ގަންބާލަދޭ މައިދާނަކަށެވެ. ޓީވީއެމަށެވެ. – އެންމެ ފުރަތަމަ ވެސް އޭނާ އަށް ފުރުސަތު ލިބުނީ މޯލްޑިވިއަން އައިޑޮލް އިންނެވެ.

"އައިޑޮލް އަކީ ވަރަށް ތަފާތު ތަޖުރިބާއެއް ޓީވީއެމްގައި މަސައްކަތްކުރަން ޖެހޭ ޕްރޮގްރާމްތަކާ އަޅާ ބަލާއިރުވެސް. ވަރަށް ބޮޑު ކްރޫއަކާ އެކު ބޮޑެތި ސެޓުތަކުގައި އެފަދަ ތަޖުރިބާއެއް ހަމަ މުޅިން އަލަށް ކުރެވުނީ. އެ ފުރުސަތު ލިބުނީމަ ވެސް ވަރަށް އުފާކުރަން. އަދި ޝުކުރުވެރިވަން،" ވިޝަލް ބުންޏެވެ.

"އައިޑޮލް އަކީ އަނެއްކާވެސް ވަރަށް ބައިވަރު އާ ކަންތައްތަކެއް ދަސްކޮށްދިން ތަޖުރިބާއެއް. ކުރިން ލިބިފަ ހުރި ތަޖުރިބާތައް މައްޗަށް ގެންގޮސް ދިން ކަމެއް. ވަކިން ހާއްސަކޮށް މީހުންގެ ތެރޭގައި އުޅުމާއި މީހުންގެ ވާހަކަތައް ގެނެސްދިނުމުގައި ކުރެވުނު ސަޅި ތަޖުރިބާއެއް."

ޓީވީއެމްގެ އެ ހިތްގައިމު ތަޖުރިބާ އަށް ފަހު ވިޝަލްގެ އަމާޒު މިހާރު ސެޓުކުރަމުން ދަނީ އޭނާގެ އެންމެ ބޮޑު ހުވަފެނަށެވެ. އަބަދުވެސް ވާން ބޭނުންވި "ފިލްމުމޭކަރަށް" ވުމުގެ ފުރުސަތު ކުރިން ދުވަހަކުވެސް ނުލިބޭ ވަރަށް މިއަދު އޭނާ އަށް ލިބިފައިވާތީއެވެ.

ވިޝަލް (ވ) އޭނާގެ ބައެއް ގާތް ރައްޓެހިންނާއެކު: އެކުވެރިންގެ ގޮތުގައި ތިބި ޝަމްވީލް ޝަރީފް (ވީލް) އާއި މާސްކޭ، އަމްރޫ އަދި ފައިސަލް ފަދަ ރަހުމަތްތެރިންނާ ނުލައި މިހިސާބަށް ނާދެވޭނެ ކަމަށް ވިޝަލް ބުނޭ.

"އަހަންނަށް ހީވަނީ ރެޑީވަންދެން ވަކި ކަމެއް ކުރަން މަޑުކުރުމަކީ އެހާ ރަނގަޅު ގޮތެއް ނޫންހެން. ސަބަބަކީ އަދިވެސް ދަސްކުރަން ޖެހޭ އެއްޗެހިތައް އެބަހުރި ކުރިއަށް ވަރަށް ބައިވަރު. މަސައްކަތް މި ދަނީ ކޮންމެ ދުވަހަކުވެސް އިމްޕްރޫވްވަމުން. އާ ކަންކަން ދަސްވަމުން،" ވިޝަލް ބުނެލިއެވެ.

"މިހާރު ވިސްނުން ހުރީ މި ދާއިރާއިން ލިބެމުންދާ ގިނަ ފުރުސަތުތަކުގެ ބޭނުން ހިފަން. ވަރަށް ބައިވަރު ފުރުސަތުތަކެއް އެބަހުރި ލިބިފައި. ލިބެމުން އެބަ ދޭ. އެހެންވީމަ ހަމައެކަނި އެންމެ ތަނެއްގައި ހުރުމަށް ވުރެ ބޮޑަށް ގިނަ މަސައްކަތްތަކެއް އަމިއްލަ އަށް ކުރަން ބޭނުންވަނީ"

ވިޝަލް ޒަކީގެ އަންހެން އަދި އެމީހުންގެ ދަރިފުޅު: ވިޝަލް ބުނީ އޭނާ އަށް މިހާ ހަމަޖެހިލައިގެން މި ދާއިރާގައި މަސައްކަތްކުރެވުމުގެ ސިއްރަކީ އަންހެނުންނާއި އާއިލާ ކަމަށް.

"އެންމެ ކުރާހިތްވާ މަސައްކަތަކީ ފިލްމު އުފެއްދުމާއި ވީޑިއޯ ލަވަ ހެދުން. އެ މަސައްކަތް ލިބޭ ނަމަ އިތުރު އެއްވެސް ކަމެއް ނުކުރާނަން."

Popular