"ކާފަ..... ބަލީތަ؟" ޝިއުނާ ކުޑަކޮށް ޖެހިލުންވެ ހުރެ ސުވާލުކޮށްލިއެވެ.
"އާނ މިހާރު ވަރަށް ބަލި.... ދެން ހިޔެއްނުވޭ މާކަ ގިނަދުވަހު ދުނިޔޭގައި ހުންނާނެ ހެނެއް! ކާފަ ބޭނުން ދަރިފުޅު ދެކިލަން... މިރަށަށް އައިސްބަލަ!"
"ކާފާ!....." ޝިއުނާ ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް އޭނާގެ ކާފަ ވާހަކަ ކުރިއަށް ގެންދިޔައެވެ. ކާފަގެ ހުރި ހަމައެކަނި މީހަކީ ތިއީ އޭނާ ބުނެލިއެވެ. އަދި ކާފަ މަރުވުމުގެ ކުރިން ކިޔައިދޭން ބޭނުން ބައިވަރު ވާހަކަ ހުރިކަމުގައިވެސް ބުންޏެވެ.
"މަންމަ އާއި ބެހޭގޮތުންނޭ؟" އެހިސާބުން ޝިއުނާއަށް ޝައުގުވެރިވެވުނެވެ. އޭނާއަކަށް އޭނާގެ އުފަން މަންމައާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގެއެވެ. އެނގޭ ހާވެސް އެއްޗަކީ އޭނާގެ މަންމަ މިދުނިޔެއާއި ވަކިވެފައިވާ ކަމެވެ.
"އާނ! އަހަންނަށް ޔަގީން އެ ހަނީފު ތެދަށް އެއްވެސް އެއްޗެއް ކިޔާ ނުދޭނެކަން! މަންމައަށް ވީގޮތް!" ކާފަގެ އަޑުގައިވާ ރުޅިވެރިކަން ޝިއުނާއަށް އިހުސާސް ވިއެވެ.
އޭނާގެ ބައްޕަ މަންމައާއި ކައިވެނި ކުރީ އެ ކާފަގެ ނުރުހުމުގައިކަމުން އޭނާގެ ބައްޕައަށް ކާފަ ވަރަށް ނަފްރަތު ކުރި ވާހަކަ ޝިއުނާއަށް ވެސް އޮތީ އަޑުއިވިފައެވެ.
"މަންމައަށް ވީގޮތޭ؟" ޝިއުނާއަށް އަހާލެވުނެވެ.
"އާނ! އަސްލު ވީގޮތް... ކާފަ މަރުވުމުގެ ކުރިން އެހުރިހާ އެއްޗެއް ކިޔައިދޭން ބޭނުން... އާދޭ ދަރިފުޅާ މިރަށަށް!" އެހެން ބުނިތަނާ އަނެއްކާވެސް ކާފަ ކެއްސައިގަތެވެ. އެޔާއިއެކު އަވަސް އަވަހަށް އަންނާނަން ދޯ އޭ ބުނެލިއެވެ. ޝިއުނާ އާނއެކޭ ބުނިއިރު އެ ފޯނު ކެނޑިއްޖެއެވެ.
"ކާފަޔޯ!... ކާފައެއް ދުނިޔޭގައި ހުރިކަންވެސް އަހަންނަކަށް ނޭނގެ މިއޮއްހާ ދުވަހު" ފޯނު ބާއްވާފައި ޝިއުނާ ބުނެލިއެވެ.
އެޔާއިއެކު ހުސްނާވެސް ބޯޖަހާލިއެވެ. ހުސްނާއަށްވެސް އެނގިފައި ވާ ގޮތުން ޝިއުނާގެ މަންމަ ފަރާތު އާއިލާގެ އެކަކުވެސް މިހާރަކު މިދުނިޔެއަކު ނެތެވެ.
***
އާދައިގެ މަތިން ހަނީފު ގެއަށް އައީ މާރުކޭޓުން އޭތި މީތި ގަނެގެންނެވެ.
"ހުސްނާ މިއޮތީ ކަށިކެޔޮ ކޮޅެއް.. މާދަމާ ބަތްޕެން ކައްކަމާ؟" އޭނާ ގެނައި އެއްޗެތި ކާމޭޒު މަތީގައި ބެހެއްޓިއެވެ. ކަށިކޭލު ބަތްޕެނަކީ ޝިއުނާއަށް ވެސް ވަރަށް މީރު އެއްޗެކެވެ. ހަނީފު ސައިބޯން އިށީނދެފައި ޝިއުނާ އޮފީހަށް ދިޔައީ ދޯއޭ ބުނެލިއެވެ.
"ތިއެއް ނޫނޭ، މިއަދު ހެނދުނު ގޭ ލައިނަށް ގުޅި މީހަކު .. އެމަންޖެގެ ކާފަޔޯ ބުނީ!"
"ކާފައޭ؟ އިބުރާހިމްބެ؟" ހަނީފުއަށް ލިބުނީ ކުއްލި ސިހުމެކެވެ.
"ތިއެއް ނޭނގެ ކާފައޭ ކިޔައިގެން އެމީހަކު ވާހަކަ ދެއްކީ!" ހުސްނާ ޖަވާބު ދިނެވެ.
"ކަންތަކާ ޖެހުނީ... ކިހިނެތްބާ އޭނަ މިގޭ ނަމްބަރު ހޯދީ" ހަނީފު އަމިއްލަ އަމިއްލައަށް ވާހަކަ ދެއްކިއެވެ.
"ވަރަށް ބައްޔޯ .. ކެއްސާވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކޭ!"
"ހޫމް، މަރުގާތްވިކަން އިހުސާސްވީ ދޯ" ހަނީފު މަލާމާތުގެ ގޮތަށް ހިނިއައިސްފާ ވާހަކަ ދެއްކިއެވެ.
ހުސްނާއަކަށް ވެސް އޭނާގެ އެ އަނބިމީހާ އާއި އެ ދިރިއުޅުމާއި ބޭހޭ މާބޮޑު ތަފްސީލެއް އެނގިފައެއް ނެތެވެ. ހަނީފުއާއި އިންނަން އުޅުނުއިރު ހަނީފުގެ ދައްތަ އަނީސާ ވަނީ އެ ސުވާލު ނުކުރުމަށް އެދިފައެވެ. ޝިއުނާގެ މަންމަގެ ވަކިވުމުން ހަނީފުއަށް ވަރަށް ބޮޑަށް އަސަރު ކުރިކަމަށާއި އެތައް ދުވަހެއް ވަންދެން އެކަމާއި ހިތާމަކޮށް ހެދިކަމަށް އޭނާ ބުނެދިނުމުން ހުސްނާ އެކަމާއި ބެހޭ އެއްވެސް ވާހަކައެއް ނާހައެވެ. އެހެންކަމުން ޝިއުނާގެ މަންމަގެ އާއިލާއާއި ބެހޭ އެކައްޗެއްވެސް ހުސްނާއަކަށްވެސް ނޭނގެއެވެ.
އެ ފޯނު ކޯލާއި ބެހޭގޮތުން ޝިއުނާ ކިޔައިދިން ހުރިހާ ވާހަކައެއް ހުސްނާ ހަނީފަށް ކިޔައިދިނެވެ.
" ނުވާނެ ތިކަމެއް! ހީކުރާ ގޮތްދޯ" އެހިސާބަށް ކިޔައި ދިނުމާއިއެކު ހަނީފުގެ ލޭ ކެކިގަތެވެ. ބޭއިޚްތިޔާރުގައި ގޮށްމުއްކަވާލަމުން އެ ނުލަފާ މީހަގަނޑު ކައިރިއަކަށް މަގޭ ދަރިފުޅެއް ނުފޮނުވާނަމޭ ބުނެލިއެވެ.
"ހަނީފޫ!" އޭނާއަށް ވީ ގޮތް ފެނިފައި ހުސްނާއަށް ބުނެލެވުނެވެ.
"ހުސްނާއަށް އިނގޭތަ އެއީ ވަރަށް ނުބައި މީހެއް.. އިންސާނެއްގެ ސިފައިގައި ހުއްޓަސް އެއީ ... އެއީ... އިންސާނެއްނޫން.. އަހަރުމެންގެ ދަރިފުޅަށްވެސް ކޮންމެ ފަދަ ގޮތެއް ހަދާކަށްވެސް އޭނާ ޖެހިލުމެއް ނުވާނެ!" ހަނީފުއަށް ކޮށްފައިވާ އަސަރު އޭނާގެ މޫނުމަތިން ކިތަންމެ ރީއްޗެއްކޮށްވެސް ހާމަވާން ހުއްޓެވެ. ހުސްނާ ކަންބޮޑު ވިއެވެ. މާޒީގެ ވާހަކަ ނަގައިގެން އަނެއްކާ ހަނީފު ހިތްދަތި ކަމެއްގެ ތެރެއަށް ވެއްޓިދާނެ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.
"އޭނާ ބުނިކަމަށް ވަނީ ބައްޕަ ކައިރީ ނުބުނާށޭ... ބައްޕައަށް އެނގިއްޖިއްޔާ ނުފޮނުވާނެޔޭވެސް ބުންޏޯ" ހުސްނާ ކިޔައިދިނެވެ.
ހަނީފު ބޯޖަހާލިއެވެ. ޝިއުނާގެ މަންމައާއި ބެހޭގޮތުން އޭނާއަކަށް ދެއްކޭނެ އެއްވެސް ވާހަކައެއް ނޯންނާނެއޭ ބުނަމުން އެއްނޭވާއިން ފެންތަށި ދަމާލިއެވެ.
"ހުސްނާ ހަނދާން ކުރާތި! ދެން އޭމީހާ ފޯނު ކުރިއަސް އެމަންޖެއަތަށް ފޯނު ދީގެން ނުވާނެ! އެއްގޮތަކަށްވެސް ޝިއުނާ އެމީހާ އާއި ވާހަކަ ދެއްކިއަ ނުދޭތި.. އެއީ މިހާރު ސިނކުޑި ހަމަ ޖެހޭ މީހެއްނޫން!" ވަރަށް ހާސްކަން މަތީ އިނދެ ހަނީފު ވާހަކަ ދެއްކިއެވެ.
ހަނީފު ރަނގަޅަށް ސައިވެސް ނުބޮއެ އެތަނުން ތެދުވެގެން ދިޔައީއެވެ. އޭރު ހުސްނާ އިނީ އެގަޑީގައި އެވާހަކަ ދެއްކުނު މޮޔަ ހިތަށް އަރާފައެވެ. އޭނާގެ ފިރިމީހާގެ މޫނު މައްޗަށް ވެގެން އެދިޔަގޮތް ފެނިފައި އެ ހަނދާން އާ ވުމުން އޭނާއަށް އަދިވެސް ހަމަ އެހާ އަސަރު ކުރީ ބާވައޭ ހިތަށް އެރިއެވެ.
***
"އެއީ އަސްލު މަންމައެއް ނޫންތަ؟" އޮފީހުގައި އުޅޭ އަޒީމާއަށް އެވާހަކަ ކިޔައިދިނުމުން އޭނާ އަހާލިއެވެ.
ޝިއުނާ އާނއެކޭ ބުނަން ބޯޖަހާލިއެވެ. އެކަމަކު ޝިއުއާއި ހާދަ ވައްތަރޭ އޭނާ ބުނެލިއެވެ.
"އެވާނީ އަސްލު މަންމައާއި ވައްތަރު މީހެއް ހޯދައިގެން ބައްޕަ އިނީ ކަމަށް!" ޝިއުނާ ބުނެލިއެވެ. އޭނާގެ އުފަން މަންމަގެ ފޮޓޮއެއްހާ ހިސާބުވެސް ފެނިފައި ނެތްކަން އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އެންމެ ކުޑަމިނުން މަންމަގެ ރަށަކީ ކޮބައިކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
"އަޒީމާއަށް އެނގޭތަ ދ. އަތޮޅުގެ ރަށްތައް؟" ޝިއުނާ އަހާލިއެވެ. އަދި އޭނާގެ މަންމައަކީ ދ. އަތޮޅު މީހެއްކަމާއި އެއީ ކޮންރަށެއްކަމެއްވެސް ނޭނގޭ ކަމުގައި ބުނެލިއެވެ.
"އައްލޯ އަށް އިނގޭތަ ދ.އަތޮޅުގެ ރަށް ތަކުގެ ނަން؟" އެއޮފީހަށް ވަރަށް ފަހުން ވަން ޖޫނިޔަރ އާރކިޓެކްޓް އެހެން ދަނިކޮށް ގޮވާލާފައި އަޒީމާ ސުވާލު ކުރިއެވެ.
"ދަނގެތި، ދިއްދޫ، ދަބިނދޫ......" އޭނާ ކިޔަންފެށިއެވެ.
"ސާބަސް ދާލުން ފެށޭ ރަށެއް ނޫނޭ... ދ. އަތޮޅު ރަށްތަކޭ" ޝިއުނާ ހޭން ފެށިއެވެ.
"ނޭނގެ... މަށެއް ޖޯގްރަފީއެއް ނުކިޔަވަމޭ!"
"އޯކޭ ، އޯކޭ!" އަޒީމާ ބުނެލިއެވެ.
އައްލޯ އެތަނުން ދުރަށް ދިޔުމުން ޝިއުނާ މަންމަގެ ވާހަކަ އަލުން ފެށިއެވެ. އޭނާގެ އުފަން މަންމައާއި ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވަން ވަރަށް ބޮޑަށް ބޭނުން ވެއްޖެއެވެ. އޭނާ އަކަށް މަންމަ ހިތަށް ގެންނާކަށް ނޭނގުނެވެ. މަންމައާއި ބެހޭ އެއްވެސް ވާހަކައެއް ގޭތެރޭގައި މީހަކު ދެއްކި ހަނދާނެއްވެސް އޭނާ ނެތް ތާނގައި މަންމަގެ ފޮޓޯ ގަނޑެއް ހާ ހިސާބުވެސް އޭނާ އަކަށް ފެނިފައެއް ނެތޭ އޭނާ މާޔޫސްވެލާފައި އަޒީމާއަށް ކިޔައިދިނެވެ.
***
ހަނީފުއަށް ފިހާރައިގައި އިންއިރުވެސް ވިސްނެމުން ދިޔައީ އެ ފޯނު ކޯލާއި މެދުގައެވެ. އޭނާގެ ދަރިފުޅު މިއަދު ގެއަށް އައިސްފައި އެކަމާއި ބެހޭގޮތުން ސުވާލު ކުރާނެކަން ޔަގީނެވެ. މިއޮއްހާ ދުވަހު ކާފަ ހުރިކަން އޭނާއަށް ނޭނގި އޮތީމާ އެކަމާ މައްސަލަ ޖައްސާނެ ބާވައޭ ހިތަށް އެރިއެވެ. ކާފައަކީ މިހާރު ބުއްދި ގޯސް ވެފައިވާ މީހެކޭ ބުނެގެން އެކަން ނިންމާލެވިދާނެ ބާވައެވެ؟. ޝިއުނާ އެނާގެ ކާފަ ކައިރިއަށް ދާން ބޭނުން ވެއްޖިއްޔާ ދެން ހަދާނީ ކިހިނެތްބާވައެވެ؟ އެކަން ހުއްޓުވަން އޭނާ ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ؟
އެންމެފަހުން ހަނީފު އޭނާގެ ދައްތައަށް ގުޅާފައި އެވާހަކަ ކިޔައިދިނެވެ.
"އަދިވެސް އެމީހާގަނޑު ދުނިޔޭގައި އެބަހުރިތަ؟" އަނީސާއަށް އެންމެ ފުރަތަމައިނުންވެސް ބުނެލެވުނީ އެހެންނެވެ.
"އާނ އެބަހުރި.. ބުނެއުޅޭނުން ނުބައި މީހުންގެ އުމުރު ދިގުވާނެޔޭ!" ހަނީފު ބުނެލިއެވެ.
"ދެން އެމަންޖެއަށް ވީގޮތް ތެދަށް ކިޔައިދޭން ވީނު؟" އަނީސާ ބުނެލިއެވެ.
"އުނހޫ.. ނޫން.. އެމަންޖެއަކަށް އަދި އެކަން ބަލައިގަތުމުގެ ހިތްވަރެއް ނުހުންނާނެ... އަދި ނުވޭ! ކިޔައިދޭނަން... ކޮންމެވެސް ދުވަހަކުން... އެކަމަކު މިހާރަކު ނޫން... މިހާރު މިވިސްނަނީ އެމަންޖެ ކުރާނެ ސުވާލަށް ދޭނެ ޖަވާބަކާއި މެދު!"ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ހަނީފު ބުނެލިއެވެ.
***
އޮފީސް ނިންމާފައި ގެއަށް ދާން ތައްޔާރު ވަމުން ޝިއުނާ ފޯނު ބަލާލިއެވެ. އޭގެ ފަނަރަ ވަރަކަށް މިނެޓް ކުރިން ހައިޝަމް ފޯނުން ވަޓްސް އަޕް ބަލާފައި އޮތީމާ އޭނާ ހޭލައިފިކަން ޝިއުނާއަށް އެނގުނެވެ. އޭގެ ކުރިން ދެފަހަރަކު ޗެކް ކުރިއިރުވެސް ލާސްޓް ސީން އަރާފައި އިނީ ރޭ ދަންވަރު ބާރަގަޑި ފަންސާސް ތިނެއްގައި ކަމަށެވެ. ހައިޝަމްއަށް ގުޅަންވީ ބާވައޭ ޝިއުނާގެ ހިތަށް އެރިއެވެ. ކާފަގެ ފޯނު ކޯލުގެ ވާހަކަ އޭނާ އަށް ކިޔައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް އޭނާ އިސްވެ ހައިޝަމް އަށް ގުޅާހިތެއް ނުވިއެވެ. އޭނާގެ މަންމަ ބުނިފަދައިން ހައިޝަމް އާއި ހެދި މާ ވަރުން އުޅެވޭކަން އޭނާ އަމިއްލެއަށް ގަބޫލު ކުރެވުނީތީއެވެ.
ހައިޝަމްއަކީ މޯލްޑިވިއަންގައި އުޅޭ އެންމެ ސްމާރޓު ކުރޫން ތަކުގައި ހިމެނޭ ޒުވާނެކެވެ. ޝިއުނާއަށް އޭނާ ތަޢާރަފު ވީ އޭނާގެ ބެސްޓު ފުރެންޑު ނަތާޝާގެ ފަރާތުންނެވެ. އެއީ އޭރު ނަތާ ރައްޓެހިވެގެން އުޅުނު ކުއްޖާގެ ރައްޓެއްސެކެވެ. ނަތާ އިނގިރޭސި ވިލާތައް ކިޔަވަން ގޮސް، އެކުއްޖާއާއި ރުޅިވެ އެހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް އޭނާ އާއި ހައިޝަމް އާއި ދެމީހުންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުން ކުރިއަށް ކަމަށް ޝިއުނާއަށް ހީކުރެވުނެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ހައިޝަމްގެ އަޅާލުން ކުޑަކަމާއި ބައެއް އަމަލުތައް ހުންނަ ގޮތުން ޝިއުނާއަށް ފިކުރު ކުރެވެން ފަށައިފިއެވެ. އޭނާގެ ދިރިއުޅުން ހައިޝާމްއާއި އެކީގައި ކުރިއަށް ގެންދެވިދާނެކަމާއި މެދު ޝައްކުވަން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ހައިޝަމްއަކީ ޝިއުނާއާއި ބަލާފައި ވަރަށް ތަފާތު މިޒާޖެއްގެ ވެރިއެކެވެ. އެންމެންނާއިވެސް ވަރަށް އަވަހަށް ރައްޓެހިވެލާ ގާތް ގުޅުމެއް އުފެއްދުމަކީ އޭނާގެ އާދައެކެވެ. އެހެންކަމުން އޭނާގެ އެކުވެރިން ވަރަށް ގިނައެވެ. ޝިއުނާއާއި ދެމީހުން އެކީގައި ތަނަކަށް ދިޔަޔަސް އޭނާ ދަންނަ މީހަކާ ދިމާނުވާ ފަހަރެއް ވަރަށް މަދުވާނެއެވެ. އެހެންކަމުން އޭނާގެ ފުރިހަމަ ސަމާލުކަން ޝިއުނާ ބޭނުންވާ ވަރަކަށް އޭނާއަކަށް ނުލިބެއެވެ. ޝިއުނާގެ ޝަކުވާ އަކީ އެއީއެވެ. މައްސަލަ ޖެހެނީ ޝިއުނާ ބޭނުންވާ ވަރަށް ހައިޝަމް އަށް ވަގުތު ނުދެވޭތީއެވެ.
-- ނުނިމޭ --