"ހިޔެއްނުވޭ ރުޅި އައިސްފަ ހެންނެއް ހުރީ" ޝިއުނާގެ އަތަށް ފޯނު ދެމުން ޒިލާލު ބުނެލިއެވެ.
ޝިއުނާ ބޯޖަހާލިއެވެ. އޭނާގެ ބައްޕަ ފޯނު ކުރަންފެށީމާ ބިރުން ނަގަން ނުކެރިގެން އެފޯނަށް ޖަވާބު ދޭން ޒިލާލު އާއި ހަވާލު ކުރީއެވެ. އޭނާ އެރަށަށް އައީ އޭނާގެ ބައްޕަމެން ކައިރީ ނުބުނެކަން ޒުހުދާއަށް އެނގުނީ އެހިސާބުންނެވެ.
"ނަސީބެއްނު ބައްޕަމެންނަށް ވަގަށް ނަމަވެސް އާދެވުނުކަން!" ޝިއުނާ ބުނެލިއެވެ.
"މިއަދު އަންނަން މަޑުކުރިނަމަވެސް ދިމާ ނުވީސްދޯ" ޒުހުދާ ބުނެލިއެވެ.
މާގިނައިރެއް ނުވަނީސް ޒުހުދާމެންގެ ބައްޕައާއި އެމީހުން މިރަށަށް ގެނެސްދިން މުހައްމަދުއާއި ދެމީހުން އައެވެ. އެމީހުންނާއި ވާހަކަ ދައްކަން ތިއްބާ ޝިއުނާގެ ބައްޕަ ގުޅިއެވެ. ޝިއުނާއަކަށް އެފަހަރު ޒިލާލުއަތަށް ފޯނު ދޭކަށް ނުކެރުނެވެ. އެހެންކަމުން ވަރަށް ޖެހިލުންވެ ހުރެ އެފޯނަށް ޖަވާބު ދިނެވެ.
"ދަރިފުޅާ! އަލީ ރަޝީދު އެ ނައްޓާލަނީ ތިކޮޅަށް ދާން ... އޭނާ ޖަނާޒާގެ ހުރިހާކަމެއް ހަމަ ޖައްސާނެ އިނގޭ.. ދަރިފުޅު ހާސްނުވޭ ދެން" ޝިއުނާގެ ބައްޕަ ވާހަކަ ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ.
"ބައްޕާ ސޮރީ!" ޝިއުނާ ބުނެލިއެވެ. އަދި ދެން އެކަހަލަ ކަމެއް ނުކުރާނަމޭ ބުނެލިއެވެ.
"ތިކަހަލަ ކަމެއް ދިމާވެދާނެތީއޭ ބައްޕަ އެކަނި ނުފޮނުވާން އުޅުނީ... މިހާރު ބަލާލަ ވީގޮތް" ޝިއުނާގެ ބައްޕަ އޮޅުންފިލުވައިދިނެވެ. އެހިސާބުން އަލީ ރަޝީދު އެބަ ގުޅައޭ ބުނަމުން ޝިއުނާގެ ބައްޕަ ފޯނު ކަނޑާލީއެވެ.
ހެލްތު ސެންޓަރުގައި އިސްކޮށް ހުރިމީހާ ޒިލާލު ބައްޕަކައިރީގައި އަލީ ރަޝީދު ގުޅި ވާހަކައާއި އޭނާ މިކޮޅަށް އެބައަންނަ ކަމުގައި ބުނެދިނެވެ. އެހިސާބުން ޒިލާލު ބައްޕަ އެކުދިން ގޮވައިގެން ފާތުމަ މެންގެއަށް ދިޔައެވެ. ސައިބޮއެ ހަދައިގެން އަރާމުކޮށްލަން އެގޭގައި މަޑު ކުރާށޭ ބުނެފައި އޭނާ އާއި މުހައްމަދާ ދެމީހުން ނުކުމެގެން ދިޔައީއެވެ.
ޝިއުނާމެން އެގޭގައި ތިބޭތާ އިރުކޮޅެއްވީ ތަނާ އޭނާގެ ބައްޕަގެ ރައްޓެހި މީހާ ގޮވައިގެން މުހައްމަދު އައެވެ. އޭނާއަށް ޝިއުނާ ފެނުމާއިއެކު އިނގިއްޖެއެވެ. ހިނިތުންވެލަމުން އައިސް މިއީ ބައްޕަގެ ރައްޓެއްސެއް ކަމަށާއި ނަމަކީ އަލީ ރަޝީދު ކަމުގައި ބުނެ ތަޢާރަފުވެލިއެވެ. އޭނާ ވަރަށް ފަރުވާތެރި ކަމާއިއެކު ޝިއުނާއަށް ބަލަން ހުރެފައި ހީވަނީ ހަމަ މަންމަ ފެންނަހެންނޭ ބުނެލިއެވެ.
ޝީއުނާ ވަރަށް އުފާވިއެވެ. އޭނާގެ މަންމައާއި ރައްޓެހިތޯ އަހާލިއެވެ. އަލީ ރަޝީދު އާނއެކޭ ބުނެލިއެވެ. ފަރީޝާގެ މަންމަ ފަރަތުން އެމީހުންނާއި ކޮންމެވެސް ވަރަކަށް ތިމާގެ ވާނެކަމަށް ބުންޏެވެ.
އޭނާގެ މަންމަ މިދުނިޔެ ދޫކުރިއިރު ރަށުގައި ހުރިންތޯ ޝިއުނާ އަހާލިއެވެ.
"ނޫނޭ އޭރު އަހަރެން ހުރީ ގަލްފުގަ" އަލީ ރަޝީދު ބުނެލިއެވެ. ކުރިން އޭނާއާއި ޝިއުނާގެ ބައްޕައާއި ދެމީހުން އުޅުނީ އެއް ބޯޓެއްގައި ކަމުގައިވެސް ކިޔައިދިނެވެ.
އަލީ ރަޝީދު ދިޔައީ ކާފަ ހިނަވާ ނިމުނީމާ މޫނު ބަލަން ގެންދާނަމޭ ބުނަމުންނެވެ. އޭނާ ހަމަ ނުކުތްތަނާ ޝިއުނާގެ ބައްޕަ ގުޅިއެވެ. ވާނުވާ އޮޅުން ފިލުވާށެވެ. ތިކަން ނިމުނީމާ ދެން ވީ އެންމެ އަވަހަކަށް މާލެ އަންނާށޭ އޭނާގެ ބައްޕަ ބުންޏެވެ.
ޝިއުނާމެން އަނބުރާގޮސް ކޮޓަރިއަށް ވަންއިރު ޒިލާލު އޮތީ ނިދާފައެވެ. އެހެންކަމުން އޭނާއާއި ޒުހުދާ އާއި ދެމީހުން އެނދުކައިރީ ބިންމަތީގައި އިށީނދެ ވާހަކަ ދައްކަން ތިބީއެވެ. އެދެމީހުން އަޒީމާއަށް ގުޅައިގެން ވާހަކަ ދެއްކިއެވެ. މަތިން މާލެދާން ޓިކެޓް ލިބޭތޯ ބަލައިދޭން ޝިއުނާ އަޒީމާ ކައިރީ އެދުނެވެ.
މިދަތުރު ނިމުމަކަށް އައީކަން އިނގުނު ހިނދު ޝިއުނާ ކުޑަކޮށް މާޔޫސްވިއެވެ. އެހާ އަވަހަށް މާލެ ދާކަށް އޭނާގެ ހިތެއް މިހާރު ނޭދެއެވެ. ޝިއުނާ ނޫންކަމަށް ހަދާފައި އެނދުމަތީގައި ނިދާފައި އޮތް ޒިލާލުއާއި ދިމާލަށް ބަލައިލިއެވެ. އޭނާ ޒިލާލުއާއި އަދި ވާހަކަ ދައްކަން ބޭނުމެވެ. އެހެންނަމަވެސް ދައްކާނީ ކޮން ވާހަކައެއްހޭ ހިތަށް އަރަމުން ދިޔައެވެ.
އެނާ އެހެން ޚިޔާލުކުރަން އިންދާ އޭނާގެ މަންމަގެ އެއްޗެތި ރަށުގައި ހުންނާނެއޭ ކާފަ ބުނިކަން ހަނދާންވިއެވެ. އެވާހަކަ ޒުހުދާ ކައިރީގައި ބުންޏެވެ.
"ބައްޕަ ކައިރީ ބުނެގެން އެރަށަށް ދެވިދާނެތަ.. އެއްޗެތި ބަލާ؟" ޝިއުނާ އަހާލިއެވެ.
"އެއީ ހާދަ ދުރޭ... އެހާ ކުޑަ ލޯންޗެއްގައި ވަރަށް ގިނައިރުން ދެވޭނީ" ޒުހުދާ އޮޅުންފިލުވައިދިނެވެ. ޝިއުނާ ބައްޕަގެ ރައްޓެހިމީހާ އަކީ އެރަށު މީހެއް ނޫންހޭ ޒުހުދާ ބުނެލިއެވެ. އަދި އޭނައާއި އެކީ އެލޯންޗުގައި ދާން ޚިޔާލު ދިނެވެ.
"އާނ އެއީ ތެދެކޭދޯ" ޝިއުނާއަށް އެކަން ރޭކާލުމުން ބުނެލިއެވެ.
އެވަގުތު ޝިއުނާގެ ބޮޑުދައިތަ އޭނާއަށް ގުޅިއެވެ. ޝިއުނާ ވަރަށް ތަފްސީލުކޮށް އޭނާގެ ކާފަ ދެއްކި ވާހަކަތައް ބޮޑުދައިތައަށް ކިޔައިދިނެވެ. އަދި ބައްޕަގެ ރައްޓެހިމިހާ ކައިރީ ބުނެގެން އެއްޗެތި ބަލާ އެރަށަށް ދާން ވިސްނާ ވާހަކައަށް ދަންދެން ކިޔައިދިނެވެ.
ދެންވެސް ބައްޕަ ކައިރީ ނާހާ އެއްވެސްކަމެއް ނުކުރާތި އިނގޭ އޭ ބުނަމުން ބޮޑުދައިތަ ފޯނު ބޭއްވީއެވެ. އެ ފޯނު ނިންމާލާފައި ޝިއުނާ ގުޅީ އޭނާގެ މަންމައަށެވެ. އޭނާއަށް ސިދާ ބައްޕައަށް ގުޅާފައި އެހެން އަހަން ނުކެރިގެންނެވެ.
އޭރު އަނީސާ އިނީ ހަނީފުއަށް ގުޅައިގެންނެވެ. "އެހާ ފަސޭހައިން ތިކަމުން ސަލާމަތް ވެވުނު ހެނެއް ހިޔެއްނުވޭ" އަނީސާ އެންމެ ފުރަތަމައިނުންވެސް ބުނެލިއެވެ. ދައްތަ ތިހެންތިބުނީ ކީއްވެގެންތޯ އަހާލުމުން ޝިއުނާ އެރަށަށް ދާން އުޅޭވާހަކަ އަނީސާ ކިޔައިދިނެވެ.
"ޔާރައްބީ" ހަނީފުއަށް ބުނެލެވުނެވެ.
"އާނ ދައްތަވެސް ހިތަށް މިއެރީ ޝިއުނާ އެރަށަށް ގޮސްގެން ކަމަކު ނުދާނެއޭ"
ހަނީފު އަވަސް އަރުވާލާފައި އަލީ ރަޝީދުއަށް ގުޅިއެވެ. އަދި އެވާހަކަ ކިޔައިދިނެވެ. ކޮންމެސް ކޮންމެސް ޝިއުނާ ތިރަށަށް ނުގެންދައްޗޭ ބުނެލިއެވެ.
"މިހާރުގެ މީހުންނަކަށް އެވާހަކައެއް ނޭނގޭނެ... ރުގިއްޔާދައިތަމެން ކަހަލަ ދެތިން މީހަކު ތިބޭނީ ޝިއުނާ ފެނުނީމާ ސުވާލު ކުރާނެ... މައްސަލައަކީ އެމަންޖެ ފަރީޝާ އާއި ވައްތަރުކަމުން... އެހެންނޫންނަމަ "
"ނޫން... އަހަރެން ބޭނުމެއްނޫން އަހަރެންގެ ދަރިފުޅު ތިރަށަށް އަރާކަށް... އެއްވެސް ޗާންސެއް ނަގާކަށް ބޭނުމެއްނޫން.. ކޮންމެވެސް ބަހަނާއެއް ދައްކާ.. އަލީ ރަޝީދު ބުނޭ ރަށަކަށް ނޫނޭ ދަނީ" ހަނީފު ބުނެލިއެވެ.
ހަނީފު އެފޯނު ބޭއްވިތަނާ ހުސްނާ ގުޅާފައި ޝިއުނާ އެވާހަކަ އޭނާގެ ކައިރީ ދެއްކިކަމުގައި ބުންޏެވެ. ބައްޕަ ކައިރީ އަހައިގެން ހުއްދަ ހޯދައިދޭށޭ ބުނީ ވާހަކައެވެ.
"ނޫން ހުސްނާ، އެރަށު މީހަކު ބުނާ ކުޑައެއްޗަކުންވެސް އެމަންޖެއަށް ހުރިހާކަމެއް ފަޅާ އަރާފާނެ!" ހަނީފު ކަންބޮޑުވިއެވެ.
"އަހަންނަށް ފެންނަނީ ތިފިހާރަ ލައްޕާފައި ނަމަވެސް ހަނީފު އެކޮޅަށް ދާން... ގޮސް ވީހާވެސް އަވަހަކަށް އެމަންޖެ ގެންނަން.. އޭނާ ނުވެސް ދަންނަ ބީރައްޓެހި ބައެއްކައިރީގައި އެހެރީ.. ކިހާ ދެރަވެ ކަންބޮޑުވެފައި މިހާރު ހުންނާނީ" ޝިއުނާގެ ހާލަށްޓަކައި ހުސްނާ ދެރަވެ ކަންބޮޑުވިއެވެ.
ހަނީފު އެކަމާ ވިސްނާނަމޭ ބުންޏެވެ. އެކަމަކު، އޭނާ އެއްގޮތަކަށް ވެސް އެރަށަށް ދާކަށް ބޭނުމެއްނޫނެވެ. ދެން ހަދާނީ ކިހިނެތް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
މާގިނައިރެއް ނުވަނީސް އަލީ ރަޝީދު ގުޅިއެވެ. ޝިއުނާ އާއި އެކީގައި އައިސް އުޅޭ ކުދިންގެ ބައްޕަ ހުރީ އެކުދިން ގޮވައިގެން ރަށަށް ދާގޮތަށް ކަމުގައި އޭނާ ބުންޏެވެ. އަދި ދެން ހަދާނީ ކިހިނެތްތޯ އެއްސެވެ.
"އެއީ ކާކު؟" ހަނީފު އަހާލިއެވެ.
"މަށެއްވެސް ނުދަންނަން.. މޫސަބެ ކިޔާ، އަހަރުމެންނަށް ވުރެ ދުވަސްވީ މީހެއް" އޭނާ ކިޔައިދިނެވެ. ޝިއުނާ އައިސް އެރަށަށް ދާން ބޭނުންވާހަކަ ދެއްކުމުން އަލީ ރަޝީދުއަށް އެއްޗެއް ނުބުނެވެނީސް އެނާ އައި ލޯންޗުގައި ދަމާހޭ ބުނީ ކަމަށް ވެއެވެ. އެހެންނޫނީ އަލީ ރަޝީދު ޖެހެނީ އެމީހުން އެނބުރި ރަށަށް ގެންނަން ހަމަޖައްސަން ނޫންހޭ އޭނާ ޝިއުނާއާއި ދިމާލަށް ބުނިކަމަށްވެސް އަލީ ރަޝީދު ކިޔައިދިނެވެ.
"އަހަރެން ބުނިން ޝިއުނާ ބައްޕަކައިރީ އެހިންހޭ؟"
"އާ ދެން މިހާރު މިނިންމީ މާދަން ތިކޮޅަށް ދާން... އެނޫންގޮތެއް ނެތްކަންނޭނގެ" ހަނީފު ބުނެލިއެވެ. އަދި އޭނާ ލޯންޗެއް ހިފައިގެން އައިސް އެބުނާ އެއްޗެއް ނަގައިގެން މަޑުވެސް ނުކޮށް ފުރައިގެން ދާނީ ކަމުގައި ބުނެލިއެވެ.
"ހޫމް ތީކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ! ހަނީފޫ.... އެ މަންޖެގެ އުނަގަނޑުގައި އޭރު އެޅުވި ތަވީދު ކޮބާ؟" އަލީ ރަޝީދު އަހާލިއެވެ.
"އޮންނާނެ... އެނުއެއް ނަނގައޭ" ހަނީފު ބުނެދިނެވެ.
"ރަނގަޅު... ތިދެބަފައިން މިރަށަށް އަރަންވާނީ ހަށި ރައްކަލަކާ އެކީގައި" ފޯނު ނިންމާލުމުގެ ކުރިން އަލީ ރަޝީދު ބުނެލިއެވެ.
އިބްރާހިމްބެ ވަޅުލީ ހުކުރު ނަމާދަށް ފަހުގައެވެ. އޭރު ހަނީފު ޝިއުނާއަށް ގުޅާފައި އޭނާ ގޮވައިގެން މަންމަގެ ރަށަށް ދާން އަންނާނެ ވާހަކަ ބުނެފިއެވެ. އެހެންކަމުން ޝިއުނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޖަނާޒާއަށް ފަހު އެރަށުން ފުރަން ދިޔައީ އެންމެން އެކީގައެވެ. ފާލަން މަތިން އަލީ ރަޝީދު ޝިއުނާއާއި ސަލާމް ކޮށްލާފައި އިރާދަ ކުރެއްވިއްޔާ މާދަމާ ރަށުން ބައްދަލު ވާނެ ދޯ އޭ ބުނެލިއެވެ. އަދި އޭނާއަށް ޝިއުނާގެ ބައްޕަ ނުފެންނަތާ ފަނަރަ ވަރަކަށް އަހަރަށް ވުރެވެސް ގިނަދުވަސް ވެދާނެ ކަމުގައި ބުނެލިއެވެ.
އެނބުރި ރަށަށް އައިގޮތަށް ކާލައިގެން ވަރުބަލި ފިލުވާ ނިދި ހަމަކޮށްލުމަށްޓަކައި ތިން މީހުންވެސް ޖައްސާލީއެވެ. އެކަމަކު މާގިނައިރެއް ނުވަނީސް ޝިއުނާއަށް ހޭލެވުނެވެ. އޭރު ޒުހުދާ ގަދަ ނިދީގައި އޮތެވެ. އޭނާ ކޮޓަރިން ބޭރަށް ނުކުމެ ބަލައިލިއެވެ. ޒިލާލު ކޮޓަރި ކައިރިގައި އޭނާގެ ފައިވާން ހުއްޓެވެ. ގޭތެރެއިން އެމީހުންގެ މަންމައެއް ފެންނާކަށް ނެތެވެ. ގެއަށް ވަންނަން ހުންނަ ދޮރުވެސް ހުރީ ލައްޕާފައެވެ. ޝިއުނާ ބަދިގެއަށް ވަދެ ކޮފީއެއް ހަދައިގެން ނުކުތެވެ. ބޭރު ދޮރު ހުޅުވާލާފައި ޖޯއްޔަށް ނުކުންނަން އުޅެފައި ޚިޔާލު ބަދަލުވިއެވެ. އަނބުރާލާފައި އައިސް އުނދޯލީގައި އިށީނީއެވެ.
މިއީ އޭނާ މިރަށުގައި ހޭދަކުރާނެ އެންމެ ފަހު ރޭކަން ވިސްނުމުން ޝިއުނާ މާޔޫސްވިއެވެ. މާދަމާއަށްފަހު އެނާއަށް ޒިލާލު ނުފެންނާނެތީއެވެ. އޭނާގެ ހިތުގައި ޒިލާލަށްޓަކައި ޚާއްސަ މަގާމެއް އުފެދިއްޖެކަން މިހާރު ހަމަ ޔަގީންވެއްޖެއެވެ. އޭނާ އެންމެ ދެރަވެ، ކަންބޮޑުވި ވަގުތު ޒިލާލު އޭނާކައިރީގައި ހުއްޓެވެ. އަނެއްކާވެސް އޭނާއަށް ހައިޝަމް އާއި ޒިލާލުއާއި އަޅާ ކިޔާލެވުނެވެ. އެވަގުތު އޭނާގެ ކައިރީ ހައިޝަމް ހުރިނަމަ ހަމަ އެހާ އޯގާތެރިކޮށް ހިތީސްބާވައެވެ؟
ޝިއުނާ އެޚިޔާލުގައި އިންދާ ކުޑަކުޑަ ފިރިހެންކުއްޖަކު އައިސް އެގޭ ދޮރުމައްޗަށް ހުއްޓުނެވެ. ވަރަށް ލަދުން ހުރެ ޒުހުދައްތަ ކޮބައިތޯ އަހާލިއެވެ. ޒުހުދައްތަ އޮތީ ނިދާފައޭ ބުނުމުން އޭނާ ނުކުމެގެން ދިޔައެވެ. ކުޑަ އިރުކޮޅެއް ކޮށްލާފައި އޭނާ އެނބުރިއައިސް ދައްތަ ބުންޏޭ ދޮރުމައްޗަށް ނުކުމެބަލާށޭ ބުނެލިއެވެ. އުނދޯލި މަތީގައި ކޮފީތަށި ބަހައްޓާފައި، އެކުއްޖާގެ ފަހަތުން ޝިއުނާ ނުކުތްއިރު ޖޯލީފަތީގެ އެކޮޅުގައި ގުރޭޝާ ހުއްޓެވެ. ޝިއުނާ ފެންނައިރަށް ހިނިތުންވެލާފައި ހަނާ އަޅާލިއެވެ.
-- ނުނިމޭ --