18 Apr 2024

އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑަށް އެލޯވޭރާ މާސްކެއް

އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑަށް އެލޯވޭރާ މާސްކެއް

ކޮންމެ މީހަކު ވެސް އިސްތަށިގަނޑު ރީތި ކުރަން ގެންގުޅޭ އަމިއްލަ ރޫޓިންއެއް އޮންނާނެ އެވެ. މި ރޫޓިން ތެރެއަށް ބޮލުގެ ހަންގަނޑާ ގުޅޭ ޕްރޮޑަކްޓުތައް އިތުރުކޮށްލުން ވަރަށް މުހިންމެވެ. ސަބަބަކީ ހަމަ އެކަނި އިސްތަށިގަނޑަށް ހުރިހާ ސަމާލުކަމަކާއި އަޅާލުން ދިނުމުން ނުފުދޭނެތީ އެވެ. ބޮލުގެ ހަންގަނޑަކީ އެއަށް ވުރެ މާ މުހިންމު ބަޔެކެވެ. އަގު ބޮޑެތި "ސްކަލްޕް ސިރަމް" ތައް ބޭނުންކުރަން ބޭނުން ނުވާ ނަމަ މިއީ އަމިއްލަޔަށް ގޭގައި ތައްޔާރު ކޮށްލެވޭނެ ފަސޭހަ މާސްކެއްގެ ރެސިޕީ އެވެ.

އެލޯވޭރާ މާސްކުން ލިބޭ ފައިދާތައް

އެލޯވޭރާ އަކީ އެންޓި އިންޕްލެމޭޓަރީ އަދި ހަންގަނޑަށާއި އިސްތަށިގަނޑަށް ދިރުން ގެނުވައިދޭ މާއްދާ ތަކެއް އެކުލެވިފާވާ އެއްޗެކެވެ. ހަންގަނޑުގެ ތެތްކަން އިތުރުކޮށްދެ އެވެ. އެލޯވޭރާ ފަތުގައި ފެނުގެ މާއްދާ ގިނަވެފައި މިއީ ހިއުމެކްޓަންޓެކެވެ. މީގެ ސަބަބުން ބޮލާއި އިސްތަށިގަނޑުގެ ތެތްކަން ހިފަހައްޓައި އިތުރަށް ފެން ދަމައިގަނެ ބައިންޑުކޮށްލަ އެވެ. މިކަމުގެ ސަބަބުން އެލޯވޭރާ އަކީ އިސްތަށިގަނޑަށް ދިރުން ގެނެސްދޭ އަދި ހާލުކުވުމުން ދުރުކޮށްދޭ ރަނގަޅު އެއްޗެއްގޮތުގައި ފާހަގަކުރެ އެވެ. އަދި ބޮލުގެ ހަންގަނޑު ހިކި، ހަންފޮޅި ކަހާ ގޮތްވާ ނަމަ އެލޯވޭރާ ބޭނުން ކުރުމުން މި ކެހުންގަނޑު މައިތިރިކޮށް ހަންގަނޑު ރަނގަޅު ކުރުމަށް އެހީވެދެެ އެވެ. މިނޫނަސް މީގައި ހިމެނޭ އިތުރު ބައިވަރު ވިޓަމިން، އެންޒައިމް، މިނަރަަލް އަދި ހަކުރުގެ ބައިތަކުން މުޅި އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑަށް ފައިދާ ކުރެ އެވެ.

މާސްކު ތައްޔާރުކުރަން ބޭނުންވާނެ ތަކެތި

1- އެލޯވޭރާ ފަތެއް، ފަތެއް ނެތް ނަމަ އެލޯވޭރާ ޖެލް

2- ބޭނުންވާ ވައްތަރެއްގެ ތެލެއް. އެންމެ ރަނގަޅީ ކާށި ތެޔޮ، ޒައިތޫނި ތެޔޮ ނުވަތަ އާގަން ތެޔޮ

މާސްކު ތައްޔާރުކުރާނެ ގޮތް

އެލޯވޭރާ ފަތެއް ނަމަ މި ފަތުގެ ތެރެއިން އޭގެ ޖެލްތައް ކަހާލާފައި ނަގާށެވެ. މި ޖެލްގެ 4-3 މޭޒުމަތީ ސަމުސަލާއި 8-6 މޭޒުމަތީ ސަމުސާ ތެޔޮ ރަނގަޅަށް އެއްކޮށްލާށެވެ. މިގޮތަށް އެއްކުރާނީ ޕޭސްޓު ގަނޑަކަށް ވަންދެނެވެ.

މި ޕޭސްޓުގަނޑަށް އިތުރަށް އެއްކޮށްލެވިދާނެ ތަކެތި

ބޮލުގެ ހަންގަނޑުގައި ހަންފޮޅި ހިކިފައި ހުންނަނަމަ އެޕަލް ސައިޑާ ވިނެގާ ނުވަތަ ޓީ ޓްރީ ތެޔޮ އެއްކޮށްލާށެވެ. އިސްތަށިގަނޑު ވަރަށް ބޮޑަށް ހިކޭ ނަމަ ޔޯގަޓް، ބިސް ނުވަތަ އިތުރު އެހެން ތެލެއް ވެސް އެއްކޮށްލެވޭނެ އެވެ.

އިސްތަށިގަނޑު ވަރުގަދަކޮށް ދިގު ކުރުމަށް އެލޮވެރާ ރަނގަޅު

މާސްކު ބޭނުންކުރާނެ ގޮތް

ބޭނުމަކީ އިސްތަށިގަނޑުގެ ހާލަތު ރަނގަޅު ކުރުން ކަމަށްވާ ނަމަ:

1- އިސްތަށިގަނޑު ދެ އިންޗީގެ ސެކްޝަންތަކަށް ބަހާލާށެވެ.

2- ކޮންމެ ސެކްޝަނެއްގައި އިސްތަށިގަނޑުގެ މެދުބައިން ފެށިގެން ތިރިއަށް މާސްކު އުނގުޅާލާށެެވެ.

3- ހުރިހާ ސެކްޝަނެއް ނިމުމަށް ފަހު ބާކީ ހުރި އެތިކޮޅު ބޮލުގެ ހަންގަނޑުގައި އުނގުޅާލާށެވެ.

4- ކޮތަޅެއް ނުވަތަ ސްކާފަކުން އިސްތަށިގަނޑާއި އެކު ބޯ ފޮރުވާ ބަންދުކޮށްލާފައި 30-15 މިނެޓުވަންދެން ބަހައްޓާލާށެވެ.

5- އެއަށްފަހު ރަނގަޅަށް ބޯ ދޮވެލީމާ ނިމުނީ އެވެ.

ބޮލުގެ ހަންގަނޑު ރަނގަޅު ކުރަން ބޭނުންވާ ނަމަ:

1- މާސްކު އުނގުޅަން ފަށާނީ ހަންގަނޑުންނެވެ. އުނގުޅުމުގެ ކުރިން ހަންގަނޑު ސާފުވުން މުހިންމެވެ.

2- ހަންގަނޑު އެއްކޮށް ފޮރުވޭވަރަށް އުނގުޅުމަށް ފަހު ބާކީ ހުރެއްޖެ ނަމަ އިސްތަށިގަނޑުގައި އުނގުޅާލާާށެވެ.

3- ކޮތަޅެއް ނުވަތަ ސްކާފަކުން ބަންދުކޮށްލާފައި 30-15 މިނެޓު ބެހެއްޓުމަށް ފަހު ރަނގަަޅަށް ދޮވެލާށެވެ.

ފޭސް މާސްކް

Popular